މަޅުމަތި: ކެންޕޭނު އުކުޅު

އަހަރެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ނިންމައިފީމެވެ.
ދާއިރާވެސް ކަނޑައަޅައިފީމެވެ.
އަހަންނާ ދެކޮޅަށް ވާދަ ކުރަނީ އެންމެ ކެންޑިޑޭޓެކެވެ.

ކެންޕޭނު ކުރާނޭ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ރައްޓެހިންގެ ބަޔަކު ގެއަށް ގެނެސްފީމެވެ.
އެކި މީހުން އެކި ގޮތަށް މަޝްވަރާ ދޭން ފަށައިފިއެވެ.
އެއް ބަޔަކު ދެއްކީ ފައިސާ ބެހުމުގެ ވާހަކައެވެ.
އަނެއް ބަޔަކު ދެއްކީ އައިޑީ ކާޑު ގަންނަ ވާހަކައެވެ.
އަނެއް ބަޔަކު ދެއްކީ ބޮޑެތި ދޮގު ހެދުމުގެ ވާހަކައެވެ.

ވަރަށް ގިނަ އިރު ވާންދެން ވާހަކަ ނުދައްކައި ހުރެފައި މާޖިދު ބުންޏެވެ.
ތިޔަ ކަހަލަ އެއްވެސް ކަމެއް ކުރާނޭ ކަމެއް ނެތެވެ.
އަހަރެން ކައުންސިލަށް ކުރިމަތި ލައިގެން ކަންތައް ކުރި ގޮތަށް ކަންތައް ކުރާށެވެ.
އަހަންނާ ދެކޮޅަށްވެސް ހުރީ އެންމެ މީހެކެވެ.
އެއީ އިޔާޒެވެ.
އަހަރެން ކެންޕޭނު ކުރާ މީހުން ތަމްރީނު ކޮށްފައި ރަށު ތެރެއަށް ދޫކޮށްލައިފީމެވެ.
އޭގެ ތެރެއިން އެކަކު ފިހާރައަކަށް ވަދެ އަހަރެން ދަސްކޮށްދިން ގޮތަށް ކަންތައް ކޮށްފިއެވެ.
ފިހާރައިގެ ސޭޓުގެ ތަންދޮރު ނުދަންނަ ކަމާއި ޖާހިލު ކަމުގެ ވާހަކަ ސީދާ ސޭޓާ ދިމާއަށް ގޮވައިފިއެވެ.
ވިޔަފާރި ކުރަން ނުދަންނަ ވާހަކަ ދައްކައިފިއެވެ.
ނުކުމެގެން ދަމުން ބުންޏެވެ.
"ސޭޓާއެވެ. އިޔާޒަށް ވޯޓެއް ދޭން ވާނެއެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.