ކިރުއިލޮށި - 26

(3 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މި އަންހެންކުއްޖާ މިހާރު ވަރަށް ސަކަރާތޭ ، ނިދުންނޫންކަމެއް ނެތޭބުނެ އަޝްހަރު ސަމާސާ ކޮށްލިއެވެ. ޚައިރާދު ލޯހުޅުވައިލިއެވެ. އަދި ރަނގަޅު އުޅުމެއްއހުރި އެއްވެސް އިންސާނަކު ރޭގަނޑު ދަންވަރު 1:30 ވާއިރު ނުނިދާ ނުހުންނާނެކަމުގައިބުނެ އަނެއްކާވެސް ލޯމަރައިލިއެވެ. ޙަޤީޤަތުގައިވެސް ޚައިރާދުގާތަށް އޮތީ ނިދިއައިސްގެންގޮސް އަވަދިވެފައެވެ. ފިރިމީހާ ރޭގަނޑު ގެޔަށް އައިމަ ، އޭނާއައީ ކައިގެންތޯ ، ކޮންކަމެއްތޯ ބޭނުމީ އަހައި ، ސައިތަށްޓެއް ނުވަތަ ކޮފީތަށްޓެއް ގެނެސްދިނުމަކީ ، އަނބިމީހާގެ ފަރުޟެއް ނޫންހެއްޔެވެ ؟ އަޝްހަރު ސުއާލުކުރިއެވެ. ނޫނެކެވެ. ތިހުރިހާކަމެއްވެސް ކުރަން ޖެހޭނެއެވެ. އެކަމަކު އޭގެކުރިން ، ފިރިމީހާ ރޭގަނޑު ގެޔަށް އައީ ކިހާއިރަކުތޯ ބަލައިލަން ޖެހޭނެއެވެ. ފިރިމީހާ ހިތަށްއެރިއިރަކު ބޭރުގައި އުޅޭނެގޮތަކަށް އުޅެފައި ގެޔަށް އަޔެއްކަމަކު ، އަނބިމީހާގެ ފަރާތުން ހުރިހާކަމެއް ފުރިހަމަވާކަށް ނުޖެހޭނެކަމަށް ޚައިރާދު ބުންޏެވެ.

ޚައިރާދު ކިޔަވަންއިންދާ ފަރީދާއައިސް ވަނުމުން ، ބޭރަށްދަނީތޯ އަހައިލިއެވެ. ފަރީދާ އެދަނީ ، ޒަރީނާ ބަލިވެ އުޅޭތީ އޭނާއަށް ގޮވާލަން ވެގެންނެވެ. ޒަރީނާމެންގެޔަށް މަންމަޔާއެކު ދަންތޯ ، ޚައިރާދު އަހައިލިއެވެ. އެކަމަށް ފަރީދާ ދެކޮޅެއް ނުހަދައެވެ. ޚައިރާދު ދާން ބޭނުންކަމަށްވަންޏާ ތައްޔާރުވެގެން އަންނާށޭ ބުންޏެވެ. ޚަރިރާދު ދިޔައިމަ ޒަރީނާވެސް ވަރަށް އުފާވާނެކަމަށް ފަރީދާ ބުންޏެވެ.

