(31 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މާޖިދު އަނާއާ ދިމާއަށް ބަލަމުން ގެންދިޔައެވެ. އަދި ހީނލާފައި ބުންޏެވެ.
"މިސްޓަރ ޘަނާވެސް ސިނގިރޭޓް ބޮއެއްނު!"
"އަހަރެން ކަލޭ ސިނގިރޭޓް ބޯން މަނާކުރީއެއްނޫން! ހަމައެކަނި އަހަރެން ބުނީ މިވަގުތު އަހަރެން މީނީ ވަރަށް ބޮޑަށް ބަލިވެފައޭ އަދި ސިނގިރޭޓްގެ ދުމަކީ އަހަރެންނަށް އުނދަގޫވާއެއްޗެކޭ" އަނާ ވަރަށް ބޮޑަށް ނުރުހިފައި ބުންޏެވެ.
"އެންމެ ރަނގަޅު. އަހަރެން ސިނގިރޭޓެއް ނުބޯނަން."
"ވަރަށް އޯގާތެރި"
"އަހަރެންގެ އައުން ކަލޭމެން ދެ މީހުން ނުރުހޭކަމަކަށް ނުވޭދޯ!"
"ހިމޭނުން ނީނދެވެންޏާ އަހަރެން އެހެން ކޮޓަރިއަކަށް ހިނގައިދާނަން!"
"އޭތް އެހެން ނުހަދާ.. ކަލޭދާންވީ ކީއްވެގެން؟ ކަލެއަކީ މި ކުންފުނީގެ ޗެއަރޕާސަން..... މިލިއަނަރ އަންހެން ސާހިބާ! އަދި ކަލޭގެ ފިރިމީހާ ވެސް އޭނާގެ ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދު ކަލޭއަތުން ދަރަންޏަށް ނަގަންޖެހޭ ފަދަ އަނބިކަނބަލެއް...... އެހެނީ އެ މިލިއަނަރ އަންހެނާގެ ފިރިމީހާގެ އެކައުންޓުގައި މިހާރު ދެތިން ސަތޭކަ ރުފިޔާވެސް ނެތް."
"އެންމެ ރަނގަޅު ތި މަވްޟޫއުގެ މައްޗަށް އިތުރުވާހަކަ ދައްކާނީ ގޭގައި..." އަނާ ރުޅި އައިސްފައި ބުންޏެވެ.
"އެކަމަކު އަހަރެންނަށް މިހާރު ފައިސާ ބޭނުންވޭ!"
"ކަލޭގެ ބައްޕަގެ އަތުން އަތުލާ! އޭނާގެ އެކައުންޓުގައި އެތައްލައްކަ ރުފިޔާއެއް ހުންނާނެ....." އަނާ މާޖިދާ ދިމާއަށް ކަޅިއަޅާލިއެވެ.
ޘަނާގެ ކުރިމަތީގައި މާޖިދު މި ރޮނގުން ގިނަވާހަކަތައް ދައްކަން އޭނާ ނުރުހެނީ ކަންނޭނގެއެވެ. ނަމަވެސް މާޖިދު ގެއިން ނުކުމެގެން އައީވެސް ނިޔަތް ނުބައިވެގެންނެވެ. އެހެންކަމުން ވާހަކަ ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ. "އެއީ ކަލެއަށް ކުރެވޭނެ ކަމެއްނަމަ ބައްޕަގެ ޕާރސަނަލް އެކައުންޓްވެސް ކަލޭ ބަންދުކުރީސް. ނަމަވެސް އެއީ ކަލޭގެ ބާރުގެ ދަށުގައި އޮތްކަމެއްނޫން....ކަލޭ ބޭނުންވަނީ އަހަރުމެން އެންމެން ކަލޭގެ ކިބައިން ކަންތަކަށް އެދޭގޮތްވުން.... އަނާޖީ! އެންމެފަހުން މިކަންވެގެންދާނީވެސް އެހެން...."
"މާޖިދު! ޕްލީޒް!" އަނާ އަތްއުފުލާލާފައި ބުންޏެވެ.
