އީރާނުން ކުރިއަށް ގެންދާ ނިއުކުލިޔާ ޕްރޮގްރާމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހުޅަނގުގެ ގައުމުތަކާއެކު އެއްބަސްވުމަކަށް އައުމަކީ ނުވާނޭ ކަމެއް ނޫން ކަމުގައި އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަނައީ ވިދާޅުވެއްޖެއެވެ. އެއީ، އީރާނުން މިހާރު ގާއިމުކޮށްފައިވާ ނިއުކުލިޔާ ވަސީލަތްތަކަށް އެ އެއްބަސްވުމުން އަސަރު ނުކުރާނަމައެވެ. ޚާމަނައީ މި މޭރުމުން ވާހަކަފުޅުދެއްކެވި އިރު 2015 ވަނަ އަހަރު އީރާނާ ދެމެދު އެކުލަވާލި ނިއުކުލިޔާ އެއްބަސްވުން އަލުން އިއާދަކުރާނެ ގޮތަކާ މެދު އީރާނާ އެމެރިކާއާ ދެމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ދީނީ ޒައީމު ޚާމަނައީ މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ އީރާނުގެ ބައެއް ނިއުކުލިއާ އޮފިޝަލުންނާ ނިއުކުލިޔާ ސައިންޓިސްޓުންނާ ތެހެރާނުގައި އިއްޔެ ބައްދަލުކުރައްވަމުންނެވެ.
މި ބައްދަލުވުމުގައި ޚާމަނައީ އިތުރަށް ވިދާޅުވިގޮތުގައި އީރާނުން ނިއުކުލިޔާ ބޮމެއް އުފައްދާނެކަމަށް ހުޅަނގުން ދައްކާ ވާހަކައަކީ ހަގީގަތެއް ނެތް ތުހުމަތެކެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުށެއް ނެތް ގިނަ ބަޔަކު އެއްފަހަރާ ނެތިކޮށްލާ ނިއުކުލިޔާ ހަތިޔާރު އުފެއްދުމަކީ އީރާނު ގަބޫލުކުރާ އިސްލާމީ އުސޫލުތަކާ ޚިލާފު ކަމެކެވެ.
"އެކަން އެހެން ނެތްނަމަ، އަދި އަހަރުމެން އެކަން (ނިއުކުލިޔާ ހަތިޔާރު އުފެއްދުން) ބޭނުންވިނަމަ، އެބައިމީހުންނަށް އެކަން ނުހުއްޓުވުނީސް. އަހަރުމެން ހޯދި ނިއުކުލިޔާ ކުރިއެރުންތައް ވެސް އެމީހުންނަށް ހުއްޓިފައި ނުވާތީ އަދި އެމީހުން އެކަން ނުކުރެވޭނެތީ." ޚާމަނައީ ވިދާޅުވިއެވެ.
ރައީސު ޓްރަމްޕްގެ ދައުރުގައި އެމެރިކާއިން ނިއުކުލިޔާ އެއްބަސްވުން ދޫކޮށްލުމާއެކު، އެއެއްބަސްވުމަށް އަމަލުކުރުން އީރާނުން ހުއްޓާލާފައި ވާއިރު، އެ އެއްބަސްވުން އަލުން އިއާދަކުރުމާ ބެހޭގޮތުން އެމެރިކާއާ، ހުޅަނގުގެ ގައުމުތަކާ، އީރާނާއެކު ކުރަމުން އައި މަޝްވަރާތައް ކުރިއަށް ނުގެންދެވިގެން ފާއިތުވި ސެޕްޓެންބަރު މަހު ވަނީ މެދުކަނޑާލާފައެވެ.
އީރާނުން އެމެރިކާއާ ހުޅަނގާއެކު ނިއުކުލިޔާ އެއްބަސްވުމެއް އަލުން އެކުލަވާލާފާނެކަމަށް ބެލެވޭ ފަދަ ގޮތަކަށް ޚާމަނައީ ވާހަކަފުޅުދައްކަވާފައިވާއިރު، އީރާނާ އެމެރިކާ ވަނީ އެއްބަސްވުމަކާ ހަމައަށް އައުމާ ވަރަށް ގާތުގައި ކަމަށް ދެކެވޭ ވާހަކަތައް ދެގައުމުން ވެސް ވަނީ ދޮގުކޮށްފައެވެ.
އީރާނުގެ ދީނީ ޒައީމު އިތުރަށް ފާހަގަކުރެއްވި ގޮތުގައި "ވަކި ޖާމިނުވުންތަކަކާއެކު" އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައޭއީއޭ) އާއެކު މަސައްކަތްކުރުމަކީ އީރާނުގެ ނިއުކުލިޔާ އޮތޯރިޓީން ކުރަންޖެހޭ ކަމެކެވެ.
އައިއޭއީއޭއިން ބުނާގޮތުގައި އީރާނުން މިހާރު ދަނީ %60 އަށް ޔުރޭނިއަމް ފައްކާކުރަމުންނެވެ. ނިއުކުލިޔާ ބޮމެއް ހެދޭނީ %90 އަށް ޔުރޭނިއަމް ފައްކާކުރެވިގެންނެވެ.