އަނާ - 38

(10 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކުއްލިއަކަށް އޭނާގެ ކޮޓަރީގެ ދޮރުގައި ކޮންމެވެސް މީހަކު ޓަކި ދީފިއެވެ. އެއީ އޭނާ ދަންނަ ޓަކިދިނުމެކެވެ. "އާދޭ...އެތެރެއަށްއާދޭ....." އަނާ ގޮވައިލިއެވެ. އެތެރެއަށް ވަން މީހަކީ ބިއްލާއެވެ.

"ކީއްވީތަ! ހުރިހާ ކަމެއް ރަނގަޅުދޯ!"

"މާޖިދު ޞާޙަބު ދުރުވެއްޖެ އަދި އޭނާ ކަލާގެ ކޮޓަރިވެސް ބޭނުންކުރެއްވި. އޭނާއާބެހޭގޮތުން އެއްވެސް ކަމެއް ކުރުމަށް ކަލާ އަޅުގަނޑަށް އަންގަވާފައެއްނެތް އެހެންވީމާ އަޅުގަނޑު އޭނާ ނުހުއްޓުވީ..."

އެއީ އެއްވެސް ކަމެއް ނޫން އަނާ ބުނެލިއެވެ.

"ހުރިހާ ކަމެއްވެސް ހުރީ ރަނގަޅަށް ދެން ދޭ އަރާމުކޮށްލަން!" އަނާގެ ވާހަކަ ނިންމާލިއެވެ.

އަދި ބިއްލާ މަޑުމައިތިރިކަމާއެކު ހިނގައްޖެއެވެ.

އަނާ ބިއްލާއާމެދު ވިސްނަމުންދިޔައެވެ. ޤުދްރަތު މި އިންސާނާގެ ތެރޭގައި ކޮންފަދަ މަތިވެރި ވަފާތެރިކަމެއް ލައްވާފައި ވޭހެއްޔެވެ. މި ބިއްލާއަކީ އޭނާދެކެ މުޅި ޝަހަރުގެ އެންމެން ބިރުގަންނަ ފެންވަރުގެ ނުބައި މީހަކަށް އުޅުނު ބިއްލާއެވެ. އަދި ބިއްލާއަކީ އަނާ އެއްދުވަހަކު ރުޅިއައިސްގެންގޮސް އޭނާގެ މޫނުމަތީގައި އެތިފަހަރެއް އަޅަން ދިމާވި ބިއްލާއެވެ. ނަމަވެސް މިއަދު ހަމައެބިއްލާ އޭނާގެ ކަންތައްތަކާމެދު ފަރުވާ ބަހައްޓާ މިންވަރަކީ އޭގެ މިސާލުވެސް ހޯދަން ދަތިވާފަދަ މިންވަރެކެވެ.

އަނާ މި ކަހަލަ  ޚިޔާލުތަކެއްގައި ބިއްލާއާ މެދު ވިސްނަން އެތައްއިރެއްވަންދެން ހުއްޓެވެ.

ނަމަވެސް އަނެއްކާވެސް އޭނާގެ ޚިޔާލުތަކުގެ ތެރެއަށް އެއްކަލަ ހިތްހަމަނުޖެހުން އަތުވެއްޖެއެވެ. އޭނާގެ ހިތަށް އެއްކަލަ ތަދު އިޙްސާސްވެއްޖެއެވެ.

އެތަދުވުމަކީތޯއެވެ.

އެތަދުވުމެއް އޭނާގެ ހިތަށް އިޙްސާސްވާން ފެށީ މާޖިދާ ބައްދަލު ވުމުންނެވެ.

އަނާ ހިތަށް އަރަމުންދަނީ މާޖިދު އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެއްވެސް އެއްޗެއް ނުބުނާކަމެވެ. އޭނާ ބުނި އެއްޗެއްވިއްޔާ ބުނެފައިވަނީ މެޝިނަކުން ބުނާހެން ޓަޓަސް ޓަޓަސްލާފައިކަމަށެވެ. އޭނާގެ ވާހަކަތަކުގައި އެއްވެސް ހޫނުކަމެއް ނެތް ކަމެކެވެ.

