ޖެނީންގައި އިސްރާއީލުން ހިންގާ އުދުވާނުގައި 9 މީހުން ޝަހީދުވެއްޖެ

ޖެނީންގައި ފަލަސްޠީނުގެ ޒުވާނަކު އިސްރާއީލު ސިފައިންނާ ދިމާއަށް ގާއުކަނީ

2002 ވަނަ އަހަރަށް ފަހު އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހުޅަނުގު އައްސޭރީގައި ހިންގާ އެންމެ ބޮޑު އުދުވާނުގައި އެ ސަރަހައްދުގެ ޖަނީނުގައި އިއްޔެ ފަތިހުއްސުރެ ކުރިއަށް ގެންދާ އޮޕަރޭޝަންގައި ފަލަސްޠީނުގެ 9 މީހުން ޝަހީދުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި އޭގެތެރޭން 27 މީހެއްގެ ހާލު ދެރައެވެ.

ފަލަސްޠީނުގެ ބައެއް ނޫސްތަކުން ޚަބަރުދިން ގޮތުގައި ރޭ އިރާކޮޅު އިސްރާއީލުގެ އުދުވާނީ ސިފައިން ޖެނީންގެ ގެތަކަށް ވަދެ ގެތަކުން މީހުން ނެރެމުންދާ ތަން ފެނިފައިވެއެވެ. މިކަމުން ދޭހަކޮށްދެނީ މި އުދުވާނު އަދި ހުއްޓާލަން އިސްރާއީލުން ގަސްތުނުކުރާ ކަމެވެ.

އަނެއްކޮޅުން، މަންޒަރުދުށް މީހުން ކިޔައިދިން ގޮތުގައި ޔަހޫދީ އަސްކަރީ ފައުޖުތައް ޖެނީންގެ ރެފިއުޖީ ކޭންޕާ ދިމާއަށް ދާތަން ފެނިފައިވެއެވެ. ބެލެވޭ ގޮތުގައި ޔަހޫދީ އަސްކަރިއްޔާގެ އަމާޒު މިހާރު ތައްޔާރުވަމުން ދަނީ ރެފިއުޖީ ކޭންޕަށް ވަދެގަތުމަށެވެ. ޔަހޫދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ހުޅަނގު އައްސޭރިގައި ހުންނަ އިސްރާއީލު ސިފައިންގެ ކޮމާންޑަރު އަވީ ބްލޯޓް މި އުދުވާނުގައި ބައިވެރިވާ ސިފައިންނަށް ފޮނުވި ނޯޓެއް ބުނެފައިވަނީ "މި އޮޕަރޭޝަނުގައި އަހަރުމެންގެ މަގުސަދަނީ ޖެނީންގެ ރެފިއުޖީ ކޭންޕް ބަލިކަށިކޮށް، ވީދައި ކުދިކުދިކޮށްލުމަށް ފަހުން އެތަނުން ނުކުތުމެވެ."

ޖެނީންގެ ރެފިއުޖީން ކޭންޕުގައި 18 ހާހެއްހާ މީހުން ދިރިއުޅެމުން ދާއިރު، އިއްޔެގެ އުދުވާނު ފެށުމާއެކު 3 ހާހަށްވުރެ ގިނަ މީހުން ކޭންޕު ދޫކޮށް ގޮސްފައިވާ ކަމަށް ފަލަސްޠީނުގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

ކުށެއް ނެތް އާއްމުންނަށް ބޮޑެތި ގެއްލުންތައް ލިބޭގޮތަށް އިސްރާއީލުން ކުރިއަށް ގެންދާ މި އުދުވާނު ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު ނުކުޅެދިފައިވާއިރު، އަނގަބަހުން މިކަމާމެދު ކަންބޮޑުވުން ފާޅުކުރުން ފިޔަވައި އެހެން ކަމެއް އެއްވެސް ފަރާތަކުން ކޮށްފައި ނުވެއެވެ. އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ވެސް ކަންބޮޑުވުން ފާޅުކުރެއްވުން ފިޔަވައި އެހެން ކަމެއް ނުކުރައްވައެވެ. އދ. ގެ ތަރުޖަމާނުގެ ނާއިބު ފަރްހާން ހައްގު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އިސްރާއީލުގެ އުދުވާނު ކުށްވެރިކުރަން އޭނާއަށް ކެރިވަޑައިނުގަތެވެ.

މި އުދުވާނަށް ރައްދުދިނުމަށް ފަލަސްޠީނުގެ މުޖާހިދުންވެސް ވަނީ އެމީހުންގެ ފެންވަރުން ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން މުޖާހިދުންގެ ބަޔަކު ވަނީ އަޒޫން އަވަށް ކައިރިން އިސްރާއީލުގެ ސިފައިންގެ ގަޔަށް ބަޑިޖަހައިފައެވެ. އަދި ޤުދްސުގަ ކައިރީގައި އޮންނަ ޤަލަންދިޔާ އަސްކަރީ މަރުކަޒު ކައިރިން ޔަހޫދީ ސިފަންނަށް ހަމަލާދީފައެވެ. މީގެ އިތުރަށް އައްޠޫރު އަވަށުގެ ޒުވާނުންތަކެއް ވަނީ އިސްރާއީލު ސިފައިންނާ ދިމާއަށް އަތުބޮމެއް އެއްލައި ބަޔަކު ޒަޚަމްކޮށްލައިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.