ތީ ފުރާނައިގެ ދިރުމޭ މަގޭ... - 25 (އެންމެ ފަހު ބައި)

(22 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަންސަވީސް ވަނަ ބައި

ހޮސްޕިޓަލުގެ މައިގޭޓް ކައިރީ މަޑުކުރުމަށްފަހު އަރުޝަދު ގުޅީ ޒީނާގެ ދޮންތައަށެވެ. ދެން ފެނުނީ އިރުކޮޅަކުން އައިސް އެމީހުންކައިރީ މަޑުކުރި މެދު އުމުރަށްވުރެ ޒުވާން އަންހެނެކެވެ. އެއީ ހަމަ ޒީނާގެ ނަކަލެކެވެ. އެހާވެސް ވައްތަރެވެ. ޒީނާއަށް ވުރެ ތަންކޮޅެއް އިސްކޮޅުން ކުރީއެވެ.

އެވަގުތު އަރުޝަދު ޒިވިޔާ، ޒީނާގެ ދޮންތައަށް ތަޢާރަފުކޮށްދިނެވެ.

''މިއީ ޒީގެ އެންމެ ގާތް އެކުވެރިޔާ''

''އެނގޭ!'' ރުއިމުގެ ސަބަބުން ދެލޯ ރަތްވެފައިވާ ޒީގެ ދޮންތަ ޖަވާބު ދެމުން ހިނގައިގަތީ ކުރިއަށެވެ.

''އައިރާ ކޮބާ!'' އަރުޝަދު ބުނި އެއްޗެއްގެ އަޑު ޒީގެ ދޮންތައަށް އިވުނު ހެނެއް ހިއެއް ނުވެއެވެ.

އަރުޝަދުގެ ޙަރަކާތްތައް ހުރީ ވަރަށް އަވަސް ވެފައެވެ. އަރުޝަދުގެ ޙަރަކާތް ހުރިގޮތުން އަދި މި ފެންނަ މަންޒަރުން ޒިވިޔާ ހުރީ ކޮންމެވެސް ވަރަކަށް އޮޅުން އަރާފައެވެ. މިއީ ކުރިން އަރުޝަދާ ދިމާވެފައި ތިބި ދަންނަ ބައެއްތޯ އަހާފާނަމޭވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން މަޑުން ހުރީއެވެ. ކުރިއަށް އިޝާރާތް ކުރަމުން ޒީނާގެ ދޮންތަ ގޮސް މަޑުކޮށްލި ދޮރުން އަރުޝަދު ވަނުމުން ޒީނާގެ ދޮންތަ ބުނީ ނައިރާ ހުރީ ގަދަވެ ސަލާމަތުން ކަމަށާ ބަލިވެ އުޅެނީ ޒީނާ ކަމަށެވެ. ޒީނާގެ ދޮންތަގެ ވާހަކައިން ޙައިރާންކަން ލިބުނު އަރުޝަދު ކޮންމެވެސް ވަރަކަށް ނުރުހުނުކަން އެނގުމުން ޒީނާގެ ދޮންތަ އަރުޝަދާ ގާތްވެލުމަށްފަހު އިޝާރާތް ކުރީ އެތެރެއަށް ވަނުމަށެވެ. ހިތް ހަމަ ނުޖެހުނު ނަމަވެސް ޒީނާ އެއީ އަނބިމީހާ ކަމަށްވާތީ އަރުޝަދުގެ މައްޗަށް ހައްޤުތަކެއް ވާކަމަށް ގަބޫލު ކުރެވުނެވެ. ޒީނާގެ ދޮންތަ ހުޅުވައިލި ދޮރުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަރުޝަދު ގަނޑުވިއެވެ. މި ހޭދަވި ވިހި ވަރަކަށް ދުވަސް ތެރޭ ޒީނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނުމުން އަރުޝަދުގެ ހިތަށް ކުރީ ބަޔަން ނުކުރެވޭ ވަރުގެ އަސަރެކެވެ. ފެންކަޅިވެފައިވާ ދެލޮލުން ޒީނާއަށް އަރުޝަދު ބަލަހައްޓައިގެން ހުއްޓާ ޒިވިޔާ ދުވެ ގޮސް ޒީނާ ގައިގާ އޮޅުލައިގަތެވެ.