އާނއެކެވެ. އަނބިމީހާއާ ބައްދަލުވުމުން ފިރިއެއްގެ ކިބައިގައި އުފެއްދެންވީ ޝަވްޤުވެރިކަމެއް،ރޫހެއް،ޖޯޝެއް ނުވަތަ ޖަޛްބާތެއްގެ އެއްވެސް އަސަރެއް މާޖިދުގެ ކިބަޔަކުން ނުފެނެއެވެ.  އަނާގެ ހިތަށްވަމުން މިދާ ތަދުގެ އަސްލަކީ އެއީކަންނޭގެއެވެ.

އެހެންކަމުން....

އެރޭގެ ހަތަރުދަމު އަނާއޮތީ ނުނިދައެވެ. އެނދުމަތީގައި ފުރޮޅިލަ ފުރޮޅިލައެވެ. އެންމެފަހުން އޭނާއަށް ނިދުނީ ފަތިހު ފަތިސްނަމާދަށްވެސް ގޮވިފަހުންނެވެ. އެހެންކަމުން ވިދިގެން އައިދުވަހު އޭނާއަށް މާއަވަހަކަށް ހެއެއްވެސް ނުލެވުނެވެ. އޭނާ އަބަދުވެސް ނިދަނީ ކޮޓަރީގެ ދޮރު އެތެރެއިން ތަންޑުއަޅުވައިގެންނެވެ. އެހެންކަމުން ދޮރުގައި އެތައްފަހަރަކު ޓަކި ދިނުމަށްފަހު އޭނާއަށް ހޭލެވިއްޖެއެވެ. އޭރު އޭނާގެ ކުޑަދަރިފުޅު ޙިނާވެސް އޮތީ ހޭލައެވެ.

އަނާ ތެދުވެގެން ދޮރާ ދިމާއަށް ހިނގައްޖެއެވެ.

ދޮރު ހުޅުވާލިއިރު އޭނާ ކުރިމަތިން  ފެނުނީ މުޅިން އައުމޫނެކެވެ. ކުޑަކުޑަ ޓެރޭއެއްގައި ސައިތަށްޓެއް "ބަހައްޓައިގެން ކޮޓަރިއަށް ވަންނަނީއެވެ."

"ކަލެއަކީ ކާކު؟"

"އަޅުގަނޑަކީ މިގެއަށް އަލަށްއައި ނޯކަރު ސާހިބާ އަޅުގަނޑު މިއައީ އަޅުގަނޑުގެ މަންމަ ހުރިތަނަށް"

"އޭނާ ކޮބާ!"

"މަންމަ ބަލިވީ އަދި މިހާރުވަނީ ރަށަށް ގޮސް އަޅުގަނޑު މިއައީ މަންމަ އަންނަންދެން މަންމަ ކުރަމުންއައި މަސައްކަތްތައް ކުރަން"

"އެންމެ ރަނގަޅު.....އެތެރެއަށް އާދޭ!"

އޭނާ އެތެރެއަށް ވަދެއްޖެއެވެ. އަދި އޭނާގެ އަތުގައި ހުރިޓްރޭ މޭޒުމަތީގައި ބަހައްޓައިފިއެވެ. މިއަދު ކަލާ ތެދުވެންނެވީ ތަންކޮޅެއް ލަހުން ދޮގެއްތޯ؟ އޭނާ ވަރަށް އަދަބުވެރިކަމާއެކު ބުންޏެވެ.

"ކުޑަކޮށް ލަސްވެއްޖެ.... އަނާ ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ބުންޏެވެ.

