ޕާކިސްތާނުގައި އިސްތިހުސާލުގެ ދުވަސް ފާހަގަ ކޮށްފި

 ޕާކިސްތާނުގައި މިއަދު އިސްތިހުސާލު (އެކްސްޕްލޮއިޓޭޝަން) ގެ ދުވަސް ފާހަގަ ކޮށްފިއެވެ. މިއީ އިންޑިއާއިން ކަޝްމީރުގެ އަމިއްލަވަންތަކަން ނިގުޅައިގަތް ދުވަހުގެ ގޮތުގައި ފާހަގަ ކުރި ދުވަހެކެވެ. ކަޝްމީރަކީ އަމިއްލަ ވެރިކަމެއް ހިންގާ ސްޓޭޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އެއީ އިންޑިއާގެ އެއް ސްޓޭޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ކަނޑައެޅީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. މީގެ އިތުރަށް އެ ދުވަހު އިންޑިއާ ސަރުކާރުން ވަނީ ކަޝްމީރުގައި ހިންދޫން އައިސް ބިން ގަނެގެން އާބާދުވުމުގެ ހުއްދަވެސް ދީފައެވެ. މިއީ ކަޝްމީރުގެ ރައްޔިތުން ރުހުނު ކަމެއް ނޫނެވެ. މިއަދާ ހަމައަށްވެސް ސަރުކާރުގެ މި ދެ އަމަލާވެސް ރައްޔިތުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕާކިސްތާނުގައި ހެނދުނު 10 ޖެހިއިރު 10 މިނިޓުގެ ސުކޫތެއް ގެނެވުނެވެ. ސުކޫތުގެ ވަގުތުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ހުއްޓައިލެވުނެވެ. އަދި ވެރިރަށް އިސްލާމްއާބާދުގައި ހިނގައިލުންތަކެއް ބޭއްވުނެވެ. މީގެ ތެރެއިން ހިނގާލުމެއްގައި ރައީސް ޑޮކްޓަރ ޢަރިފް ޢަލަވީވެސް ބައިވެރިވެ ވަޑައިގަތެވެ.

އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި މިއީ ކަޝްމީރުގެ ރައްޔިތުންނާއެކު ޕާކިސްތާނު އޮތްކަމާއި އިންޑިއާގެ ހިންދޫ ސަރުކާރުން ކަޝްމީރުގެ ރައްޔިތުން ބަންދުކޮށްގެން ތިވބެ ކުރަމުން ގެންދާ އަނިޔާތަކުގެ އިހުސާސް ދުނިޔެއަށް ކޮށް ދިނުމުގެ ގޮތުން ފާހަގަ ކުރި ދުވަހެކެވެ. އެއް އަހަރު ދުވަސް ވާންދެން ދިގުދަންމައިފައިވާ ހިސާރުގެ ސަބަބުން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ބަލިވެގެން ހަސްފަތާލަށް ދިއުމަށް ދާންދެން ހިފަހައްޓައިފައިވާ ކަމަށް ޑޮކްޓަރ ޢަލަވީ ވިދާޅުވިއެވެ. މީގެ އިތުރަށް އަލިފުދާލުން ވައުދުވެފައިވާ ހައްލު ހޯއްދަވައިދެއްވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި 1973 ވަނަ އަހަރުން ފެށިގެން ކަޝްމީރުގެ ރައްޔިތުންނާ އެރއްވެސް ވާހަކައެއް ދައްކަން އިންޑިއާއިން އެއްބަސް ވެފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަޝްމީރުގައި އިންޑިއާއިން އަތްގަދަކޮށްގެން އުޅޭ ސަރަހައްދަކީ އިންޑިއާގެ ބައެއް ނޫން ކަމަށާއި ކަޝްމީރުގެ ރައްޔިތުން މިހާރުވެސް ބޭނުންވަނީ މިނވަންކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ މުނާސަބަތުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާންވެސް ވަނީ ޚިޔާލު ފައުޅު ކުރައްވައިފައެވެ. އޭނާގެ ކުރެއްވި ޓުވީޓެއްގައި ފާހަގަ ކުރައްވައިފައިވާ ގޮތުގައި އިންޑިއާއިން މިހާރުވެސްއ އެތިބީ ޣައިރުގާނޫނީ ގޮތުން ކަޝްމީރުގެ މައްޗަށް ގަދަވެގަނެ ހިސާރުކޮށްގެންނެވެ. ކަޝްމީރުގެ މިނިވަންކަމަށްޓަކައި އަޑު އުފުއްލެވުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށް ޢިމްރާން ޚާން ވިދާޅުވިއެވެ.

ކަޝްމީރަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވާ ސަރަހައްދެކެވެ. ވުމާއެކު އެފަދަ ތަނެއް އަމިއްލަ ކޮށްގަތުމަކީ އިންޑިއާއިން ކުޅަ އިދިކީލި ކަމެއް ކަމަށް އަލިފުދާލުންވެސް ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އެކަމާ ދެކޮޅުހެދިވެސް މެއެވެ. އެހެންނަމަވެސް އިންޑިއާއިން އަބަދުވެސް ބުނަމުން ގެންދަނީ އެއީ އިންޑިއާގެ ދާޚިލީ ކަމަކަށް ވާތީ އެކަމާ ދުނިޔޭގެ އެހެން ބަޔަކު ބެހިގެން ނުވާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.