''ޒީ، ޒީ އަޅެ! ޒީ .... ކީއްވެތަ މާބޮޑަށް ބަލިވީ! ކިހިނެތްވެފަތަ ތިއޮތީ! ބުނެބަލަ! ހާދަ ބޮޑަކަށޭ މީހާ ބަދަލުވެފަ ތި އޮތީ!''

ރޮމުން ރޮމުން ޒިވިޔާ ވާހަކަ ދެއްކިއިރު ޒީނާ ހިތްވަރުކުރަމުން ދިޔައީ ދެލޮލުން އޮހެން ތައްޔާރަށް ހުރި ކަރުނަތައް ހިންދާލެވޭތޯއެވެ. މިއަދު ރޯކަށް ޒީނާ ބޭނުމެއްނޫނެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން ޒީނާގެ ފުއްޕާމެއަށް ކެންސަރ ޖެހިފައިވާކަމަށް ޑޮކުޓަރ ބުނި ހިސާބުން މިއަދާ ހަމައަށް ވާވަރަށް ޒީނާއަށް ކަރުނަ އޮއްސިއްޖެއެވެ. އިތުރަށް ރޮއެ ހިތާމަ ކުރާހާ ހިތްވަރެއް އަދި ވަގުތެއް ވެސް ޒީނާގެ މި ކުރު ޢުމުރުގައި ނެތްކަމަށް ޒީނާ ދުށްޓެވެ.

ޒިވިޔާ މާބޮޑަށް ވަރުބަލި ވެއްޖެހެން ހީވުމުން ޒީނާ މޫނު އަނބުރައި ބަލައިލީ އެނދުގެ ބޯލާކޮޅުގައި ހުއްޓި ހުރި އަރުޝަދާ ދިމާއަށެވެ. އޭރު ޒިނާއާ ދިމާއަށް ގުދުވެ އޮތް އަރުޝަދުގެ ލޮލުން ޒީނާއަށް ފެނުނީ މީގެ ކުރިން ދުވަހަކުވެސް އެ ލޮލުން ނުފެންނަ އަސަރެކެވެ. އޯގާތެރިކަމެވެ. ވޭނެވެ. ހިތްދަތިކަމެވެ. ޒީނާ ބަލައިލުމުން އަރުޝަދުގެ އަނގައިން ބޭރުވި އެ ލަފުޒުތައް ޒީނާގެ މޭ ފޫއަޅުވައިލިއެވެ.

''ޒީ، އައިމް ސޮރީ!''

ޒީނާގެ ހިތް ތެޅިލިއެވެ. ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ހިތަށް ލިބުނީ ފިނިކަމެކެވެ. އެއަޑުން އެ ބަލައިލުމުން ހައްޓަށް ވެސް ލިބުނީ ފިނިކަމެކެވެ.

އަރުޝަދުގެ އަޑު އިވުމުން ޙައިރާންކަމާ އެކު އިސް އުފުލާލާ ޒިވިޔާ ބަލައިލީ އަރުޝަދަށެވެ. ދެން ޒީނާއަށެވެ.

އަމިއްލަ ހިތަށް ބާރު ފޯރުވަމުން ޒީނާ އަތް ދިއްކޮށްލީ އަރުޝަދާ ދިމާއަށެވެ. އަދި ޒީނާގެ އަނެއް އަތުގައި ހިފައިގެން އެނދުގެ މަގަތުގައި އެއް އަރިއަކަށް އިށީނދެ އިން ޒިވިޔާއާ ވީފަރާތަށް އެނބުރެމުން ވާހަކަ ދައްކަން ފެށިއެވެ. ވަރުބަލި އަޑަކުންނެވެ. ހުއްޓަމުން މެދު ކެނޑެމުންނެވެ. ޒިވިޔާގެ ލޮލުން ފެނުނީ ޖަވާބު ބޭނުން އެތައް ސުވާލެކެވެ.