ޒަރީނާމެންގެޔަށް ދިޔަތަނުން ކައިސަރާ ދިމާވިއެވެ. އަދި ޚައިރާދުގެ ތޫނުފިލިކަމުގެ ވާހަކަ ކައިސަރު ، އެހެންމީހުންގާތު ބުންޏެވެ. ކައިރާދު ނިންމާފަ އޮތް އެސައިންމެންޓެއްގެ ކޮޕީ ލިބިދާނެތޯ ކައިސަރު އަހައިލައެވެ. އެއީ އެއްވެސްކަމެއްނޫންކަމަށް ޚައިރާދު ބުންޏެވެ. ފަރީދާ އެގެޔަށް ނުއަންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެންކަމުން ، ޒަރީނާއާއި ފަރީދާއާ ދެބެން ވަރަށް ގިނައިރު އަނގަތަޅަން ތިއްބެވެ. އަޝްހަރަށް  ގެޔަށް އާދެވުނުއިރު  ، ނަސީބަކުން ޚައިރާދުމެންނަށްވެސް ގެޔަށް އާދެވުނެވެ. ގެޔަށް ވަތްއިރު ، ކައިސަރު ސިޓިންރޫމުގައި އިންތަން ފެނުނެވެ. ކައިސަރު އެއިނީ ޚައިރާދުގެ އެސައިންމެންޓްގެ ކޮޕީއެއް ބަލައިލަން އައިހެވެ. އަޝްހަރު ފެނުމާއެކު ސަލާމް ކޮށްލުމަށްފަހު ، އޭނާ އެގެޔަށް އަންނަންޖެހުނު ސަބަބު ސާފުކޮށްދިނެވެ. އެއަށްފަހު ، ޔުނިވަރސިޓީގައި އެންމެން ޚައިރާދަށް ތަޢުރީފްކުރާވާހަކަ ބުނެ ، ޕްރޮފެސަރުންގެ މެދުގައިވެސް ޚައިރާދު ވަރަށް މަޤްބޫލްކަމުގައި ކައިސަރު ބުންޏެވެ.

ރޭގަނޑުގެ ނިދާގަޑިވެސް މިހާރު އޮންނަނީ ، އަޝްހަރަށް ޚާއްޞަ ނުކުރެވިފައެވެ. ބަންދު ދުވަހެއް އެހެންދުވަހެއް ނުއޮވެއެވެ. ޚައިރާދުގެ ހުރިހާ ވަގުތެއްވެސް ހޭދަކުރެވެނީ ކިޔެވުމަށެވެ. އަޝްހަރުވެސް ، މާގިނަ އިރުވަންޏާ ޚައިރާދަށް އުނދަގޫކޮށް ސަމާސާކޮށް ، ކިޔެވުމާ ދުރަށް ޚައިރާދު ގެންދެއެވެ. އިރުއިރުކޮޅުން ކްލާހުގެ އެހެންކުދިންވެސް ޚައިރާދަށް ގުޅައެވެ. އެންމެގިނައިން ގުޅަނީ ކައިސަރެވެ. ކައިސަރު ގުޅާވަރުން ، ޚައިރާދަށް އޮންނަނީ އުނދަގުލަކަށް ވެފައެވެ. ކައިސަރަކީވެސް ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދަންބޭނުންވާ ކުއްޖެކެވެ.

ސިޓިންގރޫމުގައި ޚައިރާދު ޖައްސާލައިގެން އިންދާ ފޯނެއް އައެވެ. އެއީ ކްލާހުގައި އުޅޭ ހައްމާދުގެ ކޯލެކެވެ. ޙައްމާދު އެގުޅީ ، ޚައިރާދާއެކީ އުޅޭ އަންހެންކުއްޖެއްކަމުގައިވާ ސާމިޔާ އަތުން ޚައިރާދުގެ ފޯނު ނަންބަރު ހޯދައިގެންނެވެ. ޙައްމާދު އެގުޅީ ، ކައިސަރު އެކްސިޑެންޓެއްވީ ވާހަކަ ޚައިރާދުގާތު ބުނުމަށްޓަކައެވެ. ކައިސަރު އޮތީ ވަރަށް ނާޒުކު ޙާލަތެއްގައެވެ. ލެޔެއް ނުލިބުނެވެ. ކައިސަރުގެ ޢާއިލާ ދިރިއުޅެނީ ކަރާޗީގައެވެ. އެހެންވީމާ ، އަޝްހަރުގެ އަތުގައި ، ކައިސަރުގެ ބޮޑުދައިތަގެ ނަންބަރު އޮވެދާނެތީ ، އެމީހުންނަށް އެޚަބަރު ދެވިދާނެތޯ ބަލައިލަން ގުޅީކަމަށް ޙައްމާދު ބުންޏެވެ.

