އަނާ - 43

 (24 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަނާ ރޮނީއެވެ. ގިސްލަގިސްލާފައި ރޮނީއެވެ. މާޖިދުވެސް ކޮޓަރިތެރެއަށް އަތުވެއްޖެއެވެ. އަދި ބުދެއްހެން ހިމޭނުން ހުއްޓެވެ. ދެން ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ގޭގައި އުޅޭ އެންމެންވެސް ޙިނާ މަރުވެއްޖެކަން އެނގިއްޖެއެވެ. ގޭގެ އެންމެންވެސް އެ ކޮޓަރިއަށް އަތުވެއްޖެއެވެ. އެކަމަކު މިހާރު އަނާއެއް ނުރޮއެއެވެ. އެއެންމެން އައުމުގެ ކުރިން އަނާ ރޯނެވަރަކަށް ރޮއި ނިންމައިފިއެވެ. މިހާރު އޭނާއިނީ ހިމޭންކަމާއި ހަރުދަނާކަމާއެކުގައެވެ. އޭނާގެ އުނގުގައި މަރުވެފައި އޮތް ޙިނާ ބާއްވާލައިގެންނެވެ. އޭނާ އުގުން ޙިނާ ނެގުމަށްޓަކައި ދަރްދާނާ ބޭގަމް ކުރިއަށް ޖެހިލިއެވެ. ނަމަވެސް އަނާ ވަރަށް ފިނިގޮތަކަށް  ދަރްދަނާ ބޭގަމް އާއި ދިމާއަށް ބަލާލިއެވެ. އޭނާ ބިރުން ފަހަތަށް ޖެހިލިއެވެ. އަނާ ކޮޅަށް ތެދުވެއްޖެއެވެ. ކުޑަދަރިފުޅު މޭގައި ޖައްސައިލައިގެން ހުރެއެވެ. ހުރިހާ އެންމެން އެއްފަރާތަށް ޖެހިލައިފިއެވެ. އަނާ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ ޘަނާއާއި ބިއްލާ އޭނާގެ ފަހަތުން ދިޔައެވެ. އަނާ ހިނގަމުން ދަނީ ގޭޓާދިމާއަށެވެ ކުއްލިއަކަށް ބިއްލާ ކުރިއަށް އަރާފައި ބުންޏެވެ.

"މައިބާޕް! ކޮންތާކަށްތޯ ތިޔަދުރުވަނީ!"

"އަހަރެންގެ ގެއަށް.... އަހަރެން ޙިނާ ވަޅުލާނީ އަހަރެންގެ މަންމަ ކައިރީގައި." އަނާ މަޑުމަޑުން ބުންޏެވެ. އަދި ޘަނާއާ މުޙާތަބްކޮށް ބުނެލިއެވެ.

"ކުރިމަތީގައި އެއޮތް ރަތްކުލައިގެ ކާރުގެ ތަޅުދަނޑި އޭގައި ޖަހާފައި ހުންނާނެ އެ ކާރު ނެރުއްވަބައްލަވާ!"

ޘަނާ އަވަސް އަވަހަށް ޙަރަކާތްތެރިވެލައިފިއެވެ. އަދި ކާރު ސްޓާޓްކޮށްގެން ގެނެސްފިއެވެ. ކުޑައިރުކޮޅެއް ފަހުން ތިންމީހުންގެ މައްޗަށް އެކުލެވޭ މި ކުޑަ ޤާފިލާ އެ މީހުންގެ މަންޒިލަށް ދިއުމުގެ ދަތުރުފައްޓައިފިއެވެ. ޙިނާ މަރުވީއެވެ.

ދިރިއުޅުމުގެ ވާހަކައެއް ނިމުނީއެވެ. އެ ތިން މީހުން އެނބުރިގެއަށް ދާންދަތުރު ފެށިއިރު ރޭގަނޑު ފާއިތުވެއްޖެއެވެ. އަނާ އޭނާގެ ދަރިފުޅު ޙިނާވަޅުލީ އޭނާގެ މަންމަގެ މަހާނަމަތީގައެވެ. ކުޑަކުއްޖާފުޅުގެ ޖަނާޒާގައި އެ ހިސާބުގެ އެންމެން ބައިވެރިވިއެވެ. ހުރިހާ އެންމެންވެސް އަނާއަށް ތަޢުޒިޔާ ކިޔަން އައެވެ. އަނާވެސް ކީއްވެގެންކަމެއް ނޭނގެއެވެ. އޭނާގެ ހިތްހުޅުވާލައިގެން ރޮއިހެދިއެވެ. އެހެންކަމުން އެކަމާ ގުޅިގެން އަނާގެ ޙާލު މާބޮޑަށް ދަށަށް ދިޔައެވެ. އަދި ޑޮކްޓަރެއްވެސް އެ ވަގުތު އެ ގެއަށް ގެންނަން ޖެހުނެވެ. ޑޮކްޓަރ ހަމައެކަނި ބުނީ އަނާ ވަރަށް ބޮޑަށް އަރާމުކުރަން ބޭނުންވާނޭކަމެވެ.

