ދަންމަރު: މަތިވެރި ނަބިއްޔާ

ކީރިތި ޤުރްއާނުގައި މާތް ނަބިއްޔާ މުޙައްމަދު ބުނު ޢަބްދުﷲ އަށް خاتم النبيـين (އަލްއަޙްޒާބް 40) މިނަމުން މުޚާޠަބް ކުރައްވާފައިވެއެވެ. މި ނަންފުޅުގެ މާނައަކީ ހަމައެކަނި އެކަލޭގެފާނަކީ ނަބީބޭކަލުންގެ ސިލްސިލާގެ އެންމެ ފަހު ބޮޅުކަމުގައި ބަޔާން ކުރެއްވުމެއް ނޫނެވެ. މިނަންފުޅުގެ މާނައަކީ ނަބީބޭކަލުން ފޮނުއްވައިގެން ބިންމަތީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހިންގެވި މަޝްރޫޢު ނިމުމަކަށް އައީއެވެ. އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާ ކަމަށް އެންގެވީ އެހެންވެގެންނެވެ. އެކަލޭގެފާނަށްފަހު އެހެން ނަބިއްޔަކު ފޮނުއްވުމުގެ ބޭނުން ކެނޑުނީއެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަރީޢާއިން ނުބުއްވަތުގެ ހުރިހައި މަޤްޞަދެއް ފުރިހަމަ ވެއްޖެ ކަމަށް ޤަބޫލު ކުރުމަކީ ހަމައެކަނި ޝަޚްސީ ޢަޤީދާއެއް ނޫނެވެ. އެއީ ފާޅުކޮށް އެނގޭން އޮތް ތާރީޚީ ޙަޤީޤަތެކެވެ. އެކަލޭގެފާނަކީ ނަބީބޭކަލުންގެ ބަޠަލު ކަމުގައި އިނގިރޭސި ލިޔުންތެރިޔާ ތޯމަސް ކާރލައިލް ސިފަކުރެއްވީ އެހެން ވެގެންނެވެ. އެކަލޭގެފާނަކީ ތާރީޚް ދުށް އެންމެ ކާމިޔާބު އިންސާނާ ކަމުގައި އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ މައިކަލް ހާރޓް ލިޔުއްވި ސަބަބަކީވެސް މިއީއެވެ. ހުރިހައި ނަބީ ބޭކަލުންގެ ތެރެއިން އެންމެ މާތް، އެންމެ މަތިވެރި ނަބިއްޔަކީ އެކަލޭގެފާނު ކަމަށް އެތައް މިލިއަން މުސްލިމުންނެއް ޤަބޫލު ކުރެއެވެ.

ﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކުމެ ވަޑައިގަތީ ތަވްޙީދުގެ މެސެޖާއިންނެވެ. އެހެންނަމަވެސް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކުރިން ވަޑައިގަތް ނަބީބޭކަލުންގެ ދައުރުގައި އެ މެސެޖް އޮތީ ހަމައެކަނި ދަޢުވަތުގެ މަރްޙަލާގައެވެ. އިންޤިލާބީ މަރްޙަލާއަކަށް ނުދެއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ އެހީފުޅާއެކު، އެ މެސެޖް ޢަމަލީ އިންޤިލާބީ މަރްޙަލާއަކަށް ގެންނެވިއެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކުރީން މީސްތަކުން ﷲ ގެ ދީނަށް އެކި ކަހަލަ ބަދަލުތައް ގެނައެވެ. ނޫޙް ޢަލައިހިއްސަލާމުން ފެށީގެން، އިބްރާހީމް ޢަލައިހިއްސަލާމާ ހަމައަށް އެއްވެސް ބޭކަލަކު ގެންނެވި ދީނެއް މި ދެންނެވި ބަދަލުތަކުން ސަލާމަތް ވެފައެއް ނެތެވެ. ﷲ ދީނަކީ އެއްވެސް ކަހަލަ ބަދަލެއް ނުގެނެވޭ، ދާއިމަށް ރައްކާތެރި ކުރެވިގެންވާ ދީނެއްގެ ގޮތުގައި ދެމިގެން ދާން ފެށީ އިތުރު އެކަލޭގެފާނުގެ ނުބުއްވަތުގެ ދައުރުން ފެށިގެންނެވެ. (މިހާރުވެސް އިސްލާމްދީން އޮތީ އެއްވެސް ބަދަލެއް ނައިސް، ބާވައިލެއްވި ގޮތަށެވެ.)

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކުރީން ދީންތައް ހުރީ ބަލިކަށި ދައުރެއްގެ ތެރޭގައެވެ. ތާރީޚީ ވަރުގަދަ ބާރަކަށް ހެދޭވަރުގެ ޙައިސިއްޔަތެއް އެދީންތަކަށް ލިބިފައެއް ނެތެވެ. އެކަލޭގެފާނުގެ ޒަރީޢާއިން ދީން ބަލިކަށި ދައުރުން ނުކުމެ، ތާރީޚީ ބާރެއްގެ ސިފައަށް ބަދަލު ވެގެން ދިޔައީއެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކުރީން ދީނީ ތަޢުލީމުގެ ބިންގަލެއްގެ ގޮތުގައި ޙަޤީޤީ ޢަމަލީ ތާރީޚެއް ނެތެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ ޒަރީޢާއިން ދީނީ ތަޢުލީމަކީ ހަމައެކަނި ލިޔުމުން ފެންނާން އޮންނަ ތަޢުލީމެއްގެ ޙައިސިއްޔަތުން އުހަށް އުފުލި، މުޅީން ފުރިހަމަ ޢަމަލުތަކުން ފުރިގެންވާ ތަޢުލީމަކަށް ބަދަލު ވެގެން ދިޔައެވެ. ޙަޤީޤަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަތިވެރިކަން ސާބިތު ކުރުމަށްޓަކައި ދެއްކޭ ކޮންމެ ވާހަކައަކީ ސާބިތު ކުރެވެނޗ އޮތް ޙާދިސާއެއްގެ ގޮތުގައި އޮތް ވާހަކައެކެވެ. އެއީ ހަމައެކަނި ބޭރުފުށަށް ފެންނާން އޮން ޒާތީ ޢަޤީދާއެއް ނޫނެވެ. (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއވުމެއްގެ ތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.