ޖެނީގެ އުދުވާނުގެ ގެއްލުން އެތައް މިލިއަން ޑޮލަރަކަށް އަރާ

400 އަށްވުރެ ގިނަ އިމާރާތް ހަލާކުކޮށްލާފައިވޭ

އިސްރާއީލުގެ އުދުވާނުގައި ޖެނީންއަށް ދީފައިވާ ބައެއް ގެއްލުން

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރީގެ ޖެނީނަށް ފާއިތުވި ހަފުތާ ތެރޭގައި އަރައިން ހިންގި ލާއިންސާނީ އުދުވާނުގައި ލިބުނު ގެއްލުން އެތައް މިލިއަން ޑޮލަރަކަށް އަރާފައިވާކަން ފަލަސްޠީނުން ހާމަކޮށްފިއެވެ.

ހުޅަނގު އައްސޭރީގެ ރަށަކަށް ޔަހޫދީ ސިފައިން އަރައި ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ދިން އެންމެ ބޮޑު ގެއްލުމުގައި ޖެނީންގެ ރެފިއުޖީ ކޭންޕުގެ މަގުތައް ބުލްޑޯޒަރުން ކަހައި، އިމާރާތައް ފުނޑުފުނޑުކޮށްފައި ވެއެވެ. ހަނގުރާމަވެރިންގެ ބަޔަކު ހޯދުމަށް ކަމަށް ބުނެ ހިންގި މި އުދުވާނީ އަމަލަކީ ބަޔަކަށް ޖަމާއީ އަދަބުދިނުމުގެ ހުތުރު އަމަލެކެވެ.

އިސްރާއީލުގެ އުދުވާނުގައި ފަލަސްޠީނުގެ 12 މީހުން ޝަހީދުވެފައި ވާއިރު، ރެފިއުޖީ ކޭންޕުގެ 'ވަތުއޮނިގަނޑު' (އިންފްރާސްޓްރަކްޗާ) ވަނީ މުޅިން ހަލާކުކޮށްލާފައެވެ.

ފަލަސްޠީނުގެ ޕަބްލިކް ވޯކްސް އެންޑް ހައުސިންގް މިނިސްޓަރު މުޙައްމަދު ޒިޔާރާ ވިދާޅުވި ގޮތުގައި ޖެނީން އަލުން ބިނާކުރުމުގެ މަސައްކަތަށް ތާވަލެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގުތައް އަލުން ހެދުމަށް ތިން މަހެއްހާ ދުވަސް ހޭދަވާއިރު، އިމާރާތް މަރާމާތުކޮށް އަލުން ބިނާކުރުމަށް ނުވަ މަހަށް ވުރެ ދިގު މުއްދަތެއް ހޭދަވުން އެކަށީގެން ވެއެވެ.

ފަލަސްޠީނުގެ ލޯގަލް ގަވަރމެންޓް މިނިސްޓަރު މަޖްދީ އައްޞާލިޙު ވިދާޅު ގޮތުގައި ޖެނީންގެ ރެފިއުޖީ ކޭންޕުގެ %80 އިމާރާތަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. މުޅިން ނުވަތަ އެއްބައި ހަލާކުވެފައިވާ އިމާރާތްތަގެ އަދަދު 400 އަށް އަރައެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ޖޭނީންއާއި، އެރަށުގެ ރެފިއުޖީ ކޭންޕުގެ އިމާރާތްތަކާއި މަގުތަކަށް ދީފައިވާ ގެއްލުން 15 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނެއެވެ. ފެނާއި ނަރުދަމާގެ ނިޒާމަށް 2.5 މިލިއަން ޑޮލުރުގެ ގެއްލުން ލިބިފައި ވާއިރު، ކަރަންޓުގެ ވިއުގައަށް ވަނީ 8 ލައްކަ ޑޮލަރުގެ ގެއްލުން ލިބިފައެވެ.

އަނެއްކޮޅުން ޖެނީންއަށް ދިން އުދުވާނީ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ފަލަސްޠީނުގެ ޒުވާނަކު ވަނީ ޔަހޫދީ އާބާދީ ކަދްވީމްގެ ޗެކް ޕޮއިންޓެއްގައި ހުރި އިސްރާއީލު ސިފައިންގެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. އަދި އިތުރު މީހަކު ޒަޚަމްކޮށްލާފައެވެ. އިސްރާއީލު ސިފައިން އޭނާގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.

ޙަމާސް (އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް) ޖަމާއަތުގެ އަސްކަރީ ގޮފި، ޤައްސާމް ބްރިގޭޑްސްއިން ވަނީ މިހަމަލާގެ ޒިންމާ އުފުލާފައެވެ. އަދި ހަމަލާދިން ޒުވާނާގެ ވަނަވަރު ހާމަކޮށްފައެވެ. އެ ޖަމާއުން ބުނިގޮތުގައި އޭނާއަކީ ރާމަﷲ ކައިރީގައި އޮންނަ ޤަބްޔާ އަވަށަށް ނިސްބަތްވާ އަޙްމަދް ޔާސީން ހިލާލް ޣައިޡާންއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.