އީރާނާއެކު ނިއުކުލިޔާ އެއްބަސްވުން އާކުރެވޭނެކަމާމެދު އަނެއްކާވެސް ސުވާލުއުފެދިއްޖެ

އީރާނާއެކު ހުޅަނގުގެ ބާރުތަކުން ވެފައިވާ ނިއުކުލިޔާ އެއްބަސްވުމުން އެމެރިކާގެ ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ދައުރުގައި އެގައުމު ވަކިވުމާ ގުޅިގެން އެއަށް އަމަލުކުރުން ހުއްޓިފައި ވަނިކޮށް، ރައީސު ބައިޑަން ވެރިކަމަށް ވަޑައިގެން އެއެއްބަސްވުން އާކުރުމަށް ކުރެވޭ މަސައްކަތަށް އަނެއްކާވެސް ހުރަސްތައް ކުރިމަތިވެއްޖެއެވެ.

އެއްބަސްވުމުގައި ބައިވެރިވާ ޔޫރަޕުގެ ތިން ބާރުކަމުގައިވާ އިނގިރޭސިވިލާތާއި، ފްރާންސާއި، ޖަރުމަނުން އިއްޔެ ވަނީ ނިއުކުލިޔާ އެއްބަސްވުން އެކުލަވާލުމުގައި އީރާނުގެ އިޚުލާސްތެރިކަމާމެދު ސުވާލުއުފައްދައި ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. މި ބަޔާނާމެދު ނުރުހުން ފާޅުކޮށް، އީރާނުން ބުނެފައި ވަނީ އެ ތިން ގައުމުން ވަކިފަރާތަކަށް ޖެހިފައިވާ ކަމުގައެވެ.

ޔޫރަޕުގެ ތިން ބާރު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ އުސޫލުތައް އީރާނުގެ މައްޗަށް ލާޒިމުކުރާ ކަންކަން އީރާނުނުން ނުކުރާކަމުގައެވެ. އެހެންކަމުން، ނިއުކުލިޔާ އެއްބަސްވުން އާކުރުމުގައި އީރާނުގެ އިޚުލާސްތެރިކަމާމެދު ސުވާލުއުފެދޭ ކަމުގައެވެ. އަދި މިކަމުގައި ދޫދިނުން ބޭނުންވާއިރު އީރާނުން ދަނީ ގޮތްދޫނުކޮށް، ނިއުކުލިޔާ ޕްރޮގްރާމް ވަރުގަދަކުރަމުންނެވެ.

މި ބަޔާނުގެ ރައްދުގައި އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތާއި، ފްރާންސާއި، ޖަރުމަނުން ނިއުކުލިޔާ އެއްބަސްވުމާމެދު އިޚުލާސްތެރި ނިޔަތް އޮތްކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކާ ޚިލާފުވެފައިވާ ކަމުގައެވެ. އަދި އެއްބަސްވުމާ ބެހޭގޮތުން ކުރިއަށްދާ  ވާހަކުން އެދެވޭ ނަތީޖާއެއް ނުކުތުމަކީ ފެށުނީއްސުރެ ތިންގައުމުން އެދޭ ކަމެއް ނޫންކަމުގައެވެ.

އަރަބި ބައެއް ނޫސްތަކާ ވާހަކަދައްކަވަމުން އީރާނުގެ އިސް މަސްއޫލުވެރިޔަކު ވިދާޅުވެފައި ވަނީ ޔޫރަޕް ތިން ގައުމުން އެމެރިކާއަށް ބޯލަނބައި، އެއްބަސްވުމަކަށް އައުން އުނދަގޫވާ ގޮތަކަށް މަސައްކަތްކުރަމުން އަންނަކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ތެރޭންވެސް އީރާނާ ދެކޮޅަށް ކަންތަކެއް ކުރެވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަގީގަތް ގަބޫލުކުރާ އެއްބަސްވުމެއް އެކުލަވާލަން އެމެރިކާ ތައްޔާރުނަމަ، ނިއުކުލިޔާ އެއްބަސްވުން އާކުރުމަކީ ކުރެވޭނެ ކަމެކެވެ.

އަނެއްކޮޅުން ނިއުކުލިޔާ އެއްބަސްވުން އަލުން 'ދިރުވުމަށް' ކުރެވޭ މަސައްކަތަށް ހުރަސްއަޅައި އެކަން ހުއްޓުވުމަށް އިސްރާއީލުން ކުރާ މަސައްކަތް ވަނީ އިތުރުކޮށްފައެވެ. ޔަހޫދީ ދައުލުތަކުގެ ބޮޑުވަޒީރު ޔައިރް ލިޕިޑް ވަނީ އިއްޔެ ޖަރުމަނަށް ގޮސްފައެވެ. ބޭނުމަކީ ނިއުކުލިޔާ އެއްބަސްވުމުން އާ ނުކުރުމަށް ޔޫރަޕުގެ ގައުމުތައް އެއްބަސްވޭތޯ މަސައްކަތްކުރުމެވެ.

2015  ވަނަ އަހަރުގެ ނިއުކުލިޔާ އެއްބަސްވުމުން އާކުރުމުގެ މަސައްކަތް ފެށުމާއެކު އިސްރާއީލުން ދަނީ އެ އެއްބަސްވުން އަލުން އެކުލަވާލިޔަ ނުދިނުމަށް ކުރެވުނުހާ މަސައްކަތެއް ކުރަމުންނެވެ.

2015 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އޮސްޓްރިޔާގެ ވިއެނާގައި އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަނު، ރަޝިޔާ އަދި ޗައިނާއިން އިރާނާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވާގޮތުން އީރާނުގެ ނިއުކުލިޔާ ޕްރޮގްރާމް ވަކި މިންވަރެއްގައި ހިފެހެއްޓުމުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭނެއެވެ. އެހެންނަމަވެސް، އީރާނުން އެއްބަސްވުމާ ޚިލާފުވަމުން ދާކަމަށް ބުނެ އެމެރިކާއިން ވަނީ 12 އޮކްޓޯބަރު 2017 ގައި އެއްބަސްވުމުން ވަކިވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.