މަޅުމަތި: ދިވެހިބަހުގެ ދުވަސް ފާހަގަ ކުރަމުން ދާއިރު...

މާދަމައަކީ ދިވެހިބަހުގެ ދުވަހެވެ. އާދައިގެ މަތީން، ބަހުގެ ވާހަކަ ޖޯޝާއި ފޯރިއާއެކު ދައްކާފައި ހަނދާން ނައްތައިލުމުގެ ދުވަހެވެ. އަނެއްކާވެސް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އަލުން ފަށްޓާނީއެވެ.

ދިވެހި ބަހަށް ބަދަލު އަންނަ ވާހަކައާއި އެ ބަދަލުތަކުގެ ވިޔާނުދާކަމުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. އެ ވާހަކަތައް ދެކެވޭ ވަރަށްވުރެ މާ ހަލުވިކޮށް ބަދަލު އެބަ އާދެއެވެ. ބަދަލެއް ނުހުއްޓެއެވެ. ނުވެސް ހުއްޓޭނެއެވެ.

ބަހަށް ބަދަލު އައުމަކީ ސަބަބެއް ނެތި ވާނޭ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ބަދަލުވަމުން ދަނީ ހަމައެކަނި ބަހެއް ނޫނެވެ. ބަހަކީ އިޖްތިމާއީ އެއްޗެކެވެ. ފަރުދީ އެއްޗެއް ނޫނެވެ. އެހެންވީމާ މުޖުތަމައަށް އަންނަ ބަދަލު ބަހަށް އަންނާނެއެވެ. ސަގާފަތާއި އާދަކާދަ ބަދަލުވާ ވަރަކަށް ބަހަށްވެސް އެ ބަދަލުތައް އަންނާނެއެވެ. ބަހުގެ ބޭނުންކުރާ މީހާ ހަމައެކަނި ވާހަކަދައްކަނީއެއް ނޫނެވެ. އެ ވާހަކަތަކުގެ ޒަރީއާއިން އޭނާގެ ވެށީގެ ހަމަތަކާއި ސަގާފަތާއި އާދަތައްވެސް ހާމަކުރަނީއެވެ. އެހެންވީމާ އެއިން ކޮންމެ ކަމަކަށް ބަދަލު އަޔަސް ބަހުގެ ތެރެއިން އެ ބަދަލެއް ފާޅުވެ ފެންނާނެއެވެ. މިސާލަކަށް ރުއްގަސް މަދުވާ ވަރަކަށް ރުއްގަހުގެ ވާހަކަވެސް މަދުވާނެއެވެ. ޒަމާނީ ތަކެތި އިތުރުވާ ވަރަކަށް އެ ތަކެތީގެ ވާހަކަދެއްކުންވެސް އިތުރުވާނެއެވެ. ކަނޑުމަތީގައި އުޅޭ މީހުން ދައްކާ ވާހަކައާއި އެއްގަމުގައި އުޅޭ މީހުން ދައްކާ ވާހަކަ ތަފާތު ވާނެއެވެ. ބަސްކޮށާރު ތަފާތު ވާނެއެވެ.

ދުނިޔޭގެ ބަސްބަހުގެ ތާރީޚަށް ބަލާއިރު ތިން ވައްތަރެއްގެ ބަދަލެއް އަންނަތަން ފެނެއެވެ. ފުރަތަމަ ބަދަލަކީ ޚާލިސް ބަހަވީ ބަދަލެވެ. ބަހުގެ އަޑަށް އަންނަ ބަދަލާއި ލަފުޒުތަކަށް އަންނަ ބަދަލަކީ އެއްވެސް މީހެއްގެ އިޚްތިޔާރެއް އޮންނަ ކަމެއް ނޫނެވެ. ޚާލިސް ބަހަވީ ބަދަލު އަންނަނީ ވަރަށް ލަސްލަހުންނެވެ. ބައެއް ފަހަރަށް ސަތޭކައެއްހައި އަހަރުން ފާހަގަ ކުރެވޭ ވަރަށް ލަސްލަހުންނެވެ. މިފަދަ ބަދަލު އަންނަނީ އެއް ބަހަކުން ވާހަކަދައްކާ ބައެއްގެ ތެރެއަށެވެ. ނުވަތަ އެއްބައްސަ އަހުލުވެރިންގެ ތެރެއަށެވެ.

