ފަލްސަފާ - 16

(17 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދެބައިމީހުން އެއްތާކުތިބެ ވާހަކަ ދައްކާލައިގެން ޙައްލު ނުކުރެވޭ ވަރެއް އަދި ނުވޭ ނޫން ހެއްޔެވެ ؟ " މުރުތަޟާގެ ވާހަކަ އެހިސާބަށް ދިޔަތަނާ ، އަތުގައި އޮތް ފުނާގަނޑު ހޫރާލާފައި ޙަފުޞާ ތެދުވިއެވެ. އަދި މުރުތަޟާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

" އަހަރެންގެ ނިންމުން ބަދަލުކުރަން ދެން ނޫޅޭށެވެ ! ނޫރުލްޢައިނު ، އެގުޅުން ބާއްވަން ބޭނުންވިޔަސް އަދި ބޭނުންނުވިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެންގެ ނިންމުމަކަށް ބަދަލެއް ނުގެންނާނަމެވެ.  މުރުތަޟާ ތިއީ އަހަރެންގެ ދަރިޔެކެވެ. ނިކަން ފިރިހެންވެ ބަލާށެވެ ! އަދި ، އަންހެންދުޅާ ނުވެ ފިރިހެނެއްގެ ގޮތުގައި ހުންނާށެވެ ! އެކަހަލަ އަންހެނެއްގެ އަވާގައި ޖެހިގެން ނުހެއްލޭށެވެ ! ތިމާގެ ނިންމުންތަކުގައި ސާބިތުވެ ހުރުމަކީ ފިރިހެނުންގެ ކަމެކެވެ. ނޫރުދެކެ ތިހާ ލޯބިވާ ކަމަށްވަންޏާ އޭނާގާތަށް ގޮސް ފައިގާ ދޫލާން އިންނަންވީ ނޫން ހެއްޔެވެ ؟ މަންމައާއި ދައްތަގެ ކައިރީ މާ ޖަޒުބާތީވެގެން އުޅޭނެކަމެއް ނެތެވެ. "

މަންމަގެ ކޮޓަރި ތެރޭ އަޑުގަދަވެގެން ، ޠާހިރާވެސް ދުވެފައި އައިސް އެ ކޮޓަރިޔަށް ވަނެވެ. އަދި މަންމަ ހަމަޖެހިލުމަށް ޠާހިރާވެސް ބުނަމުން ގެންދިޔައެވެ. މާބޮޑަށް ރުޅިގަދަވަންޏާ މަންމަގެ ބީޕީވެސް މައްޗަށް ގޮސް ގެއްލުމެއް ލިބިދާނެކަމަށް ޠާހިރާ ބުންޏެވެ. ހަމަޖެހިލައިގެން ، މުރުތަޟާގެ ވާހަކަވެސް އަޑު އަހައިލުމަށް ޠާހިރާ އޭނާގެ މަންމަޔަށް އާދޭސް ކުރަމުން ގެންދިޔައެވެ.

" ޠާހިރާވެސް މަޑުން ހުންނާށެވެ ! އެގުޅުން ކަނޑައިލީ މަށެއްނޫނެވެ. އެކަންކޮށްގެން އެތިބީ މުރުތަޟާ އާއި ނޫރުލްޢައިނެވެ. އާނއެކެވެ ! އަހަރެން އެ ގުޅުމުގެ ތެރެޔަށް ވަނީމެވެ. މުރުތަޟާއަށް އޭނާނިންމި ގޮތެއްގައި ސާބިތުވެ ހުންނަން ނޭނގުނަސް ، އަހަރެން އަހަރެންގެ ނިންމުން ދޫކޮށެއް ނުލާނަމެވެ. އަހަރެންގެ ނިންމުމަކީ މީހެއްގެ ޖަޒުބާތުގައި ޖެހިގެން ނިންމި ނިންމުމެއް ނޫނެވެ. އަދި އެއީ ، ގޯސް ނިންމުމެއްވެސް ނޫނެވެ. އެއީ ޙަޤީޤަތެވެ. " ޠާހިރާއާ ދިމާއަށްވެސް ޙަފުޞާ ހަޅޭއްލަވައިގަތެވެ.

މުރުތަޟާ އާއި ޠާހިރާއާ ދެބެންތިބީ ބަސް ހުއްޓިފައެވެ. މަންމަގެ ރުޅިވެރި އަދި ހަރުކަށި ބަސްތަކަށް ރައްދު ދޭކަށް އެކަކަށްވެސް ނުކެރުނެވެ.

