އަމީތާބް އޭނާގެ އަންހެން ދަރިފުޅަށް 50 ކްރޯޑް ރުޕީސްގެ އަގުހުރި ގެއެއް ހަދިޔާއަކަށް ދީފި

ހިންދީ ފިލްމީ ދުނިޔޭގެ ރަސްގެފާނު އަމީތާބް ބައްޗަން އާއި އަނބިމީހާ ބަޠަލާ ޖަޔާ ބައްޗަން އެމީހުންގެ ރީތި އަދި އަގުބޮޑު ގެއެއް އަންހެން ދަރިފުޅު ޝްވެތާ ނަންދާއަށް ހަދިޔާއަކަށް ދީފިއެވެ.

އިންތިހާއަށް ހުނަރުވެރި ބަޠަލު އަމީތާބް ބައްޗަން އާއި ޖަޔާ ބައްޗަން މުމްބާއީގެ މަޝްހޫރު ސަރަހައްދެއްގައި ހުންނަ އެމީހުންގެ "ޕްރަތީކްޝާ" ހިބައިން ދިނީ އެ ދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ޝްވެތާ ނަންދާ ބައްޗަން 49އ އަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުމްބައިގެ ވިތަލް ނަގަރު ކޯޕަރޭޓިވް ހައުސިން ސޮސައިޓީގައި ހުންނަ ޕްރަތިކްޝާގެ އަގަކީ އިންޑިއާ ފައިސާއިން ގާތްގަނޑަކަށް 50 ކްރޯޑް ރުޕީސް އެވެ.

ބައްޗަންގެ ދެމަފިރިންގެ މި ގަނޑުވަރެއް ފަދަ ގެއަކީ އެ ދެމަފިރިންގެ ތިން ގޭގެ ތެރެއިން އެންމެ ފުރަތަމައަށް ގަނެފައިވާ އެންމެ މަޝްހޫރު ގެއެވެ.

ބައްޗަންގެ ދެމަފިރިން  "ޕްރަތީކްޝާ" ގަތީ 1975 ވަނަ އަހަރު ރިލީޒްކުރި ފިލްމު 'ޝޯލޭ' އަށް ބޮޑު ކާމިޔާބީއެއް ލިބުނު ދުވަސްވަރުގައެވެ.

ބައްޗަންގެ ދެމަފިރިން ފުރަތަމަ ދިރިއުޅެމުން އައީ ޕްރަތިކްޝާގައެވެ. އޭގެ ފަހުން ބައްޗަންގެ ބައްޕަ، ޅެންވެރިޔާ ހަރިވަންޝް ރައި ބައްޗަން އާއި މަންމަ ތޭޖީ ބައްޗަންއާ އެކު ފަހުން ދިރިއުޅެން ބަދަލުވީ މިހާރު ވެސް ދިރިއުޅޭ ގެ "ޖަލްސާ" އަށެވެ.

ބައްޗަންގެ ފުރަތަމަ ގެ "ޕްރަތީކްޝާ" އަށް އެ ނަން ދިނީ އޭނާގެ ބައްޕަ އެވެ. އޭނާގެ ޅެންތަކުގައި ވެސް އެ ނަން ފާހަގަކޮށްފައިވެ އެވެ.

ޝްވެތާ ބައްޗަން ނަންދާ އަކީ ލިޔުންތެރިއެކެވެ. ކޮލަމިސްޓެކެވެ. ކުރިން މޮޑެލްކޮށް ހެދި އަންހެނެކެވެ. އަދި ވިޔަފާރިވެރިއެއް ވެސް މެއެވެ. އެންމެ ގިނައިން ވިކިފައިވާ އޭނާގެ ވާހަކައަކީ "ޕެރެޑައިސް ޓަވަރސް" އެވެ.

މަޝްހޫރު ފިލްމީ ތަރި އަބީޝޭކް ބައްޗަންއަކީ ވެސް އަމީތާބްގެ ދަރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.