ދެވަނަ ބަދަލަކީ ސޯޝިއޯ ލިއުންގުއިސްޓިކް ބަދަލެވެ. ނުވަތަ އިޖްތިމާއީ ބަހަވީ ބަދަލެވެ. މި ބަދަލުތައް އަންނަނީ އެ ބައެއްގެ ބަހާއި އެހެން ބަހަކާ ގުޅޭ ގޮތް ވުމުންނެވެ. ބަދަލު ބޮޑުވެގެން ދަނީ އެ ގުޅުމެއްގައި ހުރި ބާރެއްގެ މިންވަރުންނެވެ. މިސާލަކަށް ގައުމަކަށް އެހެން ބަހަކުން ވާހަކަދައްކާ ބަޔަކު އައިސް އެ ގައުމެއް ހިފައި ވެރިކަން ކުރަން ފަށައިފި ނަމަ އެ އައި ބައެއްގެ ބަސްވެސް ގައުމަށް ބާރު ފޯރުވާން ފަށްޓައެވެ. އެޔާއެކު އެ ގައުމެއްގެ އަމިއްލަ ބަހަށް އޭގެ ނުފޫޒު ފޯރައި ބަދަލުވާން ފަށަނީއެވެ. ދިވެހިރާއްޖެއަށް ބަލާ ނަމަ އެންމެ ބޮޑަށް ފާހަގަކުރެވެނީ އިޖްތިމާއީ ބަހަވީ ބަދަލެވެ. އަޅުގަނޑުމެން އެންމެ ބޮޑަށް ކަން ބޮޑުވެގެން ވާހަކަދައްކަނީވެސް މި ވައްތަރުގެ ބަދަލާ ގުޅިގެންނެވެ.

ދިވެހި ބަހަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ ބަހަކީ އިނގިރޭސި ބަހެވެ. އިނގިރޭސި ބަސް އަޅުގަނޑުމެންގެ ތެރެއަށް އައިސް ފައި ހަރުކޮށްލީ މި ދެންނެވި ފަދަ އިސްތިއުމާރެއްގެ ސަބަބުންނެއް ނޫނެވެ. އަދި މިއީ މިހާރު ފެށިގެން އުޅޭ ކަމެއްވެސް ނޫނެވެ. ރާއްޖެއަށް އިނގިރޭސި ބަސް ގެނައީ 1960 ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުންނެވެ. އެއީ ރާއްޖޭގައި އިނގިރޭސި ބަހުން ކިޔަވައިދޭން ނިންމި ނިންމުމާ އެކުގައެވެ. އެއީ ނުބައި ނިންމުމެކޭ ދަންނަވަނީއެއް ނޫނެވެ. އިނގިރޭސި ބަސް ރާއްޖެއަށް އައިސް ފައި ހަރުކުރަން ފެށި ހިސާބަކީ އެއީ ކަމުގައި ދަންނަވައިލީއެވެ. އޭގެ ފަހުން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބާރު ގަދަ ވަމުންނެވެ.