''ޒިވީ! މިއަދު ވެސް އަނެއްކާ އަހަރެން ބޭނުން ޒިވީ ގާތު ކަމަކު ކިޔަން! އަހަންނަށް އެނގޭ ޒިވީ އަހަރެންގެ އެދުން ބޮލާލާ ނުޖަހާނެކަން!''

ޒީނާގެ ވާހަކަ މެދު ކަނޑާލަމުން ޒިވިޔާ ބުނީ ބުނި ކޮންމެ ކަމެއް ޒީއަށްޓަކައި ކޮށްދޭން ތައްޔާރަށް ހުރިކަމަށެވެ.

''ޒިވީގެ ޢަމްރުގެ ބައްޕައަކީ އަރުޝަދު ދޯ! ޒިވީގެ ގެއްލުނު ލޯތްބަކީ އަރުޝަދު ދޯ! އެދުވަހު ބުނަން އުޅުނު ވާހަކަ އަކީ މިއީނު!''

ޒީނާގެ ވާހަކަ އަޑުއިވުމުން ޒިވިޔާ ބޯޖަހާލަމުން ބަލައިލީ އަރުޝަދުގެ މޫނަށެވެ. މިލާފައިވާ އެ މޫނުން ފެންނަނީ ހިތްދަތިކަމެވެ. މާޔޫސްކަމެވެ. ކީއްވެހެއްޔެވެ!

ޒިވިޔާގެ ސަމާލުކަން އަނެއްކާވެސް ޒީނާގެ ވާހަކަތަކަށް ހުއްޓާލަން މަޖުބޫރުވިއެވެ.

''ޒިވީ، ބޭނުންތަ އަހަރެންގެ ފިރިމީހާ ހަސަންއާ ބައްދަލުކުރަން!''

ޒީނާ މި ބުނިއެއްޗަކުން އަރުޝަދަށް ތެޅިގަނެވުނެވެ. ޒީނާ ހިފަހައްޓައިގެން ހުރި އަތް ދަމައި ނުގަނެވުނީ ވެސް ކިރިޔާއެވެ. އެހެންނަމަވެސް ކެތްތެރި ވަމުން އިސްޖަހައިލިއެވެ.

ޒިވިޔާ އަރުޝަދުގެ މޫނަށް ބަލައިލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. ޢަމްރު ކައިރީ ބައިންދައިގެން ސޯފާގައި އިށީނދެ އިނދެ ކަރުނަ ފޮހެމުން ދިޔަ ޒީނާގެ ދައްތަ ނޫން މީހަކު ދެން އެ ކޮޓަރިއަކުން ޒިވިޔާއަކަށް ނުފެނުނެވެ. އެހެންކަމުން ޙައިރާންކަން އެކުލެވިގެންވީ ނަޒަރަކުން ޒީނާއަށް ބަލައިލީ ކޮބައިހެއްޔޭ އަހާލާފަދަ ގޮތަކަށެވެ.

''ޒިވީ ޕްލީޒް،އަދި އެއްފަހަރު ވައުދުވޭ! އިވޭ އަޑަކުން އަހަރެން ގާތު ދެންމެ ތިވީ ވައުދު ދޫކޮށްނުލާނެކަމަށް!"

ޒިވިޔާ ބުނި އެއްޗަކަށް ވިސްނާވެސް ނުލާ ޒވިޔާ ބޯ ޖަހައިލިއެވެ.

"ނުވާނަން ވައުދާ ޚިލާފެއް! ... ނުވާނަން! .... ޒީ އެދުނު ކޮންމެ ކަމެއް ކޮށްދޭނަން!"

