ރައީސް ނަޝީދު، މަޖިލިސް ރައީސްގެ މަގާމުން ވަކިކުރަން ހުށަހަޅައިފި

ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމަށް ހުށަހަޅައިފިއެވެ.

54 މެންބަރުންގެ ސޮޔާއެކު  އެ މައްސަލަ ހުށަހަޅާފައިވާއިރު، ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރުގައި  ބުނީ، މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު އިންތިހާބުކޮށްފައި ވަނީ ގިނަ މެންބަރުންގެ އިއްތިފާގުން ކަމަށާއި، ވޯޓު ދީފައި ވަނީ އާންމުން އެދޭ ކަންކަން ހާސިލްކޮށްދެއްވާނެ ކަމުގެ އުންމީދުގައި ކަމަށެވެ. އަދި ފުރިހަމަ އިތުބާރާ އެކުގައި ކަމަށެވެ.

ނަމަވެސް އެ މަގާމުގައި ނަޝީދު ދެން އިތުރަށް ހުރެއްޖެ ނަމަ، އާންމުންގެ ހައްގުގައި މެންބަރުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމުގެ ފުރުސަތު މެންބަރުންގެ ކިބައިން ގެއްލި، މަޖިލީހުގެ ގަދަރު އާންމުންގެ ކުރިމަތީގައި ކުޑަވެ، ދައުލަތުގެ ނިޒާމްތަކުގެ ހަރުދަނާ ކަން ފިލައި ދާނެ ކަމަށް ވަނީ ބުނެފައެވެ.

ނަޝީދު ވަކި ކުރަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލައި، މަސައްކަތްތައް ހުއްޓުވާފައި ވުމާއި މެންބަރުންގެ ޒިންމާ އަދާކުރުމުގެ ފުރުސަތު މެންބަރުންގެ ކިބައިން ނިގުޅައިގެންފައި ވުމާއި މުހިންމު ބިލުތަކަށް ވޯޓަށް ނާހައި، މައްސަލަތައް ލަސްކުރަމުން ދިޔުން ހިމެނެއެވެ. އަދި ސަބަބު ބަޔާންނުކުރައްވައި ރިޔާސަތު ދޫކުރައްވައި ވަޑައިގެންނެވުމާއި ގަވައިދާ ހިލާފަށް ޖަލްސާތައް ކުރިއަށް ގެންދަވައި، ނިޒާމް ގެއްލުވާލަން މަސައްކަތްކުރާ މެންބަރުންނަށް ވާގިވެރިވުން ހިމެނެއެވެ.

މީގެ އިތުރުން ވަކި ފަރާތަކަށް ބުރަވެ، އިންޒާރު ދެއްވައި، ތަކުރާރުކޮށް ފުރައްސާރަކުރެއްވުމާއި މަޖިލިހުގެ ބަހުސްތަކުގައި ތަކުރާރުކޮށް ބައިވެރިވެ ވާހަކަ ދެއްކެވުން ވެސް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުން ކަމަށް ވުމުން، ނަޝީދު ވަކިކުރުމަށް ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.