އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ  މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރުމުގެ ގަރާރު އިއްވާ ޖަލްސާ އާންމު ކޮމެޓީން ހަމަޖައްސާފައި ނުވިޔަސް އެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށެވެ.

ނިއުޝާ ވިދާޅުވީ ގަރާރުގެ ބަހުސްގެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) ގެ ދަށުން ކަނޑައަޅާފައިނުވި ނަމަވެސް، އެ މާއްދާގެ (ނ) ގައި އެ ގަރާރުގެ ނޯޓިހުގެ ތާރީޚުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

ނައިބުރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅާ އެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކަން ލިބޭނެ ވަގުތު ކަނޑައަޅަން ޖެހެނީ އާންމު ކޮމެޓީންނެވެ.

އެހެންނަމަވެސް އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވި ފަހުން ކޮމެޓީ އޮތީ ފުރިހަމަނުވެއެވެ. އަދި ޕާޓީތަކުން އެއްބަސްނުވެވިގެން އަދިވެސް ކޮމެޓީ އަލުން އެކުލަވައެއް ނުލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ވަނީ ހުއްޓާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.