ޔުކްރޭން ފްލައިޓު ވެއްޓިގެން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 150،000 ޑޮލަރު ދޭން އީރާނުން ނިންމައިފި

މަތިންދާބޯޓު ވެއްޓުނު ސަރަހައްދުގައި ތަހުގީގުކުރާ މީހުން ހަރަކާތްތެރިވަނީ

މިއަހަރު ޖަަނަވަރީ މަހުގެ ތެރޭގައި ތެހެރާން އެއާޕޯޓު ކައިރިއަށް ވައްޓާލި ޔުކްރޭން އެއާލައިންގެ ފްލައިޓުން ދަތުރުކުރި 176 މީހުންގެ އާއިލާތަކަށް، ކޮންމެ އާއިލާކަށް ބަދަލުގެ ގޮތުގައި 1 ލައްކަ 50 ހާސް އެމެރިކާ ޑޮލަރު ދޭން އީރާނުން ނިންމައިފިއެވެ.

ރައީސު ޙަސަން ރޫޙާނީގެ ކެބިނެޓުން މި ބަދަލު ދޭން ފާސްކޮށްފައި މިވަނީ އެ މަތިންދާބޯޓު ވައްޓާލިތާ އަހަރެއް ވާން ކައިރިވެފައި ވަނިިކޮށެވެ.

"ޔުކްރޭންގެ ފްލައިޓް ވެއްޓުނު ހާދިސާގެ ޝިކާރައަކަށްވި ކޮންމެ މީހެއްގެ އާއިލާއަށް 150،000 ޑޮލަރު ނުވަތަ އެ އަަދަދާ އެއްވަރަށް ޔޫރޯ ވީހާ އަވަހަކަށް ދިނުމަށް ކެބިނެޓުން ވަނީ ފާސްކޮށްފައި." އީރާނުގެ ޚަަަބަރުފަތުރާ ރަސްމީ އެޖެންސީ އިރްނާއިިން ބުނެފައި ވެއެވެ.

"މި ބަދަލުދިނުމަކީ މި މައްސަލައިގައި ކުށްކުރި ފަރާތްތަކުގެ މައްޗަށް ކަމާބެހޭ ކޯޓެއްގައި ދައުވާ އުފުލުމަށް ހުރަހަކަށް ނުވާނެެ." އެ ޚަބަރުގައި ވެއެވެ.

167 ފަސިންޖަރުންނާއި 9 ފަޅުވެރިންނާއެކު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު ހެނދުނު 6:12 (ރާއްޖޭ ގަޑިން ހެނދު 7:42) ގައި ތެހެރާނުގެ އިމާމު ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ޔުކްރޭން އެއާލައިންގެ ފްލައިޓް ޕީއެސް752 އުދުއްސާލިތާ ދެ މިނިޓު ތެރޭގައި ވަނީ ވެއްޓިފައެވެ. އެ މަތިންދާބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައި ނުވެއެވެ.

ވެއްޓުނު މަތިންދާބޯޓުން މައިގަނޑު ގޮތެއްގައި ދަތުރުކުރީ އީރާނު މީހުންނާއި، ކެނެޑާ މީހުންނެވެ. ކެނެޑާގެ 63 ފަސިންޖަރުން ތިބި އިރު އީރާނުގެ 82 ފަސިންޖަރުން ބޯޓުގައި ތިއްބެވެ.

މަތިންދާބޯޓު ވެއްޓުމުގެ ސަބަބެއް ކަމުގައި އީރާނުން ފުރަތަމަ ބުނީ ބޯޓުގެެ އެއް އިންޖީނުގައި ރޯވުމެވެ. އެެހެންނަމަވެސް، ސެޓެލައިޓްތަކުން ނަގާފައިވާ މަންޒަރުތަކަށް ބަލާއިރު، މަތިންދާބޯޓު ވެއްޓިފައި ވަނީ މިސައިލް ހަމަލާއެެއްގައި ކަން ހާދިސާގެ އެެއް ދުވަސް ފަހުން، ޖަނަވަރީ 9 ވަނަ ދުވަހު، އެމެރިކާއިން ހާމަކުރިއެވެ.

އެމެރިކާއިން ހަދަނީ ދޮގުކަމަށް ތަަކުރާރުކޮށް އީރާނުން ބުނި ނަމަވެސް، ހާދިސާގެ ތިން ދުވަސް ފަހުން، ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ މަތިންދާބޯޓު ވެއްޓުނީ މިސައިލް ހަމަލާއެެއްގައި ކަމަށް އެއްބަސްވެފައެވެ. އަދި ރިވޮލިއުޝަނަރީ ގާޑުން މަތިންދާބޯޓަށް ހަމަލާދިނީ ދުޝްމަނުންގެ އުޅަނދެއް ކަމަށް ލަފާކޮށްފައި ކަމަށް ބުނެފައެވެ.

އީރާނުގެ ނާއިބު ރައީސު (ގާނޫނީ ކަންކަމާ ބެހޭ) ލާޔާ ޖުނައިދީ ވިދާޅުވީ ބޯޓު ވެއްޓުމުގެ ހާދިސާާއަށް އެއް އަހަރު ފުރުމުގެ ކުރިން ބަދަލުގެ ގޮތުގައި ދޭ ފައިސާ އާއިލާތަކާ ހަވާލުކުރާނެ ކަމުގައެވެ.

އީރާނު ސަރުކާރުން ބަދަލު ދޭން ނިންމީ، އީރާނުން އެކުލަވާލި ހާދިސާގެ ތަހުގީގީ ރިޕޯޓު ނެރުނުތާ ދެ ދުވަސް ފަހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.