"ފަތިހު ކަލާއަށް ނަންގަންނާނީ ކިހާއިރަކުތޯ؟"

"ދޮރުގައި ތަންޑުނާލުވާ ހުރިއްޔާ ޓަކިދީފައި އެތެރެއަށް ވަންނާނީ އެހެންނޫނީ އަޅާނުލާނީ!"

"މާފުކުރެއްވުން އެދެން.... ކަލާ ނުވަގުތެއްގައި ހޭލައްވާލެވުނީ އަޅުގަނޑަށް ނޭނގިގެން.."

"އެއީ އެއްވެސް ކަމެއް ނޫން...އާނ އެއޮތީ ދަރިފުޅަށް ދޭ ބުއްފުޅި ހޫނުފެންފޮދަކުން އެދޮވެލައިގެން އޭގައި ކިރުފޮދެއް ހަދާބަލަ އަޅާނީ ދެބައިކިރާއި އެއްބައި ފެން"

"ރަނގަޅު ސާހިބާ"

އޭނާ ދާންފެށީމާ އަނާ އޭނާއށް ގޮވާލާފައި ހުއްޓުވިއެވެ. އަދި އޭނާގެ ނަމަކީ ކޮބައިތޯ ސުވާލުކޮށްލިއެވެ. "އަޅުގަނޑުގެ ނަމަކީ ޒުބޭދާ. އެންމެރަނގަޅު ދޭ...."

އެހެންބުނެފައި އަނާ ބާތުރޫމަށް ވަދެއްޖެއެވެ.

ފެންވަރާ ލައިގެން ބޭރަށް ނުކިތްއިރު ކޮޓަރިތެރޭގައި މާޖިދު ހުއްޓެވެ. އެވަގުތު އޭނާ ހުރީ ޙިނާ އޮންނަ އެނދުގެ ކައިރިއަށްގޮސް އޭނާ ބަލާށެވެ.

 "ރަނގަޅު ހެނދުނެއް" އަނާއާ ދިމާއަށް ބަލާލާފައި މާޖިދު ބުންޏެވެ.

"ރަނގަޅު ހެނދުނެއް" އަނާ އެހެންބުނަމުން އައިސް އެތާނގައި ހުރި ގޮނޑިއެއްގައި އިށީންދެއްޖެއެވެ.

އަދި ސައިތަށި ނަގައިގެން ބޯފެންފަށައިފިއެވެ.

"އަމުރު ދެއްވައިފިނަމަ އިށީންނަން ކަމަށް!"

އިށީނދޭ!

އަނާ އެހެންބުނީ މާޖިދަށް ވަރަށް ބޮޑު އިޙްސާންތެރިކަމެއް ކޮށްދިނިއްޔޭ ހީވާގޮތަކަށެވެ.

ޝުކުރިއްޔާ އެތާނގައި ހުރި ގޮނޑިސެޓްގެ ގޮނޑިއެއްގައި އިށީންނަމުން މާޖިދު ބުނެލިއެވެ.

"ރޭ ހޭދަކުރީ ކިހިނެއް؟"

"ހަމަ އެހެން ރޭރޭ ފަދައިން... ހުރިހާ ރެއެއްވެސް ހޭދަކުރާ ގޮތަށް"

"ކަލޭގެ ފިރިމީހާ އެހެންކޮޓަރިއެއްގައި އެބައޮތޭ އަދި ކަލޭ ތިޔަ އޮންނަނީ އެކަނިމާއެކަންޏޭ ކަލޭގެ ހިތަކަށް ނާރާތަ!"

"ނާރާ...އަހަރެނެގް ޚިޔާލުވެސް ނުކުރަން އަދި ކީއް ކަލޭ ރޭގައި ލަންޑަނުން އެނބުރި އައިކަންވެސް އަހަރެންނަށް ހަނދާންވީ ދެންމެ ކަލޭ މި ކޮޓަރީގެ ތެރެއިން ފެނުނީމާ..."

