ފަލްސަފާ - 12

(4 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރޭގަނޑުގެ ކެއުމަށްފަހު ، ހިތަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށްޓަކައި ، ނޫރު އިނީ ލެޕްޓޮޕް ހިފައިގެން އޮފީސް މަސައްކަތަކަށް ގެއްލިފައެވެ. ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލާފައި އެވަނީ އޭނާގެ ބައްޕަ ވަޞީމެވެ. ބައްޕަ ވަނުމާއެކު ، ބައްޕަ އަދިވެސް ނުނިދަނީހޭ ބުނެ ، ލެޕްޓޮޕް ލައްޕައިލުމަށްފަހު ބައްޕައަށް ސަލާމް ގޮވައިލިއެވެ.

" ދަރިންގެ ޢަމަލުތައް ހުންނަ ގޮތުން ބައެއް ފަހަރަށް މައިންބަފައިންނަށް ނުނިދި އުޅެން މަޖުބޫރު ވާނެއެވެ. " ވަޞީމް ބުންޏެވެ.

ބައްޕަ އެބުނި އެއްޗެއް ނޫރުއަކަށް ނުވިސްނުނެވެ. ވަޞީމް ، އޭނާގެ ދަރިފުޅާ ވާހަކަ ދައްކަން ފެށްޓިއެވެ. އޭނާ އެބުނި ބަހުގެ މާނަ ސާފުކޮށް ދިނުމަށްޓަކައެވެ. ކުދިންނަށް ލިބޭ ތަޢުލީމުން ، އެކުދިންގެ އަޞްލު އޮޅޭފަދަ ތަޢުލީމަކީ ކޮންކަހަލަ ތަޢުލީމެއްތޯ ، އޭނާގެ ދަރިފުޅާ ސުއާލު ކުރިއެވެ. ކުއްޖާއަށްލިބޭ ތަޢުލީމުގެ މަޤްޞަދަކީ ، އެކުދިންގެ ވިސްނުމާއި ފިކުރު ހުޅުވިގެންގޮސް ސިކުނޑި ތަނަވަސްވެގެން ދިއުން ނޫންހެއްޔެވެ ؟ ނޫރުގެ ވިސްނުމާއި ފިކުރުން އެއިން އެއްވެސް ކަމެއް ވަސީމަކަށް ނުފެނެއެވެ. ނޫރުއަކީ ، އަބުރުވެރި ޢާއިލާއަކަށް އުފަންވި ، ޚުލްޤު ހެޔޮ ތޫނުފިލި ކުއްޖެކެވެ. ލިބިފައިވާ ހަރުދަނާ ތަރުބިއްޔަތާއެކު ، ނޫރުއަށް ނޫރުގެ އުފެދުމުގެ އަޞްލު އޮޅުނީ ކީއްވެގެންކަމެއް ވަޞީމަކަށް ނުވިސްނުނެވެ. ބައްޕަގެ އަބުރާއި ބޭބެގެ މަޤަމާއި ޢާއިލާގެ ޢިއްޒަތާ އެ ހުރިހާ އެއްޗެއް ނޫރުގެ ނިންމުންތަކުން ވަކިވެ އުނިވެގެން އެދަނީ ކީއްވެތޯ ، ވަޞީމް އޭނާގެ ދަރިފުޅާ ސުއާލު ކުރިއެވެ.