"އަހަރެން މިވަގުތުމިވަނީ ވަރަށް ބަލިވެފައި. އޯގާތެރިކަމާއެކު ދެން ތިޔަ ވާހަކަތައް ދިގުނުކުރޭ!"
"ބަލިވެއުޅޭނަމަ ގޭގައި އަރާމުކުރަން އޮންނަންވީނު..... އޮފީހަށް އަންނަންވީ ކީއްކުރަން..."
"މިހާރު ދެން ކަލޭ ބޭނުންވަނީ ކޮންކަމެއްތަ؟ އަނާއަށް ވަރަށް ބާރަށް ބުނެވިއްޖެއެވެ. އެއާއެކު އޭނާ ކެއްސައިގެންފިއެވެ. ޘަނާއަށް ބޭއިޚްތިޔާރުގައި އޭނާއިން ގޮނޑިން ތެދުވެވިއްޖެއެވެ. އަދި އިންޓަރކަމުން ފަރީދާ ގާތުގައި ފެންފޮދެއް ގެންނާށޭ ބުނެފިއެވެ. ފެންތަށްޓެއް ހިފައިގެން ފަރީދާ ވަރަށް އަވަހަށް އެތަނަށް އަތުވެއްޖެއެވެ.
"ޝުކުރިއްޔާ މިސް ފަރީދާ" އަނާ ފެންތަށީގައި ހިފަމުން ބުންޏެވެ. އަދި ފެންތަށިން އެތިފޮދެއް ބޯލިއެވެ. އެތަންވަޅު ޘަނާ ބުންޏެވެ.
"މާޖިދު ޞާހަބު! ޕްލީޒް! އަނާގެ ބަލިހާލު މިވަގުތު ވަރަށް ބޮޑު، އެހެންވީމާ މިވަގުތު ދެން ކަލާ ގިނަ ވާހަކަ ނުދައްކަވާ... އަދި ކަލާއަށް ފެނިލައްވާނަމަ އިހަށް ބޭރަށް ނުކުންނަވާ!"
"ވަޓް!" މާޖިދު ހަޅޭއްލަވައިގަތެވެ.
"އަޅުގަނޑު މި ނަންގަތީ ކަލާއިހަށް ބޭރަށް ނުކުންނަވާށޭ! ޘަނާ އެހެން ބުނީ ވަރަށް ފަސޭހަ ގޮތަކަށެވެ. މާޖިދު ގޮނޑިން ތެދުވެއްޖެއެވެ. އަދި އަނާއާ ދިމާއަށް ކަޅިއަޅާލާފައި ބުންޏެވެ.
"ކަލޭ..... ކަލެއަކީ ވަރަށް ދަށުދަރަޖައިގެ އަންހެނެއް ވަރަށް ވިޔާނުދާ އަންހެނެއް....ކިހާވިޔާނުދޭތަ! ފިރިމީހާގެ ކުރިމަތީގައި ރައްޓެހި މީހާޔާއެކު ލޯބިން އުޅޭކަށް ބަލައެއްނުލާ!"
އެހެން ބުނެފައި މާޖިދު ވަރަށް ބާރަށް ހިނގާފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.
ކޮޓަރިއަށް ހިމޭންކަން ވެރިވެއްޖެއެވެ. ހީވަނީ ހިތްތަކުން އުތުރި އަރަމުންދިޔަ އުދާހުގެ ދުމުން ކޮޓަރި މުޅީން ވިހަކޮށްލީހެންނެވެ. މާޖިދު ބުނެފައި އެދިޔަ އެއްޗަކުން އަނެއް ދެ މީހުންނަށް ނޭވާލާންވެސް ދަތިވެފައިވަނީ ހެންނެވެ. ދެ މީހުންގެ ވެސް ލޭއަވަސްވެގެން ދިޔައެވެ. ނަމަވެސް ދެ މީހުންމެ ތިބީ ގަނޑުވެފައެވެ. ހުއްޓިފައެވެ. ކުއްލިއަކަށް ޘަނާ ޙަރަކާތްތެރި ވެއްޖެއެވެ. އަދި އަނާ ކައިރިއަށް ޖެހިލާފައި އޭނާގެ އަތުގައި އޮތް ތަށި އަތުލައިފިއެވެ. އެއާއެކު ވަރަށް މަޑުމައިތިރި ގޮތަކަށް ބުނެލިއެވެ. ކަލާ މުޅީން ރަނގަޅުތޯ؟ އަނާޖީ! އަނާ ސިހިގެން ދިޔައެވެ. އަދި އޭނާގެ ތުންފަތް މައްޗަށް ޒަހަރުގެ އަސަރު އެކުލެވިގެންވާ ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ.
