ތީ ފުރާނައިގެ ދިރުމޭ މަގޭ... - 13

(6 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތޭރަވަނަ ބައި

އެ ދުވަހު އަރުޝަދު ޑިއުޓީއަކަށް ނުނިކުމެއެވެ. ދެ ދުވަހުގެ ޗުއްޓީއެއް ނެގީއެވެ. ބަލިކަމުގެ ނަމުގައެވެ. ތެދެކެވެ. އަރުޝަދު ބައްޔެވެ. ބަލީ ހިތެވެ. ހިތުގެ ވަރެވެ. ހިތްވަރެވެ. ޒިވިޔާގެ ކުރިމައްޗަށް އަރާހާ ހިތްވަރެއް ނެތީއެވެ. އޭނާގެ އެ ކުށްވެރި މޫނު ޒިވިޔާއަށް ދައްކާނެހާ ހަކަތަ ލިބެންދެން ހުންނާނީ ޗުއްޓީގައެވެ.

އަރުޝަދަށް ސައި ހަދައިގެން ހުރެ ހުރެ ޚަބަރެއް ނުވުމުން ޒިވިޔާގެ މަންމަ ދިއައީ ގެއަށެވެ. އަދި އޭރު ޒިވިޔާ ވެސް ނުތެދުވެއެވެ. އެހެންކަމުން ޒިވިޔާއަށް ގޮވަން ފަށައިފިއެވެ. ހޭލާ އޮތް ޒިވިޔާގެ ދެލޮލުން އޭރު ވެސް ކަރުނަ ނުހިކެއެވެ. ކުރެވުނު ކުށަށް އެތައްފަހަރަކު ތައުބާ ވެވިއްޖެއެވެ. ފަތިސްނަމާދަށް ފަހުވެސް ޒިވިޔާ ދުޢާކުރަމުން ދިއައީ ކުރެވުނު ފާފަ ފުއްސަވާތޯއެވެ.

''ދަރިފުޅާ! ނުހޭލަނީތަ!'' ޒިވިޔާގެ މަންމަ އިރު އިރުކޮޅާ ގޮވާތީ އެ ކުށްވެރި މޫނު މަންމައަށް ދައްކަން ބޭނުން ނުވިއަސް މަންމައާ ކުރިމަތިލާން އެބަހެޖެއެވެ. އެހެންކަމުން މަޑުމަޑުން ނިކުމެ ކާކޮޓަރިއާ ދިމާއަށް ދިޔައެވެ. ވާރޭ ނުވެހުނަސް އަދިވެސް މާހައުލު އޮތީ ފިނިކޮށް ކަމުން ދެތިން ކިނބިހި ފުލުފުލުގައި އެޅިއްޖެއެވެ. ގޭސް އުނދުން ކައިރީ ހުރި މަންމަ އެނބުރިލީ ޒިވިޔާ ކިނބިހި އަޅާ އަޑަށެވެ.

''ކިހިނެތްވީ! ރޯނގާ ޖެހުނީތަ!'' މަންމަ ކަންބޮޑުވެފައި ހުރެގެން އައިސް ޒިވިޔާގެ ނިތްކުރީގައި އަތުގެ ނުފުށް ޖައްސައިލިއެވެ.

''ސުބުޙާނަﷲ! ތިހިރީ ހުން އައިސްނު! ދަރިފުޅަކަށް ނޭނގޭތަ!'' މަންމަ ޒިވިޔާ ބަލިވެއްޖެއްޔާ ވަރަށް ކަންބޮޑުވާނެއެވެ.

''ރަނގަޅުވެދާނެ! ސައިބޮއެގެން ބޭސް ގުޅައެއް ކާލާނީ!'' މަންމަ ހިތްހަމަ ޖައްސައިދިނުމަށްޓަކައި ހަމަ ޖެހޭ ގޮތް ދައްކަމުން ނޭފަތް ދަމާލަމުން ޒިވިޔާ ވާހަކަ ދެއްކިއެވެ. މަންމަ ރަނގަޅަށް ޒިވިޔާގެ މޫނަށް ނުބެލިކަން ނަސީބެކޭ ޒިވިޔާ ހިތަށް އެރިއެވެ.