ޒީނާ މަޑުކޮށްލިއެވެ. ހަށިފުރާ ދެތިން ނޭވާ ބޭރުކޮށްލެވޭތޯ ބުރަ މަސައްކަތްތަކެއް ކުރަމުން ވާހަކަ ދެއްކިއެވެ.

"މީޓް މައި ހަޒްބެންޑް، ހަސަން!'' އަރުޝަދުގެ އަތް ގެންގޮސް ޒިވިޔާގެ އަތުގެ ތެރެއަށް ލައިދެމުން ޒީނާ ބުންޏެވެ.

''ނޫން ނޫން، ތިހެނެއް ނުވާނެ! ތީ ސަމާސާއެއް! ޒީގެ ހަސަން އެއީ އަރުޝަދެއް ނޫން! ހަސަން އެއީ އަރުޝަދަކަށް ނުވާނެ!...... ނުވާނެ!''

ޒީނާ ހިފަހައްޓައިގެން ހުރި އަތް ދަމައިގަންނަމުން ޒިވިޔާ ފުންމައިގެން ތެދުވެއްޖެއެވެ. އަދި އެނދު ވަށާލާފައި އައިސް ހުއްޓުނީ އަރުޝަދު ގާތުގައެވެ. އަރުޝަދުގެ އަތުގެ އުޅަބޮއްޓާވީ ހިސާބުގައި ހިފައި އަނބުރާލަމުން ޒިވިޔާ އުޅުނީ އެތައްބައިވަރު ސުވާލެއް އެއްފަހަރާ ކުރާށެވެ! އެހެންނަމަވެސް އަރުޝަދުގެ މޫނުމަތީގެ ކުލަވަރާއެކު އިސްޖެހިފައި ހުރުމުން ޒިވިޔާއަށް ވަރަށް ގިނަ ކަންކަން ދެނެގަނެވުނެވެ. މަޑުމަޑުން އިސް އުފުލެމުން ދިޔަ އަރުޝަދުގެ މޫނަށް ބަލަން ހުރި ޒިވިޔާއަށް ބޭއިޚުތިޔާރުގައި އަރުޝަދުގެ އަތުން ދޫކޮށްލެވުނެވެ. އަދި ކޮޓަރީގެ ދޮރާ ދިމާއަށް ވަރުބަލި ގޮތަކަށް ހޫރެމުން ހިނގައިގަތެވެ. ދުވެފައި ދެވޭނެނަމަ ދިޔައީހީ ދުވެފައެވެ. ޒިވިޔާ ދުރުވަމުން ދިޔަ މަންޒަރު ބަލަން އޮތް ޒީނާ ގޮވައިލީ ވަރުބަލިއަޑަކުން ޒީނާގެ ދޮންތައަށެވެ. މާނަވީ ގޮތަކަށެވެ.

އަރުޝަދު ހަމަ ހުރީއެވެ. ކުށްވެރިއަކު ފަދައިން އިސް ޖެހިފައެވެ. ލަދު ގަނެފައެވެ. ދުނިޔެ މި ދެއްކި ކުލައަށް ކުރިމަތިލާން އުނދަގޫ ވެފައެވެ. މި ހާލަތާ ކުރިމަތިލުމުގެ ހިތްވަރު މުޅިން އެލިފައެވެ.

ޒީނާގެ ދޮންތަ އައިސް ހިފެހެއްޓި ޒިވިޔާގެ ކޮޑުގައެވެ.