"އާނ... އަޅުގަނޑު އެންމެ ރަނގަޅު.!"
"ނޫން... ކަލާގެ ޙާލު ރަނގަޅެއްނޫން...... ކަލާ ދެން މާޖިދު ޞާޙަބު އެ ބުނުއްވި އެއްޗަކާމެދު ފިކުރުނުކުރައްވާ....... އެހެނީ އޭނާއަށް އެގޮތަށް ވާހަކަ ދެއްކިދާނެ......އަޅުގަނޑުވެސް ޤަބޫލުކުރަން. އަދި ކަލާ ހައްދަވަމުން ތިޔަ ގެންދަވާ ގޮތުން އޭނާ ކަންތައްތަކަށް ބޭނުންވެގެން އެފަދަ ވާހަކަ ދެއްކިދާނެ.... އެހެންވީމާ އަޅުގަނޑު މިނަންގަންނަނީ ކަލާ އޭނާގެ ވާހަކަތަކާމެދު ފިކުރުނުކުރައްވަން.... އަދި ކަލާ އަމިއްލައަށް ކަލާގެ ރައްކާތެރި ކުރެއްވުމުގެ ގޮތުން ސިކުނޑިމުޅީން މިނިވަންކޮށް ގެންގުޅުއްވަން!"
އަނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ...ލޯ މަރާލާފައި ގޮނޑީގައި ރަނގަޅަށް ލެނގިލައިފިއެވެ. ޘަނާ ކުޑައިރުކޮޅެއް ވަންދެން އަނާއާ ދިމާއަށް ބަލަން ހުއްޓެވެ. ދެން އޭނާގެ ގޮނޑިއާ ދިމާއަށް ހިނގައްޖެއެވެ. އެ ދެ މީހުން ދެމެދަށް މިހާރު އައިސްފައިވާ ހިމޭންކަން ފަދަ ފުން ހިމޭންކަމަކަށް މަރުގެ ހިމޭންކަން ވެސް ވާނެބާވައެވެ. މިހާރު އެ ދެ މީހުން ނޭވާލަމުން މިދަނީ ކޮންފަދަ ނުރައްކާތެރި އަދި ކޮންފަދަ ނިކަމެތި ދަރަޖައިގެ މާޙަވްލަކަށް ބާވައެވެ. އަނާ ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ.
ޘަނާ! އަޅުގަނޑު ގެއަށްދަނީ.."
ޘަނާވެސް ތެދުވެއްޖެއެވެ.
"ކީއްވެގެން! އަނާ ދެންމެ ފުރަތަމަ ފަހަރަށް ކަތިނަޡަރަކުން ޘަނާއާ ދިމާއަށް ބަލާލިއެވެ.
"ބުނުއްވާބައްލަވަ......ގެއަށް ދިޔުން ރަނގަޅު ނޫނީތޯ؟" އަނެއްކޮޅުން ޘަނާ ކުރާނެކަމެއް ނެތިގެން ތުންފަތުގައި ދަތްއަޅާލައިގެން ހުއްޓެވެ.