" ނޫރު މިގެޔަށް އައިއްސިއްޔާ މިގޭގައި މިހާތަނަށް ދަމަހައްޓަމުން އައި އުޞޫލުތައް ބަދަލު ކުރާނެއެވެ. ގޭގެ ބޮޑެތި މީހުންނަށް އިޙްތިރާމެއް ނުކުރާނެއެވެ. މުޅި އޮޑީގައި ޙަސަނު ދެފައިހެން ، މުޅިގެޔަށް އޭނާގެ ބާރު ފޯރުވާނެއެވެ. އަހަރެމެންގެ ގުޅުންތައް ކެނޑިގެން ދާނެއެވެ. އަހަރެމެން އެކަކަށްވެސް އިޙްތިރާމެއް ނުކުރާނެއެވެ. މުޅިގެ ބަރުބާދު ކޮށްލާނެއެވެ. " ދެލޯ ބޮޑުކޮށްގެންހުރެ ރުޅިވެރިބަސްތަކުން ޙަފުޞާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

" މުރުތަޟާއަށް ފެންނަނީ ކިހިނެއް ހެއްޔެވެ ؟ ނޫރު މިގެޔަށް އައިސް ، މަންމައާއި ދައްތައާ އެކީގައި އުފަލުގައި އުޅޭނެ ހެއްޔެވެ ؟ މަންމަގެ ޙައްޤުގައި ނިކަން ބުނެބަލާށެވެ ! " މުރުތަޟާއާ ދިމާއަށް އިނދިލި ދިއްކޮށްގެންހުރެ ޙަފުޞާ ބުންޏެވެ.

މުރުތަޟާ އޭނާގެ ދައްތައާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ، އޭނާގެ ހަނދާނަށް އައީ މިއަދު އޭނާގާތު ނޫރު ބުނި ވާހަކަ އެކެވެ.

" މާދަންވެސް އަހަރެން މުރުތަޟާއާ  އިނދެގެން ތިގެޔަށް ދާއިރު އަހަރެންދާނީ އަހަރެންގެ ބައްޕައާއި ބޭބެ ދޫކޮށްލާފައެވެ. "

" މަންމާއެވެ ! ތިއެއް އަހަރެންނަކަށް ނޭނގެއެވެ. " މުރުތަޟާ އޭނާގެ މަންމަޔަށް ޖަވާބު ދިނެވެ.

" އާނއެކެވެ ! މުރުތަޟާއަކަށް އެކަމެއް ނޭނގޭނެއެވެ. އެކަމަކު އަހަރެންނަށް އެކަން އެނގެއެވެ. އެކަން އެހެން ނުވާނެކަން އަހަރެންނަށް އެނގެއެވެ. ނޫރުލްޢައިނު ދެކެ ތިހާ ލޯބިވާ ކަމަށް ވަންޏާ ދާށެވެ ! ގޮސް ކޮޓަރީގައި ހަމަޖެހިލައިގެން އިނދެ ވިސްނައިލާށެވެ. މަންމައާއި ދައްތަގެ އަބުރު ރައްކާތެރި ކުރާނީތޯއެވެ. އެދެމީހުންގެ ހިތުގައި މުރުތަޟާގެ މައްޗަށް އޮތް ލޯބީގައި ކޮޅުފައިން ޖަހާނީ ތޯއެވެ. ނޫނީ ނޫރުލްޢައިނުގެ ބަހަށް ހެއްލި ، އޭނާގެ އަޅަކަށްވެގެން ދިރިއުޅުން ބަރުބާދުކޮށްލާނީ ތޯއެވެ. ދާށެވެ ! ކޮޓަރިޔަށްގޮސް ރީތިވެގެން ފައިބާ އަހަރެމެންނާއެކު ހިނގާށެވެ. ތަހުނިޔާއަކީ މުރުތަޟާއަށް މުޅި ދުނިޔެއިންވެސް ލިބޭނެ އެންމެ ރަނގަޅު ކުއްޖާއެވެ. އެކަން އެއީ ސާބިތުވާނެ ކަމެކެވެ. " ޙަފުޞާ އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ގެންދިޔައެވެ.

