މި ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހު 2 ލައްކަ 50 ހާސް މީހުން އަޤްޞާ މިސްކިތުގައި ހުކުރު ނަމާދުކޮށްފި

އަލްމަސްޖިދުލް އަޤްޞާ މިސްކިތުގެ ބޭރުގައި މިއަދު ހުކުރު ނަމާދަށް ތިބި މީހުން

އިސްރާއީލުގެ ޔަހޫދީ ސަރުކާރުގެ އުދުވާނީ ސިފައިން މާތްވެގެންވާ މަސްޖިދުލް އަޤްޞާ ހިސާރުކޮށްފައި ވަނިކޮށް އިއްޔެ (މި ރަމަޟާން މަހުގެ ފަހު ހުކުރު ދުވަސް ކަމުގައި ބެލެވޭ ދުވަހު) އެ މިސްކިތުގައި 2 ލައްކަ 50 ހާހަށްވުރެ ގިނަ މީހުން ހުކުރު ނަމާދުކޮށްފިއެވެ.

އަޤްޞާގެ ޙަރަމްފުޅަށް ދެވޭ މަގުތަކުގައި އިސްރާއީލުގެ ފުލުހުންނާއި، ޝެން ބެތު ސިއްރު ފުލުހުންގެ 6200 އެއްހާ މީހުން ތިއްބެވެ. ހުރިހާ އުމުރެއްގެ އަންހެނުންނަށް ޙަރަމްފުޅުގެ ސަރަހައްދަށް ވަންނަން ހުއްދި ދިންއިރު، ފިރިހެނުންގެ ތެރޭގައި 12 އަހަރާ 55 އަހަރާ ދެމެދުގެ މީހުންނަށް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައި ނުވެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ ފަލަސްޠީނުގެ އެކި ހިސާބުތަކުން އަންނަ ގިނަ އަދަދެއްގެ ބަޔަކު އަޅުކަންކުރުމަށާއި، ނަމާދުކުރުމަށް އަޤްޞާ މިސްކިތަށް ޖަމާވާ މައްސަރެކެވެ.

އިއްޔެ ހުކުރު ނަމާދުކުރުމަށް މިސްކިތަށް ވަދެވުނީތީ ފަލަސްޠީނުގެ ގިނަ ބަޔަކު ތިބީ ނުހަނު އުފަލުންނެވެ. "ރަމަޟާން މަހުގެ ހަތަރު ވަނަ ހުކުރު ނަމާދު މަސްޖިދުލް އަޤްޞާގައި ކުރެވޭތީ އަހަރެން މިހިރީ ވަރަށް އުފަލުން." އަރަބި ނޫހަކަށް މައުލޫމާތު ދެމުން ރާމަﷲ އިން އަޤްޞާއަށް އައިސްހުރި ފަލަސްޠީނު މީހަކު ބުންޏެވެ. "ރަމަޟާން މަހުގައި ހުކުރު ދުވަހު ނޫނީ މަސްޖިދުލް އަޤްޞާގައި ނަމާދުކުރުމުގެ ހުއްދަ ނުލިބޭ." އޭނާ އިތުރަށް ބުންޏެވެ.

" ޙުރުމަތްތެރިވެގެންވާ އަޤްޞާ މިސްކިތަށް ތިޔަބައިމީހުން އައިސް ތިތިބީ ފަލަސްޠީނު ހުރިހާ ހިސާބަކުން. ތިޔަބައިމީހުން ވަނީ އިންސާފެއް ނެތް ގޮތުގައި ގާއިމުކޮށްފައިވާ އަސްކަރީ ޗެކް ޕޮއިންޓުތައް ހުރަސްކޮށްފައި. އަދި ޢިޝާ ނަމާދާއި، ތަރާވީހު ނަމާދަށް މިމިސްކިތަށް ތިޔަބައިމީހުން އަންނަ އައުމުން ދެނިޔޭގެ 2 ބިލިއަން މުސްލިމުންނަށް ދައްކައިދެނީ އަލްއަޤްޞާއަކީ އަދުއްވުން ހިފާފައިވާ މިސްކިތެއްކަން." ހުކުރަށް ގޮސް ތިބި ފަލަސްޠީނު މީހުންނާ މުޚާޠަބު ކުރައްވައި މަސްޖިދުލް އަޤްޞާގެ އިމާމު ޢިކްރިމާ ޞަބްރީ ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިސްރާއީލުގެ އުދުވާނީ ސިފައިން ވަނީ މިސްކިތުގެ ޙަރަމުގެ ތެރެއަށް ވަދެގަނެ މިސްކިތުގައި އަޅުކަންކުރަން ތިބި މީހުންނަށް އަނިޔާކޮށްފައެވެ. އަދި ހަރުކަށި ޔަހޫދީންނަށް މިސްކިތުގެ ހުރުމަތް ކެނޑުމުގެ ފުރުސަތު ދީފައެވެ.

މިހާރު އިސްރާއީލުގެ ވެރިކަމުގައި ހުރި ހަރުކަށި ބޮޑުވަޒީރު ނަތަންޔާހު އަލުން ވެރިކަމަށް އައިފަހުން އޭނާ ގެންދަނީ އޭނާގެ ސަރުކާރުގެ ބައިވެރިންނަށް ތިބި ހައްދު ފަހަނައަޅާފައިވާ ޔަހޫދީން ރުއްސުމަށް ފަލަސްޠީނު މީހުންނާ ދެކޮޅަށް އަނިޔާވެރިކަން އިތުރުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.