"ތިޔަ ބުނަނީ ހަމަތެދުތަ!"

"ދޮގު ހެދުމަކީ އަހަރެންގެ އާދައެއް ނޫން"

"އަހަރެން ހަމަ ހައިރާންވެއްޖެ. ކޮންކަމަކާ؟"

"ކަލޭ ތިޔަ ދައްކާ އާދަޔާ ޚިލާފު ވާހަކަތަކުން!"

"އެ ވާހަކަތައް އަހަރެން ކަލެއަށް ކިޔާދީފާނަން.."

"ތިޔަބުނީ ކީކޭ؟" މާޖިދު ސިއްސައިގެން ދިޔައެވެ.

"އަހަރެން މިގެއިން ފެނުނީމާ ކަލޭ ހައިރާނެއް ނުވޭތަ؟" އަނާ ސުވާލުކޮށްލިއެވެ.

"ޙައިރާންވާންޖެހޭނެ. އެކަމަކު ބައްޕަވަނީ ކުރީން އެކަންތައް އަންގާވާފައި، އެހެންވީމާ އަހަރެން ހުރީ ވިސްނުމުގެ ގޮތުން އެކަމަށް ތައްޔާރުވެގެން.

 ހޫން...  އަނާ އަނެއްކާވެސް އެއްކަލަ ހިތަށްތަދުވާގޮތް އިހްސާސް ކުރެވިއްޖެއެވެ.

ހަމައެވަގުތު ދޮރުގައި ޓަކިދީފައި ޒުބޭދާ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އޭނާގެ އަތުގައި ޙިނާގެ ބުއްފުޅި ތައްޔާރުކޮށްފައި އޮތެވެ.

"ޒުބޭދާ!"

"ލައްބަ.ސާހިބާ!"

"ހެނދުނު ސަޔަށް އަހަރެންނަން ގެންނަން ޖެހޭ އެއްޗެހި ކަލެއަށް އެނގޭތަ؟"

"ލައްބަ...އަޅުގަނޑުގެ މަންމަވަނީ ހުރިހާ އެންމެންނާބެހޭ ގޮތުންވެސް އަޅުގަނޑަށް ކިޔާދީފައި...

"ބައިގަޑި އިރުފަހުން ސައިގެނޭ"

"އަހަރެންގެ ސައިވެސް މިކޮޓަރިއަށް ގެނޭ. އަހަރެންނާ ބެހޭގޮތުންވެސް ކަލޭގެ މަންމަ އޮންނާނީ ކިޔާދީފަދޯ! "މާޖިދު ބުންޏެވެ.

"ލައްބަ ސާހިބް!" ޒުބޭދާ އިސްޖަހައިލިއެވެ. އަދި އަތުގައި އޮތް ބުއްފުޅި މޭޒުމަތީގައި ބަހައްޓާފައި ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

 "ކަލޭ ސައިބޯން ތިޔަ އުޅެނީ މިކޮޓަރީގައިތަ؟" " ކަލޭ އިއުތިރާޒެއް ނުކުރާނަމަ"

"ދާދި ކުޑަމިންވަރަކަށް އިއުތިރާޒުކުރަން .... ސަބަބކީ އަހަރެންއެކަނި ސައިބޮއި މިހާރު އުޅޭތާ ލައްކަ ދުވަސްވެއްޖެ ވީމާ އެއްވެސް އެހެން މީހަކު އިންދާ ސައިބޮއި ހެދުމަކީ އަހަރެންނަށް މިހާރު ކުރެވޭ ކަހަލަ ކަމެއްނޫން..."

"އެހެންވީއިރު ކަލޭ ކޮންމެހެން މިގެއަށް އައުމުގެ އުނދަގޫ އުފުލީ ކީއްކުރަން.... ސަހާރަންޕޫރުގައި އުޅެވިދާނެއްނު....." މާޖިދު ތުންހަދާލާފައި ބުންޏެވެ.