މަންމަގާތު އެވާހަކަބުނެ ، ޒަރީނާއަށް އެޚަބަރުދިނުމަށް ޚައިރާދު އަވަސްވެގަތެވެ. އެހެނަސް ، ޒަރީނާ ބަލިވެއުޅޭތީ އެވާޙަކަ ޒަރީނާގާތު އިހަށް ނުބުނަންވީކަމަށް ފަރީދާ ބުންޏެވެ. ކައިސަރަށް ބޭނުންވަނީ އޯ ޕޮޒިޓިވް ލެޔެވެ. ޚައިރާދުގެވެސް ހުންނަނީ އެގްރޫޕްގެ ލެޔެވެ. އެހެންކަމުން ، ޒަރީނާ ގާތު ނުބުނިޔަސް ، ޚައިރާދު ހޮސްޕިޓަލަށްގޮސް ކައިސަރަށް ލޭ ދޭން ނުޖެހޭތޯ ފަރީދާކުރެން ޚައިރާދު އެހިއެވެ. ކައިސަރަށް އުޅެނީ ލޭ ނުލިބިގެންނެވެ. ކައިސަރުގެ ޚަބަރު ހުސްވެފައި އޮންނަތާވެސް އެތައް އިރެއްވެއްޖެއެވެ. އިންސާނާގެ ބޭނުން އަނެއް އިންސާނާއަށް ޖެހޭނީ މިކަހަލަ ވަގުތެއްކަމުގައި ފަރީދާ ، ޚައިރާދުގާތު ބުންޏެވެ. އަދި ކައިސަރަށް ، ޚައިރާދު ލޭދިނުމާމެދު ، ފަރީދާގެ އެއްވެސް މައްސަލައެއްނެތްކަމަށް ފަރީދާ ބުންޏެވެ.

ކައިސަރު ކުޑަކޮށް ރަނގަޅުވަމުން އައިނަމަވެސް އަދިވެސް ހޮސްޕިޓަލުން ދޫކޮށެއްނުލައެވެ. ޚައިރާދުވެސް ދޭތެރެޔަކުން ހޮސްޕިޓަލަށް ޖައްސައިލައެވެ. ވަގުތު ފާއިތުވެސް ނުވަނިސް ، ކައިސަރަށް ލޭ ހަދިޔާކޮށް ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީތީ ކައިސަރު ، ޚައިރާދަށް ޝުކުރު އަދާކުރިއެވެ. ޒަރީނާވެސް އެކަމަށްޓަކައި ޚައިރާދަށް ޝުކުރު އަދާކުރިއެވެ. ކައިސަރު ސަލާމަތް ކުރެވުނީ ، އެވަގުތު ، ޚައިރާދު އައިސް ވަގުތުން ލާހަދިޔާކުރުމުންނެވެ. އެހެންނޫންނަމަ ، ފަހަރެއްގައި ، ކައިސަރު މިދުނިޔެއާ ވަކިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ކައިސަރަށް ، ޚައިރާދު އެހޯދައިދިނީ އާ ޙަޔާތެކެވެ. އެކަން މުޅި އުމުރުގައިވެސް ހަނދާންނައްތާ ނުލާނެކަމުގައި ކައިސަރު ބުންޏެވެ.