''ޒިވީ، މިއީ ކެތްތެރިކަމާއެކު ކަންތައްތައް ނިންމަންވީ ވަގުތެއް! ހިތުގެ މައްޗަށް ސިކުނޑީގެ ބާރު ފޯރުވާ! ޒީނާގެ އެދުމަށް އެކަނި ވިސްނާލާފައި ވިޔަސް ހެޔޮ! އެ ފަކީރު އެއީ ކެންސަރުގެ މޫ މުޅި ހަށިގަނޑަށް ފެތުރިފައިވާ މަދު ވަގުތު ކޮޅެއްގެ މެހްމާނެއް! ތި ދެކުދިންނަށް އެކަކު ދެކެ ލޯބި ވެވުން އެއީ އެއްވެސް ކުއްޖެއްގެ ކުށެއްނޫން! އަދި ހަސަން ޒީނާއާ ކައިވެނި ކުރީ ޙާލާތު އެވަގުތު އެކަމަށް މަޖުބޫރުކުރީމާ! ޒީގެ އެދުމަށް މިއަދު ޒިވީ ނޫނެކޭ ބުނެ ފުރަގަސް ދީފިއްޔާ ފަހުން،..... ފަހުން މުޅި އުމުރަށް ޒިވީ ހިތާމަ ކުރާނެ! އެހެންވީމަ ނުދޭ! ހަސަންއަށް މަޢާފު ކުރޭ! ހަސަން ލޯބިވަނީ ޒިވީ ދެކެނު! ވީއިރު ޒީ އެ އެދޭ ގޮތަށް ކަންތައް ކޮށްދީ! އިންސާނިއްޔަތަށްޓަކައި ކަމަށްވިޔަސް ހެޔޮ! އާދޭސް މި ކުރީ! ....... ޒީ އެހާލަތުގައި އޮތްވާ އިތުރު ބުރައެއް އެ ފަކީރުގެ ސިކުނޑިއަށް ނުޖައްސާ!'' ޒީނާގެ ދޮންތަ އަޑުން އަޑު ނަގައި ރޮއެގަތެވެ.

ޒިވިޔާ އެ ހުރި ގޮތަށް ހުރީއެވެ. ގޮތް ނިންމާނެ ކޮޅެއް ނޭނގިފައެވެ. ޒިވިޔާ ސަމާލުވާން މަޖުބޫރުވީ އަރުޝަދު ވަރަށް ބާރަށް ޒީ އޭ ކިޔައި ގޮވައިލި އަޑަށެވެ. ޒިވިޔާ އެނބުރި ބަލައިލިއެވެ. ލަސްލަހުންނެވެ. ޒީނާ ނޭވާ ހާސްވެ ތެޅި ފޮޅެނީއެވެ.

ޒީނާ އޮތް އެނދުގެ ކައިރިއަށް ޒިވިޔާއަށާ ޒީނާގެ ދޮންތައަށް ދުވެ ދެވުނު އިރު އަރުޝަދު ޒީނާ ތެދުކޮށްގެން ބުރަކަށީގައި ފިރުމަނީއެވެ. ޒީނާއަށް ފަސޭހައިން ނޭވާ ލެވޭތޯ މަސައްކަތް ކުރަނީއެވެ. އެހެންނަމަވެސް ޒީނާގެ ނޭވާ ކުރުވަމުންދާކަން އަރުޝަދަށް އެނގުމުން ދެން އަވަސްވެގަތީ ޒީނާ ބޭއްވުމަށްފަހު ޑޮކްޓަރަށް އެނގުމަށެވެ.

އެންމެ ލޯބިވާ ރަޙުމަތްތެރިޔާގެ ބަލި ޙާލަތު ޒިވިޔާގެ ހިތަށް ބުނަން ނޭނގޭ ވަރަށް އަސަރު ކުރުވައިފިއެވެ. ޑޮކުޓަރ އައިސް ޒީނާ ބެލުމަށްފަހު ދެވެން ހުރި ފަރުވާ ދިނީ އިތުރު ތަފްސީލް އަރުޝަދަށް ކިޔައިދެމުންނެވެ. ޑޮކުޓަރ ވާހަކަ ދައްކަމުން ދިޔައީ އަރުޝަދަށް އެކަނި އިވޭ ވަރަށެވެ. އެހެންނަމަވެސް އަރުޝަދުގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަ، ތިއްކަކަށްފަހު ތިއްކެއް ވެއްޓި، ލައިގެން ހުރި ފެހި ކުލައިގެ ރޮނގު ދެމި ޓީޝާޓްގެ ތެރެއަށް އޮބިގެންދާ މަންޒަރު ބަލަން ޒިވިޔާ އިނީ ޖެހި ބުދެއްހެން ހަރަކާތް ހުއްޓިފައެވެ. ސިކުނޑި ވަނީ މުޅިން ހުސްވެފައެވެ. އެންމެ އެކުވެރި ލޯބިވި ރަޙުމަތްތެރިޔާ އަބަދަށް ވަކިވަނީކަމަށް ހިތް ބުނަނީއެވެ. އެކަމަށް މާގިނަވަގުތެއް ނެތްކަމުގެ ރަނގަބީލުގެ އަޑުން ޒިވިޔާގެ ކަންފަތް ބައްވަނީއެވެ.

