ރައްޔިތުންނަށްވާ ވަޢުދުތައް ފުއްދައިދީ ނަތީޖާ ނެރެދޭނަން: ޑރ. މުއިއްޒު

ރައްޔިތުންނަށްވާ ވަޢުދުތައް ފުއްދައިދީ ނަތީޖާ ނެރެދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރުވަންޖެހޭ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އަދި ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް އިގްތިޞާދީ ސިޔާސަތުގައި ޚާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އަލަށް މަސައްކަތްފަށާ ޒުވާނުންނަށް ކްރިއޭޓަރ އިކޮނޮމީއެއް ގާއިމްކޮށްދީ އިންޓަރނޭޝަނަލް މާކެޓްގައި އާމްދަނީ ހޯދޭނެ ޕްލެޓްފޯމްތައް ހުޅުވާލަދީ ހުރިތަނެއްގައި ހުރެ ނަފާ ލިބޭނެ ގޮތް ހޯދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މުވައްޒަފަކު މަސައްކަތްކުރާ ރިސޯޓަކާއި އެންމެ ކައިރި ރަށަކުން ހައުސިންގ ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށާއި އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގޭ ހައުސިންގ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ ކަމެއް ކަމަށެވެ.

"އޭވިއޭޝަން އިންޑަސްޓަރީގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާ އަގުހުރި މަސައްކަތްފާހަގަކުރަން. އެ ސެކްޓަރ ސެކްޓަރ ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެޔޮގޮތް ތަކެއް ހަދައިދޭނަން." މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒުު ވިދާޅުވީ ޤައުމީ އެއާރލައިން ވަނީ ބަނގުރޫޓްވެފައި ކަމަށާއި ޤައުމީ އެއަރލައިން މިހާލަތުން ނަގައި ކޮޅަށް ޖަހައިދއްވާނެ ކަމަށެވެ. އަދި ޓުއަރިޒަމްގެ މައި ޑެސްޓިނޭޝަންތަކަށް ސީދާ ފްލައިޓްތައް އިތުރުކޮށް އާ ތަންތަނަށް ވެސް ދަތުރުތައް ފަށާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.