މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރު ކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނ. އަތޮޅާއި ރ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަން ހިންގާފައިވަނި މި މަހުގެ 2 ން 5 އަށް ކަމަށާއި އެ އޮޕަރޭޝަނުގައި ނ. އަތޮޅު ފަޅުރަށަކާއި ދުވާފަރު ބައެއް ސަރަހައްދެއް އަދި ދޯންޏެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ބޮޑު ރަބަރު ޕެކެޓަކާއި 18 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން 25 އަހަރާއި 51 އަހަރާ ދެމެދުގެ އުމުރުގެ 9 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް ހަތް ދުވަސް، ފަސް މީހުންގެ ބަންދަށް 10 ދުވަސް އަދި އެކަކުގެ ބަންދަށް 11 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.