އެކަމަކު މިހާރު އަނާއާއި ޘަނާއާއި ބިއްލާއާ ތިންމީހުންވަނީ އެނބުރި ޚާންއާޞިފްގެ ގެއަށް ދިއުމުގެ ދަތުރު މަތީގައެވެ. ކުއްލިއަކަށް އަނާ ޘަނާއާ ދިމާއަށް ބުންޏެވެ.

"ޘަނާ! އެކަށީގެންވާ ކަމެއްކަމުގައި ދެކިލައްވާނަމަ ކުންފުންޏާ ދިމާއަށް ހިންގަވާ! އަދި އަޅުގަނޑު ދުވަސްކޮޅެއް ވަންދެން އަރާމުކުރިޔަދެއްވާ ...ކަލާއާ ބައިވެރިވެގެން މަސައްކަތް ކުރިއަށް ގެންދިއުމަށް އަޅުގަނޑު މާޖިދުގާތުގައި ބުނާނަން!"

"އެންމެ ރަނގަޅު އަނާޖީ! އެންގެވިގޮތެއް!"

އަޅުގަނޑުމެން ގެއަށް ބާލާފައި ކަލާ ދުރުވާނީ! އެންމެ ރަނގަޅު.... ދެން އަނެއް ދެ މީހުން ގޭދޮށަށް ބާލާފައި ޘަނާ ކުންފުނީގެ އޮފީހަށް ހިނގައްޖެއެވެ. އަނާ އޭނާގެ ކޮޓަރިއަށްގޮސް އޮށޯވެއްޖެއެވެ.

"އަޅުގަނޑުގެ ބޭނުމެއްނެތް ދޮގެއްތޯ؟ މައިބާޕް!" ބިއްލާ އަދަބުވެރިކަމާއެކު އަހާލިއެވެ.

 "ރޭ ހަތަރުދަމު ކަލޭވެސް ހުރީ ހޭލާ ވީމާ ކުޑަކޮށް އަރާމުކޮށްލަންދޭ!" އަނާ ބުނެލިއެވެ.

"ވަރަށް ރަނގަޅު. މައިބާޕް!

ބިއްލާ ކޮޓަރިން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ.

އަނާ އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނާގެ ނަޡަރު ހުއްޓީފައިވަނީ ފަންގިފިލާގައި އެލުވާލާފައިހުރި ބައްތިއާދިމާއަށެވެ. އެ ބައްތިއާ ދިމާއަށް ބަލަން އޮވެވުނީ ކިހާއިރެއް ވަންދެންކަން އޭނާއަކަށް ނޭނގެއެވެ. އޭނާއަށް ހޭވެރިކަންވީ މާޖިދު އޭނާ ކައިރިއަށް އައުމުންނެވެ.

"އަނާ!" މާޖިދު އަނާއާ ދިމާއަށް ގުދުވެލިއެވެ.

އަނާ އޭނާއާ ދިމާއަށް ބަލާލިއެވެ. އަދި އޭނާ އިތުރުއެއްޗެއް ނުބުނެ އުޅެނިކޮށް އަނާ ބުނެލިއެވެ.

"އަވަހަށް ކުންފުންޏަށް ގޮސްބަލަ ޘަނާ!  މިހާރުވާނީ އެ ތާނގައި ވީވަރަކުން އޭނާއާ ބައިވެރިވެގެން މަސައްކަތް ކުރާތި!"

