ބްލޫ ރިބަން: މުނިސިޕަލް ދުމުގެ ގަޑި

މަދިރިޔަށް ބޭސްޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބަލިތަކުން ރައްކާތެރިވުމަށާއި މުޖުތަމަޢުގެ ޢާންމު ޞިއްޙަތުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައެވެ. މަދިރިޔަށް ދުންޖެހުމަށް ޢާންމުގޮތެއްގައި ބޭނުންކުރަނީ ޑީޑީޓީ އެވެ. މަދިރީގެ އުނދަގޫ ބޮޑުވާއިރަށް ރަށުތެރޭގައި ، މަދިރިބޭހަށް ދުންޖަހާނެއެވެ. މިހާރުގެ ބަހުންނަމަ ، މަދިރިބޭސް ސްޕްރޭ ކުރާނެއެވެ.

މިދުވަސްވަރަކީ ، ތަފާތު އެކިބަލިތައް ފެތުރޭކަން ފާހަގަ ކުރެވޭ ދުވަސްކޮޅެކެވެ. ކެއްސުމާއި ބޭރަށް ހިންގުން އެބަ އުޅެއެވެ. ހަމައެއާއެކު ކޯވިޑްގެ ޢާލަމީ ވަބާއިން އަދި މިއުޅެނީ މުޅިން ސަލާމަތް ނުވެގެންނެވެ. މިހާރަކަށްއައިސް ، ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާކަން ، ޚަބަރުގައި ކިޔައިދޭ ، ތަފާސް ހިސާބުތަކުން ދައްކައެވެ. ޢާންމު ޞިއްޙަތުގެ ރައްކާތެރިކަމާއި ސަލާމަތަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަކީ މުނިސިޕަލް ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.

މިފަހަކަށް އައިސް ދެރެޔަކު ފަތިސް ނަމާދަށް ބަންގިގޮވާ ގަޑިޔާ ދިމާކޮށް ، ބޭސްޖަހާ ލޮރީ ، މަސްޖިދު ޖަލާލުއްދީން ކައިރިން ދުއްވާތަން ފެނިއްޖެއެވެ.  މަދިރިޔަށް ބޭސްޖަހާ ޕިކަޕް މިސްކިތާ ކައިރިން ދަތުރުކުރަނީ  ފަތިސްނަމާދުގެ ވަގުތަށް މީހުން މިސްކިތަށް އަންނަން މަގުމަތީ އުޅޭ ވަގުތުއެވެ.

ސްޕްރޭ ކޮށްލީމަ ، ތަންދޮރު ނޭނގޭވަރަށް ނުކުންނަ އޮލަދުމުން ، މިސްކިތަށް އަންނަ މީހުން ހުއްޓެން މަޖުބޫރު ވެއެވެ. ދުމުގެ އަސަރު ލޮލަށް ފޯރައި ލޯމަރައިގެން އެތައް އިރަކު ތިބެން ޖެހެއެވެ. ބައެއް ރޭރޭ ، މިސްކިތްކުރިމަތިން ޗާނދަނީމަގުން ސްޕްރޭ ކުރަމުން ޕިކަޕްދާއިރު ، އެހާ އޮލަދުންގަނޑެއް މިސްކިތްތެރެޔަށް ނުވަނަސް ، ބޭހުގެ ވަސް ދުވައެވެ. އެބޭހުން ގެއްލުމެއް ލިބިދާނެ މީހުން މިސްކިތުގައި ތިބޭނެއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިޔަސް ނުވަތަ އެހެން ތަނަކުން ކުރިކަމުގައިވިޔަސް ، ނަމާދު ގަޑިޔާ ދިމާކޮށް ، މަދިރިބޭސް ޖެހުން ނަމާދު ގަޑިނޫން ގަޑިޔަކަށް ހަމަނުޖެއްސެނީ ބާވައެވެ.  މަދިރިޔަށް ބޭސްވެސް ޖަހަން ޖެހޭނެއެވެ. އެކަމަކު ނަމާދަށްދާ މީހުންގެ ނޭވާގެ ނިޒާމާއި ހިތުގެ ދުޅަހެޔޮކަމަށް ގެއްލުމެއް ނުލިބޭފަދަ ގޮތަކަށެވެ. ދުންގަނޑުތެރޭ ހާސްވެގެންގޮސް މިސްކިތަށްއަރާ ތިބޭއިރު ، އަނގައިން މަދިރިބޭހުގެ ރަހަލުން އެއީ ލިބޭނެ ވަރަށްބޮޑު ތަކުލީފެކެވެ. ކިތަންމެ ވަރަކަށް އަތަރު ހާކައިގެން ދިޔަޔަސް ، ލައިގެންދާ ހެދުމުންވެސް ދުވާނީ ދުންވަހެވެ. މިނޫންގޮތެއް ހޯދެން އެބަ ޖެހެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.