ޢިމްރާން ތިން އަހަރު ދުވަހަށް ޖަލަށް ލާން ދަށު ކޯޓުން ޙުކުމް ކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން ތިން އަހަރަށް ޖަލަށް ލާން އޭނާގެ ޣައިރުހާޒިރުގައި ދަށު ކޯޓަކުން ޙުކުމް ކޮށްފިއެވެ. މިއީ އޭނާގެ މައްޗަށް ދަޢުވާ ކުރެވުނު "ތޯޝާޚާނާ" މައްސަލައިގައި ކުރި ޙުކުމެކެވެ. ތޯޝާޚާނާއަކީ ސަރުކާރުގެ އިސް ވެރިންނަށް ބޭރު ގައުމުތަކުގެ ވެރިން ދެއްވާ ހަދިޔާ ބަހައްޓައިފައި ހުންނަ ތަނެވެ. ތޯޝާޚާނާގައި ހުންނަ އެއްޗިއްސަކީ އެ އެއްޗެއް ލިބިވަޑައިގަތް ބޭފުޅަކު ބޭނުންފުޅު ނަމަ ސަރުކާރުން ކަނޑައަޅައިފައި އޮންނަ އަގެއް ދީފައި ބައްލަވައިގަނެވޭ ގޮތަށް ހުންނަ އެއްޗިއްސެވެ.

ޢިމްރާން ޚާންގެ މައްޗަށް ކުރި ދަޢުވާއަކީ އޭނާގެ ބޮޑު ވަޒީރުކަމުގައި ސަޢޫދީ ވަލީޢަހްދު ދެއްވި ވަރަށް އަގު ބޮޑު ގަޑިއަކާއި ބައެއް އެހެން ތަކެތި މީހަކަށް ވިއްކަވައިލެއްވުމުގެ ދަޢުވާއެވެ. ޢިމްރާން ޚާން އެ ތަކެތި ބައްލަވައިގަތީ ސަރުކާރުން ކަނޑައަޅާފައި އޮތް އަގު ދެެއްވައިފައެވެ. އެހެންވީމާ މައްސަލައަކަށްވީ ބައްލަވައިގަތުމެއް ނޫނެވެ. އެހެން މީހަކަށް ވިއްކެވުމެވެ. އަމިއްލަ މިލްކަކަށް ވީމާ ވިއްކެވުމަކީ އެއްވެސް ގާނޫނަކުން މަނާކުރާ ކަމެއް ނޫނެވެ. ދަޢުވާ ބިނާ ވެފައި އޮތީ ގައުމުގެ އަގު އަގު ވައްޓަވައިލެއްވީ ކަމަށެވެ.

ކޯޓުން ޙުކުމް ކުރުމާއެކު ފުލުހުން ވަނީ، ލާހޯރުން، ޢިމްރާން ޚާން ހައްޔަރު ކޮށްފައެވެ. ޢިމްރާންގެ ވަކީލުން ބުނާ ގޮތުގައި މި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެއެވެ.

ޢިމްރާން ޚާންގެ ވެރިކަން ވައްޓާއިލީ ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެއަށް ފަހު ވެރިކަމަށް އައީ މުސްލިމް ލީގް ނޫނުގެ ޝެހެބާޒް ޝަރީފެވެ.

ޢިމްރާން ޚާންގެ ޙުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ ނޮވެމްބަރު ބާއްވާ އިންތިޚާބުގައި އޭނާއަކަށް ބައިވެރިވެވަޑައެއް ނުގެންނެވޭނެއެވެ. އޭނާގެ ޕާޓީ ތަހްރީކޭ އިންސާފުން ބުނާ ގޮތުގައި މިއީ މިހާރުގެ ސަރުކާރުން ރާވައިގެން އޭނާއަށް ވާދަނުކުރެވޭގޮތް ހަދަން ކޮށްފައިވާ ކަމެކެވެ. ސަރުކާރު ބަދަލުވީ ފަހުން ޢިމްރާން ޚާންގެ މައްޗަށް ދުއިސައްތައާ ކައިރިކުރާ ޢަދަދަކަށް ދަޢުވާ އުފުލައިފިއެވެ. އޭގެ ތެރޭގައި މީހުން މެރިކަމުގެ ތުހުމަތުވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.