ޖަރުމަނުގައި މުސްލިމުންގެ އަދަދު 5.5 މިލިއަނަށް

ބާލިންގެ މައުލާނާ މިސްކިތް ކައިރިން ސަބްވޭ ރޭލެއް ދަތުރުކޮށްފައި ދަނީ

ޖަރުމަނުގައި މުސްލިމުންގެ އަދަދު އިތުރުވެ، 5.5 މިލިއަނަށް އަރާފައިވާ ކަމުގައި ބުދަ ދުވަހު އެ ގައުމުގައި ޝާއިއުކުރި ސާވޭއަކުން ދައްކައިފިއެވެ. އެެހެންކަމުން މިހާރު ޖަރުމަނުގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ %6.5 އެވެ.

ފެޑެެރަލް އޮފީސް ފޯ މައިގްރޭޝަން އެންޑް ރެފިއުޖީސް (ބީއޭއެމްއެފް) އިން ކުރި ސާވޭގެ ނަތީޖާގައި ލަފާކޮށްފައި ވަނީ މިހާރު ޖަރުމަނުގައި 5.3 މިލިއަނާ 5.6 މިލިއަނާ ދެމެދުގެ އަދަކަަށް މުސްލިމުން ތިބި ކަމުގައެވެ. މިއީ 2015 އަށްވުރެ 9 ލައްކަ އިތުރު އަދަދެކެވެ.

މުސްލިމުންގެ އަދަދުކަމުގައި ލަަފާކޮށްފައިވާ އަދަދުތަކަކީ އާބާދީގެ %6.4 އާއި %6.7 އާ ދެމެދުގެ އަދަދުތަކެކެވެ.

"މެދުއިރުމަތީގެ ގައުމުތަކުން މީހުން ހިޖުރަކުރުމުގެ ސަބަބުން މުސްލިމް އާބާދީ މިވަނީ ބޮޑަށް މަސްހުނިވެފައިވާ އާބާދީއަކަށް ވެފައި." ބީއޭއެމްއެފްގެ ރައީސު ހާންސް އެކްހާޑް ސޮމާ ވިދާޅުވިއެވެ.

"މީގެ އިތުރުން، ހިޖުރަކުރާ މީހުން ޖަރުމަނުގެ މުޖްތަމައާ އެކުވުމުގައި ދީނުގެ ނުފޫޒު ބޮޑުކަމަށް ދެކެވޭ ވާހަަކައަކީ ހަގީގަތަށްވުރެ އެކަން ބޮޑުކޮށްގެން ދެކެވޭ ވާހަކައެއް." ސޮމާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހިޖުރަކުރާ މީހުން މުޖުތަމައާ އެކުވުމުގައި ޖަރުމަނުގައި ދިރިއުޅޭ މުއްދަތު ދިގުވުމާ، ހިޖުރަކުރަން ޖެހުނު ސަބަބާ، މުޖްތަމައުގައި އެބަަޔަކު ހިމެނޭ ފަންތީގެ އަސަރު ދީނުގެ އަސަރަށްވުރެ ބޮޑެވެ.

2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެެރޭގައި "ޔޫރަޕްސް ގްރޯވިންގ މުސްލިމް ޕޮޮޕިއުލޭޝަން" (ޔޫރަޕުގައި އިތުރުވަމުންދާ މުސްލިމް އާބާދީ) ގެ ނަމުގައި އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން އާއްމުކުރި ދިރާސާއެއްގައި ވާގޮތުން 2050 ވަނަ އަހަރު ޖަރުމަނުގެ އާބާދީގައި މުސްލިމުންގެ ނިސްބަތް %20 އަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ދިރާސާގައި ވަނީ ޖަރުމަނުގެ އާބާދީގައި މުސްލިމް އިތުރުވެދާނެ ތިން ގޮތެއްގެ ތަސައްވަރު ހުށަހަޅާފައެެވެ. އާބާދީގެ %20 އާ ހަަމަައަށް މުސްލިމުން އިތުރުވާނީ ހިޖުރަކުރުމުގެ ނިސްބަތް ވަރަށް މަތީގައި ހުރެގެންނެވެ. ހިޖުރަކުރުމުގެ ނިސްބަތްު މެދުމިނުގައި ހުއްޓަސް މުސްލިމުންގެ ނިސްބަތް އެހާތަނަށް %11 އަށް އަރާނެކަމަށް އެ ދިރާސާގައި އޮތީ ލަފާކޮށްފައެެވެ. އަދި ޖަރުމަނަށް މުސްލިމުން ހިޖުރަކުރުން މުޅިން ހުއްޓުނު ނަމަވެެސް، 2050 ވަަނަ އަހަރާ ހަަމައަށް އެގައުމުގައި މުސްލިމުންގެ ނިސްބަތް %9 އަށް އަރާނެ ކަމަށް އެ ދިރާސާގައި އޮތި ލަފާކޮށްފައެވެ.

ޖަރުމަނުގައި މުސްލިމް އާބާދީ އިތުރުވަމުން ދާއިރު، މުސްލިމުންނަށް ކުރާ ނަފުރަތު އިތުރުވެ، އެމީހުންނާ ދެކޮޅަށް ދެވޭ ހަމަލާތައް ވެސް އިތުރުވަމުން ދާކަން ފާހަގަކޮށްލެވެއެވެ.

އިންޓީރިއާ މިިނިސްޓްރީން މިއަަހަރުގެ ފެބުރުވަރީގައި ހާމަކުރި އަދަދުތަކަށް ބަލާއިރު، ފާއިތުވި 2020 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް 900 ހަމަލާ ދީފައި ވެއެވެ. 80 މިސްކިތަކަށް ނަފުރަތުގެ ހަމަލާތައް އަމާޒުވިއިރު، މި ހަމަލާތަކުގައި 48 މީހަކަށް އަނިޔާވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.