މާގިނަ ވަގުތެއް ނެތްކަމުގައި މުރުތަޟާގާތު ޙަފުޞާ ބުންޏެވެ. އަދި ، ކޮޓަރިޔަށްގޮސް ރީތިވެގެން ފައިބަން މުރުތަޟާއަށް އަމުރު ކުރިއެވެ. މުރުތަޟާއަށް ހުރީ ހިރިލަންވެސް ނޭނގިފައެވެ. ހަދާނެގޮތް ބޮޑުވެފައެވެ. ދާށޭ ބުނެ އަތް ހޫރައިލާފައި އަނެއްކާވެސް ޙަފުޞާ ، މުރުތަޟާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. މުރުތަޟާވެސް އަދި ޠާހިރާވެސް ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް އެނބުރި ، މުރުތަޟާ އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

މުރުތަޟާގެ ކަންތަކާހުރެ ޙަފުޞާގާތަށް އައިސްފައި ހުރީ އަމަށަކު ރުޅިއެއް ނޫނެވެ. ކިޔޭ ނުކިޔޭ އެއްޗެއް އަދި ކުރެވޭ ނުކުރެވޭކަމެއްވެސް ޙަފުޞާއަކަށް ނޭނގެއެވެ. ޠާހިރާ ، މަންމަގާތަށް ޖެހިލައި އެހާ ރުޅިގަދަ ނުކުރުމަށް ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ތިމަންނަ ދޫކޮށްލާށޭ ބުނެ ، ޠާހިރާ އޭނާއާ ދުރަށް ކޮށްޕާލިއެވެ.

މުރުތަޟާ އޭނާގެ ކޮޓަރިޔަށްގޮސް ، އަތުގައި އޮތް ދަބަސް އެނދުމައްޗަށް އެއްލައިލިއެވެ. އޭނާގާތަށްވެސް  ހުރީ ރުޅި އައިއްސައެވެ. މަންމަގެ ކަންތައް މާބޮޑީއެވެ. އަމިއްލަ ވިސްނުމުން ، ކަމަކާމެދު ވިސްނައިލާކަށް މަންމަ ، އޭނާއަކަށް ފުރުޞަތެއް ނުދެއެވެ. އަނެއްކާވެސް މުރުތަޟާގެ ޚިޔާލަށް އައީ ނޫރުބުނި ވާހަކަ ތަކެކެވެ.

" އަހަރެމެންގެ ދިރިއުޅުމުގެ ބިންގާ އަޅައި އެބިންގަލުގެ މަތީގައި އަހަރެމެންގެ ދިރިއުޅުން އާބާދުކުރާނީ ދެމީހުން ގުޅިގެންނެވެ. ވަރަށް ގިނަ ގުޅުންތައް ފަހަތަށް ދޫކޮށްލަން ޖެހޭނެއެވެ. އަހަރެން މިހުރީ އެކަމަށް ތައްޔާރު ވެގެންނެވެ. މިއަދަކީ އަހަރެންނަށް އެހީތެރިވެ ހިތްވަރުދޭނެ މީހަކަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދުވަހެވެ. އަދި އެމީހަކީ ، މުރުތަޟާއެވެ. "

މުރުތަޟާ ހާސްވެގެންގޮސް އިސް ޖަހައިލިއެވެ. ބޮލުގައި ދެއަތުން ހިފައި އިސްތަށިގަނޑަށް ދަމައިގަތެވެ. ކަކުލުހުޅުން ވާގިދޫވެ ތަޅުންގަނޑުމައްޗަށް ތިރިވިއެވެ. އެއްކޮޅުން ވިހާ ބަލައި ބޮޑުކުރި މައިމީހާއެވެ. އަނެއްކޮޅުން އޭނާގެ ހިތުން ފިލުވައިލެވޭވަރަށްވުރެ ބޮޑަށް ލޯބިވާ ނޫރުއެވެ. ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު އިޚުތިޔާރުކުރަން އެބަ ޖެހެއެވެ. ވިސްނާކަށް ވަގުތެއް ނެތެވެ.

