ބްލޫ ރިބަން: ބޯވަ

ބޯވަޔަކީ ، ދިގުތާރީޚެއް އޮތް ކަނޑު ސޫތްޕެކެވެ. ކަނޑުރޯދީގެ ތެރޭގައި ހިމެނި ، އޭގެ އުފެދުމާއި އުޅުމުގައި ، އާދަޔާޚިލާފު ކަންތައްތަކެއް ހިމެނޭ އެއްޗެކެވެ. ތާރީޚަށްބަލާއިރު ، ބޯވަ ނިސްބަތްވަނީ 296 މިލިއަން އަހަރުކުރީގައި ކަނޑުގައި ދިރިއުޅުނު ސޫތްޕަކަށެވެ. އެދުވަސްވަރަށް ނިސްބަތްވަނީ ، ކާރބޮނިފެރަސް ޕީރިއަޑެވެ. ބޯވައިގެ ނަސްލު ނިސްބަތްވަނީ ޕޮލްސީޕިއާ އެވެ ކިޔޭ ކަނޑު ސޫތްޕަކަށެވެ. ޗިކާގޯގެ ފީލްޑް މިއުޒިއަމްގައި މި ކަނޑުސޫފި ވަނީ ދައްކަން ބެހެއްޓިފައެވެ. އެ ސޫފީގައިވެސް 8 އަތާއި ދެލޯ ހުރެއެވެ. އިންސާނުން ބިމުގައި ދިރިއުޅެން ފެށުމުގެ މާކުރިން ، ﷲ ގެ ކުޅަދުންވަންތަ ކަމާއެކު ، ބޯވަ ވަނީ އޭގެ ދިރުން ކަނޑުގައި އުފައްދާފައެވެ.

ބޯވައިގައި އަށް އަތް ހުރެއެވެ. އެހެނަސް ދިވެހިން އެއަށްކިޔަނީ ފަޔެވެ. ފަރުމަސް ބާނަން ، އެމަށް ބޭނުންކުރުމުގައި ބޯވައިގެ ފައިގެ ބައިތައް ބޭނުން ކުރެއެވެ. ބޯވަޔަކީ ތިން ހިތް ލިބިގެންވާ އެއްޗެކެވެ. އޭގެތެރެއިން ، ދެހިތް މަސައްކަތްކުރަނީ އޭގެ ހަށިގަނޑަށް ލޭ ފޮނުވައި ދިނުމަށެވެ. އަނެއް ހިތް ބޭނުންކުރެވެނީ ، ގުނަވަންތައް ޙަރަކާތްތެރި ކުރުވުމަށެވެ. ބޯވަ ދުވެފައިދާއިރު ، ތިންވަނަ ހިތުގެ ވިންދު ހުއްޓެއެވެ.

ބޯވައިގެ ނަމަށް އިނގިރޭސިބަހުން ބޭނުންކުރާ އޮކްޓޮޕަސް އަކީ ، ގްރީކްބަހުން އިނގިރޭސި ބަހުގެ ތެރެޔަށް އައިސްފައިވާ ނަމެކެވެ. އެއީ ގްރީކް ބަހުގައި ބޭނުންކުރާ އޮކްޓޯޕަސް އެވެ. މާނަޔަކީ އަށްފަޔެވެ. ގްރީކްގެ ފިލޯސަފަރަކު ، މީލާދީން 350 ވަނައަހަރު ، ލިޔެފައިވާގޮތުގައި ބޯވަޔަކީ ވަރަށް މޮޔަ އެއްޗެކެވެ. އޭގެ ހެއްކަކަށް އޭނާ ދައްކާފައިވަނީ ،  ތިލަފެނުގައި އިންސާނާގެ އަތުގެ ތެރެޔަށް ބޯވަ އައިސް ވަންނަ ވަނުމެވެ. އެހެނަސް ބޯވަޔަކީ ، ރީތި އަދި އޭގެ އާދަތަކުގައި ހަމަޖެހޭ އުޞޫލުތަކެއް ގެންގުޅޭ އެއްޗެކެވެ. ކުދިމަހާ ، ކަކުންޏާއި ރިނދަލި އަދި ބޮލިފަދަ ތަކެތި އޭގެ ހާލީގައި ޖަމާކޮށްފައި ބަހައްޓައެވެ. އަދި ، ކެވެން ހުންނަ އެއްޗެއް ކެއުމަށްފަހު ، ބާކީ ހުންނަ ތޮށިތަކާއި ކަށިތައް ބޭރަށްނެރެ ، އޭގެ ހާލި ސާފު ކުރެއެވެ.