"އަޅުގަނޑު ގެއަށްދާނީ ޓެކްސީއެއްގައި.... ކަލާ ކާރުގައި 6.45 ހާއިރު ގެއަށް ދުރުވޭ.. މިރޭ އަދި ޑޮކްޓަރަށްވެސް ދާންޖެހޭނެނޫންތޯ؟" އަނާ އެނބުރިލިއެވެ. އަދި މަޑުމަޑުންގޮސް ކޮޓަރީން ނުކުމެއްޖެއެވެ. އޭގެ ފަހަތުން ވަރުގަދަ އަސަރުތަކެއް ދޫކޮށްލާފައެވެ. އެއަސަރުތަކުގެ ސަބަބުން ޘަނާގެ ލޭވެސް އަވަސްވެގެން ދިޔައެވެ.
އަނާޖީއަށް ހެޔޮދުޢާ އާއި ސަލާމް.
"އަޅުގަނޑު މިދަނީއެވެ. ކީއްވެގެންތޯއެވެ. މިހާރު އަޅުގަނޑަށް އޮތީ ދިޔުމެވެ. އަޅުގަނޑުގެ ސަބަބުން ކަލާއާ ދިމާއަށް ހުތުރު ބަހެއް ރައްދުވާން އަޅުގަނޑު ނޭދޭތީއެވެ. އަޅުގަނޑުމެން ދެ މީހުންތިބީ އެކަކު އަނެކަކަށް އައި ދެ ބީރައްޓެހީންގެ ގޮތުގައެވެ. ޙަޔާތުގެ މަގުތަކުން މަގެއްގެ ކަންމަތިން ދިމާވީއެވެ. ނަމަވެސް އަޅުގަނޑު މެންނަށް އެކަކު އަނެކަކު ނުދަންނަ ބީރައްޓެހިންނޭ މިހާރު ބުނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ނަމަވެސް ދުނިޔެއޭ މިކިޔާ މި ބިމުގައި ފަސް ބިލިޔަނަށްވުރެ ގިނަ އިންސާނުން އުޅެމުން އެބަދެއެވެ. އޭގެތެރެއިން ގިނަ މީހުންނަކީ ޚުދް އެ މީހުން، އެ މީހުންގެ އަމިއްލައަށް ވެސް ނުދަންނަ ބީރައްޓެހީންނެވެ. މީހުން އެ މީހުންގެ ޠަބީޢީ އުމުރު ހަމަވަންދެން އުޅެފައި މަރުވެގެންދެއެވެ. އެ ދުވަސްވަރު ކޮންމެ މީހަކުވެސް އެ މީހެއްގެ ދިރިއުޅުން ގެނެސްދޭ މަސައްކަތް ތަކެއްގައި އުޅެމުންދަނީއެވެ. އެ މަސައްކަތްތަކަކީ އެ މީހެއްގެ އަމިއްލަ ނުވަތަ އެހެން ބައެއްގެ އެދުމާ އެއްގޮތަށް ރޭވިފައިވާ މަސައްކަތްތަކެކެވެ. އެކަމަކު އެ މަސައްކަތް ކުރަމުންދާއިރު އެހެން މީހުންގެ ޖަޛްބާތު އެ މީހަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އަދި އޭގެ ނަތީޖާއަކަށްވަނީ އެއްވެސް މީހަކު ކިތައްމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެ މީހެއްގެ އަމިއްލަ ޛާތާ ވަކިނުވުމެވެ. އަބަދުވެސް ވިސްނެނީ އަދި ބެލެނީ ތިމާއަށް ކޮންމެވެސް އެއްޗެއް ލިބޭތޯއެވެ. ނުވަތަ ތިމާ އަތުން އެއްޗެއް ވިއްކޭތޯއެވެ. އެހެންކަމުން ޙަޤީޤަތުގައި އުޅެނީ އެކަށީގެންވާ ލޭންދޭން ކުރުމަށެވެ. އަދި އެއަށް ކިޔަނީ ވިޔަފާރިއެވެ. ...އަދި... ވިޔަފާރީގައި ގެއްލުން ވެސް ވާނެއެވެ. ނަމަވެސް އޭގެ ބޭނުމަކީ އިންސާނުން ގެއްލުމާއި ކުރިމަތިވުމުން ހިތް ދޫކޮށްލުމެއް ނޫނެވެ. އަދި ތިމާގެ އަމިއްލަ ޒާތަށް ޓަކައި ބުރައަކަށްވުމެއް ވެސް ނޫނެވެ.