ބައްޕަގެ ސުއާލުތަކަށް ޖަވާބު ދޭނީ ކީކޭ ކިޔާފައިކަމެއް ނޫރުއަކަށް ނުވިސްނުނެވެ. ނޫރުއަށް ޤަބޫލު ކުރެވުނު ގޮތުގައި އެކަންކަން ނޫރުގެ ހިތުން ފިލުވައިލައިގެން ، އެއިން ކަމަކަށް އިޙްތިރާމްނުކޮށް ، ނޫރުއަށް ކުރެވުނީ ކޮންކަމެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ބައްޕަގެ އަބުރާއި ބޭބެގެ މަޤާމާއި ޢާއިލާގެ ޢިއްޒަތަށް ނުވިސްނައި ނޫރުއަށް ކުރެވުނީ ކޮންކަމެއްތޯ ބައްޕަޔާ ސުއާލު ކުރިއެވެ. ބައްޕަގެ ކަންބޮޑުވުމާމެދު ނޫރު ދެރަވިއެވެ. ބައްޕަގެ އަތުގައި ހިފައިލައިގެން ގެނެސް އެނދުމަތީ ބޭންދިއެވެ. އަދި ނުހަނު ލޯތްބާއި އިޙްތިރާމާއެކު ބައްޕަޔާ ވާހަކަ ދައްކަން ފެށްޓިއެވެ.

" ބައްޕާއެވެ ! ބައްޕަގެ ވާހަކަތަކަށް ރައްދު ދޭކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރެންނަށް މަޢާފު ކުރާށެވެ ! މިފަހަރު ، ބައްޕަ ތިދައްކަނީކީ މުނާސަބު ވާހަކައެއްނޫނެވެ. އަހަރެންނަށް ލިބުނު ތަޢުލީމުން އަހަރެންނަކަށް މަގެއް ނުއޮޅެއެވެ. އޭގެ ބަދަލުގައި އަހަރެންނަށް ކުރިމަގު ދެއްކީއެވެ. ރަނގަޅާއި ނުބަޔަކީ ކޮބައިކަން ވިސްނުމުގެ ޤާބިލްކަން ލިބުނީއެވެ. އަހަރެންނަކީވެސް ، މިޢާއިލާގެ ހަރުދަނާ ޙިއްޞާއެއްކަމުގެ އިޙްސާސް ލިއްބައިދިނީއެވެ. ޢާއިލާގެ އަގުބޮޑު ފިކުރީ މިލްކިއްޔާތުގެ ބައެއްގެ ގޮތުގައި ވިސްނުމަށް ފުރުޞަތު ތަނަވަސް ކޮށްދިނީއެވެ. އަހަރެމެން ދިރިމިއުޅޭ މުޖުތަމަޢުގައި ، އަބުރުވެރިކަމާއި ފަޚުރުވެރިކަމާއެކު ، އިސް އުފުލާލައިގެން ކުރިޔަށް ފިޔަވަޅު އެޅުމުގެ ހިތްވަރު ލިބުނީއެވެ. އަހަރެންގެ އަމިއްލަ ދިރިއުޅުމަށް އަމިއްލަ ނިންމުންތައް ނިންމުމުގެ ޤާބިލްކަން ގެނެސް ދިނީއެވެ. ފުރާފުރިހަމަވެފައިހުރި އަންހެނެއްގެ މަތިވެރި ދަރަޖައަށް އަހަރެން ވާސިލްކޮށްދިނީއެވެ. އަހަރެންގެ އަމިއްލަ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެންނެއް ނުވެއެވެ. އެއީ އަހަރެންނަށް ލިބިގެންވާ އިންސާނީ ޙައްޤެކެވެ. އެ ޙައްޤުން އަހަރެން މަޙުރޫމްވެގެން ދިއުމަކީ ، އަހަރެންގެ އަމިއްލަ ނަފުސު ޤަބޫލުކުރާނެ ކަމެއްނޫނެވެ. މީހުންނާ އިންނާނީ ކޮން އިރަކުންތޯ ، ކުދިން ހޯދާނީ ކޮން ޢުމުރެއްގައިތޯ ނިންމުމުގެ އިޚްތިޔާރު ކޮންމެ އިންސާނަކަށްވެސް އޮންނަން ޖެހޭނެއެވެ. އަހަރެންގެ ދިރިއުޅުން ތަރުތީބުކުރުމުގެ ޤާބިލްކަން އަހަރެންނަށް ލިބުނީ ، އަހަރެން ޙާޞިލްކުރި ތަޢުލީމުންނެވެ. "

