2020 ވަނަ އަހަރު ޔުކްރޭންގެ މަތިންދާބޯޓެއް ވައްޓާލި މައްސަލައިގައި 10 މީހަކު ޖަލަށްލާން ހުކުމްކޮށްފި

އީރާނުގެ މިސައިލް ހަމަލާގައި ވެއްޓުނު ޔުކްރޭންގެ މަތިންދާބޯޓުގެ ބައިތައް

އީރާނު މަތިން 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ޔުކްރޭންގެ މަތިންދާބޯޓަކަށް މިސައިލް ހަމަލާދީ ވައްޓާލި މައްސަލައިގައި އެކަމުގައި ޒިންމާވާ 10 މީހަކު އެކި މުއްދަތަށް ޖަލަށްލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިސައިލް ހަމަލާގައި ވައްޓާލާފައި ވަނީ 08 ޖަނަވަރީ 2020 ގައި ތެހެރާނުގެ ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކިޔީވްގެ ބޮރިސްޕިލް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީއެސް-752 އެވެ. ބޮއިންގ 737 ނެކްސްޓް ޖެން މަރުކާގެ އެ މަތިންދާބޯޓުގައި 176 މީހުން ތިއްބެވެ. އެއީ 167 ދަތުރުވެރިންނާއި، 9 ފަޅުވެރިންނެވެ. މިސައިލް ހަމަލާގައި އެ އެންމެން ވަނީ މަރުވެފައެވެ.

އެބައެއްގެ މައްޗަށް ހުކުމް އިއްވި މީހުންގެ ނަން ހާމަނުކޮށް އީރާނުގެ ޝަރުއީ ދާއިރާގެ ރަސްމީ ޚަބަރުތައް އާއްމުކުރާ ވެބްސައިޓްގައި ވާގޮތުން، މައްސަލައިގައި ދައުވާއުފުލުނު އެންމެ އިސް މީހަކީ ޓޯރް-އެމް1 ބިމުން ޖައްވަށް ފޮނުވާލާ މިސައިލް ދިފާއީ ނިޒާމު ކޮމާންޑަރަކަށް އޭރު ހުރި މީހާއެވެ. އަމުރާ ޚިލާފަށް އަމަލުކުރުމުން 10 އަހަރަށް އަދި ގަސްތަކާ ނުލައި ބަޔަކު މެރުމުގައި ބައިވެރިވިކަމުގެ ކުށުގައި 3 އަހަރަށް ޖަލަށްލުމުގެ އިތުރަށް، މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށް ވެސް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

މީގެ އިތުރުން އަމަލީ ގޮތުން މިސައިލް އޮޕަރޭޓްކުރި ދެމީހުން ވަނީ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި ތެހެރުނގެ ވައިގެ ދިފާއީ ނިޒާމުގައްޔާއި، އިރާން ރިވޮލިއުޝަނަރީ ގާޑްސްގެ އެއަރޯ ސްޕޭސް ޑިވިޝަންގައި މަސައްކަތްކުރި 7 އޮފިޝަލަކު އެއް އަހަރާ ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ވިއި އަަޑުއެހުމަކަށް ފަހު އިއްވި މި ހުކުމްތައް އިސްތިއުނާފުކުރުމުގެ ފުރުސަތު އޮންނާނެެއެވެ.

ޔުކްރޭން އެއާލައިންގެ މަތިންދާބޯޓު ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު ފަތިހު އުދުއްސާލިތާ މަދު މިނެޓްކޮޅެެއްގެ ތެރޭގައި މިސައިލް ފޮނުވައި ބޯޓު ވަނީ ވައްޓާލާފައެވެ. ފުރަތަަކޮޅު ހަމަލާގެ ޒިންމާ އުފުލަން އިންކާރުކުުރި ނަމަވެސް، މިސައިލް ހަމަލާގެ 3 ދުވަސް ފަހުން އީރާނު ސަރުކާރުން ވަނީ ހަަމަލާދިނުމުގައި ހެދިފައިވާ ބޮޑު ގޯސް ގަބޫލުކޮށް އެކަމަށް މާފަށް އެދިފައެވެ.

މަތިންދާބޯޓަށް ހަމަލާދީފައި ވަނީ، ބަޣުދާދު އެއާޕޯޓު ކައިރިއަށް އެމެރިކާ ސިިފައިން ދިން ޑްރޯން ހަމަލާއެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރު ޖެނެރަލް ޤާސިމް ސުލައިމާނީ ޖަނަވަރީ މަހު 3 އަވަހާރަކޮށްލުމާ ގުޅިގެން އެކަމަށް ރައްދުދިނުމުގެ ގޮތުން އީރާނުން އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް ހަމަލާދީފައި ވުމުން، އެމެރިކާ ސިފައިންގެ ހަމަލާއެއް އަތުވެދާނެކަމަށް އީރާނުގެ ވައިގެ ދިފާއީ ނިޒާމު ކުއްލި ހާލަތަށް ގެނެވިފައި ވަނިކޮށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.