ބަހުގެ ބޭނުންކުރާ މީހުން ބެހެނީ ދެ ބަޔަކަށެވެ. އެއީ އާއްމުންނާއި ޚާއްސުންނެވެ. ޚާއްސުންގެ ބަޔަށް ކިޔައި އުޅެނީ ބަހުގެ ރެޖިސްޓަރެވެ. މާނައަކީ އަޑުއަހާ މީހުންގެ މިޒާޖާއި ފެންވަރާއި ވިސްނުމަށް ބަލައިފައި ވާހަކަދައްކާ މީހުންނެވެ. ބަހުގެ ރަނގަޅު އުސޫލުތަކެއް ފެންނަނީ މިބައިމީހުންގެ ފަރާތުންނެވެ. އާއްމުންގެ ތެރެއަކުންނެއް ނޫނެވެ. އާއެްމުންގެ ތެރެއަށް ރަނގަޅު އުސޫލާއި ހަމަތައް ގެނެސްދޭ ބަޔަކީ މިއީއެވެ. ވުމާއެކު ޚާއްސުންނާއި އާއްމުންގެ ބަހުރުވައިގެ ތަފާތު ކުޑަވަމުންދާ ވަރަކަށް ބަހަށް އަރާ ލޮޅުން ބޮޑުވާނެއެވެ. ޚާއްސުންގެ ތެރެއިން އާއްމުންގެ ތެރެއަށް އަންނަ ރީތި ރަނގަޅު ބަސް ބަދަލުވެ، އެ މީހުންވެސް އާއްމުންގެ ބަހުރުވައަށް ވެއްޓުނީމާ އަންނަ ނޭދެވޭ ބަދަލުތަކެއް ހުންނާނެއެވެ. ޚާއްސުންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ހިމެނެއެވެ. ވެރިންނާއި މުދައްރިސުންނާއި ލިޔުންތެރިން ފަދަ އެތައް ބައެކެވެ.

ބަހަށް އަންނަ ތިންވަނަ ބަދަލަކީ ސައިކޯ ލިންގުއިސްޓިކް ބަދަލެވެ. ނުވަތަ ނަފްސިއްޔާތީ ބަހަވީ ބަދެލެވެ. މިއީ އެހެން ބަހެއްގެ ނަފްސިއްޔާތު އެ ބައެއްގެ ބަހުގެ ތެރެއަށް ވަނީމާ އަންނަ ބަދަލެވެ. ލަފުޒެއްގެ ބަދަލުގައި އެހެން ބަހެއްގެ ލަފުޒެއް ބޭނުން ކުރަން ފެށީމާ އެ ބަހުގެ ނަފްސިއްޔާތުގެ އަސަރު ކުރާ ގޮތް ވުމެވެ. މިސާލަކަށް އަޅުގަނޑުމެން ޒަމާނުއްސުރެ ކިޔަމުން އައި "އިރާދަކުރެއްވިއްޔާ" މިހާރު ވަނީ "އިންޝާﷲ" އަށް ބަދަލުވެފައެވެ. މި ބަދަލުގެ ސަބަބުން ވިސްނުމަށް ބަދަލުތަކެއް އާދެއެވެ. ދެ ބަހަކީވެސް އެއް މާނައެއް ދޭހަވާ ބަހެވެ. އެކަމަކު އަރަބި ލަފުޒުގެ ސަބަބުން ހިތަށް ވެރިކުރުވާ އަސަރު ތަފާތުވެއެވެ. ނަތީޖާއަކީ އިރާދަކުރެއްވިއްޔާއޭ ބުނެލާ ދަނޑިވަޅުގައިވެސް ފަހުން ކުރި އަސަރު ދެމިހުންނަ ގޮތް ވުމެވެ. "ދަންނަބޭކަލުން" ބަދަލުވެ "ސްކޯލަރުން"ނަށް ވީމާ ނަފްސިއްޔާތީ ބަދަލުތަކެއް އާދެއެވެ. ދެ ބަހުގެ ސަބަބުން ވިސްނުމަށް އަންނަ ބަދަލު ތަފާތުވެއެވެ.

މި ދެންނެވުނު ތިން ބަދަލު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ބޮޑަށް އެބަ ފެނެއެވެ. މި ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންގެ މުޖުތަމައު ދެބައްސަ ނުވަތަ ގިނަބައްސަ މުޖުތަމައަކަށް ވުމެވެ. މިފަދަ ބަދަލު އައުން ހުއްޓުވުމަކީ ކުރެވޭނޭ ކަމެއް ނޫން ކަމަށް ގަބޫލު ކުރަން ޖެހެއެވެ. މަސައްކަތް ކުރަން ޖެހެނީ އަންނަ ބަދަލުތަކަކީ ހެޔޮ ބަދަލު ތަކަކަށް ހަދާށެވެ.

