ސިޓީ ކައުންސިލުން ތަރައްޤީކުރި މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ހުޅުވައިފި

މާލެސިޓީ ކައުންސިލުން ތަރައްޤީކުރި މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ހުޅުވައިފި އެވެ.

އަންގާރަ ދުވަހުގެ ހަވީރު ހެންވޭރުކޮޅު އިސްކަންދަރުމައިޒާން އަލުން އާބަތުރަ ފިލުވާ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ހުޅުވުމަށްފަހު މާފަންނު މުއިވެޔޮދޮށު މައިޒާން ކައިރީގައި އެ ސަރަޙައްދުގެ ރައްޔިތުންގެ އެއްބާރުލުމާއެކު ހިތްފަސޭހަ މައިޒާން ހުޅުވައިދެއްވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މުއިވެޔޮދޮށު މައިޒާން ހުޅުވިގެން ދިޔައީވެސް 2016 ވަނައަހަރު އިސްކަންދަރު މައިޒާން ހުޅުވިދުވަހުކަން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ އެދުވަހު މާލޭގައި 3 ޕާކު ހުޅުވިގެން ދިޔަ ކަމަށާއި، އެހެން ނަމަވެސް ވެރިކަން ބަދަލުވެގެން ދިޔުމާއެކު މިތަންތަން ވީރާނާވެގެންދިޔައީ ކަމަށެވެ. އަދި މާފަންނުގައި މުއިވެޔޮދޮށު މައިޒާން ހިތްފަސޭހަތަނަކަށް ބަދަލުކުރެވި، އެ ސަރަޙައްދުގައި އަލުން ހުޅުވިގެން މިދިޔައީ މުޅިން އަލަށް އިތުރުކުރި ބަޔާއެކުގައި ކަމަށާއި، އޭގެ ސަބަބުން މުއިވެޔޮދޮށު މައިޒާނަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމުގައި މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

މާލެސިޓީއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާއިރު މާލެސިޓީ އޮތީ ވަރަށްބޮޑަށް ތޮއްޖެހިފައިކަމުން ކުޑަކުދިން ހިތްފަސޭހަކޮށްލަން ނުކުންނާނެ ތަންތަން މާލޭގައި ނެތްކަމަށާއި، އެހެންވީމަ މިގޮތަށްހުރި ތަންކޮޅުކޮޅޮ ބޮޑަށް ހުޅުވާލައިގެން ހިތްފަސޭހަ ކަމެއް ގެނެސްދެވިއްޖެއްޔާ އެއީ ކުދިންނާއި، އާއިލާތަކަށްދެވޭ ވަރަށްބޮޑު އުފަލަކާ ހިތްހަމަޖެހުމެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.

މާފަންނު ދެކުނު ހިތްފަސޭހަ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ މިގޮތަށް މިތަން ހުޅުވިގެން ދިއުމަކީ އެކަމަށްޓަކާ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ މިތަނުގެ ބޭނުން މި ސަރަޙައްދުގެ ހުރިހާ ޢާއިލާތަކަށް ބޭނުންކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެ މައިޒާން ތަރައްޤީކުރުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށާއި ޚާއްސަކޮށް މާފަންނު ދެކުނުގެ ރައްޔިތުންނަށް މޭޔަރ މުޢިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.