އެމްއެމްސީގެ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ގޯލްޑް ސްޕޮންސަރަކަށް ސެޓެލްކޯ ހަމަޖައްސައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ގޯލްޑް ސްޕޮންސަރަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސެޓެލްކޯ) ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސެޓެލްކޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސެޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޙްމަދު މުޞްޠަފާއެވެ.

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވީ، ސެޓެލްކޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ދެވަނަ ކުންފުނި ކަމަށެވެ. އެކަމަށްޓަކައި ސެޓެލްކޯގެ އިސްވެރިންނަށް މުސްތަފާ ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން މީޑިއާގެ ކުރިއެރުމަށް ސެޓެލްކޯއިން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، އެ ދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ޖެނުއަރީ މަހު ފެށި އެ ޕްރޮގްރާމް މިހާތަނަށް ތިން ސްކޫލެއްގައި ހިންގައި، 70 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ޕްރޮގްރާމްގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ، ތަޖުރިބާ ލިބިފައިވާ އަދި އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ތިއްބެވި ސީނިއާ ބޭފުޅުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.