ނިރުބަވެރި އިޒުރޭލު: އަނިޔާވެރިކަމަށް ފުރުސަތު ދިނީ މުސްލިމް ގައުމުތަކުގެ ވެރިން

އިސްރާއީލުން ޣައްޒާއަށް ފަނާކުރަނިވި ހަމަލާތައް މެދުކެނޑުމެއްނެތި ދެމުން ގެންދާތާ 38 ދުވަސް ވެއްޖެއެވެ. އެ އަނިޔާވެރިކަމާއި ލޭ އޮހޮރުވުން ހުއްޓުމެއް ނެތި އަދިވެސް ދަނީ ކުރިއަށެވެ.

އިޒުރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ 11 ހާހަށްވުރެ ގިނަ މީހުން ޝަހީދު ވެފައި ވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައަށް ވުރެ ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ.

އިޒުރޭލުން ވަނީ ފަލަސްތީނުގެ ޣައްޒާ ފުނޑައި ވީރާނާކޮށްލާފައެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި އިމާރާތްތައް ވަނީ ވެއްޔަށް ހަދާލާފައެވެ.

ފަލަސްތީނުގެ ޣައްޒާގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށް ޣައްޒާ ލޭ ކޯރަކަށް ބަދަލުކޮށްފައިވާއިރު އެކަން ހުއްޓުވުމަށް މުސްލިމް އުއްމަތުގެ ވެރިންނަށް ކުރެވުނު ކަމެއް ނެތެވެ. ޣައްޒާގެ އިތުރަށް މުސްލިމް އުއްމަތަށް ވެރިވެފައި ވަނީ ހިތާމައާއި ހިތްދަތިކަމާއި ނިކަމެތި ކަމެވެ.

އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން އިޒުރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަ ދައްކަން މި ހަފުތާގެ ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގައި ބައްދަލުވުމެއް ބޭއްވެވިކަމަށް ވިޔަސް ނެރެވުނު ހެއު ނަތީޖާއެއް ނެތެވެ. ބައެއް ގައުމުތަކުގެ ވެރިން އިޒުރޭލަށް ރައްދުވާ ގޮތަށް ހަރުކަށި އިބާރާތުން ވާހަކަދެއްކެވި ކަމަށް ވިޔަސް އިޒުރޭލުގެ ނިރުބަވެރިކަމާއި އަނިޔާވެރިކަން ހުއްޓުވުމަށް އެޅުއްވި ފިޔަވަޅެއް ނެތެވެ. ފަލަސްތީނަށް އޯގާވެރިކަމުގެ ބަހެއް ވިދާޅުވުމަށްފަހު އިޒުރޭލު ކުށްވެރި ކުރުމަކުން މިދަނޑިވަޅުގައި ފުދޭކަށް ނެތެވެ.

މުސްލިމުންގެ އެންމެ ބޮޑު ދެ ބާރު، އީރާނާއި ސައުދީގެ ވެރިން

ސައުދީ އަރަބިޔާގައި ބޭއްވި  އެ ބައްދަލުވުމުގައި "ވައި އަނގަތެޅުން" ފިޔަވައި އެހެން ކަމެއް ނުކުރެއްވުނެވެ.

އެ ބައްދަލުވުމާ ގުޅިގެން ޣައްޒާއަށް އަދި މުސްލިމް ދުނިޔެއަށް ލިބިގެން ދިޔަ މެސެޖަކީ އަރަބި އަދި މުސްލިމް ގައުމުތަކުގެ ވެރިންނާ މެދު އުއްމީދެއް ކުރުމުގެ ބޭނުމެއް ނެތްކަމެވެ.

ތެދަށް ބުނާނަމަ ބުނެވޭނީ މުސްލިމު ގިނަ ގައުމުތަކުގެ ވެރިން ޣައްޒާއާއި ފަލަސްތީނަށް އެހީތެރިވުމުގެ ބަދަލުގައި އެއްބާރުލުން ދެނީ އަނިޔާވެރި އިޒުރޭލަށާއި އެމެރިކާއަށާއި އެމީހުންގެ ބައިވެރިންނަށެވެ. މުސްލިމުންނަށް އިޒުރޭލާ ދެކޮޅަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އެކަމަކު އެއްކަމެއްވެސް ނުކުރެއެވެ. ކުރާ ކަމެއްގެ ނަފާއާއި  މަންފާ ލިބެނީ އަނިޔާވެރި އިޒުރޭލަށާއި އެމީހުންގެ ބައިވެރިންނަށެވެ.

