ނޭޓޯގެ މެންބަރަކަށް ވުމުގެ ފުރުސަތު ފިންލޭންޑަށް ދޭން ތުރުކީގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފި

ތުރުކީގެ ގާނޫނުހަދާ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ މަންޒަރެއް

ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ މެންބަރަކަށް ވުމަށް ފިންލޭންޑުވުމަށް ތުރުކީން ދެކޮޅުހެދުން ނިމުމަކަށް ގެނެސް އެގައުމަށް ނޭޓޯގެ މެންބަރަކަށް ވުމުގެ ފުރުސަތު ދިނުމަށް ތުރުކީގެ ގާނޫނުހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. ތުރުކީއަކީ ނޭޓޯގެ މެންބަރު ގައުމުތަކުގެ ތެރޭން ފިންލޭންޑަށް ފުރުސަތު ދޭން މިހާތަނަށް ފާސްނުކޮށް އޮތް ހަމައެކަނި ގައުމެވެ.  ތުރުކީގެ ކުރިން އެންމެ ފަހުން އެކަން ފާސްކުރި ގައުމަކީ ހަންގޭރީއެވެ.

އިއްޔެ ތުރުކީގެ ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގައި ހާޒިރުވެ ތިބި 276 މެންބަރުން ވަނީ ފިންލޭންޑަށް ފުރުސަތު ދިނުމަށް  ވޯޓުދެއްވާފައެވެ. އެއްވެސް މެންބަރަކު ދެކޮޅުހައްދަވާފައި ނުވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ އިއްތިހާދު ނޭޓޯގެ ގަވާއިދު ބުނާގޮތުން އެ އިއްތިހާދަށް އައު މެންބަރަކު ވެއްދޭނީ މެންބަރު ހުރިހާ  ގައުމަކުން އެކަމަށް އެއްބަސް އެކަން ރަސްމީކޮށް ފާސްކުރުމުންނެވެ.

"މިކަމުގެ (ފިންލޭންޑް މެންބަރަކަށް ވުމުގެ) ސަބަބުން ނޭޓޯ އިތުރަށް ވަރުގަދަވެ، ރައްކާތެރިކަން އިތުރުވެގެންދާނެ." ތުރުކީގެ ނިންމުމަށް މަރުހަބާ ކިއުއްވުމަށް ކުރެއްވި ޓުވީޓެއްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވިދާޅުވިއެވެ.

ފިންލޭންޑުގެ ރައީސު ސައުލީ ނީނިސްޓޯ ނެރުއްވި ބަޔާނެއްގައި އޭނާވަނީ ނޭޓޯގެ މެންބަރަކަށް ވުމަށް އެގައުމަށް ފުރުސަތު ދިންކަމަށްޓަކައި ނޭޓޯގެ މެންބަރު ހުރިހާ ގައުމަކަށް ޝުކުރުއަދާކުރައްވާފައެވެ.

"ފިންލޭންޑު ވާނީ އިއްތިހާދުގެ ސަލާމަތަށް އިސްކަންދޭ، ބާރުގަދަ، ކެރިކުޅަދާނަވެގެންވާ ބައިވެރިއަކަށް." ރައީސު ނީނިސްޓޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްވިޑަންވެސް ވަރަށް އަވަހަށް ނޭޓޯގެ މެންބަރު ގައުކަމަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.

ވަކިފަރާތަކަށް ނުޖެހޭ ދެގައުމުގެ ގޮތުގައި ގިނަ އަހަރުތަކަކަށް އޮތުމަށް ފަހު، ނޭޓޯގައި ބައިވެރިވުމަށް ފިންލޭންޑާއި ސުވައިޑަނުން އެދުނީ ރަޝިޔާއިން ޔުކްރޭނަށް އަރައިގަތުމުގެ ސަބަބުން އެދެގައުމުގެ ސަލާމަތަށްވެސް ނުރައްކާ އޮތްކަން ގަބޫލުކުރެވިގެންނެވެ.

ފިންލޭންޑު ނޭޓޯގައި ބައިވެރިކުރަން ހަންގޭރީއާއި ތުރުކީން ފަހު ވަގުތު އެއްބަސްވި ނަމަވެސް، އެ ދެގައުމުން އަދިވެސް ދަނީ ސްވިޑަންއަށް ފުރުސަތު ދިނުމަށް ދެކޮޅުހަދަމުންނެވެ. ދެގައުމުންވެސް ބުނަނީ އެކަން ކުރެވޭނީ ދެގައުމު ކަންބޮޑުވާ ކަންތައްތަކާމެދު ސްވިޑަން ސަރުކާރުން ފިޔަވަޅު އަޅައި އެކަންކަން ރަނގަޅުކުރުމުން ކަމުގައެވެ.

ރަޝިޔާއާއެކު 1340 ކިލޯމީޓަރު ދިގު ސަރަހައްދީ ރޮނގެއް ހިއްސާކުރާ ފިންލޭންޑު ނޭޓޯގެ މެންބަރު ގައުމަކަށް ވުމީ، އެއިއްތިހާދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި އަސްކަރީ މުހައްލިލުން ދެކެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.