އަހަރެންނަކީ ، ތަޤްދީރު ނިޔާކުރިގޮތުން އަންހެނެއްގެ ގޮތުގައި ، ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވި އިންސާނެކެވެ. އޭގެ މާނަޔަކީ ، ފިރިހެނުން ބުނާހާގޮތެއް ހަދައިގެން އަޅު އަންހެނުންހެން ، އާދެ އާދެ ކިޔައި ނުޙައްޤު ބޯލެނބުންތަކަކުން އަހަރެންގެ އަޞްލު އޮޅުވައިލުމެއް ނޫނެވެ. ކިޔަމަންތެރިކަން އަދާކުރުމުގައިވެސް ، އިންސާނާއަށް ޙައްދުތަކެއް އޮންނާނެއެވެ. އެ ޙައްދުތަކުން ބޭރުވެ ، ފިރިހެނުން ބުނާހާގޮތަކަށް އަހަރެންގެ ދިރިއުޅުން ، އެމީހުންގެ ފަހަތުން އެނބުރޭ ވަހުތާނެއްހެން އެނބުރެން ދޫކޮށްލުމެއްނޫނެވެ. އަހަރެންގެވެސް އަމިއްލަ އިޚުތިޔާރުތަކެއް އޮންނާނެއެވެ. އެހެންމީހުންގެ ފަރާތުން އިޙްތިރާމް ލިބެންޖެހޭ އިޙްސާސްތަކެއް ހުންނާނެއެވެ. އެހެންމީހުން ގޮތްދޫކުރަންޖެހޭ ނިންމުންތަކެއް ހުންނާނެއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް އޮންނާނެއެވެ. އަހަރެންގެ އަސްލަކީ އެއީއެވެ. އަހަރެންނާއި އަހަރެންގެ ހަށިގަނޑާ ، ހިތާއި ނަފުސަކީ އެހެންމީހުން ބޭނުންވާ ވަރަކަށް ތެލާއި ލޮނު އަޅައިގެން މޮޑެން އޮންނަ ފުށްގަނޑެއް ނޫނެއްނޫން ހެއްޔެވެ ؟ އޭނާގެ ވިސްނުމާއި ފިކުރުގައި އޮތީ ކޮން އުނިކަމެއްތޯ ، ނޫރު ، އޭނާގެ ބައްޕަޔާ ސުއާލުކުރިއެވެ.

ނޫރުގެ ވާހަކަތައް އަޑުއަހަން ވިސްނުންތެރިކަމާއި މަޑުމައިތިރިކަމާއެކު ވަޞީމް އިނެވެ.  އެންމެފަހުން އޭނާގެ ދަރިފުޅު ، އޭނާއާ އެކުރީ ސުއާލެކެވެ. ވަޞީމަކީ ދުރުވިސްނޭ މީހެކެވެ. އެހެން ބައްޕައިންނާ ކޮންމެވެސް ވަރެއްގެ ތަފާތެއް ހުރެއެވެ. ނޫރުގެ އެ ސުއާލަށް ވަޞީމު ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟ އޭނާގެ ދަރިފުޅު އެހުރީ ބޮޑުވެފައެވެ. ކުރިމަތިވެގެން މިއުޅެނީ އެދަރިފުޅުގެ މުސްތަޤްބަލާ ގުޅިފައިވާ ކަމެކެވެ. ކޮންމެ ކޮންމެ ގޮތަކަށް އެކަން ނިމިގެންދާކަށް ވަޞީމެއްވެސް ނޭދެއެވެ. އެކަން ނިމިގެންދާން ވަޞީމުވެސް އެދެނީ އެކަމުގައި އޭނާއަށާއި ދަރިފުޅާ އަދި ޢާއިލާއަށް އޮތް އެންމެ ރަނގަޅު ގޮތަށެވެ. މިހާރު ނޭނގިގެން މިއުޅެނީ އެގޮތެކެވެ.