ސައި ބޯން އިށީން ޒިވިޔާގެ އަރުން އެންމެ ރޮށިކޮޅެއް ވެސް އެތެރެ ނުވިއެވެ. އެންމެ ފަހުން އެއްވެސް ރަހައެއް ނުދިން ސައިތަށި އެއް ނޭވާއިން ހުސްކޮށްލުމަށްފަހު އަނެއްކާ ވެސް ގޮސް ވަނީ ކޮޓަރިއަށެވެ.

ޑޮކުޓަރ އަރުޝަދަކީ މިވީ ފަސްވަރަކަށް މަސްތެރޭ ދުވަހަކުވެސް ސަލާމް ނެންގެވި ޑޮކުޓަރެއް ނޫނެވެ. އެ ހޮސްޕިޓަލުގައި މިހާތަނަށް މަސައްކަތް ކުރެއްވި އެހެން ޑޮކުޓަރުންނާ ޑޮކުޓަރ އަރުޝަދު ތަފާތުވާ މިވެސް އެއް ސިފައެވެ. އެދުވަހު ޑޮކުޓަރ އަރުޝަދު ސަލާމް ބުނުއްވިކަން އެނގުމުން އަސްލަމު ވަރަށް ކަންބޮޑުވިއެވެ. އެހެންކަމުން އެކަން އެނގުމުން ލަސްނުކޮށް އަރުޝަދަށް ގުޅާލިއެވެ. އޭރު މެންދުރުން އަނބުރާ ތިނެއް ޖެހީއެވެ.

''ހެލޯ، ކިހިނެތްތޯ ހާލުކޮޅު! އަނެއްކާ މާ ބޮޑަށް ބަލިވީތޯ!'' އަސްލަމު އަރުޝަދު ފޯނު ނެގުމުން އޮޅުންފިލުވަން ސުވާލު ކުރިއެވެ.

''ނޫން،  މާބޮޑުކަމެއް ނުވޭ! ކުޑަކޮށް ރޯނގާ ވައްތަރު ވެފަ ހުރީމަ....'' ޖުމްލަ އެއްކޮށް ނިންމާލުން ވެސް ވީ އަރުޝަދަށް އުނދަގޫ ކަމަކަށެވެ.

''އެހެންތޯ! މިއަދު މީ ކުރިން ސަލާމް ނުލިބޭ މީހުންގެ ސަލާމް ލިބުނު ދުވަހެއް! އަޅުގަނޑު ދާނަން މިރޭ!'' ސަމާސާ ރާގު ބަދަލު ކޮށްލަމުން އަސްލަމު މިހެން ބުނެފައި ފޯނު ބޭއްވީއެވެ. އަސްލަމު އެއިޝާރާތް ކުރި ސަލާމް ބުނި މީހުންގެ ތެރޭގައި ޒިވިޔާ ހިމެނޭކަން އޭރު ވެސް އަރުޝަދަކަށް ނޭނގެއެވެ. އެއީ ކޮންބައެއްތޯ ބެލުމުގެ ޝައުޤެއްވެސް ނެތެވެ.

ވިސްނުމާ ފިކުރުގެ ކަނޑެއްގައި ޣަރަގުވެ ބެހިގެންދާން ނަފުސު ދޫކޮށްލުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެނި އަރުޝަދު ޖެހިގެން އައިދުވަހު ޑިއުޓީއަށް ނިކުތެވެ. ޑިއުޓީގައި ހުއްޓަސް އޭނަގެ ދެލޯ ހޯދަމުން ދިއައީ އެންމެ ފަރާތެކެވެ. ސަމާލުކަން ދެވުނީވެސް އެކަމަށެވެ. ކުރީ ރޭގައި އެ ހިނގި ހާދިސާ އަށްފަހު ތަކުރާރުކޮށް މެސެޖު ކުރުމުން ވެސް އަދި ގުޅުމުން ވެސް ޒިވިޔާގެ އެއްވެސް ޚަބަރެއް އަރުޝަދަކަށް ނުވިއެވެ. ފޯނު އޮންނަނީ ނިންވާލާފައެވެ. މިހާލަތުގައި ޒިވިޔާގެ ހިތުގައި އަޅާނެ ވޭނާ، ކުރާނެ އަސަރާ، ތަޙައްމަލް ކުރާނެ ހިތްދަތިކަން އަރުޝަދަށް ވަޒަންކުރެވެއެވެ. އެހެންނަމަވެސް މި ވަގުތު ތަކުގައި ޒިވިޔާއާ ކިތަންމެ ގާތުގައި ހުންނަން އަރުޝަދު ބޭނުންވިއަސް އެއީކީ ވާނޭކަމެއް ނޫނެވެ. ޒިވިޔާ އެ ގޮތަކާ ޔަގީނުން ވެސް އެއްބަހެއް ވެސް ނުވާނެއެވެ. އެންމެ ކުޑަމިނުން އަރުޝަދުގެ ސޫރަ ވެސް ދެކޭކަށް ޒިވިޔާ ބޭނުމެއް ނުވާނެއެވެ.

