ތިމާވެށްޓާގުޅޭ މަރުތައް

ތިމާވެށީގެ ކާރިސާތަކުގެ ޝިކާރައަށްވެ ، ދުނިޔެއިން މަރުވެދާ މީހުންގެ ޢަދަދު ، މިހާރުވަނީ ކުރިއާ އަޅާބަލާއިރު ، 15 އިންސައްތައަށް މަތިވެފައެވެ. ތިމާވެށީގެ ކާރިސާތަކުގައި މަރާކުރިމަތިލާން ގިނައިން ޖެހެނީ މުއްސަނދި ޤައުމުތަކުގެ ބަދަލުގައި ފަޤީރު ޤައުމުތަކުގެ ނިކަމެތި ފަޤީރުންނަށެވެ. މިކަން ފާހަގަކޮށްފައިވަނީ ، ތިމާވެށީގެ ކާރިސާތަކުން ލިބޭ ގެއްލުމާ ބެހޭގޮތުން ، މިހާތަނަށް ނެރެފައިވާ އެންމެ ފަހުގެ ރިޕޯޓްގައެވެ.

މި ރިޕޯޓް ބުނާގޮތުގައި ، ތިމާވެށްޓާ ގުޅިގެން އަޅުގަނޑުމެން އެންމެންގެ ދިރިހުރުންވެސް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. ސީދާ އިންސާނުންނަށް ފިޔަވައި ، ތިމާވެށީގެ ނޭދެވޭ އަސަރުތަކުން ، މުޅިދުނިޔޭގެ އިޤްތިޞާދުވެސް އޮތީ ނުރައްކަލަށް ހުށަހެޅިފައެވެ. އަދި އިންސާނާ ދިރިހުރުމަށްޓަކައި ބޭނުންވާ ޤުދްރަތީ ނިޒާމުގެ ތެރޭގައި ހިމެނޭ ނިޒާމާއި ވަޞީލަތްތައްވެސް ދަނީ އޭގެ ޒާތުގައި ، ނެތި ހަލާކުވަމުންނެވެ.  އައިޕީސީސީގެ ރިޕޯޓް ބުނާގޮތުގައި ، އަވަސް އަވަހަށް އަންނަ ފެންބޮޑުވުންތަކުން ، ކާބޯތަކެއްޗާއި ފެނުގެ ވަޞީލަތްތައް ފަނާވެ ، ބަލިމަޑުކަން ކުރިމަތި ވެއެވެ. އެތައްބަޔަކު މަރުވަމުން އެބަދެއެވެ. މިއީ ، ތިމާވެށީގެ ކާރިސާތަކާ ގުޅިފައިވާ ކަންކަމެވެ. ތަފާތު ބަލިމަޑުކަމާއި ، މައްސަލަތައް އުފެދި ، އެކަންކަން ނައްތައިލުމަށް ގޮންޖެހުންތައް ކުރިމަތި ވެއެވެ.

ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބައިމީހުން ދިރިއުޅެމުންގެންދަނީ ، ތިމާވެށީގެ މައްސަލަތައް ފުނިޖެހިފައިވާ ސަރަޙައްދުތަކެއްގައެވެ. މިސަރަޙައްދުތަކަށް އައި ތޫފާނާއި ފެންބޮޑުވުމާއި ބަނޑަށްޖެހުމުގެ ޙާދިސާތައް ، އެހެން ސަރަޙައްދުތަކަށްވުރެ 15 ގުނަ އިތުރެވެ. މިއީ މިދިޔަ ދިހައަހަރުގެ ތެރޭގައި ދުނިޔެއަށް އައި ބަދަލެކެވެ.

ދުނިޔޭގެ ހޫނުމިން އިތުރުވުމުގެ ސަބަބުން ޖައްވުގެ ނުސާފުކަންދަނީ އިތުރުވެ ދިރިއުޅުމަށް ހުރަސް އަޅަމުންކަމުގައި ސައިންޓިސްޓުން ހާމަ ކުރެއެވެ. ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް ދުނިޔޭގެ ޤައުމުތަކުން ވިސްނާފައިވާ ވިސްނުންތަކަށް ޢަމަލުކުރަން ލަސްވަމުންދާކަމުގެ އިންޒާރު ، ސައިންޓިސްޓުންނާއި ތިމާވެށީގެ ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ހުށަހަޅުއްވާގޮތުގައި ، ދުނިޔެ ހޫނުވުމަށް ބާރުދޭ ވިހަގޭސް ޖައްވަށް ދޫކުރާ ވަޞީލަތްތައް ޤާއިމްކޮށްފައިވާ ޤައުމުތަކުން ، އެކަން ހުއްޓުވައި ކުރިއަރަމުން އަންނަ ޤައުމުތަކުންވެސް އެކަން ކުރުމަށް ބާރުއަޅަން އެބަޖެހެއެވެ. އެއީ ، ތިމާވެށީގެ އެއްބައެއްވަންތަކަމުގެ މުޢާހަދާގެ ދަށުން ކުރަން ލަސްވެފައިވާ ކަމެކެވެ.

