ބްލޫ ރިބަން: ދުނިޔެ ބަދަލުކޮށްލި އިސްލާމީ އީޖާދުތައް

ހުޅަނގުގެ އަދަބިއްޔާތުގެ ވާހަކަ ދެކެވޭއިރު ، އެންމެ ފުރަތަމަ އަންނާނީ ޝެކްސްޕިއަރގެ ނަމެވެ. ލިޔުންތެރިކަމާއި ޅެންވެރިކަން އެންމެ ފުރަތަމަ ދުނިޔެއަށް އުފަންކުރި އާޒަރުބައިޖާނުގެ ޚޫރުޝީދު ބާނޫގެ ވާހަކައެއް ނާންނާނެއެވެ. ދޮންބެއްޔާ ހިތަށް އެރިއެވެ. އެހުރިހާކަމެއް އެވަނީ ފަސްއަޅައި ފޮރުވާފައެވެ. ތާރީޚުން ފުހެލައިފައެވެ. އެއިން މަޢުލޫމާތެއް އެނގޭމީހަކުވެސް އަދި ހޯދަންއުޅޭ މީހަކުވެސް ، ދޮންބެއްޔާއަކަށް ނުފެނެއެވެ. ވާނީވެސް އެހެންތާއެވެ ! މިޒަމާނުގެ ކުދިން ކިޔަވާ ފޮތްތަކުގައި އެވާހަކަތަކެއް ނުހުރެއެވެ. ކިޔަވާކުދިންގެ ޅަފަތުގައި ފަރަންޖީބަހުން ކިޔަވައިދީ ، އިސްލާމީ ތާރީޚާއި މަތިވެރި އަދަބުތަކާއި ޤުރުއާނުގެ ހުސްވުމެއްނެތް ޢިލްމާއި ، އަދަބު އަޚުލާޤަށް އަޅައިލުމެއް ބަލައިލުމެއް ނެތެވެ. ދީނާއި ބަހަށް ލޯބިޖެއްސުމެއް ނެތެވެ. ފަރަންޖީބަސް ކިޔަވައިދިންދިނީނުންގޮސް ، މުޅި ދުނިޔެއިން 1 ވަނަ ހޯދާ ކުދިން އެބަތިއްބެވެ.

ޤައުމެއް ބިނާކުރުމުގައި ، ހަރުދަނާ އުއްމީދީ ޖީލެއްބިނާކުރުމަށް ޅަފަތުގައި ދޭންޖެހޭ މުހިންމު " ޑޯޒު " ތައް އޮންނަނީ އެއްފަރާތް ކުރެވިފައެވެ. ޒަމާނީ ތަޢުލީމުވެސް ދޭންވީއެވެ. އެއީ މައްސަލައެއް ނޫނެވެ. އެކަމަކުވެސް ، އިސްލާމީ ޤައުމެއްގައި ކުދިންގެ ޅަފަތުން ދޭންފެށޭ ތަޢުލީމުގައި އުނިވާ އެތައްކަމެއް އެބަހުއްޓެވެ. ދީނީ އިޢުތިޤާދާއި އަދަބު އަޚުލާޤާއި މިނިވަންކަމުގައި ހުޅަނގުގެ ނޭދެވޭ މަޞްނޫޢީ މިނިވަން ތަޢުލީމުން ޖީލުތައް މިދަނީ ހަލާކުވަމުންނެވެ. އޭގެ ނޭދެވޭ އަސަރު ކުރާނީ ހެދިބޮޑުވަމުންދާ ޖީލުތަކަށެވެ. އަނބުރާ ހޭރިޔާކޮށްގެން ދުއްވައި އަތުނުޖެހޭވަރަށް މިހާރުވެސް މިތިބީ އާދެވިފައެވެ.

