ދަންމަރު: ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލު ކުރުން

ކަލަކު ވޮޑިގެން ވާ ކަމަށް ޤަބޫލު ނުކުރާ މައްލާޙަކު އުޅުނެވެ. މި މީހާޔަށް އެއް ދުވަހަކު ޞާލިޙް ބޭކަލެއްގެ ފައިންޕުޅު ފެނިގެން ކަލަކު ވޮޑިގެން ނުވާ ކަމަށް ބުނެ ވާހަކަ ދައްކައިފިއެވެ. އެ ބޭކަލަކު ސުވާލު ކުރެއްވިއެވެ. "ކަލެއަކީ އޮޑި ދޯނި ފަހަރު ދުއްވާ މީހަކީމެއް ނޫން ހެއްޔެވެ؟" އޭނާ އާދޭހޭ ދެންނެވީމާ ސުވާލު ކުރެއްވިއެވެ. "ދުވަހަކުވެސް ޠޫފާނެއްގައި ޖެހުނު ހެއްޔެވެ؟"

އޭނާ ދެންނެވިއެވެ. "އާދޭހެވެ. ވަރަށް ބޮޑު ޠޫފާނެއްގައި ޖެހުނު ދުވަހެއް މިހާރުވެސް ހަނދާން އެބަ ހުއްޓެވެ."

އެ ބޭކަލަކު ސުވާލު ކުރެއްވިއެވެ. "އެ ދުވަހު ކަންތައް ހިނގީ ކިހިނެއް ހެއްޔެވެ؟"

އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ އޮޑިގަނޑު ފެތުނީއެވެ. އޭގައި ދަތުރު ކުރި އެންމެން ޣަރަޤުވެ، މަރުވީއެވެ."

އެ ބޭކަލަކު ސުވާލު ކުރެއްވިއެވެ. "ކަލޭ ސަލާމަތްވީ ކިހިނެއް ހެއްޔެވެ؟"

އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ އަތުގައި ފިލާގަނޑެއް ޖެހުނީއެވެ. ފިލާގަނޑުމަތީގައި އޮވެގެން އަޅުގަނޑު ރަށަކާ ދިމާއަށް ދިޔައީއެވެ. އެކަމަކު ގޮނޑުދޮށާ މާ ކައިރިއަށް ނުދެވެނީސް ފިލާގަނޑު އަތުން ދޫ ވެއްޖެއެވެ. ދެންވެސް އަޅުގަނޑު އުއްމީދު ކަނޑައިނުލައި ގޮނޑުދޮށާ ހަމައަށް ދެވޭތޯ އަތްފައި ހަލުވަމުން ދިޔައީއެވެ."

އެ ބޭކަލަކު ވިދާޅުވިއެވެ. "އަޑު އަހާށެވެ. ކަލޭ އޮޑީގައި ހުރި އިރު އެ ހުރީ ރަށާ ހަމައަށް ފޯރާނޭ ކަމަށް އޮޑިއަށް އިތުބާރު ކޮށްގެންނެވެ. އޮޑި ފެތުނީމާ ކަލޭ އިތުބާރު ކުރަން ފެށީ އަތުގައި ޖެހުނު ފިލާގަނޑަށެވެ. އެ ފިލާގަނޑު ކަލޭ ގޮނޑުދޮށާ ހަމައަށް ގެންގޮސް ދޭނޭ ކަމުގެ އުއްމީދު އޮތެވެ. އެ ވަގުތު ކަލޭގެ އަތުން ފިލާގަނޑު ދޫ ވެއްޖެއެވެ. އެކަމަކު އެ ވަރުންވެސް ކަލޭގެ އުއްމީދެއް ނުކެނޑެއެވެ. ކޮންމެވެސް މީހަކު ނުވަތަ ކޮންމެވެސް ބާރަކުން ކަލޭ ސަލާމަތް ކޮށް ދީފިއްޔާ ސަލާމަތް ވާނޭ ކަމުގެ ޔަޤީންކަން އޮތެއް ނޫންހެއްޔެވެ؟"

އޭނާ ދެންނެވިއެވެ. "އާދޭހެވެ. އުއްމީދު އޮތެވެ."

އެ ބޭކަލަކު ވިދާޅުވިއެވެ. "އެއީ ކޮން ފަރާތަކަށް އޮތް އުއްމީދެއް ހެއްޔެވެ؟ އެ ވަގުތު ކަލޭ ސަލާމަތް ކުރަން އަންނާނީ ކާކު ހެއްޔެވެ؟"

އޭނާ ހިމޭން ވެއްޖެއެވެ. އެއްވެސް ޖަވާބެއް ނުދިނެވެ.

އެ ބޭކަލަކު ވިދާޅުވިއެވެ. "އެ ވަގުތު ކަލޭގެ ޔަޤީންކަން އޮތީ ﷲ އަށެވެ. ހުރިހައި އުއްމީދެއް ކެނޑުނު ވަގުތު ކަލޭގެ އުއްމީދު ގޮސް ގުޅުނީ ﷲ އާ އެވެ. ކަލޭ ސަލާމަތް ކޮށް ދެއްވީވެސް ﷲ އެވެ."

މައްލާޙް ހަމަ އެ ވަގުތު އިސްލާމް ވެއްޖެއެވެ.

ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލު ނުކުރާ މީހުން ދުނިޔޭގައި އުޅެއެވެ. އެކަމަކު އެ ފަދަ މީހުންނަށްވެސް ބޭއިޚްތިޔާރުގައި ނަމަވެސް ﷲ އަށް ބުރަ ވެވެއެވެ. ﷲ އާ މެދު ޚިޔާލުވެސް ކުރެވެއެވެ. ކަލަކު ވޮޑިގެންވާ ކަމަކަށް ޤަބޫލު ކުރުމަކީ ޠަބީޢީ ކަމެކެވެ. ދުލުން އިޤްރާރު ވުމާއި ނުވުން އެއީ މުޅިން އެހެން ކަމެކެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.