" ދަރިފުޅާއެވެ ! ދުނިޔެ ދައުރުވަނީ އިންސާނާގެ ޤާބިލިއްޔަތުގެ މައްޗަކަށް ނޫނެވެ. އިރު އޭގެ ވަގުތަށް އަރާނެއެވެ. ވަގުތު ޖެހުމުން އޮއްސިދާނެއެވެ. ހަނދު އޭގެ ވަގުތަށް ފާޅުވާނެއެވެ. ވަގުތު ޖެހުމުން ހަނދުގެ އަލިކަންވެސް ގެއްލޭނެއެވެ. ދުވާލުގެ ވަގުތު ހޭދަވަމުންގޮސް ، އެންމެފަހުން ރޭގަނޑަށް ބަދަލުވެ ، އަނދިރިވާނެއެވެ. ދިރިއުމުގެ ދިގުރާސްތާއަކީ ، ތަދްބީރުކުރާ ގޮތްގޮތަށް ދަތުރުކުރާ މަގެއްނޫނެވެ. އިންސާނާގެ ދިރިއުޅުން ފެށިގެންގޮސް ނިމިދަނީ ތަޤްދީރުގައިވާ ގޮތެއްގެ މަތިންނެވެ. އިންތިހާއަށް އުނދަގޫ ޙާލަތުތައް ކުރިމަތިވާނެއެވެ. އުފާވެރި ދުވަސްތައް އަންނާނެއެވެ. ދަރިފުޅުގެ ވިސްނުމާ އެއްގޮތަށް ރާވައި ކުރަހާ ހުރިހާކަމެއް އޭގެ އެންމެ ފުރިހަމަގޮތުގައި ނިމި ހިނގައިދާނެހެން ދަރިފުޅަށް ހީވޭ ހެއްޔެވެ ؟ " ވަޞީމު ، މަޑުމައިތިރިކަމާއެކު ނޫރުއާ ވާހަކަދައްކަމުން ގެންދިޔައެވެ.

" އަހަރެންނަކީ ދަރިފުޅުގެ ބައްޕައެވެ. ހާރިސްއަކީ ދަރިފުޅުގެ ބޭބެއެވެ. އަހަރެމެންނަށް ދަރިފުޅުގެ ވިސްނުމަށް ބަރޯސާވެގެން ތިބެވިދާނެއެވެ. އެކަމަކު މުރުތަޟާއަށް އެ ދިގު އިންތިޒާރު ދެމެހެއްޓިދާނެ ހެއްޔެވެ ؟ " ވަޞީމު ، އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ބައްޕަގެ ވާހަކައިގާ މުރުތަޟާގެ ނަން އައުމުން ، ނޫރުގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. ބައްޕަ އެބުނީ ރަނގަޅު ވާޙަކައެއްކަމަށް ނޫރުވެސް އެއްބަސްވިއެވެ. ދިރިއުޅުމަކީ ، އިންސާނާ ތަދުބީރުކުރާހާ ގޮތަކަށް ވެ ނިމިދާ އެއްޗެއް ނޫނެވެ. އެކަން އޭނާ ޤަބޫލު ކުރެއެވެ. އެހެންނަމަވެސް ، މުރުތަޟާގެ ފިކުރަށް އަތުވެދާނެ ބަދަލަކާމެދު ، ނޫރުގެ ހިތުގައި މުރުތަޟާއާމެދު ޔަޤީންކަން އެބައޮތެވެ. މުރުތަޟާގެ ހަށީގައި ފުރާނަ ހުއްޓާ ، ނޫރު ދޫކޮށެއްނުލާނެއެވެ.