ކުރިން ދުނިޔެ ތަރައްޤީނުވާއިރު އޮތްމިންވަރަށް ދިއުމަށްޓަކައި ، 1.5 ޑިގްރީ ސެލްސިއަސްއަށް ދުނިޔޭގެ ހޫނުމިން ދަށްކުރަން އެބަޖެހެއެވެ. އެކަން ކުރެވޭނީ ، ދުނިޔޭގެ ޖައްވަށްދޫކުރާ ވިހަގޭސް ، ވަރަށްބޮޑަށް މަދުކޮށްގެންނެވެ. ދުނިޔޭގެ ޖައްވަށް މިހާރު ދޫކުރާ ވިހަގޭސް ހުއްޓުވުމަށް ކުރެވޭ މަސައްކަތަކީ އެ ލަނޑުދަނޑި ޙާޞިލްކުރެވޭނެ މިންވަރަކަށް ނުވެއެވެ. އެކަން ވަރަށް ސާފެވެ. 1.5 ޑިގްރީ ސެލްސިއަސްއަށް ދުނިޔޭގެ ހޫނުމިން ދަށްކުރަން ބޭނުންވާނަމަ ، ވިހަގޭސް މިހާރު ދޫކުރާ މިންވަރު ، 2030 އާހަމަޔަށް ދެބައިކުޅަ އެއްބަޔަށް މަދުކުރަން ޖެހެއެވެ.

ދުނިޔޭގެ އެއްވެސް ޤައުމަކަށް މި ޙަޤީޤަތާ ދުރަކަށް ނުދެވޭނެއެވެ. ސަބަބެއްވެސް ދެއްކޭކަށް ނެތެވެ. އެއީ ކުރަން މަޖުބޫރުވެފައި އޮތް ކަމެކެވެ. އެކަން ނުކޮށް ދުނިޔެ ސަލާމަތެއް ނުކުރެވޭނެއެވެ. ލަކުޑި އެންދުން ، މުޅިން ހުއްޓުވަން ޖެހެއެވެ. ތެލާއި ގޭހާ އަދި ބޯޓުދެލި އިތުރަށް ހޯދަން ކުރެވޭ މަސައްކަތް ހުއްޓުވެން ޖެހެއެވެ.

ބޯޓުދެލި ބޭނުންކޮށްގެން ކަރަންޓް އުފައްދާ އިންޖީނުގެތަކަކުން ޖައްވަށް ބޭރުވާ ވިހަގޭސް

ހިތާމަޔަކީ ، ބޮޑެތި ޤައުމުތަކުން މިމަގުން މަސައްކަތްކުރުމުގެ ބަދަލުގައި އެއާ އިދިކޮޅު ސިޔާސަތުތައް ގެންގުޅުމެވެ. މިސާލަކަށް ، އެމެރިކާގެ އެލަސްކާގެ އުތުރުގައި ޤާއިމްކޮށްފައިވާ ވިލޯ ޕްރޮޖެކްޓް އޮއިލްފީލްޑް ކޮންނަން އެޤައުމުގެ ސަރުކާރުން ހުއްދަ އެދިނީ މީހެ ހަތްދުވަސް ކުރިންނެވެ. މިއީ އެމެރިކާއިން ދުނިޔެއަށް ހަދިޔާކުރާ " ކާރބަން ބޮމެއް" ގެ ގޮތުގައި ސައިންޓިސްޓުން ދެކެއެވެ. އެއީ ، ބޯޓުދެލި އަޅައިގެން ހިންގާ 66 އިންޖީނުގެއިން ބޭރުވާ ސީއޯ 2  އާ އެއްމިންވަރަކަށް ސީއޯ 2  ބޭރުކުރާނެ ޕްރޮޖެކްޓެކެވެ.

އައިޕީސީސީއާ ގުޅިގެން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ، ދުނިޔޭގެ އެކި ސަރަޙައްދުގައި މަސައްކަތްކުރަމުންގެންދާ 700 ސައިންޓިސްޓުން އެބަތިއްބެވެ. އެމީހުންގެ މަސައްކަތަކީ ދުނިޔެއަށް ދޭ އުއްމީދެކެވެ. އެހެނަސް ، ފައިސާއަކީވެސް މުހިންމުކަންކުޑަ ވަޞީލަތެއްނޫނެވެ. އެއީ ވަރަށް މުހިންމު އެއްޗެކެވެ.

ތިމާވެށިންލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުތަކުން މަސައްކަތްކުރަން އެބަޖެހެއެވެ. އެސަރުކާރުތަކުގެ ބެލުމުގެ ދަށުގައިވާ މީސްތަކުން ސަލާމަތްކުރުމަށް ، ރައްޔިތުން ނުކުމެ އެ ސަރުކާރުތަކަށް މަޖުބޫރުކުރުވަން އެބަޖެހެއެވެ. އެއީ ފަރުދީ ޒިންމާއަކަށް ވެއްޖެއެވެ.

ތިމާވެށީގެ މައްސަލަތަކުން ދެން ، އެންމެ ބޮޑު އެއްއަސަރެއްކުރާ ދާއިރާއަކީ ދަނޑުވެރިކަމުގެ ދާއިރާއެވެ. ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. މިހާރަށްވުރެ ތިމާވެށްޓާ ރައްޓެހި ބާވަތްތައް އުފެއްދުމާއި ، އިޤްތިޞާދުކޮށްގެން ފެން ބޭނުންކުރުމާއި ކާބޯތަކެތި ގުދަންކުރުން ، ފެންޖެހުން އަދި ދަނޑުތައް ހިންގައި ބެލެހެއްޓުމުގައި ވީހާ ގެއްލުންކުޑަކޮށް މަސައްކަތް ކުރަން އެބަޖެހެއެވެ.

ދަނޑުވެރިކަމަށްބަލާއިރު ، ކުދި ދަނޑުތަކުގައި އާދައިގެ ގޮތަކަށް ދަނޑުވެރިކަންކުރާ ފަރާތްތަކަށްލިބޭ ތިމާވެށީގެ ގެއްލުން މާ ބޮޑުވެފައި މާލީގޮތުންލިބޭ ފައިދާ ކުޑައެވެ. މިއީ ކުދިކުދި ޖަމާޢަތްތަކަށް މާލީގޮތުން ތަޙައްމަލުކުރަންޖެހިފައިވާ ޙަޤީޤަތެކެވެ. ކާބޯތަކެތި އުފެއްދުމާއި ދަނޑުވެރިކަމަށް މިހާރަށްވުރެބޮޑަށް އަޅައިނުލެވި ، ހޭދަނުކޮށްފިނަމަ ، މުޅި ދުނިޔެއަށް ބަނޑުހައިހޫނުކަމެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ. މިއީ ދުނިޔެއަށްދޭ ވަރުގަދަ އިންޒާރެކެވެ.

ދުނިޔޭޣެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަނުކުރެވިއްޖެނަމަ އެއީ ، ކަނޑޫގެ އައްސޭރިފަށުގައިވާ ކުދި ޤައުމުތަކަށް ލިބެން އޮތް ބޮޑު ގެއްލުމެކެވެ. އެ ޤައުމުތަކުން ދުނިޔެ ހޫނުވުމަށް އެއްވެސްކަމެއް ނުކޮށްތިބޭ ޙާލުގައެވެ. ތެލާއި ގޭހާއި ބޯޓުދެލި އަންދައިގެން ބޮޑެތި ޤައުމުތަކުން ބިލިއަނުން ޑޮލަރު ހޯދާއިރު ، ކުދި ޤައުމުތަކުގެ ނިކަމެތިން އެތިބެނީ ، މާދަމާވެސް ވާނެގޮތެއް ނޭނގި ބިރުވެރިކަމެއްގެ ތެރޭގައެވެ. ފުރާނަ އަތްމައްޗަށް ލައިގެންނެވެ.

ދިވެހިރާއްޖެޔަކީވެސް ، ބޮޑެތި ޤައުމުތަކުން ، ޖައްވަށް ދޫކުރާ ވިހަގޭހުން އުފެދޭ ތިމާވެށީގެ މައްސަލަތަކުގެ ޝިކާރަ އެކެވެ. ދުނިޔެ ހޫނުވާ ވަރަކަށް ކަނޑުގެ ލޮނުގަނޑު އުފުލިގެން ދެއެވެ. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްގިރަމުންގޮސް ، ރަށްހަލާކު ވެއެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކައި ބޮޑުހިލަޖަހައި އެތައް ޚަރަދެއްކުރަން މަޖުބޫރު ވެއެވެ. ވަމުންދާ މިގެއްލުމަކީ ރަށްފުށުގެ ރައްޔިތުން ވަކިކަމެއްކޮށްގެން ލިބޭ ގެއްލުމެއްނޫނެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ކުރާކަމަކާ ގުޅިގެން ލިބޭ ގެއްލުމެކެވެ.

އެހެންނަމަވެސް ރަށްފުށުގެ ރައްޔިތުންވެސް ، ރަށްރަށް ޙިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.