މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.

އެމްޑީޕީން ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުެއްގައި މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިވީ ކުޑަވަގުތު ކޮޅު ތެރޭގައި ވެސް 44 މެންބަރުންގެ ސޮއި ހަމަވެއްޖެ ކަމަށެވެ.

ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްވީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށާއި އެ ބައްދަލުވުމުގައި 42 މެންބަރުން ބައިވެރިވި އިރު، އެގޮތަށް ފާސްކޮށްފައިވަނީ 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުން ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކޮށް، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމެވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ތަކުރާރުކޮށް، ޤާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި ޚިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް 19 ވަނަ މަޖިލީހުގައި އެކި ހާލަތްތަކުގައި ޤާނޫނާއި ޚިލާފް އެތައް ކަމެއް ކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް މިކަންކަމުގައި މަޝްވަރާ ކުރައްވައި ހަމަ މަގަށް ރުޖޫޢަވުމަށް އެތަކެއް ފުރުސަތުތަކެއް ދެއްވިކަމަށެވެ.

މަޖިލީހުގެ ރައީސަކީ އެމްޑީޕީގެ ވެސް އެތައް ބަޔަކު އިހުތިރާމް ކުރައްވާ ބޭފުޅަކަށްވުމުން އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމާއި ހަމައަށް ނުގޮސް މިހާތަނަށް ވެސް މަޑު ކުރެއްވީ ޤާނޫނުގެ ތެރެއިން ކަންކަން ކުރެއްވުމަށް ޖާގަ ދެއްވުމަށް ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.