ގަޑިން ރޭގަނޑު 8 ޖެހީއެވެ. ތަހުނިޔާމެން ގޭގެ ބޭރު ދޮރުގެ ރަނގަބީލު ޖެހުނެވެ. ސާޖިދާގޮސް ދޮރުހުޅުވާލައި ، އެންމެން އެތެރެއަށް ވަނުމަށް އެދުނެވެ. އެމީހުންނަށް އެގެއިން މަރުޙަބާކީ ސާޖިދާއެވެ. ތަހުނިޔާވެސް ފަހަތުގައި ހުއްޓިލައިގެން ހުށްޓެވެ. ޙަފުޞާގެ ކުޑަކުޑަ ޢާއިލާ އެއްކޮށް އެތިބީ ބަރާބަރު ގަޑިޔަށް އައިހެވެ. ޙަފުޞާއާއި މުރުތަޟާއާ ދެމައިންނާއި ޠާހިރާއާއި ކުޑަކުޑަ އަރުސަލާންއާ ދެމައިންނެވެ. ޙަފުޞާގެނައި ހަދިޔާ ފޮށިތަކުގައި ސާޖިދާ ހިފިއެވެ. އެ ފޮށިތައް ވަރަށް ބަރެވެ.

އެންމެންތިބީ ސިޓިންގރޫމުގައި އިށީނދެލައިގެންނެވެ. ސާޖިދާ އެންމެންގެ މޫނަށް ނަޒަރު ހިންގައިލިއެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފާޅުވި ނަމަވެސް ، މުރުތަޟާ އިނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. އޭނާ އެއިނީ އެތާކު ނޫނެވެ. މުރުތަޟާގެ ހިތުގައި އެނބުރެމުން އެދަނީ އެދުވަހު އޭނާއާ ދިމާއަށް މަންމަ ގޮވަމުންގެންދިޔަ އެއްޗިއްސެވެ. އެއީ އޭނާއަށް ކުޑަކަމެއްނޫނެވެ. އެއީ ، އެހާ ފަސޭހައިން ހިތުން ފިލުވައިލެވޭވަރަށްވުރެ ހިތަށް  ތަދުވި ބަސްތަކެކެވެ. މުރުތަޟާގެ މޫނުމަތިން ފާޅުވާންހުރި ކަންބޮޑުވުމުގެ އަސްލަކީ އެއީއެވެ. ޢާޞިފްވެސް މުރުތަޟާއާ ދިމާއަށް ބަލައިލިއެވެ. ޢާޞިފަށްވެސް މުރުތަޟާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމާއި ހާސްކަމެވެ. އެއްވެސް މިންވަރެއްގެ އުފާވެރިކަމެއް ނެތެވެ. މުރުތަޟާ އެގެޔަށް އައިސް އެއިނީ އޭނާގެ މަންމަޔަށް ޓަކައެވެ. ބަނޑުއަޅައި ވިހޭ މައިމީހާގެ  ޙައްޤުގައި އެމަންމަޔަށް ޓަކައެވެ. އޭނާގެ އަމިއްލަ އިޚުތިޔާރަކު ނޫނެވެ.

މުރުތަޟާގެ ހިމޭންކަން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ. އޭނާ އިނީ އެއްވެސް މީހަކާ ދިމާއަށް ބަލައިވެސް ނުލާ ދުރު ބަލަހައްޓައިގެންނެވެ. މުރުތަޟާ އެހާ މަޑުން އެއިނީ ކީއްވެތޯ ސާޖިދާ ސުއާލު ކުރިއެވެ.

" އަހަރެންނަށް އަބަދުވެސް މުރުތަޟާ ފެންނަނީ ހިނިތުންވެފައި ހަމަޖެހިލައިގެން ހުއްޓައެވެ. ޙާލަތާ ތިހާދުރުގައި ކަންބޮޑުވެފައި އިނުމަކީ މުރުތަޟާގެ ސިފައެއް ނޫނެވެ. ދަރިފުޅާއެވެ ! ޙާލާތަކީ ބަދަލުވާ އެއްޗެކެވެ. އެއީ ﷲ ގެ މިންވަރުފުޅުގެ މަތިން ހިނގަމުންދާ ކަމެކެވެ. ޙާލަތަށް ކެތްތެރިވެ ﷲ އަށް ވަކީލު ކުރުމުން ، ކުރިޔަށް ދާނެމަގު ސާފުވާނެއެވެ. " ސާޖިދާ ، މުރުތަޟާއާ މުޚާތަބުކޮށް ބުންޏެވެ.

މުރުތަޟާ ސާޖިދާއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީ އެއްވެސް ވަރަކަށް ހިނިތުންވުމެއް ނެތެވެ. ދެފަހަރަށް ގެނެސް އިން އަންހެނެއްހެން ގަބުވެފައި އިނދެ ، އޭނާއަށް އެއްވެސްކަމެއް ނުވާކަމަށް ބުނެ ސާޖިދާއަށް ޖަވާބު ދިނެވެ.