ޒީނާގެ ހާލު އިތުރަށް ގޯސްވީ ޢަމްރު ގޮވައިގެން ޒީނާގެ ދޮންތަ ގެއަށް ދިޔަ ފަހުންނެވެ. ޒީނާ ގާތުގައި މަޑުކުރީ އަރުޝަދާ ޒިވިޔާއެވެ. ޒީނާގެ ދޮންތަ އެ ގޮތަށް ކަންތައް ކުރީ އަރުޝަދު އެތައްފަހަރަކު ކިޔައިގެންނެވެ.

އެއް އެނދުގެ ދެފަރާތުގައި ދެމީހުން ތިއްބަސް އެކަކުވެސް އަނގައަކުން ނުބުނެއެވެ. ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވެނީ ކުށްކުރެވުނީ އެމީހާއަށް ކަމަށެވެ. ފާއިތުވި މާޒީ އަލުން އަނބުރާ ލިބޭނެ ނަމަ ޒިވިޔާ އޭނަގެ މާޒީއިން އެއްކޮށް އަރުޝަދުގެ ނަން ޑިލީޓްކޮށްލީހެވެ.

މާޒީ އެއީ އިޢާދަވާ އެއްޗެއްނަމަ މަންމަ ކިތަންމެ ވަރަކަށް ބުންޏަސް އަރުޝަދު، ޒީނާއަށް އަނތްބެއްގެ މަގާމެއް ނުދިނީހެވެ. އަރުޝަދު ވިސްނީ ޒިވިޔާ ވިސްނި ދިމާއަކަށް ނޫނެވެ. އެއީ އޭރު ވެސް ޒީނާއަށް ޒީނާ ބޭނުންވާ އުފާ ހޯދާ ނުދެވޭކަން އަރުޝަދު ހިތުން ރުހުމުން ގަބޫލުކުރާތީއެވެ.

އަރުޝަދު، ދެލޯ މެރިފައި އޮތް ޒީނާއަށް ބަލައިލިއެވެ. ދިރިހުރުމުގެ އެންމެ ފަހު މިނިޓްތައް ގުނަމުން ދިޔަ އޭނަގެ އަލަތު އަނބިމީހާއަށް ހިތާހިތުން ހެޔޮ ދުޢާ ކުރެވުނެވެ. އަދި ތެދުވެގެން ގޮސް ޒީނާގެ އަތް ގެންގޮސް ކޮލުގައި ޖައްސައިލައިގެން ދެއަތުން އެ އަތުގައި ހިފަހައްޓާލައިގެން އިން ޒިވިޔާ ގާތަށް ހުއްޓި ޒިވިޔާގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. ޒިވިޔާ އިންގޮތުން ދުވަހަކުވެސް އެ އަތުން ދޫކޮށްލަން ބޭނުން ނުވާފަދައެވެ.

ޒިވިޔާ އިސް އުފުލާލާ އަރުޝަދަށް ބަލައިލުމުން އަރުޝަދުގެ ހިތް ކަތިލެވިގެން ދިޔައެވެ. އެ ދެ ލޮލުން އަރުޝަދަށް ފެނުނީ ވޭނެވެ. ހިތާމައެވެ. ރަޙުމަތްތެރިޔާއަށްޓަކައި އެ ހިތުގައިވި ކުލުނެވެ. އެ ދެމެދުގައި އޮތް ސާފު ގުޅުމެވެ.