އެ ޑިއުޓީއަކީ މާގިނަ ބަލިމީހުން ލިބުނު ޑިއުޓީއެއް ވެސް ނޫނެވެ. އެ ވެސް އަރުޝަދަށް ހަމަ ޖެހިލަން ލިބުނު ރަނގަޅު ފުރުސަތަކަށް ނުވިއެވެ. ބޭނުންވީ ވީހާ ބިޒީކޮށް އުޅެގެން މި ޚިޔާލު ތަކާ އިރުކޮޅަކަށް ނަމަވެސް ދުރުވެލުމެވެ.

ޑިއުޓީ ގަޑި ނިމިނިމި ހުއްޓާ މުއީޒާ ކޮންމެވެސް ޕޭޝެންޓަކާބެހޭ މައުލޫމާތު ސާފުކޮށްލަން އެ ރޫމަށް އަތުވެއްޖެއެވެ. އަރުޝަދު ހުރީ ޒިވިޔާއާ ބެހޭ ގޮތުން އަހާލަން ވަރަށް ކެތްތެރިކަން ކުޑަވެފައެވެ.

ދަންވަރު ޑިއުޓީ ނިމުމުން މުއީޒާ ހުރީ އަރުޝަދުގެ އިންތިޒާރުގައެވެ. ގެއަށް ދެވޭލެއް ލަސްވެފައެވެ. އަރުޝަދު ހުރީ އެއަށްވުރެ މާ ބޮޑަށް ލަސްވެފައެވެ. ޒިވިޔާގެ ޚަބަރެއް އެނގޭނީ މުއީޒާއާ ވާހަކަ ދެކެވިގެން ކަމަށްވާތީ އަވަހަށް ނިކުންނަން ބޭނުންވެފައެވެ. އެހެންކަމުން އަވަސް ކޮށްލައިގެން ގެއަށްދާން ނިކުމެއްޖެއެވެ. ދެލޯ ކެތްތެރިކަމެއްނެތި ހޯދަމުން ދިޔައީ ޒިވިޔާއެވެ. އެހެންނަމަވެސް މުއީޒާ އެކަނި ހުރިތަން ފެނުމުން މާޔޫސް ކަމާއެކު ބޯ ހޫރާލެވުނެވެ.

''ދެމީހުން އެކަނިތަ މިރޭ ދާންމިޖެހުނީ!''

ޒިވިޔާއާ ބެހޭގޮތުން ކޮންމެހެންވެސް އޮޅުން ފިލުވަން ބޭނުންވާތީ އަޑަށް ސަމާސާކަން ގެނުވަމުން އަރުޝަދު ސުވާލުކުރިއެވެ.

''ޒިވިޔާ ބަލިވެ އުޅޭތީ ޑިއުޓީއަށް ނުނިކުންނަތާ މިއަދަށް މިއީ ތިންވަނަ ދުވަސް! ނޭނގެ ވީ ގޮތެއް ވެސް! ފޯނެއް ނުނަގާ! ނިންވާލާފަ އޮންނަނީ! އަޅުގަނޑަކަށް ވެސް އަދި ނުދެވޭ ގޮވާލާކަށް ވެސް!''