ދިވެހިބަސް އަނަރޫފަވަމުން ދާ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން އެބަ ދައްކަމުއެވެ. އެކަން ހުއްޓުވޭނޭ ކަމަށް އަޅުގަނޑަށް ފެންނަނީ އެކަމެއް ފެށުނު ގޮތަށް ބަލައި އެ މަގުން މަސައްކަތްތަކެއް ކުރަން ފެށުމެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަ ކުރަނީ އިނގިރޭސި ބަހުގެ ނުފޫޒު ދިވެހިބަހުގެ ތެރެއަށް ވަނުމެވެ. ބަހަކަށް އަންނަ ބަދަލެއް ހެޔޮ ބަދަލަކަށް ހެދޭނީ އެ ބަދަލެއް އަންނާން މެދުވެރިވީ ސަބަބު ހެޔޮ ކޮށްގެންނެވެ. ދިވެހިރާއްޖެއަށް އިނގިރޭސިބަސް އައީ ތައުލީމީ ދާއިރާއިންނެވެ. އެހެންވީމާ އެ ބަސް ބައްޓަންކޮށް ހެޔޮ މިސްރާބުން ދާނޭ ގޮތް ހެދޭނީވެސް ތައުލީމީ ދާއިރާއަށެވެ.

ގައުމެއްގައި ދެ ބަހެއް އެއް ފެންވަރެއްގައި އޮވެއްޖެނަމަ، ނުވަތަ ދެ ބަހެއް ވާދަކުރަން ފަށައިފިނަމަ، ދެ ބަހުންކުރެ ބާރުގަދަ ބަހަކަށް ހަދާނޭ ބަހެއް ކަނޑައެޅުމުގެ އިޚްތިޔާރާއި ބާރު އަބަދުވެސް އޮންނާނީ އެ ތަނެއްގައި އޮންނަ ސަރުކާރަކަށެވެ. ދިވެހިރާއްޖޭގައި ދިވެހިބަހާ ވާދަކުރަމުން ކުރިއަރަމުން އަންނަ ބަހަކީ އިނގިރޭސިބަހެވެ. އެހެންވީމާ ބާރުގަދަ ބަހަކަށް ހަދާނީ އިނގިރޭސިބަސްތޯ ނުވަތަ ދިވެހިބަސްތޯ ކަނޑައެޅުމަކީ ސަރުކާރުގެ ކަމެކެވެ. ޚާއްސަކޮށް ކުދި ގައުމުތަކުގައި ސަރުކާރުގެ ބާރެއް ނެތި އެއްވެސް ކަމެއް ކުރިއަކަށް ނުދާނެއެވެ. ބަސްވެސް މި ހަމައަކުން އިސްތިސްނާއެއް ނުވެއެވެ.

ދިވެހިބަސް އެންމެ ބޮޑަށް ކުރިއަރައިގެން ދިޔަ ކަމަށް އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަނީ ރައީސް މުޙައްމަދު އަމީންގެ ދުވަސްވަރުއެވެ. އޭގެ ފަހުން ރައީސް މައުމޫނުގެ ދުވަސްވަރުއެވެ. މި ދެ ދައުރުގައިވެސް ބަސް ކުރިއެރީ ސަރުކާރުން ބަހަށް އިސްކަން ދިނީމައެވެ. އިސްކަން ދިން ގޮތުގެ ވާހަކައަކީ ދިގު ވާހަކައަކަށް ވާތީ އެވާހަކަ ބާއްވާނަމެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރުން ބަހަށް އިސްކަން ދޭތަނެއް ނުފެނެއެވެ. ދިވެހިބަހުގެ އެކަޑެމީއޭ ކިޔާ ތަނެއް ހުރެއެވެ. ގާނޫނަކުން ލާޒިމުކުރާ ތަނަކަށް ވާތީ އެތަން ހުންނަނީއެވެ. ސަރުކާރުން އެތަނަކަށްވެސް އަދި އެތަނުން ކުރާ މަސައްކަތަކަށްވެސް މާ ބޮޑު އިސްކަމެއް ދޭ ކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