ސައުދީ އަރަބިޔާގައި ބޭއްވި ބައްދަލުވުމުން ހާމަވެގެން ދިޔައީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް، ޣައްޒާގެ ރައްޔިތުންނަށް އަރަބި އަދި މުސްލިމް ގައުމުތަކުން ކޮށްދެވޭނެ ކަމެއް ނެތްކަމުގެ މެސެޖެވެ. އަދި އެމެރިކާއާއި، އިނގިރޭސިވިލާތާއި، ޔޫރަޕްގެ ގައުމުތަކަށް ހާމަކޮށް ދެއްކީ އެ ގައުމުތައް މާޔޫސް ވާފަދަ ކަމެއްވެސް އަރަބި- މުސްލިމް ގައުމުތަކުން ނުކުރާނޭކަމެވެ. އަނިޔާވެރި އިޒުރޭލުގެ ވަކިތަކުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން މަރަމުންދާ މަންޒަރު ބަލަން ކުޅިބަލާ ބައެއްގެ ގޮތުގައި ހިމޭނުން ތިބޭނޭ ކަމެވެ.

ނިރުބަވެރި އިޒުރޭލަށާއި އެގައުމުގެ އަނިޔާވެރިކަމަށް ފާޅުގައި ތާއީދުކުރާ އެމެރިކާއާއި އިނގިރޭސިވިލާތާއި ޔޫރަޕުގެ ގައުމުތަކުން އިޒުރޭލަށް ހިތްވަރު ދެމުން ގެންދަނީ ޣައްޒާ ތަޅައި ސުންނާފަތި ކުރުވުމަށް ބާރުލިބޭފަދަ ގޮތަކަށެވެ.

ފަލަސްތީނަށް އަރަބި ގައުމުތަކުން ހަގީގަތުގައި ދެމުން ދަނީ ހަމައެކަނި އަނގަބަހުގެ ތާއީދެކެވެ.

އިޒުރޭލުގެ ނިރުބަވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ބޮމާއި ރޮކެޓާއި މިސައިލާއި ޓޭންކާއި ބޮޑު ބަޑިއާއި ބަޑިން ހަމަލާދީ ފުނޑައި ކުދިކުދި ކުރަމުން ދާއިރު  އެމީހުންގެ ދިފާއަށްޓަކައި ހަމަ އެއްކަމެއްވެސް ކޮށްނުދެވުނެވެ. މުޅި ދުނިޔޭގެ މުސްލިމުން އިޒުރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި  ދުއާ ކުރަމުން ދިޔައިރު މުސްލިމު ގައުމުތަކުގެ ގިނަ ވެރިން ހިމޭނުން ތިއްބެވީ ކުޅިބައްލަވާށެވެ.

އަރަބި އަދި މުސްލިމު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުން ހެއު ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުންމީދެއް ކުރެވުނަސް  ބައްދަލުވުން ނިމިގެން ދިޔައީ މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި 2 ބިލިއަނަށްވުރެ ގިނަ މުސްލިމުން މާޔޫސްކޮށްލާފައެވެ. ޣައްޒާއަށް ޓަކައި ކަމެއް ކުރެވުނުނަމަ އިޒުރޭލުން އަމިއްލަ ދިފާއުގައި ކަމަށް ބުނެ ފަލަސްތީނުގެ ނަސްލު ނައްތާލަން ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ބަސްބުނެ  ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިޒުރޭލުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ބާރު އަޅައި އެހީގެ އޮޕަރޭޝަންތައް ފެށުމަށް މަގެއް ކޮށުނީހެވެ. އަދި އަނިޔާވެރި ޔަހޫދީ ދައުލަތަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް ވެސް ބާރުއެޅީހެވެ. ހަމައެއާއެކު ޣައްޒާ ހިފުމަށް އިޒުރޭލުން ކުރަމުންދާ އަނިޔާވެރި ހަނގުރާމަ ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ވެސް ކުރީހެވެ. އަދި އިޒުރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އިގުތިސާދީ އަދި ޑިޕްލޮމެޓިކް ގުޅުން ރޫޅާލައި، އެމެރިކާއިން އަރަބި ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އެހެން ގައުމުތަކަށް ހަތިޔާރާއި ބޮން ފޯރުކޮށްދިނުން މަނާކުރާކަށް އެއްބަހެއް ނުވެވުނެވެ.