ފައްޗަކަށް އަމުނާލަމުން މުއީޒާ ހުރިހާ ވާހަކައެއް ކިޔައިލިކަން ރަނގަޅެވެ. އިތުރު ސުވާލު ކުރަން ހަދައިގެން އަރުޝަދަށް އެ ވާހަކަ ތަކުން ކުރަމުން ދިއަ އަސަރު ފަޅާ އަރާފާނެތީ އަރުޝަދު ހުރީ  ބިރުންނެވެ. މުއީޒާ އިތުރު ތަފުސީލެއް ދޭތޯ ހުރެވުނީ ދުޢާ ކޮށްލަ ކޮށްލައެވެ.

''ޒިވިޔާ މަންމަ ބުނި ނުނިކުމެޔޯ ކޮޓަރިން ވެސް! ރޯނގާ ވައްތަރުވެފައޭ ހުންނަނީ! އަނެއްހެން މާބޮޑުކަމެއް ވެގެން އުޅޭ ވާހަކައެއް ނުބުނެޔޯ!'' ނަސީބަކުން ދެން ވެސް ވާހަކަ ދެއްކީ މުއީޒާއެވެ. ރަޙުމަތްތެރިއާގެ ހާލަށްޓަކައި އޭނާގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

މުއީޒާގެ ވާހަކަތަކުން ޒިވިޔާ އުޅެމުންދާ ހާލު ކޮންމެވެސް ވަރަކަށް އަރުޝަދަށް އެނގުނެވެ. އެފަކީރު ކުރަމުންދާ ހިތާމަ ކިތަންމެ ރީއްޗަކަށް ވެސް އަރުޝަދަށް ލަފާ ކުރެވުނެވެ. ޒިވިޔާއަށްޓަކައި އެހިތުގައިވަނީ ލޯތްބެވެ. ކުލުނެވެ. ރަޙުމެވެ. ހަމްދަރުދީއެވެ. މިތަނުން އެއްވެސް އިހުސާސެއް ޒިވިޔާއާ ހަމައަށް ފޯކޮށްދެވޭނެ ނެތީ ގޮތެކެވެ.

މިރޭވެސް އަރުޝަދު ގެއަށް ދެވުމުން އަވަސްވެގަތީ ޒިވިޔާއާ ފޯނުން ގުޅޭތޯއެވެ. އެކަމަކު ނަސީބު ދެރަކަމުން މިރޭވެސް އެ ފުރުސަތު ލިބޭ ގޮތެއް ނުވިއެވެ. ފަހުދުވަހު ޒިވިޔާގެ މަންމައަށް ގުޅައިގެން ގުޅާނީއޭ ވެސް އެތައްފަހަރަކު ހިތަށް އެރިއެވެ. އެހެންނަމަވެސް އެހެން އެކަން ކޮށްފިއްޔާ ޒިވިޔާ ހިތްހަމަ  ނުޖެހިދާނެތީ އެޚިޔާލު ދޫކޮށްލީއެވެ.

ދެތިން ދުވަސް ފަހެވެ. ޑޮކުޓަރުން ތިއްބަވާ ގެއިން ގެއަށް ގޮސް މަންމަ ޒިވިޔާ ގާތު ދެއްކީ ޑޮކުޓަރ އަރުޝަދު މިފަހަކަށް އައިސް ނުކާ ވާހަކައެވެ. ބަލިވެ ވެސް ދެތިން ދުވަހު އުޅުނު ވާހަކައެވެ. މީހާ ފެންނައިރު ހީވަނީ ކޮންމެވެސް ކަމަކާ ހިތާމަކުރާހެންކަމަށް މަންމަ ބުނުމުން ޒިވިޔާގެ ހިތް ތެޅިލިއެވެ. ޒިވިޔާ ފަދައިން ކުރެވުނު ކަންތަކާ އަރުޝަދުވެސް ދެރަވީތާއޭ ޒިވިޔާ ހިތަށް އެރުމުން އަރުޝަދަށްޓަކައި އެހިތުގައި ބުނެދޭން ނޭނގޭ ހިތްދަތިކަމުގެ އިޙުސާސެއް ހިނގައިގަތެވެ. އިތުރަށް އަހާހިތް ވިޔަސް އިތުރަށް އެއްވެސް ސުވާލެއް ނުކުރެއެވެ.