އެންމެ ފަހުން ކެތްނުކުރެވިގެން ސޯފާ ބެޑްގައި އޮށޯވެލަން ދާން އަރުޝަދު ޒިވިޔާ ގާތު އެދުނެވެ. އެހެންނަމަވެސް އެ އަޑު ޒިވިޔާއަށް ނީވޭފަދައެވެ. ޒީނާގެ އަތުގައި ހިފެހެއްޓި ގޮތަށް އެ އަތުގެ އިނގިލިތަކަށް ބަލަހައްޓައިގެން ޒިވިޔާ އެތައްގަޑި އިރަކު އިނެވެ. ބައެއް ފަހަރު އިނގިލިތައް ގެނެސް މޫނުގައި ހާކާލައެވެ. ނޫނީ ފިރުމާނެއެވެ. އަނެއްބައި ފަހަރު ގުދުވެ ނިތުގައި ބޮސްދީފާނެއެވެ.

އަނެއްކާވެސް ޒީނާ ނޭވާ ނުލެވިގެން ތެޅެން ފަށައިފިއެވެ. އެއީ ހިތްދަތި މަންޒަރެކެވެ. ލޯބިވާ މީހަކަށް އެމީހަކު ލޯބިވާ ފަރާތެއް މި ހާލުގައި އުޅޭ މަންޒަރު ބެލުން އެއީ ކުޅަދާނަ ކަމަކަށް ނުވާނެކަން ކަށަވަރެވެ.

ޑޮކުޓަރުން އައިސް ދެމުން ދިޔަ ފަރުވާ ހުއްޓާލަން ޖެހުނީ ޒީނާ މި ފަނާވަނިވި ދުނިޔެއާ އެންމެފަހުން ވަކިވުމުންނެވެ. އަރުޝަދަށް ޒީނާ މުހިންމުވަރު އެވަގުތު ޒިވިޔާއަށް ވިސްނުނެވެ. ޒީނާގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލަ އޮޅުލާފައި ރުޔެވެ. އެނބުރި އަންނަން އާދޭސް ކުރިއެވެ. ދުވަހަކުވެސް ވަކި ނުވާނެ ކަމަށާ ދެރަވާނެ ކަމެއް ނުކުރާނެ ކަމަށް ބުނަމުން ދިޔައީ ޒީނާގެ ދެއަތް ގެންގޮސް މޫނުގައި ޖައްސާ ބާރުކޮށްގެން ހުރެއެވެ. އެ ވަގުތު ޒީނާގެ ޑޮކްޓަރ އައިސް އަރުޝަދަށް ހިތްވަރުދީ ވިސްނައިދެމުން ދިޔައެވެ. ޒިވިޔާގެ ސިކުނޑިވެސް މަސައްކަތް ކުރަން ފެށީ އެ ވަގުތުއެވެ. ފޯނު ނަގައި ތުރުތުރުލާ އިނގިލި ތަކަކުން ޒީގެ ދޮންތައަށް ގުޅަން މަސައްކަތް ކުރަމުން ދިޔައެވެ.

