ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ އިންތިހާބީ ރައީސް: އަދުރޭ

ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ކެބިނެޓް އެކުލަވާލުމަށް ރައީސް ޔާމީން ލިސްޓެއް ފޮނުއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ވާން ޖެހޭނީ އެއީ ރައީސުލްޖުމްހޫރިއްޔާ %100 އިތުބާރު އޮތް ކެބިނެޓަކަށް ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އިންތިހާބުކޮށްފައި ވަނީ މުއިއްޒު ކަމަށާއި  ރައްޔިތުން ކުރިމައްޗަށް ވަޑައިގެން ވައުދުތައް ވެވަޑައިގެންނެވި އިރު، މުއިއްޒަށް މަސައްކަތްޕުޅު ކުރެއްވޭނީ އެ ވައުދުތައް ފުއްދެވުމަށް އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ކެބިނެޓަށް އައްޔަން ކުރައްވާނެ ބޭފުޅުން ހިމެނޭ ލިސްޓެއް އެހެން ބޭފުޅުން ފޮނުވުމަކީ އޮންނަ ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރަން ބޭނުންފުޅުވާ މީހުންގެ ލިސްޓެއް ފޮނުއްވި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ލިސްޓެއް ފޮނުއްވި ކަމެއް ވެސް އަދި ފޮނުއްވާފައިނަމަ، އެއާ ދޭތެރޭގައި ޑރ. މުއިއްޒު އެއަށް އެއްޗެއް ވިދާޅުވި ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.