އިރު އަރާ އޮއްސެމުން ދުވަސްތައް ފާއިތުވަމުން ދެއެވެ. ދުނިޔެ ފަސްދީ ތާރީޚުގެ ތެރެއަށް ވަދެގެންދާ ކޮންމެ ދުވަހަކީ ކޮންމެ މީހަކަށްވެސް ތަފާތު އެތައް ކަމެއް ތަޖުރިބާ ކުރަންޖެހޭ ދުވަހެކެވެ. ބައެއް މީހުންނަށް އުފަލެވެ. އަނެއްބަޔަކަށް ހިތާމައެވެ. ހިތްދަތިކަމެވެ. ވޭނެވެ.

އަރުޝަދު ޒިވިޔާމެންގެ ރަށުގެ ހޮސްޕިޓަލަށް ދިޔަ ހަމަސްދުވަސް ހަމަވާން ކައިރިވަނީއެވެ. އެކަމަކު އެކަން ހަނދާން ހުރީ ހޮސްޕިޓަލުގެ މެނޭޖަރ އަސްލަމު އެކަނިހެން ހީވެއެވެ. ނުވަތަ އަރުޝަދު ކަހަލަ މީހުންގެ އިތުބާރާ ލޯބި ލިބިފައިވާ ޑޮކުޓަރަކު ފޮނުވާލަން ބޭނުން ނުވާތީ އެކަކުވެސް އެވާހަކަ ދައްކަން ބޭނުން ނުވަނީއެވެ.

އެރެއަކީ އަރުޝަދަށް ފެއަރވެލް ބާއްވަންވެގެން ހޮސްޕިޓަލުގެ ބައެއް މުއައްޒަފުންގެ ބައްދަލުވުމެއް ބޭއްވިރެއެވެ. ކަންތައްކުރާނެ ގޮތް އިންތިޒާމުކޮށް ނިމުނުއިރު ހަމަ ޖެހުނީ ކުލަގަދަ ހަފުލާއެއް ބޭއްވުމަށެވެ. އަރުޝަދުގެ ޚިދުމަތާ ބެހޭ ގޮތުން ޝުޢޫރު ފާޅުކުރަން ބޭނުން ބަޔަކަށް އެ ފުރުސަތު ވެސް އޮތެވެ.

ޒިވިޔާ ޑިއުޓީއަށް ނިކުތީ އެ ދުވަހުއެވެ. އޭރު ޒިވިޔާއަކަށް މިއިން އެއްވެސް ކަމެއް ނޭނގެއެވެ. މި ދުވަސްކޮޅު އެއްކޮށް ފޯނު ނިއްވާލާފައި އޮތުމުން ހޮސްޕިޓަލުގައި ރޭވެމުން ދިޔަ ކަންތައްތަކާ ހިނގައި ނިމުނު ކަންކަމުގެ މައުލޫމާތެއް ޒިވިޔާއަކަށް ނޭނގެއެވެ. އެނގެން ބޭނުންވެސް ނުވަނީއެވެ. އެއަށްވުރެ ޒިވިޔާގެ ދުނިޔޭގައި ޒިވިޔާ އުޅުނީ މާ އެކަނިވެރިކޮށެވެ.