އަރުޝަދު އޭނަގެ ފުރަތަމަ އަނބިމީހާގެ ޖަނާޒާގެ އެންމެ ފަހުގެ ކަންތައް ނިންމާލުމަށްފަހު އައިރާ އުރާލައިގެން ޒިވިޔާ އާއި ޢަމްރު ވެސް ގޮވައިގެން ދިޔައީ ޒީނާގެ ދޮންތަމެން އުޅޭ ގެއަށެވެ. އޭރު ރިހެމުން ދިޔައީ މޭގައި އެކަންޏެއް ނޫނެވެ. ބޮލުގައި ވެސް އެހާވަރަށް ރިއްސައެވެ. ޒީނާގެ ދޮންތަ ޒިވިޔާއަށްޓަކައި ޒީނާ ފަދައެވެ. އެ ދެމެދުގައި އޮތީ ކިހާވަރެއްގެ ތޯހިރު ގުޅުމެއްކަން ޒީނާގެ ވާހަކަ ތަކުން ޒީނާގެ ދޮންތައަށް އޮތީ އެނގިފައެވެ. އެހެންކަމުން ޒިވިޔާ އަކީ ވެސް ބަލި މީހެއްކަން ދަނެ ޒިވިޔާ އަށާ ޢަމްރުގެ ކަންތައްތައް ވެސް ބަލަހައްޓަމުން ދިޔައީ އަރުޝަދާ އައިރާގެ ކަންތައްވެސް ބަލަހައްޓަމުން ދިޔަ ފަދައިންނެވެ. ހަށިގަނޑުގައި ނެތް ހިތްވަރު ލައިގެންނެވެ. ޒީނާގެ ދޮންތަގެ ފިރިމީހާވެސް އެހާ ހެވެވެ.

އެކޮޅުގައި އަރުޝަދު ހޭދަ ކުރި ކޮންމެ ދުވަހަކު ޒިވިޔާ އާއި އައިރާ ގޮވައިގެން ޒީނާގެ މަހާނަދޮށަށް ޒިޔާރަތް ކުރިއެވެ. ޒީނާއަށް ހެޔޮ ދުޢާ ކުރުމުގައި އެތައް ވަގުތެއް ހޭދަ ކުރިއެވެ. މިއަދު މިއީ ގައުމަށް އެނބުރި ދިއުމުގެ ކުރިން އެމީހުން ޒީނާގެ މަހާނައަށް ޒިޔާރަތްކުރާ ފަހުދުވަހެވެ. އެހެންކަމުން އެނބުރި ހިނގައިގަތްއިރު އެއިން ކޮންމެ މީހެއްގެ ލޮލުގައިވީ ނުހިކޭ ކަރުނައެވެ. މޭގައިވީ ނުފިލާ ރިހުމެކެވެ. ބަނދެވިފައިވަނީ ނުނެތޭނެ ހަނދާންތަކަކުންނެވެ.

އާއެކެވެ. އެއިން ކޮންމެ މީހެއްގެ ހަޔާތާ ޒީނާއާ ވަނީ ގުޅި ލާމެހިފައެވެ. ވަކި ނުވާނެ ގުޅުމަކުންނެވެ. ކޮންމެ މީހެއްގެ ހިތުގައިވަނީ ޒީނާގެ ހަނދާންތައް ފަނާ ނުވާނެ ގަލަމަކުން ލިޔެ ސިއްކަ ޖެހިފައެވެ.

ފަސް އެނބުރި އަރުޝަދު ޒީނާގެ މަހާނައާ ދިމާއަށް ބަލައިލީ ޒީނާގެ އަޑު އވުނުހެން ހީވުމުންނެވެ. "ހަސަންއެވެ. އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލައްޗެވެ. އެއީ އަހަރެންގެ ފުރާނައިގެ ދިރުމެވެ. އަހަރެން ދުނިޔެއަށް އައިކަމުގެ ހަމައެކަނި ނިޝާނެވެ. އެ ނިޝާނަށް ރައްކާތެރި ވައްޗެވެ." އަރުޝަދުގެ ހިނގުމަށް ހުއްޓުމެއް އައެވެ. އެހެންނަމަވެސް  ފަސްއެނބުރި ބަލާނުލާ އައިރާ ނަގައި އުރާލަމުން ނިތުގައި ބޮސްދިނެވެ. އައިރާ ގަޔާލާ ބޮނޑިކޮށްލީ ދެންމެ އެ އިވުނުހެން ހީވި އަޑަށް އެދެވުނީ ޖަވާބެއްކަމަށް ނިންމަމުންނެވެ.

(ނިމުނީ)

 

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.