ނިރުބަވެރި އިޒުރޭލުން ޣައްޒާއަށް ދީފައިވާ ގެއްލުން: އަނިޔާވެރިކަމުގެ މިސާލެއް

ނިރުބަވެރި އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ވޭންދެނިވި އަނިޔާވެރި ހަމަލާތަކާ ގުޅިގެން ދުނިޔެއަށް ސާބިތުވަމުން ދަނީ  އދ. އެއީ، ހަމައެކަނި ގަރާރުތަކެއް ފާސްކުރާ، ޢަމަލީ ގޮތުން އެންމެ ފިޔަވަޅެއް ވެސް އެޅުމުގެ ގާބިލުކަމެއް ނެތް ތަނެއްކަމެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި އެދިފައި ވަނީ އިސްރާއީލުގެ ޑިޕްލޮމެޓުން އަރަބި ގައުމުތަކުން ފޮނުވާލައި، ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވާ އިސްރާއީލު މީހުންނާ ދެކޮޅަށް ތެދުވާނެ ގާނޫނީ ކޮމިޝަނެއް އުފައްދައި، ޣައްޒާ އަލުން ބިނާކުރުމަށް އަރަބި އަދި މުސްލިމް ގައުމުތަކަށް ބާރުއަޅާފައެވެ. ނަމަވެސް އެކަންތައްތައް ވައިގައި ހިފާ ގޮތެއް އަދި ނުވެއެވެ. ތެދަށް ބުނާނަމަ އިސްލާމީ ގައުމުތަކުގެ ވެރިން ޣައްޒާ އާއި ފަލަސްތީނަށް ތާއީދު ކުރުމުގެ ބަދަލުގައި ތާއިދު ކުރަމުން ދަނީ ނިރުބަވެރި އިޒުރޭލަށެވެ. އަރަބި މުސްލިމު ގައުމުތަކުން އެ ގައުމުތަކަށް ކުރެވެން ހުރި ކަންތައްތައް ނުކުރެއެވެ. އެކަމުގެ ސަބަބުން މުސްލިމް އުއްމަތުގެ އަބުރު ބަދުނާމުވެ، ދުނިޔޭގެ މުސްލިމުން މާޔޫސް ވަމުން އެބަދެއެވެ. ނަތީޖާއަކަށް ވެފައި ވަނީ ޣައްޒާގައި ތިބި ކުށެއް ނެތް ފަލަސްތީނު މީހުންނާއި ކުޑަކުދިން ޝަހީދުކުރަމުންދާ، ޓެރަރިސްޓް އިސްރާއީލަށް ހިތްވަރު ލިބި އިޒުރޭލަށް  ތާއީދުކުރާ އަނިޔާވެރި ހުޅަނގުގެ ދައުލަތްތައް ވަރުގަދަވަމުން ދިއުމެވެ.

ފެންނަމުން މިދަނީ މުސްލިމް އުންމަތުގެ ވެރިންގެ ސަބަބުން މުސްލިމުންނަށް  ދުނިޔޭގައި ނިކަމެތިކަން ލިބި އާޚިރަތް ނުރައްކަލުގެ ތެރެއަށް ވައްޓާލަމުން ދާ މަންޒަރެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. މިލިޔުން ކިޔާލުން މުސްލިމުންކަމަށް ދައުވާކުރާ ވެރިންނަކީ ހަގީގަތުގައި މުސްލިމު ބޯޑު އަޅުވައިގެން ތިބި ކާފަރުން ކަމަށް ސިފަވެއްޖެ.
    އެހެނީ މުސްލިމް އަޚާގެ ލޭއޮރުވާ މަންޒަރު ފެންނައިރު އެކަމަށް ހުރަސް އެޅުމުގެ ބަދަލުގަ އެކާފަރުންނަށް އެއާޕޯޓުތަކާ ރިސޯޓުތައް ދީގެން މިވެރިން މިތިބެނީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.