"އަހަރެންގެ ސައި އަންނަންދެން، ވާހަކައެއް ދައްކާލަން ބޭނުމިއްޔާ އެ ވާހަކައެއް ދައްކާލާ!"

"އަހަރެން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނުވޭ އާނ.... ޒުބޭދާ ސައިހިފައިގެން އައީމާ އަހަރެންގެ ސައި އަހަރެންގެ ކޮޓަރިއަށް ފޮނުވާލާ!"

އެހެންބުނެފައި މާޖިދު ތެދުވެއްޖެއެވެ. އަދި ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އަނާގެ މޫނުމަތިން ނަފްރަތާއި ފޫހީގެ އަސަރުތައް ފެންނަގޮތް ވެގެން ދިޔައެވެ.

"އަހަރެން ކުރަންވީ ކޮންކަމެއްބާވައޭ' އޭނާގެ ހިތަށް އެރިއެވެ. އެއީ ވަރަށް މުހިއްމު ސުވާލެކެވެ.

ނަމަވެސް... މާޖިދު އެއުޅޭގޮތުން އެއީ އޭނާ ކިހާބޮޑަށް ހެދިގެން އުޅޭގޮތެއްކަން އެނގޭ ނޫންހެއްޔެވެ. އެއީ ފަހެއް ކީއްވެބާވައެވެ،

މި ސުވާލުތަކަށް ހަމަޖެހޭ ޖަވާބެއް ނުލިބިގެން އަނާ ތެދުވެއްޖެއެވެ. އަދި ތައްޔާރުވެލައިގެން ޙިނާވެސް ގޮވައިގެން އެގެއިން ބޭރަށް ހިނގައްޖެއެވެ. ބޭރަށް ދަމުން އޭނާ ބިއްލާއަށް އަންގާލިއެވެ. އަދި އެނބުރި އަންނާނީ ރޭގަނޑު ކަމަށްވެސް ބުންޏެވެ.

އަނާ ދިޔައީ އޭނާގެ ބައްޕަގެ ގެއަށެވެ.

ނަމަވެސް އެގޭގައިވެސް އޭނާ ހިތްހަމަޖެހޭގޮތެއް ނުވިއެވެ. އެހެންކަމުން ދެގަޑިއެއްހާއިރު އެގޭގައި އުޅެފައި އެގެއިންވެސް ބޭރަށް ހިންގައްޖެއެވެ.

މުޅިދުވަސްވެސް އޭނާ ހޭދަކުރީ ހިތްދަތިކަމުގެ ތެރޭގައިއެވެ. ހަވީރުތައްގެ ހިޔަނިތައް ދިގުވުމުން އޭނާ އެނބުރިގެއަށް އަތުވެއްޖެއެވެ.

ހަވީރުވީއިރު  މޫސުންވެސް ވަނީ ބަދަލުވެފައެވެ. ވައިގެ ފިނިކަންވަނީ އިތުރުވެފައެވެ. އަނާ ގެއަށްއައިއިރު ފެންޑާމަތީގައި ހުރި ގޮނޑިއެއްގައި ބިއްލާ އިނެވެ. އޭނާގެ ކައިރީގައި މާޖިދުވެސް ކޮޅަށް ހުއްޓެވެ. ހީވަނީ ދެމީހުން ކޮންމެވެސް ވާހަކައެއް ދައްކަން ތިބީހެންނެވެ. ނަމަވެސް އަނާ ފެނިފައި ހިމޭންވެއްޖެއެވެ.

އަނާ އެދެމީހންނާވެސް އަގައިންނުބުނެ އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. އަދި އުރައިގެން ހުރި ޙިނާ އޭނާގެ ކުޑައެނދުގައި ބާއްވައިފިއެވެ. އޭރު އޭނާއޮތީ ހޭލައެވެ. އޭނާގެ ލޯބިލޯބި މައުޞޫމް ދެލޮލުން އަނާއާ ދިމާއަށް ބަލާށެވެ.  ހީވަނީ އޭނާ އެގޮތަށް އެނދަށް ދޫކޮށްލާފައި މަންމަ ދަނީ ކީއްވެތޯ ސުވާލުކުރާހެންނެވެ.

