މާލެ ސިޓީ ކައުންސިލުން ޒަމާނީ މާރުކޭޓެއް އަޅަން ތައްޔާރުވަނީ

މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓް ސަރަހައްދުގައި ޒަމާނީ މާރުކޭޓެއް އަޅަން މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފައިވާ ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިރާސް ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ މިއީ މާރުކޭޓު ސަރަހައްދަށްވެސް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށާއި މި ޕްރޮޖެކްޓް ނިމިގެންދާއިރު ދަތުރުވެރިންގެ މާރުކޭޓު، ލޯކަލް މާރުކޭޓު އަދި މަސްމާރުކޭޓު މި ތިން ތަން އެއް އިމާރާތަކަށް އަންނާނެ ކަމަށެވެ. މި އައު މާރުކޭޓު އަޅާނީ މިހާރު ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ކަމަށާއި އެތަނަށް ދާ އެންމެންގެ ޕާކިން މައްސަލަވެސް އެތަނުން ހައްލުވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މި އައު މާރުކޭޓުގެ އެތެރޭގައި އަޅުގަނޑުމެން ޕާރކިން ފްލޯއެއްވެސް ހަދާނެ. އެހެންވީމާ މުޅި ސަރަހައްދަށް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމެއް މިއީ އިނގޭތޯ ” މޭޔަރު ވިދާޅުވިއެވެ.

މި އިންޓަވިއުގައި ޒަމާނީ މާރުކޭޓެއް ތަރައްގީ ކުރުމުގެ އިތުރުން މާލޭގެ ތަރައްގީއަށް ވަރަށް ގިނަ ޕްލޭންތައް ދަނީ ހެދެމުން ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.