" ބައްޕާއެވެ ! ބައްޕަގެ ދަރިފުޅަކީ ، ކާމިޔާބީތަކެއް ޙާޞިލްކޮށް ، ދިރިއުޅުމުގެ އުފާވެރިކަމުން ޢާއިލާއަށް ކުރިއެރުން ގެނެސްދޭނެ ދަރިއެކެވެ. އިރާދަ ކުރެއްވިއްޔާ ،  ބައްޕަ ފަޚުރުވެރިވާފަދަ ދަރިޔަކަށް ، އެއްދުވަހަކުން އަހަރެން ވާނެއެވެ. އެ ދުވަހަކުން އަހަރެންގެ އަތުގައި ހުރިހާ އެއްޗެއްވެސް އޮންނާނެއެވެ. އުފާވެރި ދިރިއުޅުމެކެވެ. މުއްސަނދި ޙަޔާތެއްގެ ވައްޓަފާޅިއެކެވެ. ދިރުމެއްހުރި އުއްމީދަކާއެކު ، ކުރިޔަށް ދިއުމުގެ ފާގަތި ކަމެވެ. އަހަރެންގެ އެ އުފާވެރި ދިރިއުޅުން ، އެހުރިހާކަމެއް ، އިރާދަ ކުރެއްވިއްޔާ ބައްޕަޔަށް ފެންނާނީ މުރުތަޟާއާ އެކުގައެވެ. އެދުވަހަކުން ، އަހަރެންގެ ވިސްނުމާއި ފިކުރަކީ ޙަޤީޤަތުގައިވެސް އޮތް އެންމެ ރަނގަޅުގޮތްކަމަށް ބައްޕަ ހެކިވާނެއެވެ. ބައްޕަ ، އަހަރެންނަށް ގޮވައިލާނެއެވެ. އަދި ބުނާނެއެވެ. ދަރިފުޅާއެވެ ! ދަރިފުޅަކީ ދުރުވިސްނޭ ކުއްޖެކެވެ. " އިންތަނުން ކޮޅަށް ތެދުވެ ، ހިނިތުންވެހުރެ ، ނޫރުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އަދި ބައްޕަ ގާތަށްގޮސް ތަޅުންމަތީ އިށީނދެލައި ބައްޕަޔާ ލޯ ސީދާކޮށްލައި ބައްޕަގެ އަތްމަތީ އަތްބާއްވައިލިއެވެ.

" ބައްޕާއެވެ ! އަހަރެންގެ މި ވިސްނުމަށް ތަންދޭށެވެ ! އާދޭސްކޮށްފައި ބުނަމެވެ. އަހަރެންނަކީ މިޒަމާނުގެ އަންހެނަކީމެވެ. ވިސްނުމާއި ފިކުރު ތަފާތު ވާނެއެވެ. އެހެނަސް ، އެއީ އަމާޒެއް އޮތް ޙަޤީޤީ އުޞޫލު ތަކެއްގެ މައްޗަށް ބިނާވެފައި އޮތް ފިކުރެކެވެ. އެހެން އެއްވެސް މީހަކު އަހަރެންނާއެކުގައި ނެތަސް ، އަހަރެންގެ ލޯބިވާ ބައްޕަ ، އަބަދުވެސް އަހަރެންނާއެކު ހުންނާނެކަން އަހަރެންނަށް އެނގެއެވެ. އެއީ އަހަރެންގެ ހިތްވަރެވެ. އަހަރެން މިކުރާ އުއްމީދުތައް އެއީ ހުވަފެނެއްނޫނެވެ. އިރާދަކުރެއްވިއްޔާ އަހަރެން އެކަންކަން ، ޙަޤީޤަތަށް ހަދާނަމެވެ. އަހަރެން ބޭނުމީ ، ހަމައެކަނި އަހަރެންގެ ބައްޕަ އަހަރެންނާއެކު ހުރުމެވެ. އެވަރުން އަހަރެންނަށް ފުދޭނެއެވެ. " ނޫރު ، ފެންކަޅިވިއެވެ.

ނޫރު އޭރުއިނީ ، އޭނާގެ ބައްޕަގެ އަތުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ވަޞީމުގެ އަތް ނޫރުގެ އަތުތެރެއިން ދަމައިގަތެވެ. އަދި ދަރިފުޅުގެ ލޮލަށް ބަލަހައްޓައިގެން އިނދެ ، އަތް އުފުލާލައި ، ނޫރުގެ ބޮލުގައި ފިރުމައިލިއެވެ.