ޙަފުޞާވެސް އޭގެތެރެޔަށް ވަދެގަތެވެ. ސާޖިދާ އެބުނީ ވަރަށް ރަނގަޅު ވާހަކައެކެވެ. އެކަމަކު ، އެކަން ކުރުމަށް ޢުމުރާއި ތަޖުރިބާ ބޭނުންވާނެކަމަށް ބުނެ މުރުތަޟާއާ ދިމާއަށް ބަލައިލިއެވެ. އެއާއެކު ރަނގަޅު ވިސްނުމެއްވެސް ބޭނުންވާނެއެވެ. ޙަފުޞާގެ ވާހަކަ އެ އަމާޒުކުރީ މުރުތަޟާއަށްކަން އޭނާއަށް އެނގުނެވެ. ޙަފުޞާ އިނީ މުރުތަމާއާ ދިމާއަށް ލޯ އަޅައިގެންނެވެ.

ޙަފުޞާގެ ޢިޝާރާތް ސާޖިދާ ދެނެގަތެވެ. މަވްޟޫޢު ބަދަލުކޮށް މާޙައުލު ހަމަޖައްސައިލާން ވެފައި އޮތްކަން ސާޖިދާއަށް އެނގުނެވެ. އިތުރު ވާހަކަ ދައްކާނީ ކާމޭޒުދޮށުގައި ތިބެގެން ކަމަށް ސާޖިދާ ބުންޏެވެ. ކާން ހަދަން ދާނަމޭ ބުނެ ސާޖިދާ ތެދުވިއެވެ. އެހެން ނަމަވެސް ޙަފުޞާ އޭނާ ހުއްޓުވިއެވެ.

އެމީހުންގާތު ދައްކަންވެފައި އޮތް މުހިންމު ވާހަކައެއް އެބައޮތްކަމަށް ޙަފުޞާ ބުންޏެވެ. އަންހެންދަރިންނަކީ ގޭގެ ދިރުމެވެ. އަންހެންކުއްޖަކު ގެޔަކުން ނުކުމެގެން ހިނގައްޖެއްޔާ އެގެޔެއް އެހިސާބުން ފަޅުވީއެވެ. އެކަން ފޫބެއްދޭނީ ލައްކަ ދުވަހުންނެވެ. މުރުތަޟާއާއި ތަހުނިޔާއާ ދެމީހުންގެ ކައިވެނިކުރަން ސާޖިދާމެންވެސް ތިތިބީ އެއްބަސް ވެގެންނެވެ. އެ ކައިވެނި އަވަސްކުރަން އަހަރެން ބޭނުމެވެ. ތަހުނިޔާ އުޅެންޖެހޭނީ މުރުތަޟާގެ ގޭގައިކަން ޔަޤީންކުރުމަށް ޙަފުޞާ ބޭނުންވި އެވެ.

" ޙަފުޞާއެވެ ! ނޫރުލްޢައިނުގެ ގޭގެ މީހުންނަށް މި ހިނގަމުންދާކަމެއް އެނގޭނެ ހެއްޔެވެ ؟ " ޢާޞިފް ، ޙަފުޞާގެ ވާހަކަ މެދުކަނޑުވައިލިއެވެ.

އިހަށް އަހަރެމެންގެ މެދުގައި ވާހަކަ ދައްކައި ވަކިގޮތަކަށް އެއްބަސްވަމާ ހިނގާށެވެ. އޭގެ ފަހުން ، އެވާހަކަ ވަޞީމުގާތުވެސް އޭނާ ބުނާނެކަމަށް ޙަފުޞާ ބުންޏެވެ. ޢާޞިފުގެ ސުއާލަށް ދޭނެ ޖަވާބެއް ނޭނގި އިނދެ އަޅައަޅައިގަންނަމުން ޙަފުޞާ ބުންޏެވެ. ޢާޞިފް ގެ ކަންބޮޑުވުމަކީ ޙާލަތާ ގުޅުންހުރި ކަމެކެވެ. އެ އެންމެންނަކީވެސް އަވަށްޓެރިންނެވެ. ކޮންމެ ދުވަހަކުހެން އެކަކު އަނެކަކާ ދިމާވާނެއެވެ. އެކަކު އަނެކަކު ފެނުމުން ލަދުގަންނަން ޖެހޭފަދަ ޙާލަތެއް އެމީހުންގެ މެދުގައި އުފެދިފައި އޮވެގެން ނުވާނެކަމަށް ޢާޞިފް ބުންޏެވެ.