"އެ ހުރިހާކަމެއްވެސް ރަނގަޅުވެދާނެ.  ނަމަވެސް އަހަރެން ކަލެއާ  ސުވާލުކުރަން ބޭނުންވަނީ ކަލޭ ތިޔައައީ ޙިނާ ކޮންތަނެއްގައ ވަޅުލާފައިތޯ؟"

 "އެއީ އަހަރެންގެ ދަރިފުޅު. އެހެންވީމާ އޭނާ ކަލޭމެންގެ ހިޔަނިވެސް ނޭޅޭހިސާބަށް އަހަރެން ގެންދިޔައީ. އޭނާ ކޮންމެ ތަނެއްގައި ވަޅުލިޔަސް އެކަމާ ކަލެއާ ހުރީ ކޮންގުޅުމެއްތަ؟"

"އަހަރެން ކަލެއާ ބަހުޘް ކުރާކަށް ނެތީން. ސަބަބަކީ ކަލެއަކީ ވަރަށް ގޮތްދޫނުކުރާ މީހަކަށްވާކަން. އަމިއްލަ އެދުންބޮޑު އެއްވެސް ޙިއްސެއް ނެތްމީހަކަށްވާކަން. ކަލެއަށް އިޙްސާސްވާނީ ހަމައެކަނި ކަލޭގެ އަމިއްލަ ޖަޛްބާތު އެހެންމީހުންގެ ޖަޛްބާތެއްނޫން..."

"ކީކޭތަ ތިޔަކިޔަނީ!"

އަހަރެން މިކިޔަނީ ރަނގަޅު އެއްޗެއް. އެ ކުއްޖާއަކީ އަހަރެންގެ ދަރިއެއް އަހަރެންގެ ލޭ އަދި..... ދޭ.....ދޭ.... ކަލޭގެ ބައްޕަ ކައިރިއަށްގޮސް އަހާބަލަ. ކަލެއާދޭތެރޭ އޭނާ ބުނަނީ ކީކޭތޯ ބަލާބަލަ. އޭނާވަނީ ކޯޓަށް ޑޮކްޓަރެއްގެ ސެޓްފިކެޓެއް ހުށަހަޅައިގެން ކަލެއަކީ ކުއްޖަކު ނުލިބޭނޭ މީހެއްކަން ޘާބިތުކޮށްދީފައި.... އެހެންވީއިރު ކަލޭ އެ ކުއްޖާއަކީ މަގޭ ޙައްޤެއްކަމަށް ބުނަމުން ތިޔަދަނީ ކިހިނެއްވެގެންތަ؟"

"ބައްޕަ ދައްކަވާ ވާހަކަ އެނގިލައްވާނީ ބައްޕައަށް...ވޭތުވެދިޔަ ތާނގައި ކަލެއާމެދު ނުބައިކޮށް ކުރެވިފައިވާ ކަންތައްތަކާމެދު އަހަރެން ކަލޭގެ ފަރާތުން މަޢާފަށް އެދިއްޖައިން. ވީއިރު ކަލޭ އެގޮތަށް ކަންތައްކުރީ ކީއްވެގެން؟ ކަލޭ އަތުން އެ ދަރިފުޅު އަތުލަން މަންމަ ދިޔައީމާވެސް ކަލޭ ހެދިގޮތުން މަންމަ ބިރުގަންނަވާލީ އަޅެ އެހެން ހެދީ ކީއްވެގެންތަ؟"

"އަޑުއަހާ މާޖިދު! ތިޔަހާ ބޮޑަށް  ވާހަކަ ހަދާނުލާ! ކަލޭގެ މަންމަ އިއްޔެ ހެނދުނާ ހަމައަށް ... އާނ....ޙިނާ ދުނިޔޭގައި އޮތްހާ ހިނދަކު އޭނާއާދިމާއަށް ބަލާވެސްނުލާ .އެންމެ ފަހަރަކު އޭނާ އުރާލީ ލޯބިކޮށްވެސް ނުހަދާ.  ހީވަނީ ޙިނާއަކީ ސުންޕާ ކުއްޖެއްހެން.  ހަޑި އެއްޗެއްހެން. އެހެން އުޅެފައި މަރުވީމާ ދެން އޭނާ އުރަން އުޅުމުގެ ބޭނުމަކީ ކޮބައިތަ! އަޅެ ކަލޭމެން އެންމެންތިބީ އޭނާ މަރުވުން އެދި އެކަމަށް އިންތިޒާރުކޮށްގެންތަ؟ ނިކަންބުނެބަލަ މާޖިދު! ޙިނާއަކީ އޭނާގެވެސް ދަރިއެއްނޫންތަ؟ ނޫނީ އެއީ ފާފައެއްތަ؟ ކަލޭވެސް ހުރީ ވަރަށް އުނދަގުލުން ނަމަވެސް އެކަން އެގޮތަށް ޤަބޫލުކޮށްގެންނު... މިހާރުދެން އޭނާ މަރުވީމާ ކަލޭވެސް އޭނާއަކީ ކަލޭގެ ދަރިއެކޭ ބުނަނީ އެއްނު.... ދާން އުޅޭ މިތަނުންދޭ..... ކުންފުންޏަށް އަވަހަށް ދޭ..... ޘަނާ މިހާރު ކަލެއަށް އިންތިޒާރު ކުރާނެ."