ޑިއުޓީއަށް ނިކުތުމުން މުއައްޒަފުންގެ ޙަރަކާތް ހުރިގޮތުން ސުވާލު އުފެދިފައި ހުރި ޒިވިޔާއަށް އެކަމާ ބެހޭ މައުލޫމާތު ދިނީ މުއީޒާއެވެ. އެ ވާހަކަތައް އަޑު އިވުމުން ފުރަތަމަ ޒިވިޔާ ހުރީ ހުއްޓުން އަރާފައެވެ. އަރުޝަދު އުމުރަށް ގެއްލެނީކަމުގެ ހީކުރެވި މެއަށް ފިނިވެ މީހާ ގަނޑުވިއެވެ. އަރުޝަދާ މިހާއަވަހަށް ވަކިވާންޖެހިދާނެ ކަމުގެ ޚިޔާލަކީވެސް ޒިވިޔާގެ ހިތަށް އައި އެއްޗެއް ނޫނެވެ. ކުރިމަތިލާން ޖެހޭ ހަގީގަތުގެ އަޑުއިވުމުން ހަށިގަނޑުން ވަރު ދޫވާހެން ވެސް ހީވިއެވެ. އެހެންކަމުން ޒިވިޔާ ބޭނުންވީ ތަނެއްގައި އިށީންނާށެވެ. މޫނުމަތީގެ ކުލަ ފަނޑުވެ މުޅި މީހާ އޮށްދާ ހިއްލާލައިފިއެވެ. އެހެންކަމުން މޫނުމައްޗަށް އަނދިރި ވުމުގެ ކުރިން އެންމެ ގާތުގައި ހުރި ގޮނޑިބަރީގައި ޒިވިޔާ އިށީނީއެވެ. ވާހަކައިގެ ފޯރީގައި ހުރި މުއީޒާއަކަށް މިއިން އެއްވެސްކަމެއް ރޭކާލީ ހެނެއް ހިއެއްނުވެއެވެ. ދައްކާނެ ވަރަކަށް ވާހަކަ ދެއްކުމަށްފަހު މުއީޒާ ދިއައީއެވެ. މުއީޒާއަށް އެއްވެސް ކަމެއް ފާހަގަ ނުކުރެވުނީތީ ޒިވިޔާ ޝުކުރުވެރިވިއެވެ.

ޑޮކުޓަރ ރޫމުން ނިކުމެގެން ނަރުހުންގެ ޖަގަހައަށް އަރުޝަދު ދިއައީ ޒިވިޔާ އެހެން އިންދައެވެ. އަރުޝަދަށް ޒިވިޔާ ފެނުނީވެސް އަރާ ހަމަވިފަހުންނެވެ. ވަގުތުން އަރުޝަދުގެ ފައި ބިންމަތީ ތަތްވި ކަހަލައެވެ. ބޭއިޚުތިޔާރުގައި ޒިވިޔާގެ ނަމުން ގޮވައިލެވިއްޖެއެވެ. އިވުނު އަޑަށް ޔަގީން ނުކުރެވި ޒިވިޔާއަށް އިސް އުފުލައި ލެވުނީ ސިއްސައިގެން ގޮހެވެ. އަރުޝަދު ފެނުމުން އިން ގޮނޑިން ފުންމައިގެން ތެދުވެވިއްޖެއެވެ. ފަސްވަރަކަށް ދުވަސްތެރޭ ދެމީހުންގެ ސިފަޔަށް ވެސް އައިސްފައިވާ ބަދަލުން ކޮންމެ މީހެއްގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވިއެވެ.

''އަރޫ!"

މަޑުމަޑުން ޒިވިޔާގެ އަނގައިން ބޭރުވީ އަރުޝަދުގެ ނަމެވެ. އެ އަޑު ހިނދިގެން ދިޔައީ ޒިވިޔާގެ އަރުތެރެއަށެވެ. އެވަގުތު އެއްވެސް އެއްޗެއް ބުނުމުގެ ޤާބިލްކަމެއް އަރުޝަދުގެ ދުލަކު ނެތެވެ. ހުރެވުނީ ހިތުގެ ވިންދުކަމުގައިވި ލޯބިވާ ޒިވިޔާއަށް ބަލަހައްޓައިގެންނެވެ. ވަރުބަލިކަމާ ހިތްދަތިކަމުގެ އަސަރު ފާޅުވާން ހުރި  ޒިވިޔާގެ އެ މައުސޫމު ދެލޮލަށް ބެލުން ފިޔަވައި އަރުޝަދަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

އަރުޝަދު އެއްވެސް އެއްޗެއް ނުބުނުމުން ޒިވިޔާ ހިނގައިގަތީ އެތާ ނުހުންނަން ވެގެން ކުރިއަށެވެ. ބޭނުންވީ އަރުޝަދަށް ނުފެންނަ ހިސާބަށް ދާށެވެ. އަރުޝަދަށް ހޭވެރިކަންވީ ޒިވިޔާ ހިނގައިގަތުމުންނެވެ.

''ޒިވީ ....!''

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.