ޔުކްރޭނަށް ޔޫރަޕިއަން ޔުނިއަންގެ މެންބަރަކަށްވުމުގެ ކެންޑިޑޭޓެއްގެ ރަސްމީ ހައިސިއްޔަތު "ވަގުތުން" ދިނުމަށް މިހާރު ޔުކްރޭންގެ ވެރިރަށް ކިޔީވަށް ވަޑައިގެން އުޅުއްވާ އީޔޫގެ ހަތަރު ގައުމެއްގެ ލީޑަރުން ތާއީދުކުރައްވާ ފްރާންސުގެ ރައީސު އިމާނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ. އޭނާގެ އިތުރަށް މިވަގުތު މިއަދު ކިޔީވަށް ވަޑައިގަތީ ޖަރުމަނުގެ ޗާންސެލާ އޮލާފް ޝޮލްޒްއާއި، އިޓަލީގެ ބޮޑުވަޒީރު މާރިޔޯ ޑްރާގީއާއި، ރޯމޭނިޔާގެ ރައީސު ކްލާއުސް ޔޮހަނިސްއެވެ.
"(އީޔޫއާ) ގުޅުމަށް ކެންޑިޑޭޓަކަށް ވުމުގެ ހައިސިއްޔަތު ވަގުތުން ދިނުމަށް އަހަރުމެން ހަތަރު މީހުންވެސް ތާއީދުކުރަން." އީޔޫގެ ހަތަރު ލީޑަރުން ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކިއާ ބައްދަލުކުރެއްވުމަށްފަހު ފަސް ބޭފުޅުން އެކުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސު މެކްރޯން ވިދާޅުވިއެވެ.
ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާގެ ސިފައިން ޔުކްރޭނަށް އަރައިގަތް ދުވަހުން ފެށިގެން ޔުކްރޭންގެ ރައީސު ޒެލެންސްކީ ގެންދަވަނީ ވީހާ އަވަހަކަށް ޔުކްރޭން އީޔޫގެ މެންބަރަކަށް ހެދުމަށް ގޮވައިލައްވަމުންނެވެ. އަދި މެންބަރަކަށް ވުމަށް ޔުކްރޭން އެދިފައިވާ އެދުމަށް މިމަސް ނިމުމުގެ ކުރިން ޖަވާބެއް ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
"އަހަރުމެންގެ ދައުލަތް އީޔޫގެ ފުރިހަމަ މެންބަރަކަށް ވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އަހަރުމެން މިތިބީ ތައްޔާރަށް." ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޒެލެންސްކީ ވިދާޅުވިއެވެ. އޭނާ މިހެންވިދާޅުވިއިރު، މި ޖޫން މަހުގެ 23 އަދި 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އީޔޫގެ އެންމެ އިސްވެރިންގެ ބައްދަލުވުގައި ޔުކްރޭން އެޖަމާއަތުގެ މެންބަރަކަށްވުމުގެ ފެހި ސިގްނަލް ދޭނެކަމަށް ވަނީ ބެލެވިފައެވެ.
"މި މަގުން ކުރިއަށް ގޮސް ކެންޑިޑޭޓަކަށް ވުމުގެ ހައްގު އަހަރުމެން ޔުކްރޭން މީހުންނަށް މިހާރު ލިބިގެންވޭ. ޒެލެންސްކީ އިތުރަށް ވިދާޅުވިއެވެ.
ޔުކްރޭން ދެކެނީ އީޔޫގެ މެންބަރަކަށް ވުމުން އެގައުމު ޖިއޮގްރަފީގޮތުންނާއީ ސިޔާސީގޮތުން އޮތް ނާޒުކު ހާލަތަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. ރަޝިޔާއިން ޔުކްރޭން ތެރޭގައި ކުރަމުންދާ ހަނގުރާމައިން މިހާލަތު ވަނީ ގޯސްވެފައެވެ.
އީޔޫގެ މެންބަރަކަށްވުމަށް ޔުކްރޭން ކުރާ މަސައްކަތަށް އެ ޖަމާއަތުގެ ގިނަ މެންބަރުން ތާއީދުކުރި ނަމަވެސް، އެ މެންބަރުން ފާހަގަކުރާ ގޮތުގައި އެކަމަށް އަހަރުތަކެއް އަދި ނަގާފާނެއެވެ. އަދި މެންބަރަށް ވުމަށް ހަރުކަށި ޝަރުޠުތަކެއްވެސް ފުރިހަމަކުރަން ޖެހެއެވެ.
"މި ހައިސިއްޔަތު (ކެންޑީޑޭޓަކަށް ވުމުގެ ހައިސިއްޔަތު) އާއެކު އަމަލުކުރަން ޖެހޭ މަގުޗާޓެއް އޮންނާނެ. އަދި ބަލްކަންސްއާއި، އެ ސަރަހައްދާއި ގުޅިފައިވާ ތަންތަނުގެ، ވަކިން ޚާއްސަކޮށް މޮލްޑޯވާގެ ހާލަތަށްވެސް ބަލަންޖެހޭ." ރައީސު މެކްރޯން ވިދާޅުވިއެވެ.
އީޔޫގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަނީ ފްރާންސުންނެވެ.
"ޔުކްރޭންއާ ގުޅޭގޮތުން އީޖާބީ (ޕްޒިޓިވް) ނިންމުމަކަށް ޖަރުމަނުން ތާއީދުކުރޭ. މޮލްޑޯވާއާމެދުވެސް ދެކެނީ ހަމައެހެން." ޖަރުމަނުގެ ޗާންސެލާ ޝޮލްޒް ވިދާޅުވިއެވެ.
"އިޓަލީން ބޭނުންވަނީ ޔުކްރޭން އީޔޫގައި އޮތުމަށް. އެ ގައުމުން ބޭނުންވަނީ ޔުކްރޭން އީޔޫގެ މެންބަރަކަށް ވުމުގެ ކެންޑިޑޭޓަކަށް ވުމަށް. އަދި މިކަމަށް ދެން އޮންނަ ޔޫރިޕިއަން ކައުންސިލްގެ ބައްދަލުވުމަގައި އިޓަލީން ތާއީދުކުރާނެ." އިޓަލީގެ ބޮޑުވަޒީރު ޑްރާގީ ވިދާޅުވިއެވެ.