އަނާގެ ވާހަކަތައް ނިންމާލިއެވެ. އަދި ތެދުވެގެން ގޮސް ބާތުރޫމަށް ވަދެއްޖެއެވެ. ބާތުރޫމުން އޭނާ ނުކުމެގެން އައިއިރު މާޖިދުވެސް ހިނގައްޖެއެވެ. އޭނާ އަނެއްކާވެސް ވަރުބަލިވެގެން އެނދުގައި އޮށޯވެއްޖެއެވެ. އޭނާގެ ހާލު އެރޭ ވަރަށް ބޮޑެވެ. އެހެން ކަމުން ޒުބޭދާއަށް ގޮވާލާފައި ކިރުތަށްޓެއް ގެނެސްދޭން ބުނެފިއެވެ. ކިރުފޮދެއް ބޯލުމުން އޭނާއަށް ހިސާބަކަށް ލުއިކަން ލިބުނެވެ. ދެން ކައިރީގައި ހުރި ފޯނުނަގާފައި ނަންބަރަކަށް ޑަޔަލްކޮށްލިއެވެ. އަދި ކުންފުންޏާ ވާހަކަދައްކަން ފެއްޓިއެވެ.

އަނެއްކޮޅުން ފޯނުނެގީ ފަރީދާއެވެ. އޭނާއަކީ އަނާގެ ސްޓެނޯއެވެ.

"ޔެސް މެޑަމް..... މިސްޓަރ ޘަނާ ކޮބައިތަ؟"

"ނަންބަރ ފައިވްގައި މެޑަމް"

"ގުޅާލަދީ!"

"އޯކޭ މެޑަމް." ފަރީދާ ވަރަށް އަދަބުވެރިކަމާއެކު ބުންޏެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި އަނާއަށް ޘަނާގެ އަޑުއިވިއްޖެއެވެ. "އަނާޖީ! ރަނގަޅުތޯ؟"

"މާޖިދު އަދި ނާދޭތަ؟"

"ލައްބަ އަދި މިހާތަނަކަށް ނާދޭ!"

"ކަލާ އަޅުގަނޑުގެ ކޮޓަރި ބޭނުންކުރައްވާ! އާނ އަދި ނަންގަންނަންތަ! އެނބުރި ގެއަށް ދުރުވަމުން ކޮންމެވެސް ރަނގަޅު ޑޮކްޓަރަކާ އެޕޮއިންޓްމެންޓެއް ހައްދަވާ ދެއްވާތި!"

"ކީއްތޯވީ! އަނެއްކާ މާބަލީތޯ؟"

"އަޅުގަނޑު އަމިއްލަޔަށް އަޅުގަނޑު ޗެކްކުރަން ބޭނުންވަނީ މިހާތަނަށް ކުރެވޭ އެއްވެސް ބޭހަކުން ފައިދާއެއް ނުކުރޭ.... ކޮންމެވެސް ރަނގަޅު އަދި އިތުބާރު ކުރެވޭ ކަހަލަ ޑޮކްޓަރެއް ދެނެލައްވަންތޯ؟"

"ލައްބަ ދަންނަން. އަޅުގަނޑު ހަމަމިހާރު ތިޔަ ކަންތައް ހަމަޖައްސާނަން..... ޝުކުރިއްޔާ ޘަނާ! އަޅުގަނޑު ކުޑައިރުކޮޅެއްފަހު އަލުން ގުޅާނަން އަނާޖީ! މާބޮޑަށް ފިކުރު ނުކުރައްވާ މިޙާރު ތިޔަ ކަމުގެ ޛިންމާ އުފުލާނީ އަޅުގަނޑު."

"މާޖިދު އައުމުން އޭނާއާމެދު ރަނގަޅަށް ކަންތައްތައް ބަހައްޓަވާ ދެއްވާތި.... އޭނާ ނުރުހޭގޮތަށްވެސް ކަންތައްތައް ނުކުރައްވާތި..... އޭނާ ކަލާޔާމެދު ކަންތައް ކުރި ގޯސްގޮތަށް ޓަކައި އަޅުގަނޑު ކިބައިން މަޢާފަށް އެދެން."

ޘަނާ ޖަވާބުނުދީ ހިމޭނުން ހުއްޓެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.