ޔުނިވަރސިޓީއަށް ޚައިރާދު ލާން ދިޔަތަނުން ކައިސަރާ ދިމާވެއެވެ. އަޝްހަރުވެސް ކައިސަރާ ވާހަކަ ދައްކާލުމަށް ކާރުން ބޭރަށް ނުކުތެވެ. ކައިސަރުގެ ވާހަކަތަކުގައި ، ޚައިރާދަށް މާބޮޑަށް ތަޢުރީފްކުރަމުންގެންދާތީ ، އަބަދުވެސް އެއީ އަޝްހަރަށް މައްސަލަޔަކަށް ވެފައި އޮންނަ ކަމެކެވެ. އެދުވަހުގެ ވާހަކަތަކުގައި އެކަން މާބޮޑަށް ކައިސަރު ފާހަގަ ކުރިއެވެ. ކައިސަރާއި ޚައިރާދުގެ ލޭގެ ގްރޫޕް ދިމާވެ ، ޚައިރާދު އޭނާއަށް ލޭ ހަދިޔާކޮށް ، އެހުރިހާކަމެއް އެ ހިނގަނީ އިއްތިފާޤަކުން ނޫންކަން ކައިސަރު ފާހަގަ ކުރިއެވެ. ކައިސަރާއި ޚައިރާދުގެ ވިސްނުމާއި ފިކުރުގެ އެއްގޮތްކަންވެސް ކައިސަރު ފާހަގަ ކުރިއެވެ. ކައިސަރުގެ ވާހަކަތަކުން ހިތަށް އުނދަގޫވެފައިހުރެ ، އަޝްހަރަށްވެސް ، ބުނަން ނުޖެހޭ ވާހަކަތަކެއް ދެއްކުނެވެ. އަޝްހަރުގެ ވާހަކަތައް ޚައިރާދަށްވެސް ފާހަގަ ކުރެވުނެވެ. އަޝްހަރުގެ ރާގުގައިހުރި ހިތްހަމަނުޖެހުމުގެ އިޙްސާސްވެސް ޚައިރާދު ފާހަގަ ކުރިއެވެ. އެކަމާ ޚާއިރާދު ހުރީ ވަރަށް ކަންބޮޑުވެފައެވެ. އަޝްހަރު ކާރަށް އަރައި ކާރު އިސްޓާޓްނުކޮށް ، މަޑުކޮށްލައިގެން އިންކަންވެސް ޚައިރާދަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް ، އެވަގުތަކީ ، މަޑުކޮށްލެވެން އޮތް ވަގުތެއްނޫނެވެ. ކްލާސް ފެށެން ހުރީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. ކައިސަރާއެކު ޔުނީގެ ތެރެޔަށް ވަދެގެން ޚައިރާދު ދިޔައެވެ. އެތަން ބަލަހައްޓަގެން އަޝްހަރު ، ކާރު ތެރޭގައި އިނެވެ. އަޝްހަރުގެ މޫނުމަތިން ފާޅުވަމުންދިޔައީ ކަންބޮޑުވުމެވެ. ޚައިރާދު ، ކިޔަވަން ފޮނުވުނު މޮޔަ ހިތަށް އެރީ ކަހަލައެވެ.

ޚައިރާދާއި ފަރީދާ އަދި އަޝްހަރު ، ބަގީޗާތެރޭ ހީސަމާސާކޮށް ވާހަކަދައްކާލަން ތިއްބާ ، އެތަނަށް ކައިސަރު އައެވެ. އެގަޑީގައި އައިސް އުނދަގޫ ކުރެވުނީތީ މަޢާފަށް އެދެމުން ، އެދުވަހު ޚައިރާދު ޔުނީއަށް ނުދާތީ ކަންބޮޑުވެގެން ، ޚަބަރު ބަލައިލަން އައީކަމަށް ކައިސަރު ބުންޏެވެ. ޔުނީގެ ހުރިހާ ޕްރޮފެސަރުންވެސް ، ޚައިރާދު ނާންނާތީ ކަންބޮޑުވެގެން އުޅުނު ވާހަކަ ދެއްކިކަމަށް ކައިސަރު ބުންޏެވެ. ކައިސަރުގެ ވާހަކަޔަށް އަޝްހަރު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާއިނީ ކޮންމެވެސް ވަރަކަށް އުނދަގޫވެފައެވެ. މޮޅުކުދިން ކްލާހަށް ނުދިޔައިމަ ، ކިޔަވައިދޭމީހުން ކަންބޮޑުވާނެކަމަށް ފަރީދާ ބުންޏެވެ.

