ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ހަފްލާއެއް ބާއްވައިފިއެވެ.
މި ޚާއްޞަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ޚިދުމަތްކޮށްފައިވާ 64 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.
40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓަރނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް ވަނީ ޚާއްޞަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން 35 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސަރވިސް ސެންޓަރސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަރ އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއަރ އޮފިސަރ އައިމިނަތު ނަސީރުގެ ޚިދުމަތްވެސް މި ހަފްލާގައި ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ.
" އަޅުގަނޑުމެންގެ މުވައްޒަފުންނަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ މުހިންމު ބައެއް. އެހެންކަމުން ފާއިތުވި އަހަރުތަކުގައި ހިވާގިކަމާއެކު ތިޔަކޮށްދެއްވި ބުރަ މަސައްކަތަށް ތިޔަ ކޮންމެ މުވައްޒަފަކަށްވެސް އަޅުގަނޑު ވަކިވަކިން ޝުކުރުއަދާކުރަން. މިރޭ އެކަން ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރު ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތަކެކެވެ.