ބްލޫ ރިބަން: ވިއްކާ "ހުއްދަ" ބޯޑު

ސަލާމަތެއް ނެތެވެ ؟ ދޮންބެއްޔާ ހިތަށް އެރިއެވެ. މިމީހުންނާ ދެބަސްވާންނުޖެހޭ ހަމަ އެއްކަމެއްވެސް ނުއޮންނަނީއެވެ. މެންދުރު ދިން ރަތްދަކަ އަވީގައި ، މެންދުރުނަމާދަށް ބަންގިގޮވީމާ ، ދޮންބެއްޔާ ގެއިން ނުކުތެވެ. ޖަމާލުއްދީން ހިނގުމުންލާފައި ހުޅަނގަށްގޮސް ، އެކޮށީގެ ހުޅަނގުން އޮންނަ ނިކަގަސްމަގަށް ނުކުތެވެ. ނިކަގަސްމަގަށް ނުކުމެ ، އުތުރަށް ހަޔެއްކަ ފިޔަވަޅު އެޅުމަށްފަހު ، ހުޅަނގަށް އޮތް ޖޯޝީ ހިނގުމަށް އެޅިއެވެ. ކުރިމަތިން ހުޅަނގުން ، ފެންނަން އޮތީ ޗާނދަނީމަގެވެ. ޗާނދަނީމަގު ހުރަސްކޮށް ހުޅަނގުން ފެންނަން އެހުރީ މަސްޖިދު އަލް ޖަލާލުއްދީނެވެ. ތިންބުރިޔަށް ހަދާފައިހުރި ޖާގަބޮޑު މިސްކިތެކެވެ. މަޖީދީމަގުން ފެށިގެން ދެކުނަށް އޮންނަ ، ޗާނދަނީމަގާއި އޭގެ ހުޅަނގަށް އޮންނަ ދެވިނަމަގަކީ ، މެލޭޝިއާގެ ޗައިނާ ޓަވްން ފަދައިން ، މާލޭގައި ބަންގާޅުމީހުންގެ ފިހާރަތައް ގިނަ ސަރަޙައްދެކެވެ. އެހެންކަމުން ނަމާދު ވަގުތަށް ، މަސްޖިދު އަލް ޖަލާލުއްދީން ފުރެއެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހިންނާއެކު ، ގިނަޢަދަދެއްގެ ބަންގާޅުމީހުން ލައިގެންނެވެ.

ދޮންބެއްޔާ ޖޯޝީ ހިނގުމުން ކުރިޔަށްގޮސް ، ކުރިމަތިން އެފެންނަ މިސްކިތާ ކައިރިވާވަރަކަށް ، ސައިކަލްތައް ކުރިޔަށް ނުދެވި ގިނަވެފައި މީހުންތޮށްޖެހޭގޮތް ބޮޑުވިއެވެ. އެއީ ނަމާދު ގަޑިވީމަ ވެދާނެ ކަމެކެވެ. އެމަގުގައިވެސް މީހުން ސައިކަލް ބަހައްޓާފަ ހުންނަނީ ބަހައްޓާނެ ގޮތަކަށެވެ. ހަނިމަގަކަށްވެފައި ، ޕެލެޓްފަދަ އަދި ދަނގަޑުފަދަ ތަކެތި ގޭދޮރުމަތީ ބަހައްޓައި ، ނުވަތަ ސިމެންތިން ކޮންކްރީޓްއަޅައި މަގުން ދޮރުމައްޗަށް އޮންނަތަން އުފުއްލާފައި ހުންނާތީ ، އޭގެ ކުރިޔަށް ސައިކަލްބެހެއްޓީމަ ހުންނަނީ ، އެއޮއްހަނިމަގުން ބޮޑުބަޔެއް ހިފާފައެވެ. އޭގެ އިތުރަށް އެއްބަރިޔަށް ސައިކަލް ޕާކުކޮށްފައި ހުންނައިރު މަގުގެ އަނެއްފަރާތުގައިވެސް ސައިކަލް ބަހައްޓާފައި ހުރެއެވެ. އެހިސާބުން ރީތިކޮށް އެމަގުން ހިނގާފައި ދެވޭނީ ހަމަ އެންމެ މީހަކަށެވެ. ފަހަތުން ސައިކަލެއް އަންނަންޏާ ޖެހޭނީ އެއްފަރާތަކަށް ޖެހި ފާރާފިތިގެން ހުންނާށެވެ.

