އަލްމަސްޖިދުލް އަޤްޞާގައި ކުރެވުނު ރަމަޟާން މަހުގެ ފަހު ހުކުރު ނަމާދުގައި 2 ލައްކަ 60 ހާސް މީހުން ބައިވެރިވެއްޖެ

އަލްމަސްޖިދުލް އަޤްޞާ މިސްކިތުގެ ބޭރުގައި މިއަދު ހުކުރު ނަމާދަށް ތިބި މީހުން

އިސްރާއީލުން ގަދަކަމުން ވެރިވެގަނެގެން އެމީހުންގެ ވެރިރަށް ކަމަށް ހަދައިގެން އުޅޭ އަލްޤުދްސު (ބައިތުލް މަޤްދިސު) އަލްމަސްޖިދުލް އަޤްޞާގައި މިއަދު ކުރެވުނު ރަމަޟާން މަހުގެ ފަހު ހުކުރު ނަމާދުގައި 2 ލައްކަ 60 ހާސް މީހުން ބައިވެރިވެއްޖެއެވެ.

އަލްއަޤްޞާ މިސްކިތަށް ވަނުމަށް އިސްރާއީލު ސިފައިން ހުއްދަ ދެނީ 40 އަހަރުން މަތީގެ ފިރިހެންނުންނަށާއި، 12 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.

"ރަމަޟާން މަހުގެ ފަހު ހުކުރު ނަމާދުގައި ބައިވެރިވުމަށް 2 ލައްކަ 60 ހާސް މީހުން އައި ކަމަށް ލަފާކުރެވޭ." އަލްޤުދްސުގެ ވަޤްފު އެޖެންސިގެ ޑިރެކްޓަރ ޖެނެރަލް ޝައިޚް ޢައްޒާމް އަލްޚަޠީބު ވިދާޅުވިއެވެ. މިރެއަކީ ލައިލަތުލް ޤަދްރިއަށް ވާތީ އިތުރު މީހުން މިސްކިތަށް ޖަމާވަމުން ދާކަން ވެސް އަލްޚަޠީބު ފާހަގަކުރެއްވިއެވެ.

ފާއިތުވި އަހަރުގެ ރަމަޟާންމަހު އަލްމަސްޖިދުލް އަޤްޞާގައި ކުރެވުނު ފަހު ހުކުރު ނަމާދުގައި 2 ލައްކަ 80 ހާސް މީހުން ބައިވެރިވެފައި ވެއެވެ.

"އެއްވެފައި ތިބި މުސްލިމުންނޭވެ! ތިޔަބައިމީހުން ފަތިސް ނަމާދަށާއި، ޢިޝާ ނަމާދަށާއި، ތަރާވީޙު ނަމާދަށާއި، ހުކުރު ނަމާދަށް ބައިބަޔަށް އަލްމަސިޖިދުލް އަޤްޞާއަށް ޖަމާވުމަކީ (އިސްރާއީލަށް ދެވޭ) އީމާންކަމުން ފުރިގެންވާ ޢަމަލީ ރައްދެއް." މިއަދުގެ ހުކުރު ޙުޠުބާގައި އަލްއަޤްޞާ މިސްކިތުގެ އިމާމު ޢިކްރިމާ ޞަބްރީ ވިދާޅުވިއެވެ.

"(އެއީ) އަލްމަސްޖިދުލް އަޤްސާއަށް ދަހިވެތިވާ މީހުންނަށާއި، އެ މިސްކިތުގެ ހުރުމަތަށް އަރައިގަންނަމީހުންނާއި، އެ ތަނަށް ގަދަބާރުން ވަދެގެންފައިވާ މީހުންނަށް ދެވޭ ސާފު މެސެޖެއް. ކަލޭމެންނަށް އެ މަސްޖިދުލް އަޤްޞާގެ ބިމުން ވެލިފުކެއްގައިވެސް އަތްނުލެވޭނެޔޭ. އެއީ ރަތް ރޮނގެކޭ." އިމާމު ޢިކްރިމާ ވިދާޅުވިއެވެ.

އަލްޤުދްސު މުސްކުޅި އަވަށުގައި މިއަދު ހެނދުނު ފަލަސްޠީނުގެ ޒުވާނަކު އިސްރާއީލު ސިފައިންގެ މީހެއްގެ ގަޔަށް ވަޅިހެރުމާ ގުޅިގެން ހުޅަނގު އައްސޭރީގައި ދިރިއުޅޭ މީހުން އަލްޤުދްސަށް ވަނުން އިސްރާއީލުން އޮތީވ ވަރަށް ބޮޑަށް ހިފަހައްޓާފައެވެ.

ފަލަސްޠީނުގެ ސިއްހީ އިދާރާގެ މަސްއޫލެވެރިޔަކު ޚަބަރުދިން ގޮތުގައި މިއަދު ހުކުރު ނަމާދަށް ދާންވެގެން ހުޅަނގު އައްސޭރީއާއި އަލްޤުދްސާ ދެމެދު އިސްރާއީލުން ޖަހާފައި ހުރި ދާގަނޑުގެ މަތިން ފުންމާލަން އުޅުން ޒުވާނެއްގެ ގަޔަށް އިސްރާއީލު ސިފައިން ވަނީ ބަޑިޖަހައި މަރާލާފައެވެ.

އިސްރާއީލުން އަލްމަސްޖިދުއް އަޤްޞާ ހުންނަ އިރުމަތީ ޤުދްސު ހިފީ 1967 ގެ ހަނުގާމައިގައެވެ. އަދި 1980 ވަނަ އަހަރު އެއީ އިސްރާއީލުގެ ބައެއް ކަމަށް ރަސްމީކޮށް ކަނޑައަޅައި އެއީ "ބައިބައި ނުކުރެވޭ އަބަދީ" ވެރިރަށް ކަމަށް ނިންމިއެވެ. އެހެންނަމަވެސް، ދުނިޔޭގެ ގިނަ ޤައުމުތަކުން އެކަން ބަލައިގެންފައި ނުވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.