" ދަރިފުޅާއެވެ ! ދަރިފުޅު ބޭނުންވާ ގޮތެކެވެ. " ހިތް ނޭދުނު ނަމަވެސް ، ވަޞީމު އޭނާގެ ދަރިފުޅާއެކުގައި ހުންނާނެކަމަށް ވަޢުދު ވިއެވެ.

ވަޞީމުގެ އަރުތެރެއިން އެއަޑު ނުކުތީ ވަރަށް އުނދަގުލުންނެވެ. އެހެންނަމަވެސް ، ދަރިފުޅު ބޭނުންވާގޮތް އެއީ ، އޭނާ ޤަބޫލުކުރަން ޖެހޭނެ އެއްޗެއްކަން ނޫރުގެ ވާހަކަތަކުން ޔަޤީންކޮށްދީފިއެވެ. ﷲ އާ ވަކީލެވެ. ވަޞީމު މަޑުމަޑުން ތެދުވެ ، ކޮޓަރިން ނުކުމެ ދޮރުލައްޕައިލިއެވެ. ނޫރުއަށް ބައްޕަ އެދިން ހިތްވަރުގެ ބަސްތަކަށް އޭނާ ޝުކުރު އަދާކުރިއެވެ.

ވަޞީމު ، އޭނާގެ ދަރިފުޅާ ވާހަކަ ދައްކާފައި އެދިޔައީ ، ހިތްހަމަ ޖެހިގެންނެއްނޫނެވެ. ގަދަކަމުން ހިތްހަމަ ޖައްސައިލައިގެންނެވެ. ނޫރުގެ ވިސްނުމުގައި އެހުރީ ޒަމާނީ އަންހެންކުދިންގެ ތަޞައްވުރެވެ. އެއީ ، ވަޞީމުމެން ޢުމުރުގެ އެހެންމީހުން ފަދައިން ، ވަޞީމަށްވެސް އެހާ ފަސޭހައިން ޤަބޫލު ކުރެވޭފަދަ ޙާލަތެއްނޫނެވެ. ޒަމާން ބަދަލުވިޔަސް ، އަދި ޒަމާނާ އެއްގޮތަށް އަންހެންކުދިންގެ ވިސްނުމާއި ފިކުރު ބަދަލުވިޔަސް ، އެއީ ދޮށީ ޢުމުރުގެ މީހުންނަށް ޤަބޫލުކުރަން ދަތިކަމެކެވެ. ހަމަ އެއާއެކުވެސް ، އަންހެންކުދިންނަށް ތަޢުލީމުދިނުމަށްޓަކައި ދޮށީ ޢުމުރުގެ ބަފައިން ދެކޮޅެއް ނުހަދައެވެ. އެކަމަށް މަގުފަހި ކޮށްދެއެވެ. މައްސަލަޔަކަށްވަނީ އެކުދިން ކިޔަވައި ނިމުމުން ، އެކުދިންނަށްލިބޭ ޢިލްމީ ޤާބިލްކަމުގެ އަގުވަޒަންކުރުމަށް ، ކިޔެވި އެއްޗެއްގެ ނަތީޖާ ނެރުމަށް ފުރުޞަތު ދިނުމަށް މުޖުތަމަޢު ، ތައްޔާރުވެފައި ނެތުމެވެ.

ވަޞީމު ، ނޫރުގެ ކޮޓަރިން ނުކުމެގެން އެދިޔައީ ރަނގަޅު ފިލާވަޅެއް ލިބިގެންނެވެ. ޢިލްމީ ޤާބިލް ދަރިއެއްގެ އުއްމީދާއި ހިތުގެ އިޙްސާސްތައް އޭނާގެ ހިތަށް ވަނެވެ.