ނަންބޯޑުގެ ވާހަކައާއި ސިޓީބިޓީގެ ވާހަކައާއި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާ ޚާއްސަ ޕްރޮގްރާމްތަކުގެ ވާހަކަ އާއްމުންގެ ތެރޭގައި ބާރުލާފައި ދެކެވެއެވެ. އެއީ ސަރުކާރަކަށް މާ މުހިއްމު ވާހަކަތަކަކަށް ނުވެއެވެ. އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ފަދައިން ބަޔަކު މުޒާހަރާކޮށް ހަޅޭއް ލެވިޔަކަސް ކަމެއް ބަދަލެއް ނުކުރާނެއެވެ.

ދިވެހިބަހުގެ ބާރު ގަދަކުރަން ސަރުކާރުން ކުރެވިދާނޭ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކަށް ދިވެހި ނަން ކިއުމާއި ސަރުކާރުގެ މުއާމަލާތްތައް ދިވެހިބަހުން ކުރުން ފަދަ އެތައް ކަމެއް ހިމެނެއެވެ. އާއެްމުންގެ ތެރޭގައި ދިވެހިބަސް އާލާ ވާނީ މަތިން ފެށިގެން އެކަމަށް ކުރެވޭ މަސައްކަތަކުންނެވެ. މިސާލަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޕްރެޒިޑެންޓްސް އޮފީސް ކިޔާ މީހަކު އަޅުގަނޑު ނުދެކެމެވެ. އެއީ ކީއްވެގެންތޯއެވެ؟ އެއީ ދިވެހި ބަހުން އޮފީހުގެ ނަން ޖަހައިފައި އޮތީމައެވެ. އެކަމަކު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަން އިނގިރޭސި ބަހުން ޖަހައިފައި އެ ނަން ދިވެހިބަހުން ކިޔާނޭ ކަމަށް ހީކުރަންވީތޯއެވެ؟ މިހާރު ގަލޮޅު ދަނޑުގައި ކުޅޭ ފުޓުބޯޅަ މުބާރާތުގެ ނަމަކަށް ޖަހައިފައި އޮތީ "ޕްރެޒިޑެންޓްސް ކަޕް 2023" މިހެންނެވެ. މި މުބާރާތް ބަލަން ވަންނަ ދިވެހި ޒުވާނުން ގެއަށް ގޮސް މި އައީ ރައީސުލްޖުމްހޫރިއްޔާގެ ތަށްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް ބަލައިފައިއޭ ނުބުނީމާ އަޅުގަނޑުމެން ގަބޫލުކުރަންވީ އެ ޒުވާނުން ބަސް ދެކެ ލޯބިނުވާ ކަމަށްތޯއެވެ؟

ދިވެހިބަހުން ހެދިފައި ހުރި ރީތި ނަންނަން ރާއްޖޭގައި އެބަހުއްޓެވެ. މިސާލަކީ ފެނަކައާއި ދިރާގެވެ. އެއިން ތަނަކަށް އިނގިރޭސިބަހުން ނަމެއް ކިޔާކަށް އެކަކުވެސް ނޫޅެއެވެ. އެމްއެންޔޫ ދަނާލަށް ބޯޑިންގެކޭ މީހަކު ނުކިޔައެވެ. ދަރުބާރުގެއަށް ކޮންވެންޝަން ސެންޓަރެކޭ ނުކިޔައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ ޓީވީ ޕްރޮގްރާމަށް ކިޔަނީ "އާސްކް ދަ ސްޕީކަރ" އެވެ. އެ ޕްރޮގްރާމުގައި ވާހަކަދައްކަނީ ދިވެހިންނެވެ. ސުވާލުކުރަނީ ދިވެހިންނެވެ. އަޑު އަހަނީ ދިވެހިންނެވެ. އެކަމަކު ޕްރޮގްރާމަށް ކިޔަން ފެނުނީ އިނގިރޭސި ނަމެކެވެ.