ބޯވަޔަކީ ، ކުލަ ބަދަލުކުރާ އެއްޗެކެވެ. އޭތި ދަތުރުކުރަމުންގޮސް މަޑުކޮށްލާ ތަނެއްގައި އޮންނަ ކުލަޔަކަށް ބޯވައިގެ ކުލަ ބަދަލުކޮށްލައެވެ. އެ މާޙައުލަކާ އެއްގޮތް ކުލަޔަކަށެވެ. ތޮށިމަތީގައި ގަލުގެ ކުލަޔަށެވެ. ކަނޑުގައި ނޫކުލަޔަށެވެ. ފަޅުގައި މަޑުނޫކުލަޔަށެވެ. ބޯވައިގައި ހިމެނޭ ނާރުތަކުގެ ތިންބައިކޮށްފައި ދެބައި ނާރު ހުންނަނީ އޭގެ 8 އަތުތެރޭގައެވެ. ބޮލަކު ނޫނެވެ. އަތުގެ ނާރުތަކުގެ އިޙުސާސުން ދެނެގަނެގެން ، ލެއްޕިފައި ހުންނަ ރިނދަލިފަދަ ތަކެތި ހުޅުވައެވެ. އަތަށް ތަދުވެއްޖެނަމަ ، އެއެއްޗަކާ ދުރުވެއެވެ.

ފުންކަނޑުގައި ދިރިއުޅުމަށްޓަކައި ބޯވައިގެ ލޭގެ ނިޒާމަށް ބަދަލު ގެނެއެވެ. ދަނގަނޑު ހިމެނޭ ލޭގެ ބަދަލުގައި ލޮއި ހިމެނޭ ލެޔަށް ބަދަލުކޮށްލައެވެ. އެހިސާބުން ބޯވައިގެ ކުލަ ނޫކުލަޔަށް ބަދަލުވެއެވެ. ކަނޑުގެ ހޫނުމިން ކުޑަ ހިސާބުގައި އޮކްސިޖަން މަދުވެއްޖެނަމަ ހެމޮގްލޮބިން އަށްވުރެ ، ލޮއިގެ ބޭނުން ބޮޑަށް ކުރެވި ، ބޯވައިގެ ހަށިގަނޑަށް ލޭ ދައުރުވުން ރަނގަޅު ކޮށްދެއެވެ. އެހެންނަމަވެސް ، ވަށައިގެންވާ ކަނޑުގެ ޕީއެޗް ލެވެލް މާބޮޑަށް ދަށްވެއްޖެނަމަ ، ބޯވައިގެ ހަށިގަނޑަށް ލިބޭ އޮކްސިޖަން މަދުވެއެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ، ކަނޑުގައި ދިރިއުޅޭ ހުރިހާ ބާވަތެއްގެ މަސްމަހާ މެއްސަށްވެސް މިމައްސަލަ ކުރިމަތިވާނެއެވެ.

އަންހެން ބޯވަޔަށް ބިސްދިނުމަށްފަހު ، އެ ފިރިހެންބޯވަ މަރުވެއެވެ. އަންހެން ބޯވަ ބިސްއަޅާއިރު 4 ލައްކައެއްހާ ބިސް އެއްފަހަރާ އަޅައެވެ. އަދި އެހުރިހާ ބިހެއް ރައްކާތެރިކުރުމަށް މަސައްކަތް ކުރެއެވެ. ނުކައި ނުބޮއެ ހުރެވެސް ، އޭތިއަޅާ ބިސްތައް ރައްކާތެރިކުރުމަށް ސަމާލުކަން ދެއެވެ. އެހެންނަމަވެސް ބަނޑުހައިވެގެންގޮސް މަރުވަންދެން މަޑެއް ނުކުރާނެއެވެ. ބިސްތައް ފީވެ ވިހެއުމާއެކު ، ބޯވައިގެ ހަށިގަނޑާ އެތަކެތި ގުޅުވައިލައެވެ. އަދި އޭގެ ހުރިހާ މަސްތަކަކާއި ގުނަވަނެއް ހުސްކޮށްލައި އެވިހޭ ބޯވަތަކަށް ދޭން ފަށައެވެ. އެކަން ، އެބޯވަ މަރުވަންދެން ދެމިއޮވެއެވެ.

ބޯވަޔަކީ ، ވަރަށްގިނަބަޔަކު ކެއުމަށްބޭނުންކުރާ މަހެކެވެ. ޚާއްޞަކޮށް ދެކުނު ކޮރެއާއި ޖަޕާނުގައި ބޯވަމަސް ކާމީހުން ވަރަށް ގިނައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.