މުސްލިމުންނަކީ ، ދުނިޔެ ބަދަލުކޮށްލި އެތައް އީޖާދުތަކެއް ދުނިޔެއަށް އަލަށް އުފަންކުރުވި ބަޔެކެވެ. އެކަންކަންވަނީ ، ހުޅަނގުން ދުނިޔެއަށް އޮޅުވައިލާފައެވެ. ހުޅަނގުގެ " ޑާރކް އޭޖް " ގެ ދުވަސްވަރު ހުޅަނގުއޮތީ ނިދާފައެވެ. ވަރަށް މަދުކަމެއް މެނުވީ އީޖާދުކުރެވިފައެއް ނުވެއެވެ. އެދުވަސްވަރު ، ވިލާތުގެ ދެކުނުގެ ޤައުމުތަކާއި ، އެފްރިކާ ، މެދުއިރުމައްޗާއި މެދުތެރޭ އޭޝިއާގެ މުސްލިމު ޤައުމުތަކުގައި ، މުސްލިމުން އެތައް އީޖާދެއް އުފަން ކޮށްފައި ވެއެވެ.

ﷲ މިދުނިޔެމައްޗަށް ފޮނުއްވި އެކިއެކި ރަސޫލުބޭކަލުންގެ ޒަމާނުގައިވެސް ، އާއީޖާދުތައް ދުނިޔެއަށް އުފަންވެގެން ދިޔައެވެ.

  • އެންމެ ފުރަތަމަ ސައިބޯނި އީޖާދު ކުރެއްވީ ، ޞާލިޙު ޢަލައިހިއްސަލާމެވެ. އޭގެފަހުން ، މީރުވަސް ދުވާ ސައިބޯނި އުފެއްދެވީ ، މީލާދީން 865 ވަނައަހަރު ، މުޙައްމަދު އިބްނު ޒަކަރިއްޔާ އައްރާޒީއެވެ.
  • އެންމެ ފުރަތަމަ ފާލަމެއް އީޖާދު ކުރެއްވީ ، ޔޫސުފު ޢަލައިހިއްސަލާމެވެ. ހުޅަނގުން ޖެޓީ އުފެއްދީ 1879 ގައެވެ.
  • އެންމެ ފުރަތަމަ ކަނޑު އުޅަނދެއް އީޖާދު ކުރެއްވީ ، ނޫޙު ޢަލައިހިއްސަލާމެވެ.  އެއަށްފަހު އިސްލާމީ ޤައުމެއްކަމުގައިވާ ތުރުކީގައި ކަނޑުދަތުރުކުރާ ބޯޓެއް ފުރަތަމަ އުފެއްދީ މީލާދީން 1300 ވަނަ އަހަރުއެވެ.
  • އެންމެ ފުރަތަމަ ، ތިނޯސް އީޖާދު ކުރެއްވީ ، އިދުރީސް ޢަލައިހިއްސަލާމެވެ. އެއަށްފަހުވެސް ، މިޒަމާނުގެ ތިނޯސްވެސް އުފެއްދީ މިޞްރުގެ ނަޤަދާގައި ، މީލާދީން 3000 އާއި 4400 ވަނައަހަރާ ދެމެދުގައެވެ.
  • އެންމެ ފުރަތަމަ ފުނާ އީޖާދު ކުރެއްވީ ، އިބްރާހީމް ޢަލައިހިއްސަލާމެވެ. އެއަށްފަހުވެސް ، ޒަމާނީ ފުނާ އުފެއްދީ މީލާދީން 5500 ވަނައަހަރު ، މިޞްރުގައެވެ.
  • އެންމެ ފުރަތަމަ ދަތްއުނގުޅާ ބުރުސް އީޖާދުވީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަމުގައި ، މުސްލިމުން ދަތްއުނގުޅަން ބޭނުންކުރަން ފެށި އެއްޗެއްގެ ގޮތުގައެވެ. އެބުރުސް ހެދުނީ މިސްވާކު ގަހުގެ ދަނޑިކޮޅަކުންނެވެ.

މިނޫނަސް ، ކޮފީބީންސް އާއި ސަރޖިކަލް އިންސްޓްރޫމަންޓައި ، ވިންޑްމިލް ، ކާޕެޓް ، ދެލިއަޅާ ގަލަން ، ފޮޓޯނަގާ ކެމެރާފަދަ އެތައް އުފެއްދުންތަކެއް މުސްލިމުންވަނީ އީޖާދު ކޮށްފައެވެ.