ކާމޭޒުމަތީވެސް ކައިސަރުގެ ކަމަކީ ، ޚައިރާދަށް ތަޢުރީފް ކުރުމެވެ. ހޮސްޕިޓަލްގައި އޭނާ ބަލިވެ އޮއްވާ ، ޚައިރާދު ގެންދިޔަ ސުޕް ބޮއިލުމަށްފަހު ، އޭނާ އިންތިޒާރު ކުރަމުން ގެންދިޔައީ ޚައިރާދުގެ އަތުން ކައްކާފަހުރި އެއްޗެއް ކާލުމަށް ކަމުގައި ކައިސަރު ބުންޏެވެ. އަޝްހަރުގެ މޫނުމަތިން އިތުރަށް ނުތަނަވަސްކަން ފާޅުވިއެވެ. ކައިސަރަކީ ، މިހާރު އަޝްހަރަށް މައްސަލަޔަކަށް އެބަ ވެއެވެ. އަޝްހަރު ހިމޭނުން އިނުން ، ކައިސަރު ފާހަގަ ކުރިއެވެ. އަދި އެކަމާ ކަންބޮޑުވިއެވެ. ދަޢުވަތު ނުލިބޭ މެހެމާނަކު ކުއްލިގޮތަކަށް އައިމަ ޙައިރާން ވާނެކަމުގައި ބުންޏެވެ.

އަޝްހަރަށް އިތުރަށް އެތާކު ނުއިނދެވުނެވެ. ބޮލުގައި ރިއްސާތީ ނުކާނަމޭ ބުނެ ތަށިތެރެޔަށް ސަމުސާ ވަށްޓާލާފައި ކޮޓަރިއާ ދިމާއަށް ދިޔައެވެ. މަސައްކަތް ބޮޑުވެގެން ، އަޝްހަރު ވަރުބަލިވީކަމުގައި ފަރީދާ ބުންޏެވެ. އަދި އެކަން މާބޮޑުކަމަކަށް ނުހެދުމަށް ކައިސަރުގާތު އެދުނެވެ. އަޝްހަރުގެ ކަންބޮޑުވުމުގެ އަސަރު ޚައިރާދަށްވެސް ފޯރިއެވެ. ޚައިރާދަށްވެސް އިތުރަކަށް ނުކެވުނެވެ. އަދި އިތުރު ވާހަކައެއް ދައްކާކަށްވެސް ބޭނުމެއް ނުވިއެވެ. އިސްދަށަށްޖަހައިގެން ކާމޭޒުދޮށުގައި ބުދެއްހެން ޚައިރާދު އިނެވެ.

ޚައިރާދު ކައިނިމިގެން ކޮޓަރިޔަށް ދިޔައިރު ، އަޝްހަރު ހިމޭނުން އޮތެވެ. އަޝްހަރުގެ ތަބީޢަތް ރަނގަޅުތޯ ޚައިރާދު ސުއާލުކުރިއެވެ. އަދި އަނގައިން ނުބުނެ މަޑުން އޮންނަނީ ކީއްވެތޯ އެހިއެވެ. ރަނގަޅަށް ނުވެސްކައި އައިވާހަކަވެސް ބުންޏެވެ. އެހުރިހާ ސުއާލުތަކެއްކުރިއިރުވެސް ، އަޝްހަރު އަނގައިން ނުބުނެ މަޑުން އޮތެވެ. އެއްވެސްކަމެއްނުވެއޭ ބުނެ އަޝްހަރު ހަމަޖެހިލިއެވެ. އެހެންނަމަވެސް ޚައިރާދުގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޮފީހުގެ މަސައްކަތް މާބޮޑީތޯ އާއި އިތުރު އެހެން އެއްވެސްކަމެއް ނުވޭތޯ އަނެއްކާވެސް ޚައިރާދު ސުއާލު ކުރިއެވެ. އާނއެކޭ ބުނުމަށްޓަކައި އަޝްހަރުގެ ބޮލުން އިޝާރާތް ކުރިއެވެ. އަދި ، މާބޮޑަށް ބޮލުގައި ރިއްސާފައި ވަރުބަލިވީކަމުގައި ބުންޏެވެ.

ސައިތަށްޓެއް ގެނެސްދޭނަމޭބުނެ ޚައިރާދު ތެދުވިތަނާ އަޝްހަރު އެކަން މަނާކުރިއެވެ. އަދި ޚައިރާދު އޭނާގާތު އިނީމަ ބޮލަށް ހަމަޖެހުން ލިބޭކަމަށް ބުންޏެވެ. ޚައިރާދަށް އެއްވެސް ކަމެއް އަދި ނުވިސްނެއެވެ. އަޝްހަރަށް ވެގެން އެއުޅެނީ ކިހިނެއްކަމެއް ވިސްނައިގަންނާކަށް ޚައިރާދަކަށް ނޭނގުނެވެ. ބޯ މޮޑެލަދޭނަމޭ ބުނެ އަޝްހަރާގާތަށް ޖެހިލިއެވެ.

