އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ތިންވަނަ ކޮގްރެސްއިން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅައި ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ކޮންގްރެސްއާ މުޚާތަބު ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ކިރިޔާވެސް ފުރުސަތެއް އޮތް ކަމަށްވާނަމަ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން އިންތިޚާބުގައި އެމަނިކުފާނުގެ ނަން ކެންޑިޑޭޓުންގެ ލިސްޓުން އިލެކްޝަންސް ކޮމިޝަނުން ބާތިލް ކޮށްލާނެ ކަމަށް ގަބޫލުކުރާ މެމްބަރުން ވެސް އެބާއުޅޭ ކަމަށެވެ. މިފަދަ ކަންކަމަށް ވިސްނަވާފައި އެންމެންގެ ހަމަޖެހުމަށް އެމަނިކުފާނުވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގައި ވާދަނުކުރެއްވިޔަސް އެމްޑީޕީގެ ރިޔާސީ ކެންޕޭނުގެ އެންމެ އިސް އެކްޓިވިސްޓުގެ ގޮތުގައި ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ މިހާރު މުސްތަގިއްލުކަން ގެއްލިފައިވާ ތަނެއް ކަމަށެވެ.
ރައީސް ނަޝީދަކީ އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި އެޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވައިފައި ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް އެމަނިކުފާނު އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވުމުން އެމްޑީޕީގެ ކޮންގްރެސްއިން މިއަދު ވަނީ އެފަދަ ހާލަތްތަކުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ކޮންގްރެސްއާއި، ގައުމީ މަޖިލީހަށް ލިބިދޭ ގޮތަށް ފާސްކުރައްވައިފައެވެ.
އެމްޑީޕީއިން އުކުޅަހުގައި ބާއްވަމުން ގެންދަވާ ތިންވަނަ ކޮންގްރެސް (އާދަޔާ ޚިލާފު) ފަށައިފައިވަނީ މިއަދު މެންދުރު 12:30 އެހައިކަންހާއިރުއެވެ. ކޮންގްރެސްގައި 1،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވަމުންދާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.