ރުފިޔާ އެކައުންޓްތަކަށް ދޫކުރެވޭ ޑޮލަރު ލިމިޓް ކަނޑައެޅުމަކީ ބޭންކުގެ އަމިއްލަ ނިންމުމެއް: ބީއެމްއެލް

ރުފިޔާ އެކައުންޓަށް ދޫކުރެވޭ ޑޮލަރު ލިމިޓް ކަނޑައެޅުމަކީ އެބޭންކުގެ އަމިއްލަ ނިންމުމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް ) އިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ " ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުމް މެނޭޖަރ ޕަބްލިކް ރިލޭޝަން މުޙައްމަދު ސަޢީދު ވިދާޅުވީ މި ނިންމެވުމަކީ ބޭންކުންވެސް އެންމެ ބޭނުންވެގެން ނިންމި ނިންމުމެއް ނޫންކަމަށެވެ. ކަސްޓަމަރުންނަށްވެސް އުނދަގޫވާނެ އަދި ބޭންކަށްވެސް އެނިންމުން ނިންމުމަށް އުދަނގޫވި ނިންމުމެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ރާއްޖެއަށް ކޮންމެހެން ބޭނުންވާ ޑޮލަރު ހިފެހެއްޓުމަށް މިވަގުތު އެންމެ ފައިދާ ބޮޑު ގޮތަކީ ވަގުތީ ގޮތުން މިފަދަ ފިޔަވަޅެއް އެޅުން ކަމަށް ވާތީ ނިންމި ނިންމުމެއްކަމަށް ސަޢީދު ވިދާޅުވިއެވެ. ރުފިޔާ އެކައުންޓަށް ދޫކުރެވޭ ޑޮލަރު ލިމިޓް ކުރެއްވުމުގެ ކުރިން މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ސަރުކާރާވެސް މަޝްވަރާ ކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ. 

ބީއެމްއެލް އިން ލިމިޓްކޮށްފައިވަނީ ދިވެހި ރުފިޔާގެ އެކައުންޓްތަކުން ޑެބިޓް އަދިކްރެޑިޓް ކާޑުން ރާއްޖޭގައި ކުރެވޭ މުޢާމަލާތް މަހަކު 250 ޑޮލަރަށެވެ.  ބޭރު ޤައުމުތަކުގައި ކުރެވޭ މުޢާމަލާތް  މަހަކު 750 ޑޮލަރަށެވެ. ނަމަވެސް ޑޮލަރު އެކައުންޓް ތަކުން ކުރިންވެސް މުޢާމަލާތު ކުރަމުން ދިޔަ މިންވަރަށް މުޢާމަލާތު ކުރެވޭނެކަމަށް މެނޭޖަރ ޕަބްލިކް ރިލޭޝަން މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. 

ރާއްޖެއަށް ލިބޭ ބޭރުފައިސާގެ 80 އިންސައްތަ އަކީ ފަތުރުވެރިކަމުން ލިބޭ ފައިސާކަމަށްވެފައި ހަތަރު މަހެއްހާ ދުވަސް ފަހުން ފަތުރުވެރިން އަންނަން ފަށައިފައި ވީނަމަވެސް އެކަށީގެންވާ ޢަދަދަކަށް ފަތުރުވެރިންނާންނަމަ ޑޮލަރު ލިބުމުގެ މަގުފަހި ނުވާނެކަމަށް ސަޢީދު ފާހަގަ ކުރެއްވިއެވެ. އަސާސީ މުދާ ރާއްޖެއަށް އެތެރެކުރުމަށާއި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ މީހުންނާއި ރާއްޖޭން ބޭރުގައި ތަޢުލީމު ހޯދުމަށް ތިބި މީހުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ހިފަހަށްޓަން ޖެހޭކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ކުރިން ދޫކުރަމުން ދިޔަ ގޮތަށް 500 ޑޮލަރު މިހާރުވެސް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ރުފިޔާ އެކައުންޓްތަކަށް ބީއެމްއެލްއިން ދޫކުރާ ޑޮލަރު ލިމިޓް ކުރުމާ ގުޅިގެން އެބޭންކަށާއި ސަރުކާރަށް ވެސް ގިނަ ބަޔަކު ދަނީ ފާޑް ކިޔަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.