މިސްކިތާ ތަންކޮޅެއް ކައިރިވެލިތަނާ ކުރިޔަށްދާން ވަކިން އުނދަގޫވެއްޖެއެވެ. އެއިރު ނަމާދަށް ޤަމަތްދޭއަޑު އިވެއެވެ. ދޮންބެއްޔާ އަޅައިގަތީ މަގުމަތީ ބަހައްޓާފަހުރި ބޯޑެއްގައެވެ. އެ ބޯޑުގައި ، " މާލޭ ސިޓީކައުންސިލުން ހުއްދަ ދީފައި " މިހެން ޖަހާފައި އޮތެވެ. ދެން ކުރިޔަށް ބަލައިލިއިރު ، ޗާނދަނީމަގުން އައިސް މަނާކޮޅުން ވައްދައި މަގުހުރަހަށް ބާއްވާފައި އޮތް ބޮޑުޕިކަޕަކަށް މުދާ އަރުވަމުން ގެންދެއެވެ. މުދާ ނެރެނީ ތިލަދުންމަތީ ދެކުނުބުރީގެ ފަޅުރަށަކަށް ނިސްބަތްވާގޮތަށް ، އެތާނގައި ، " މާރޓް " ޖަހާފައިހުރި ފިހާރައެއް ނުވަތަ ގުދަނެއްކަހަލަ ތަނަކުންނެވެ. އެތަނުން ނެރެމުންދިޔަ ގޯނިގޯނީގައި ދެލާމުންކިޔޭ " މަލެއްގެ " ނަން ޖަހާފައި ހުރިތަންވެސް ފެނުނެވެ. އެއީ އެވިޔަފާރީގެ މަރުކާ ކަމަށްވެދާނެއެވެ.

މެންދުރު ނަމާދު ވަގުތެވެ. ނަމާދަށް ޤަމަތް ދެނީއެވެ. މީހުން މިސްކިތާ ހިސާބަށް ނުދެވިގެން ތޮށްޖެހޭއިރު ، ސައިކަލްތައްވެސް ތޮށްޖެހެނީއެވެ. މަގުން ހިނގަން އުނދަގޫވަނީއެވެ. މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީފަ އޮތް ކަމަށްބުނާ ބޯޑެއް މަގުމެދުގައި ބަހައްޓައިގެން ، ޓްރެފިކް ޤަވާޢިދާ ޚިލާފަށް ޕިކަޕެއްގެނެސް މަގުހުރަސްކޮށް ބާއްވައިގެން ، އެތާހުރި މާރޓުން ނުވަތަ ގުދަނުން ، މުދާ އަރުވަނީއެވެ. މަގު ބަންދުކޮށްގެން ، މުދާ އަރުވަންވެސް މާލޭ ސިޓީކައުންސިލުން ބޯޑު ވިއްކަން ފެށީހެއްޔެވެ ؟

މުދާ އަރުވާ ބާލަން މަގުބަންދުކުރަން ......... މާޓުން ބޭނުންކުރާ ބޯޑު ( ނިމިގެން އެއްކައިރިއެއްގައި ބަހައްޓާފައި )

މުދާ އަރުވާ ބާލަން މަގުބަންދުކުރާ ބޯޑެއް މާލޭ މުނިސިޕަލްޓީން ، އަދި ތަޢާރުފްކޮށް ވިއްކަންފެށިކަމެއް ނޭނގެއެވެ. އަތްނުފޯރާ ވަރުގެ ބޮޑުވިޔަފާރިއެއްވީމަ ، އުމުރަށް ވިއްކާލާ ބޯޑުވެސް ހުރެދާނެއެވެ. އެފަދަ ބޯޑަކީ ބޭނުންތާކަށް ބޭނުން އިރަކު ގެންގޮސް ބޭނުންކުރުން ހުއްދަވާ އަގެއްގައި އަގުބޮޑުކޮށް ވިއްކާ ބޯޑަކަށްވެސް ވެދާނެއެވެ. ވިތިރީސް ކޮންސަލްޓަންޓުން ވަޒީފާގަ ތިބިއްޔާ އެވަރަށް ބޯޑުވިއްކިދާނެ ފޯމިއުލާއެއްވެސް ސިޓީ ކައުންސިލަށް ހޯދިދާނެއެވެ. ދެރަކަމަކީ ، މިބޯޑާއި ، މުދާ އަރުވާ ޕިކަޕާއި ، މުދާ ރައްކާކުރާ މާޓް ނުވަތަ ގުދަން ބިދޭސީންގެ އަތްމައްޗަށް ގޮސް ، ނަމާދުގަޑިއަކަށް ބެލުމެއްނެތި ، މަގުހުރަހަށް އުޅަނދު ބާއްވައިގެން ހިނގާމީހުންނަށް މަގުބަންދުކޮށް އެޖަހާ ސަކަރާތެއް ޖެހުމެވެ. ނުވިތާކަށް ނަމާދަށް ދާން އޮންނަ މަގުވެސް އެއޮންނަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައެވެ. މިމާޓާކުން މި ސަކަރާތެއްޖަހާތާ ދުވަސްކޮޅެއް ވެއްޖެކަމަށް އެހިސާބުން ހިނގާ  އުޅޭމީހުން ބުނެއެވެ. މައްސަލަ ބޮޑަށް މި ފާހަގަކުރެވެނީ ، ރަމަޟާންމަހުގެ ނަމާދުގަޑިތަކާ ދިމާކޮށް މިމީހުންގެ އުނދަގޫ ބޮޑުވާން ފެށުމުންނެވެ.

ބޮޑެތި ވިޔަފާރިތަކުން ، ވިޔަފާރީގައި ﷲ ގެ ބަރަކާތް ލެއްވުންއެދި ، މިއޮތް މާތް ރަމަޟާންމަހުގެ މެންދުރު ، ކުރަން އެންމެ ރަނގަޅު ކަމަކީ އެއީތޯ ދޮންބެއްޔާ އޭނާގެ އަމިއްލަ ނަފުސާ ސުއާލު ކުރިއެވެ. ދެންއޮތް އަނެއް ސުއާލަކީ ، މާލޭ ސިޓީކައުންސިލްގެ ހުއްދަ ދީފަ އޮތްކަމަށްބުނާ ބޯޑެވެ. އެއީ މުޅި ޢުމުރަށް ގަނެފަ އޮތް ބޯޑަކީ ބާވައެވެ. ކޮންމެ ތާކަށް މުދާ އަރުވައި ބާލަންވީމަވެސް މަގުމަތީ ބަހައްޓާފަ މަސައްކަތްކުރާގޮތަށް ސިޓީކައުންސިލުން ވިއްކާ ބޯޑަކީ ބާވައެވެ. ވިހި ތިރީސް ކޮންސަލްޓަންޓުންނަށް ވަޒީފާދީގެން ހިންގާ ، މާލޭ ސިޓީކައުންސިލްފަދަ ތަނެއްގެ މަސައްކަތް އެހާ އެޑްވާންސް ކޮށްލެވިދާނެއެވެ. ރަމަޟާން މަސްފަދަ މާތް މައްސަރެއްގައި ނާޖާއިޒް ގޮތުގައި ބޭނުންކުރުމަށް ބޯޑު ވިއްކުމާއި ، ނަމާދަށް ހުރަސްއެޅޭގޮތަށް އެބޯޑުގެ ބޭނުންހިފައިގެން ވިޔަފާރީގެ ޙަރަކާތް ހިންގުމަކީ ، މާލޭ ސިޓީކައުންސިލްގެ ޙާލަތާއި މުޖުތަމަޢުގެ ޙާލަތު އަންގައިދޭ މިންގަނޑެކެވެ.

ކަދުރު ރުއްބުޑުގައި އިންދާފައިހުރި ބޯގަންވިލާ ވެޔޮ ، ވަގަށް ގެންދިއުމަކީ މައްސަލަޔަކަށް ވެފައި ، ފަރުޟު ފަސްނަމާދާ ގުޅިފައިވާ ދީނީ މިފަދަ ކަންކަން ، މާލޭ ސިޓީކައުންސިލަށް މައްސަލަޔަށް ނުވުމަކީ ، އަރަތެކެވެ. ވިހި ތިރީހުން ނުވަންޏާ ، އަދިވެސް އިތުރަށް ކޮންސަލްޓަންޓުން ލައިގެން ޕާޓީކުދިންނަށް ވަޒީފާދީގެންނަމަވެސް ، މާލޭ ސިޓީކައުންސިލްގެ މިފަދަ ކަންކަން ރަނގަޅު ކުރެވޭތޯ ބަލަން ވެއްޖެ ނޫންހެއްޔެވެ ؟ ލާރިލިބެންޏާ ނުވަތަ ގަންނާނެ މީހަކުވެއްޖިއްޔާ މާލޭ ސިޓީކައުންސިލްގެ ނަންބޯޑުވެސް ވިއްކައިލަންވީ ހެއްޔެވެ ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.