މިޒަމާނުގެ އަންހެންކުދިންގެ ދިރިއުޅުމަކީ ، ކަސްރަތުކުރަން ބޭނުންކުރާ ، ދުވާމެޝިނެއްފަދަ އެއްޗެކެވެ. މެޝިނަށް އަރައި ހިނގަން ނުވަތަ ދުވަންވީ ސްޕީޑް ކަނޑައަޅައެވެ. ތްރެޑްމިލް އުފުލެންވީ މިންވަރު ނިންމައެވެ. އޭގައި ދުވަންވީ ބާރުމިން ސެޓް ކުރެއެވެ. އެކުދިން އެއަށް އަރައި ހިނގާނީ ނުވަތަ ދުވާނީ ކިހާއިރަކުކަން ނިންމައެވެ. ހިނގަން ނުވަތަ ދުވަން ފަށާނީ ކުރިން ރާވާފައެވެ. ހިނގުމުގައި ނުވަތަ ދުވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ ، ނުވަތަ ވަރުބަލި ވެއްޖެނަމަ ، އަލުން ސެޓް ކޮށްލައެވެ.

ނޫރުގެ ދިރިއުޅުމުގެ މެޝިން ، އޭނާ އެވަނީ އަމިއްލަޔަށް ސެޓްކޮށްފައެވެ. ކަމެއް ދިމާވެއްޖެނަމަ ، ބައްޕަ ހުންނާނެކަން ، ވަޞީމް އެއައީ އޭނާގެ ދަރިފުޅަށް ޔަޤީންކޮށްދީފައެވެ. ގަދަކަމުން ނަމަވެސް ހިތާ ދެކޮޅަށް ، ވަޞީމް އެއައީ އޭނާގެ ދަރިފުޅަށް އެކަން ކަށަވަރުކޮށްދީފައެވެ. ކުރިމަތިވާ ކަންކަމާ ވިސްނުންތެރިކަމާއެކު ކުރިމަތިލާނީއެވެ. އޭނާގެ ލޯބިވާ ދަރިފުޅަށްޓަކައެވެ.

އެރޭގެ އެވަގުތު ، މުރުތަޟާމެންގޭގެ ބެލްކަނީގައި ހުއްޓިލައިގެން އުޑާދިމާއަށް ބަލަހައްޓައިގެން އެހުރީ މުރުތަޟާއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ އުދާސްތަކުން ސޫރަކުރެވިގެން އެދަނީ ، ނޫރުއާއި އޭނާގެ ލޯބީގެ ބައްދަލުވުންތަކެވެ. ދެމީހުން ދެމީހުންނަށް ވީ ލޯބީގެ ވަޢުދުތަކުގެ ހަނދާންތަކުން ، މުރުތަޟާގެ ހިތްވަނީ މަސްހުނި އިޙްސާސްތަކަކުން ކިލަނބުވެފައެވެ. ބައެއްފަހަރަށް ހިނިތުން ވެލެވެއެވެ. އަނެއްބައި ފަހަރަށް ދެބުމަ ގޮށްޖެހެއެވެ.

ހަމަ އެ ރެއެވެ. އެގަޑިއެވެ. ނިދަން އުޅެއުޅެ ، ތަހުނިޔާއަކަށް އެކަމެއް ނުވިއެވެ. މިއަދު އެކުރިމަތިވީ ، ތަހުނިޔާގެ ޙަޔާތުގައި އޭނާއަށް ކުރިމަތިލާންޖެހުނު އެންމެ ތަކުލީފު ބޮޑު ޙާލަތެވެ. މުރުތަޟާއާ ގުޅުމަކީ ހުވަފެނެއްގައިވެސް ތަހުނިޔާއަށް ޚިޔާލުކޮށްލެވިފައި ނެތް ކަމެކެވެ. އޭނާ އެންމެ ބޮޑަށް ދެރަވީ ، އޭނާގެ ޙަޔާތުގެ އެފަދަ ބޮޑު ކަމެއް ކުއްލިޔަކަށް ނިންމުމުގައި މަންމަގެ ވިސްނުން ހުރިގޮތުންނެވެ. ނޫރުއާއި އޭނާއާ ދެމެދު ، ކުޑައިރުއްސުރެ އޮންނަ ގާތް ގުޅުން ، އެންމެ ބޮޑަށް އެނގޭނީ މަންމައަށެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.