ފަތިހު އަޝްހަރަށް ހޭލެވުނުއިރު ، ޚައިރާދު އިނީ އަޝްހަރުގެ ބޯމޮޑެލަދޭން އިށީނދެއިންގޮތަށް ނިދިފައެވެ. އޭނާގެ އަތް އޭރުވެސް އޮތީ އަޝްހަރުގެ ބޯމަތީ ބާއްވާލައިފައެވެ. ނިދިފައި އޮތް ޚައިރާދުގެ މޫނަށް ބަލަހައްޓައިގެން އަޝްހަރު އިރުކޮޅަކު އޮތެވެ. އަދި ޚައިރާދުގެ އަތުގައިހިފައި ، އޭނާގެ ގާތަށް ދަމައިލިއެވެ. ޚައިރާދުގެ ލޮލަށް ބަލަހައްޓައިގެން އިނދެ ، ޚައިރާދުދެކެ ، ވަރަށް ލޯބިވާވާހަކަ ބުންޏެވެ. އަދި އެހާބޮޑަށް އޭނާއަށް އަޅައިލާ އެހީތެރިވާކަން އިޙްސާސްވާކަމުގައި ބުންޏެވެ.

" ތިޔަ ފަރި ހިނިތުންވުމުގައި އަބަދުވެސް ހުންނާށެވެ ! އަހަރެންނަށް ކޮންމެ ރެޔަކު ނިދިން ހޭލެވި ލޯހުޅުވޭއިރު ، ތިޔަ ހިނިތުންވުން އަބަދުވެސް ފެންނަން ބޭނުމެވެ. " އަޝްހަރު ބުންޏެވެ.

" ޔަޤީނެވެ ! އަޝްހަރު ބޭނުންކަމަށް ވަންޏާ ، ކޮންމެ ރެޔަކުވެސް އަޝްހަރަށް ހޭލެވޭއިރު ، އަހަރެން ހިނިއައިސް އިންނާނަމެވެ. " ޚައިރާދު އަޝްހަރާ ސަމާސާ ކޮށްލިއެވެ. އަދި ، ތެދުވެގެން ދެމީހުން ފަތިސްނަމާދު ކުރުމަށް ތައްޔާރުވިއެވެ.

ޚައިރާދު ، ޔުނިވަރސިޓީ ނިމިގެން ބޭރަށް ނުކުންނަނިކޮށް ، އޭނާގެ ޑްރައިވަރުގެ ފޯނެއް އައެވެ. ކާރު ހަލާކުވެގެން ، ޚައިރާދު ބަލައި ނާދެވޭނެވާހަކަ ބުނަންވެގެންނެވެ. ގެޔަށްދާނެ ގޮތަކާމެދު ޚައިރާދު ވިސްނަން ހުއްޓާ ، ކައިސަރު އެތަނަށް އާދެއެވެ. އަދި ޓެކްސީއެއްގައި ގެޔަށް ގޮސްގެން ނުވާނެކަމަށް ބުނެ ، އޭނާ ، ޚައިރާދު ގެޔަށް ލައިދީފާނެކަމަށް ބުންޏެވެ. ޚައިރާދު އެކަމަކަށް އެއްބަހެއް ނުވިއެވެ. އެހެންނަމަވެސް ކައިސަރު ދޫނުކޮށް ކިއުމާގުޅިގެން އެންމެފަހުން ، ކައިސަރާއެކު ގެޔަށް ދިއުމަށް ޚައިރާދު އެއްބަސް ވިއެވެ. ޚައިރާދަށް އެކުރެވެނީ ކީއްކަމެއް އެއްގޮތަކަށްވެސް ވިސްނައިގަންނާކަށް ނޭނގުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.