އެންމެ ފުރަތަމަ ހޮސްޕިޓަލެއް ބިނާކުރެވުނީ މީލާދީން 9 ވަނަ ޤަރުނުގައި މިޞްރުގައެވެ. އަޙްމަދު އިބްނު ތުލުން ހޮސްޕިޓަލްގެ ނަމުގައެވެ. މިޒަމާނުގައި ބޭނުންކުރެވޭ ކެމިކަލްގެ ބާވަތްތައް ވަކިކޮށް ދެނެގަތުމުގެ ޢިލްމު އީޖާދު ކުރެއްވީ ޖާބިރު އިބްނު ޙައްޔާނެވެ. އެއީ މީލާދީން 850 ވަނަ އަހަރުއެވެ. ހިލައިން ބިއްލޫރި އުފެއްދެވީ ، ޢައްބާސް އިބްނު ފިރްނާސް އެވެ. ކަރާސީނު ތެލާއި ، ސޮފްޓް ޑްރިންކްސް އަދި ޝަރުބަތު ، އީޖާދުކުރީ މުސްލިމުންނެވެ. އެންމެ ފުރަތަމަ މުންނާރެއް ބިނާކުރެއްވީ ޢައްބާސީ ޚިލާފަތުގައި 9 ވަނަ ޤަރުނުގެ ތެރޭގައެވެ. ބޮޑުކުރާ ބިއްލޫރި އުފެއްދެވީ ، އިބްނު އަލްހައިތަމްއެވެ. އެއީ މީލާދީން 1021 ވަނަ އަހަރުއެވެ.

ސައިންސާއި ޓެކްނޮލޮޖީން ފެށިގެން ، އެންމެ އާދައިގެ އީޖާދުތަކާހަމަޔަށް ، އިސްލާމީ ދުނިޔޭގައި އީޖާދުނުކުރާ އެއްޗެއް ނެތެވެ. އެހެންނަމަވެސް ، މިއީ މިޒަމާނުގައި ފޮރުވި ފަސްއެޅިފައިވާ ޙަޤީޤަތެވެ. ހުޅަނގުން ފަޚުރުވެރިވާ ގިނަ އީޖާދުތައް އުފަންކުރައްވާފައިވަނީ މުސްލިމް ކާބަފައިންނެވެ.

މުޅިދުނިޔެއިން އެކިއެކި އިމްތިޙާނުން 1 ވަނަ ހޯދާ ، ރާއްޖޭގެ ދަރިވަރުންނަށް މިފަދަ މަޢުލޫމާތު ނޭނގޭނަމަ ، އިސްލާމީ ޢަޤިދާ ބަލިކަށިނަމަ ، ކީރިތި ޤުރުއާނުގެ ޢިލްމުން މިންވަރެއްނެތްނަމަ ، ކީރިތި ޤުރުއާން ކިޔަވަން ނޭނގޭނަމަ ، އަދަބު އަޚުލާޤުގެ ކަންފުޅެއްނެތްނަމަ ، އަދި އޭގެ އިތުރަށް މަތީ ތަޢުލީމު ޙާޞިލްކުރުމަށް އެކުދިން ހުޅަނގަށް ފޮނުވޭނަމަ ، ހުޅަނގުގެ " ޒަމާނީ ބަށްޓަމަށް " އެކުދިން ހޭނި ، ދީނާދުރަށްދާން ތަރުބިއްޔަތު ވެގެން އައުމުން ، މިކުޑަކުޑަ މުސްލިމް އުއްމަތުގެ ތަޢުލީމީ ބިންގާ އެއެޅެނީ ރަނގަޅަށް ބާވައެވެ ؟ ނޫނެކެވެ ! އެއީ ކުރިމަގަށް އުއްމީދު ކުރެވޭ އީޖާބީ ޖީލެއްގެ ހަލާކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.