އިރުކޮޅަކުން....

މާޖިދު އެކޮޓަރިއަށް ވަދެއްޖެއެވެ.

އަދި އަނާގެކުރިމަތީގައި އިށީނދެފައި ބުންޏެވެ.

"ކުޑަކޮށް ވާހަކަދައްކާލެވިދާނެތަ؟"

"ބުނެބަލަ ކޮންވާހަކައެއްތަ!"

މާޖިދު ވަރަށް ފަރުވާތެރިކަމާއެކު އަނާއާ ދިމާއަށް ބަލާލާފައި ބުންޏެވެ. އަހަރެންނަނީ ކަލޭގެ ފިރިމީހާ

އެހެންވީމާ އަނާމިހެން ބުނީ އަކުރުތައް ދަމާލާފައެވެ.

"އެހެންވީމާ ކަލޭގެ ކަންތައްތައް ތިޔަ ހުންނަގޮތުން އަހަރެންނަކަށް ނުވިސްނޭ..."

"ޒުމައްރަދާ ދޭތެރޭ ކަލޭ ވިސްނަނީ ކީކޭތަ!"

"އޭނާއާ ދޭތެރޭ ވިސްނަންއޮތީ ކޮންއެއްޗެއް! އޭނާ އިންނާނީ އޭނާގެ މައިންބަފައިންގެ ކައިރީގައި އޭނާއަށް ޚަރަދު ފޮނުވާދޭނީ... އެހެނީ އޭނާއަކީ އަހަރެންގެ ދަރިފުޅުގެ މަންމަ އެހެންވީމާ އަހަރެންނަށް އޭނާ ވަރިކުރެވޭކަށްނެތް.... އަހަރެން އޭނާ ދެކޭހިތްވެއްޖެނަމަ އެގެޔަށްގޮސް އޭނާއާ ބައްދަލުކޮށްފައި އަންނާނީ އޭނާއަކަށް  ދެން މި ގެއަކު ނޫޅެވޭނެ.... އޭނާ އަމިއްލައަށް އޭނާ އަށްޓަކައި މި ގޭގެ މާހަވްލު ގޯސްކޮށްލައިފި....... އަދި އަހަރެންވެސް އޭނާ މިގޭގައި ބައިދާކަށް ބޭނުމެއްނޫން..... އެއީ އޭނާއަކީ ވަރަށް ދޫނުބައި ބާރުގަދަ ކުރަން ބޭނުންވާ މީހެއް..... ގޭގެ މީހުންވެސް އޭނާޔަކާ ނުރުހޭ... އަހަރެންގެ ކޮއްކޮ ޢާޝީވެސް ހަމަފާޅުގައި އެކަން ވަނީ ހާމަކޮށްފައި.... އެހެންއެކަން އޮއްވާ މިހާރު އޭނާ މިގ ެއިން ނުކުންނަން ޖެހޭގޮތް މެދުވެރިވެ އޭނާ ނުކުމެގެން ދިޔައިމާ ދެން އަހަރެން އަލުން މި ގެޔަށް ގެނައުމުގެ މޮޔަހަދަންވީ ކީއްކުރަން.".

އަނާ ފުންނޭވާއެއްލާފައި ބުންޏެވެ.

"ތިޔައީ ވަރަށް ބުއްދިވެރި ނިންމެވުމެއް...."

"އާނ.... އަހަރެން ސުވާލުކުރަމުން މިދަނީ ކަލޭ ކަންތައްތައް ބަހައްޓަމުން ތިޔަ ދާގޮތާމެދު!"