އަނާޖީ!
މިއަދު އަޅުގަނޑަށް އާދެވިފައިމިވާ ހަތަރު އަނގޮޅިއަކީ ވަރަށް ޢަޖަބުވާފަދަ ހަތަރު އަނގޮޅިއެކެވެ. ކަލާއަކީ ފިރިންނަށް ވަފާތެރި ތެދުވެރި އަންހެނެކެވެ. ކަލާ ކަލާގެ އަމިއްލާ ޒާތު ސްޕޭސްގައި ބުރުއަޅުއްވަން މަސައްކަތް ކުރައްވަނީއެވެ...ނަމަވެސް.....އަޅުގަނޑު މި ނިކަމެތި އަޅުގަނޑު...ތިޔަ ދެކަނބަލުންގެ ހަނގުރާމައިގައި ހަލާކުވީއެވެ. އަޅުގަނޑު ހަލާކުވާން ޖެހުނީ އަޅުގަނޑުގެ ހިތުގެ އަތުން އަޅުގަނޑު ހަލާކުވެފައިވީތީއެވެ. ބީރައްޓެހި މީހާ މަގެއްގެ ކަންމަތިން ކަލާއާ ބައްދަލުވިއެވެ. އަދި އެ މީހާގެ ހުރިހާކަމެއް ނާކާމިޔާބުވެގެން އެނބުރި ދިޔައީއެވެ. އަޅުގަނޑުގެ ޚިޔާލުގައި ދިރިއުޅުމޭ ކިޔަނީ ހަމައެކަނި ލިބުމަކަށް ނޫނެވެ. ބައެއް ކަންތައްތައް ކުރަން އުޅެ އެކަން ނުވުމުން ވެސް އިންސާނުންނަށް ބައެއްފަހަރު ކާމިޔާބު ވީކަމުގެ އިޙްސާސް ލިބޭގޮތްވެއެވެ. އެހެންކަމުން އަޅުގަނޑަށް ލިބުނު ނާކާމިޔާބީއަކީ އަޅުގަނޑުގެ ކާމިޔާބީއެވެ. މިހާރު އަޅުގަނޑު ކަލާގެ ގާތުގައި ހުރެގެން ކަލާގެ ދިރިއުޅުމަށް ޒަހަރުލާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ. އެމީހުންނަށް ވެސް އަދި ކަލާއަށް ވެސް މި ކަމާބެހޭ ގޮތުން ކަމެއް ނުކުރެވޭނެއެވެ. ނަމަވެސް ކަލާއަށް މަލާމާތުގެ ބަސްތައް ރައްދުވާ އަޑުއަހަން އަޅުގަނޑަކަށް ނުހުރެވޭނެއެވެ. އަޅުގަނޑަކީ އެހާ ގޮތްދޫނުކުރާ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ. އަޅުގަނޑު މިދަނީ އެހެންވެގެންނެވެ. އަދި އަޅުގަނޑު މި ދަނީ އަޅުގަނޑުގެ ނަޒަރުގައި އަބަދަށްޓަކައި ކަލާގެ ވުޖޫދު ރައްކައުކޮށްގެންނެވެ.
އަޅުގަނޑުގެ ދުޢާއަކީ ޤުދުރަތު ކަލާގެ މަންޒިލަށް ގެންގޮސް ދެއްވުމެވެ. އަޅުގަނޑުގެ އެންމެ އެދުމެއް އެބައޮތެވެ. އެއީ މާތްކަލާނގެއަށް ޓަކައި ކަލާ ކަލާއާމެދު ޚިޔާލުކުރެއްވުމެވެ. އަނާޖީ!"
ނިކަމެތި
ބީރައްޓެއްސެއްކަމުގައިވާ
ޘަނާ
(ނުނިމޭ)
varah vrahves reethi