އަޅުގަނޑުމެންގެ ހާލަތު ވަރަށް ރަނގަޅަށް ސިފަވާ މިސާލެއް އަޅުގަނޑުގެ އެކުވެރިއަކު ކިޔައި ދިނެވެ. ""އެޓޮލް" މި ބަސް އިނގިރޭސި ބަހަށް ވަނީ ދިވެހިބަހުންނެވެ. އެއީ ދިވެހި ބަހެއް ކަމުގައިވާ "އަތޮޅު" އިނގިރޭސި އަޑުތަކަށް ފައްތައިގެން ހެދި ބަހެކެވެ. އޭގެ އެތައް އަހަރެއް ފަހުން އަޅުގަނޑުމެންގެ ސަރުކާރުން އަތޮޅުތަކާ ބެހޭ ވުޒާރާއެއް ހެދީމާ އެތަން ވެގެން ދިޔައީ "އެޓޮލްސް" މިނިސްޓްރީ އަށެވެ. "އަތޮޅު" ވަން ތަނަކަށް ވަދެ ފިލައިފިއެވެ."

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު މި އޮތީ ސަރުކާރުން ސީރިއަސް މަސައްކަތްކަެއް ކުރަން ޖެހޭ ފައްތަރަކަށް އައިސްފައެވެ. ތައުލީމީ ދާއިރާ ހޭލާން ޖެހިފައެވެ. މި ދަންނަވަނީ ބޭރު ބަހެއް ދަސް ނުކުރާށެކޭ ނުވަތަ ކިޔަވައި ނުދޭށެކޭވެސް ނޫނެވެ. އިސްކަންދޭ ބަހަކީ ކޮބައިކަން ކަނޑައަޅަން ޖެހިއްޖެ ވާހަކައެވެ. ބާރުގަދަ ކުރާނީ ކޮން ބަހެއްގެތޯ ސަރުކާރުން ނިންމަން ވެއްޖެ ވާހަކައެވެ.

ދިވެހި ޒުވާނުން އެކި އުމުރުފުރައަށް އެކި ފެންވަރުގެ ދިވެހި ފޮތް ލިޔެގެން ފަތުރަން އެތައް މަސައްކަތެއް އެބަކުރެއެވެ. އެއިން އެއްވެސް ކަމަކަށް އެހީތެރިވާނަމޭ ސަރުކާރުގެ ހިތަކަށްވެސް ނާރައެވެ. ޚަބަރުވެސް ބަލައެއް ނުލައެވެ. މުދައްރިސުންނާއި ލިޔުންތެރިން އެކި ކަހަލަ މަސައްކަތް ކުރެވޭތޯ އުޅެއެވެ. ސަރުކާރަކަށް އެއިން އެއްވެސް ކަމެއް ނުފެނެއެވެ.

އާއްމުންގެ ފެންވަރުގައި މަސައްކަތްތަކެއް އެބަކުރެވެއެވެ. ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ބާރެއް ނެތެވެ. ރައްޔިތުން ވަލުގައި އެބަ ހިފައެވެ. އަތޮޅުވެރިޔާގެ ބާރުލުމެއް ނެތެވެ. އެހެންވީމާ ދެން އޮތީ އެންމެ ގޮތެކެވެ. އެންމެން އެކީގައި ގޮނޑުދޮށަށް ނުކުމެ ތިބެގެން "މަ އިން މަގަށް ލައްގަޅޭ" ކިޔަކިޔައި ތިބުމެވެ.

3 ޚިޔާލު

  1. ވަރަށް ފުރިހަމަ ލިޔުމެއް. އިއްޔެ މިފްކޯ މަސް ފިހާރައިން ފެނުނު ޕެކެޓެއްގައި ލިޔެފައިވަނީ meybislagondi މި ހެންނެވެ. މުޅި ފިހާރައިގައި މިކަހަލަ ލިޔުމެވެ. ދިވެހިބަސް ނުދަންނަ މީހަކަށް އެ ލިޔުން ކިޔަން އެގިދާނެއެވެ. ކިޔާން އެނގުމުން ވާނެ ފައިދާއެއް ނެތެވެ. މާނަ އެނގޭ ދިވެހި މީހާއަށް ފަރަންޖީ އަކުރުން ލިޔެފައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ...

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.