"އެކަށީގެންނުވާ ގޮތަކަށް ކަންތައްތައް ބެހެއްޓެނީތަ!"

"އެހެންއްވެސް ނޫން....އަހަރެން އެދެނީ ވެދިޔަކަންތައް ހަނދާން ނައްތާލަން...އަދި އަންނަން އޮތް ދިރިއުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން...."

"ވަގުތު ކަލެއާއެއްކޮޅަށް ބަދަލުވެގެން ދާއިރު ކަލޭވެސް ކަލޭގެ ކަންތައްތައް ރަނގަޅުކުރައްވާނެ....އަދި ދިރިއުޅުމުގެ އުފާތަކާއި ފަސޭހަތައް ލިބިގަންނަވާނެ.... މިގޮތަށް ވަކިންއުޅުމުގެ އޮތީ ކޮންފައިދާއެއް؟"

"ވަރަށް ރަނގަޅު މިފަހަރު ތިޔަގޮތަށް ކަންތައްތައް ކޮށްގެން ވާގޮތްބަލާލަން އަނާ ބުނެލިއެވެ.

"މިހާރު ދެން އަހަރެންގެ ދަރިފުޅު ބަލާލެވިދާނެތަ!"

އާނ...އަނާ ބުނެލީ މާޖިދުގެ މައްޗަށް އިޙްސާންތެރި ވަނީއޭ ހީވާގޮތަށެވެ. މާޖިދު ކުޑައެނދުގައިއޮތް ޙިނާ ނަގާ އުރާލިއެވެ. އަދި އޭނާގެ ގައިގައި ބޮސްދީ ލޯބިކޮށްލިއެވެ.

އަނާ އެތަން ބަލަންހުއްޓެވެ. މާޖިދުގެ ލޯބީގައި ހަދައިގެން އުޅޭގޮތެއް އެއްގޮތަކަށްވެސް ނެތެވެ. ހަމަ ޙަޤީޤަތުގައިވެސް އެއީ ބައްޕައެއް ލޯބިން ޙިނާއަށް ކުރާ ލޯތްބެކެވެ.

ވަރަށް ގިނައިރުވަންދެން މާޖިދު އެ ތުއްތު ދަރިފުޅާ ތޮޅެން ހުއްޓެވެ. އެހެން ހުރެފައި ޙިނާގެންގޮސް އެނދުގައި ބާއްވައިފިއެވެ. އަދި ޚުދް އޭނާވެސް ޙިނާކައިރީގައި އޮށޯވެއްޖެއެވެ. އަނާ މާޖިދުގެ މިޙަރަކާތަކަށް ބަލަން ހުއްޓެވެ.

"އަހަރެމެން ވަކިވުމުގެ ކުރިން އެ ހޭދަކޮށްލި ވަގުތުކޮޅަކީ ހާދަ އުފާވެރި އަދި ޖަޛްބާތުން ފުރިފައިވާ ވަގުތުކޮޅެއްދޯ! މިހާރުދެން އަހަރެމެންނަށް އެގޮތަށް ލޯބިކޮށެއް ނުލެވޭނެތަ؟" އަނާ ހަމައެކަނި އޭނާއާ ދިމާއަށް ބަލަން ހުރީއެވެ.

އަނެއްކާވެސް މާޖިދު ބުންޏެވެ.

"އަހަރެމެންނަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ލިބުމުގެ މުޅި ސިއްރު މިހާރު ފޮރުވިފައި ވަނީ ވެދިޔަ ކަންތައްތައްތ ހަނދާން ނައްތާލުމުގައި އޭނާގެ އަޑުގައި ވަނީ ހިތްހެޔޮކަމުގެ އަސަރެވެ. ކަލެއާމެދު ކަންތައްވީ ރަނގަޅަކަށް ނޫންކަމައް އަހަރެންނަށް ބުނެވިދާނެ...އެކަމަކު އެކަންތައް އެގޮތަށް......"

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.