ޖަރުމަނުގެ 55.5 މުސްލިމުން ކޮންމެ ދުވަހަކުހެން ދަނީ ނަސްލީ ތަފާތުކުރުމާ، ނަފްރަތުގެ އަމަލުތަކާ ކުރިމަތިލަމުން: ރިޕޯޓު

ބާލިންގެ ސެހިތިލިކް މިސްކިތް

ޖަރުމަނުގައި ދިރިއުޅޭ 5.5 މުސްލިމުން ދަނީ ކޮންމެ ދުވަހަކުހެން ނަސްލީ ތަފާތުކުރުމާ، ނަފްރަތާއި، އަނިޔާވެރިކަމުގެ އަމަލުތަކާ ކުރިމަތިލަމުން ކަމުގައި އެގައުމުގެ އިންޓީރިޔާ މިނިސްޓްރީއަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފިއެވެ.

އިންޑިޕެންޑެންޓް ގުރޫޕް އޮފް އެކްސްޕާޓްސް އޮން މުސްލިމް ހޮސްޓިލިޓީއިން ވަނީ ޖަރުމަނުގެ މުސްލިމުންނާމެދު އޮތް ނަފުރަތާއި، ނަސްލީ ތަފާތުކުރުމާ ބެހޭ ގޮތުން ފުރިހަމަ ރިޕޯޓެއް ތައްޔާރުކުރުމަށް 3 އަހަރު ހޭދަކޮށްފައެވެ. އެ ގްރޫޕުން ވަނީ އިލްމީ ދިރާސާތަކާ، ފުލުހުންގެ ތަފާސް ހިސާބާ، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތްތަކާއި، ކައުސެލިންގ ދޭ މަރުކަޒުތަކާއި، އެންޖީއޯތަކުން ތައްޔާރުކޮށްފައިވާ ކަރުދާސްތައް ބަލައި ދިރާސާކޮށްފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖަރުމަނުގެ މުސްލިމުން ތިންބައިކުޅަ އެއްބައި މީހުންނަށް ވަނީ އެބައިމީހުން ގަބޫލުކުރާ ދީނުގެ ސަބަބުން ތަފާތުކުރުމާ ކުރިމަތިލާން ޖެހިފައެވެ. އެހެނަސް، ރިޕޯޓު ތައްޔާރުކުރި ފަރާތުން ދެކޭގޮތުގައި ހަގީގީ އަދަދު މިއަށްވުރެ މަތިވާނެއެވެ. އެއީ، ކުރިމަތިވާ ފުރައްސާރައާއި، ނަފްރަތުގެ އަމަލުތައް ރިޕޯޓުކުރަނީ މުސްލިމުންގެ %10 ކަމަށްވާތީއެވެ.

"ޖަރުމަނު ކުރިއަށް ދިއުމުގައި މުސްލިމުންގެ ހަޔާތަކީ ވެސް ޖަރުމަނުގެ ބައެއް." މި ރިޕޯޓު ލިބިވަޑައިގަތުމަށް ފަހު ޖަރުމަނުގެ އިންޓީރިޔާ މިނިސްޓަރު ނެންސީ ފޭޒަރ ވިދާޅުވިއެވެ. "އެހެންކަމުން، ހުރިހާ ކަމެއް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ މިރިޕޯޓު ހިތި އެއްޗަކަށް ވަނީ އެހެންވެ."

"ޖަރުމަނުގެ މުސްލިމުން ދަނީ ކޮންމެ ދުވަހަކުހެން ބާކީކޮށްލުމާ، ތަފާތުކުރުމާ ކުރިމަތިލަމުން. ނަފުރަތުގެ އަމަލުތަކާ، އަނިޔާވެރި އަމަލުތަކާ ހަމައަށް އެކަން ގޮސްފައި އެބަހުރި. މިކަންކަން އާއްމުންނަށް އެނގޭގޮތް ހެދުމާއި، އަނެކުންނަށް ނަފްރަތުކުރުމުގެ ނުބައިކަމާމެދު ހޭލުންތެރިކުރުމަކީ ވަރަށް މުހިއްމު ކަމެއް." އޭނާ ވިދާޅުވިއެވެ.

ޖަރުމަނުގެ މުސްލިމުންނަކީ ތަފާތު ގައުމުތަކުން އެގައުމަށް ހިޖުރަކުރި މީހުން ދަރިފަސްކޮޅެވެ. އޭގެތެރޭގައި އެންމެ ގިނައި ތުރުކި ދަރިކޮޅުގެ މީހުންނެވެ. އަދި ލެބެނާން (ލުބްނާން) އާއި، މޮރޮކޯ (މަޣްރިބު) ފަދަ ގައުތަކުގެ މީހުންވެސް ގިނައެވެ.

އެ ގައުމަށް ހިޖުރަކުރި މުސްލިމުންގެ ގިނަ ބަޔަކު ފުރަތަމަ މަސައްކަތްކުރީ ކޯލް މައިނިންގ (ބޯޓުދެލި ނުގުން) އާއި، ދަނގަޑު ބާވަތައް އުފެއްދުމާއި ކާރު އުފެއްދުމުގެ މަސައްކަތްކުރާ ކާރުޚާނާތަކުގައެވެ. އެގޮތަށް އައި ގިނަ ބަޔަކު އެމީހުންގެ އާއިލާތައް ޖަރުމަނަށް ގެނެސް ބާލިން، ކޮލޯންފަދަ ރަށްރަށުގައި ވަޒަންވެރިވީއެވެ.

ޖަރުމަނުގެ މިއަދުގެ އާބާދީއަށް ބަލާއިރު، 19 މިލިއަން މީހުންނަކީ، ނުވަތަ އެގައުމުގެ އާބާދީ %23 މީހުންނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެގައުމަށް ހިޖުރަކުރި މީހުންނެވެ. ނުވަތަ އެމީހުންގެ ދަރިންނާއި، ދަރިންގެ ދަރިންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.