ރައީސް އަޒުލުކުރުމަށް އެމްޑީޕީ ގެ ޕީޖީ ގްރޫޕަށް ހުށަހަޅަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަށް އެމްޑީޕީ ޕީޖީއަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިއަދު މި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ އެންމެ މުހިންމު، އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިއަދުގެ ރައީސުލްޖުުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މައްސަލަ އެމްޑީޕީ ޕީޖީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގައެވެ.

އެ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ ހުށަހެޅުން ކޮމިޓީން ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމަށް އަދި ނުފޮނުވައެވެ.

ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. އެއަށްފަހު ލިޔުމަކުން މަޖިލީހަށް ހުށަހަޅާ ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއަށް ދޭން ޖެހޭ ކަމަށް އެ ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ކޮމެޓީން ފާސްކުރިއެވެ،

އެ ނޯޓިސް ދޭތާ 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހޭއިރު އެ ޖަލްސާގައި އިތުރު އެއްވެސް މަސައްކަތެއް ކުރުމަށް އެޖެންޑާ ކޮށްގެން ނުވާނެ ކަމަށް ކޮމިޓީން ފާސްކޮށްފައިވެއެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު ދޭއިރު އެއީ ރައީސް އާއި ނައިިބު ރައީސްއަށް ދިފާއުވާން ދޭ 30 މިނެޓު އުނިކުރުމަށް ފަހުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.