ނޫރު އެކަންކުރިގޮތުން ، ޢާޞިމްވެސް ހުންނާނީ ވަރަށް ކަންބޮޑުވެފައެވެ. ކަންކަން ހަމަޖެހުނީމަ ޙަފުޞާގޮސް ، ކަންހިނގައިދިޔަގޮތް ޢާޞިފަށް ކިޔައިދޭނެކަމަށް ޙަފުޞާ ބުންޏެވެ. އެމީހުންގެ ނިންމުމުގައި އެއްވެސް މީހަކަށް ދެރަގޮތެއް ހެދުމުގެ ނިޔަތެއްނެތްކަން ، ޢާޞިފަށް ސާފުކޮށްދޭނެއެވެ. އެއީ ﷲ ގެ ނިންމެވުމެވެ. އެކަން ޙަފުޞާ ކުރާނެއެވެ. އިހަށް އޮތީ މިކަން ކޮޅެއްގައި ޖެއްސުމެވެ.

އިތުރަށް ދެންހުރި ވާހަކަތައް ދައްކަން ތަހުނިޔާ އެތަނުގައި އިނުމުގެ މުހިންމުކަން ޙަފުޞާ ފާހަގަ ކުރިއެވެ. އަދި ތަހުނިޔާ ކޮބައިތޯ ސުއާލުކޮށް އޭނާ އެތަނަށް ގެނެސްދިނުމަށް އެދުނެވެ. ތަހުނިޔާވީ އަރުސަލާން ގޮވައިގެން ޓެރަސް މައްޗަށް ގޮހެވެ. އޭނާ ގެނައުމަށްޓަކައި ސާޖިދާ ތެދުވެގެން ދިޔައެވެ.

" ތަހުނިޔާ ދައްތަ އަހަރެމެންގެ ގެޔަށް އަންނަން އުޅޭވާހަކަ މާމަ ބުންޏެވެ. އޭރަށް އަހަރެންނަށް ހަމައެކަނި ދައްތާއޭ ކިޔާފައި ގޮވާލެވޭނެކަމުގައި މާމަ ބުނެއެވެ. އޭރަށް ، އަހަރެންގެ ޓިއުޝަންވެސް ގޭގައި އިނދެގެން ނެގޭނެ ދޯއެވެ ؟ " އަރުސަލާން ، ތަހުނިޔާގާތު ބުންޏެވެ.

ޙަފުޞާގެ އަނގަ ގަދަކަމުން ، އަރުސަލާންގާތުވެސް ، މުރުތަޟާ އާއި ތަހުނިޔާގެ ކައިވެނީގެ ވާހަކަ އޮތީ ކޮންމެވެސް ވަރަކަށް ދައްކާފައެވެ.

ތަހުނިޔާ ހޯދަމުން ސާޖިދާގޮސް ޓެރަސްމައްޗަށް އެރިއިރު ތަހުނިޔާ އިނީ އަރުސަލާން ގޮވައިގެން އޭނާއާ ވާހަކަ ދައްކާށެވެ. އަރުސަލާންއަށް މާމަ އެބަ ގޮވައޭ ބުނުމުން އެތަނުން އަރުސަލާން ހިނގައިގަތެވެ.

ސާޖިދާ ، އޭނާގެ ދަރިފުޅު ތަހުނިޔާއަށް ގޮވައިލިއެވެ. އަދި ، އޭނާ ޙަފުޞާ އެބަ ހޯދާކަމަށް ބުންޏެވެ. އަރުސަލާން ގޮވައިގެން ، ޓެރަސް މައްޗަށް ތަހުނިޔާ އެރީ އެތާ އެންމެންގެ ތެރޭގައި ނުއިންނަން ވެގެންނެވެ. ތަހުނިޔާ އިނީ ދުރު ބަލަހައްޓައިގެންނެވެ. މަންމަ އޭނާގާތު ބުނި ވާހަކައެއްގެ އަޑު އިވުނުކަމަކަށް ނުހަދައެވެ. އެއެންމެންގެ ތެރެޔަށްގޮސް ، އެމީހުންދައްކާ އެމީހުންގެ އުފަލުގެ ވާހަކަތައް އަޑުއަހާކަށް ތަހުނިޔާ ބޭނުމެއްނޫނެވެ. އެމީހުންގެ އަމިއްލަ އުފާތަކުގައި ބައިވެރިވާކަށް އޭނާ ބޭނުމެއް ނުވެއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.