ފަތުރުވެރިކަން ފުޅާ ކުރުމަށް ހިންގޭނެ އެންމެ ބޮޑު މަޝްރޫއަކީ ވީއައިއޭ މަސައްކަތް: ޑރ. މުއިއްޒު

ފޮޓޯ: ޕީއެސްއެމް

ފަތުރުވެރިކަން ފުޅާ ކުރުމަށް ހިންގޭނެ އެންމެ ބޮޑު މަޝްރޫއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) މަސައްކަތް ކަމުގައި އިންތހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޮޓެލިއަރ މޯލްޑިވްސް އިން ބާއްވަމުން އަންނަ ޖެނެރަލް މެނޭޖަރ (ޖީއެމް) ފޯރަމް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ އުންމީދު ކުރައްވަނީ މި މަޝްރޫޢަށް ފައިނޭންސް ކުރާ ތަންތަނުންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރުން މަސައްކަތް އަވަސްކޮށް، 2024 ވަނަ އަހަރުގެ "ޕީކް ސީޒަން"ގެ ކުރިން އެއަރޕޯޓުގެ މަންފާ ފަތުރުވެރިކަމުގެ ދާއިރާ އަށާއި، އެވިއޭޝަންގެ ދާއިރާއަށް ކުރުން ކަމަށެވެ.

މީގެ އިތުރުން އޭވިއޭޝަންގެ ދާއިރާއަށް ގެނެވޭ ކުރިއެރުމުގެ ތެރެއިން އިތުރު 13 ޑޮމެސްޓިކް އެއަރޕޯޓު ރާއްޖޭގައި ހެދިގެންދާނެ ކަމަށާއި ރާއްޖޭގެ ދެކުނުގައި ސީ ޕްލޭން ހަބެއް ޤާއިމް ކުރެވި، އަމާޒަކީ ހުރިހާ ކަންކޮޅަކަށް ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރެވިގެން ދިއުން ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދިން ގްރޫޕާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.

އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީކުރެވިގެންދާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.