އާދަމްގެފާނު ވާހަކަ - 7

(28 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހާބީލާއި ޤާބީލާ ދެމެދު ، ކައިވެނިފުޅާގުޅިގެން އުފެދުނު މައްސަލައިގާ ، ޤުރުބާނީއެއް ވުމަށް ﷲ އެދެބޭފުޅުންނަށް އަމުރުކުރެއްވިއެވެ. ﷲ ގެ ނިންމެވުން މިކަމުގައި ބުރަވެގެންދާނީ އެންމެ ރަނގަޅު ޤުރުބާނީއެއް ވެވަޑައިގަންނަވާ ބޭފުޅެއްގެ ކޮޅަށް ކަމުގައި އޮތީ ނިންމަވާފައެވެ. ﷲ ގެ މިއަމުރުފުޅާގުޅިގެން ، ހާބީލުގެ ޤުރުބާނީޢަކަށްވީ އޭނާގެ ދަނޑުގޮވާމުގެ ބާވަތްތަކުން އެންމެ ދެރަ ޖަމާއެވެ. ޤާބީލުގެ ޤުރުބާނީއަކަށްވީ އޭނާގެ ގެރިބަކަރީގެ ތެރެއިން އެންމެ ރަނގަޅު ޖަމާއެވެ. ﷲ ޤަބޫލުކުރެއްވީ ޤާބީލުގެ ޤުރުބާނީއެވެ. އެހިނދު ، ހާބީލު އޭނާގެ ކޮއްކޮ ޤާބީލާ ދެކޮޅުވެރިވެ ވަޑައިގެން ، ޤާބީލު ޤަތުލުކުރެއްވުމަށް ކުރިމަތިލެއްވިއެވެ.

އިންސާނީ ފުރަތަމަ ޤަތުލު

އަލްމާއިދާ ސޫރަތުގެ 27 ވަނަ އާޔަތުން ފެށިގެން 31 ވަނަ އާޔަތުގެ ނިޔަލަށް ، ކީރިތި ޤުރުއާނުގައި މިކަން ހިނގިގޮތް ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާ އަންގަވާފައި ވެއެވެ.

" އާދަމުގެފާނުގެ ދެދަރިކަލުންގެ ޚަބަރު ، ޙައްޤު ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ ! އެއީ ، އެ ދެދަރިކަލުން ޤުރުބާނެއް ކުރިމަތިކުރެއްވި ހިންދު ، ( ކަންހިނގިގޮތުގެ ވާހަކަ ) އެވެ. ފަހެ ، އެދެ ދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން ( ޤުރުބާން ) ޤަބޫލުކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން ޤަބޫލެއް ނުކުރެއްވިއެވެ. އެދަރިކަލުން ވިދާޅުވިއެވެ ! ތިމަން ، ކަށަވަރުންވެސް ކަލޭ ޤަތުލުކުރާ ހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ ! ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިންނެވެ. " ( 27 ވަނަ އާޔަތް )

" ހަމަކަށަވަރުން ، ތިމަން ޤަތުލުކުރުމަށްޓަކައި ، ކަލޭގެއަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިޔަސް ، ކަލޭ ޤަތުލުކުރުމަށްޓަކައި ، ތިމަންގެ އަތް ކަލެޔާ ދިމާއަށް ދިއްކުރާނޭ މީހަކުކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން ، ޢާލަމްތަކުގެ ވެރި ﷲ ދެކެ ، ތިމަން ބިރުގަންނަމެވެ. "  ( 28 ވަނަ އާޔަތް )

" ހަމަކަށަވަރުން ތިމަން އެދެނީ ، ތިމަންގެ ފާފައާއިކަލޭގެފާފަ އައިގެން ، ( ﷲ ގެ ޙަޟުރަތަށް 9 ކަލޭ ރުޖޫޢަވުމެވެ. އޭރުން ، ކަލޭވާހުށީ ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ. "  ( 29 ވަނަ އާޔަތް )

" ދެން ، އޭނާޣެ އަޚު ޤަތުލުކުރުމަށް ، އޭނާގެ ނަފްސު އޭނާއަށް ޒީނަތްތެރިކޮށް ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ ، އޭނާގެ އަޚު ، ޤަތުލުކުޅައެވެ. ދެން ، އޭނާ ގެއްލެނިވެގެންވާ މީހުންގެތެރެއިން ވިއެވެ. " ( 30 ވަނަ އާޔަތް )

" ދެން ، އޭނާޣެ އަޚުގެ ( ފުރާނަނެތް ) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން ، އޭނާއަށް ދެއްކެވުމަށްޓަކައި ، ބިން ހާވާނެކާޅެއް ، ﷲ ފޮނުއްވިއެވެ. ދެން ، އޭނާ ބުންޏެވެ. އޭ ، އަހުރެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ ! އަހުރެންގެ އަޚުގެ މަސްގަނޑު ނިވާކުޅައުމަށް ، މިކާޅުފަދައިން ވުމަށްވެސް ، އަހުރެން ނުކުޅެދިގެންވީ ހެއްޔެވެ ؟ ދެން ، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިން ވިއެވެ. " ( 31 ވަނަ އާޔަތް )

ޤާބީލް ވަނީ އޭނާގެ ބޭބެއަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. ﷲ ގެ ޙަޟުރަތުގައި ޤަބޫލުކުރެއްވިގެންވަނީ ހެޔޮ ޢަމަލުކަމާއި ، އެކަމަށް ބިރުވެތިވެ ކިޔަމަން ގަތުމަށެވެ. އެހެނެއްކަމަކު ، ނުބައި ފާސިދު ޢަމަލުކޮށް ، ހަވާ ނަފްސުގެ އެދުންތައް އިސްކޮށް ، ﷲ އަށް އުރެދޭ އަޅުންނަށް ހުރީ ހަލާކާއި ގެއްލުންކަން ވިސްނައި ދެއްވިއެވެ.

ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމަ ޙާދީސްކުރައްވާފައިވާ ގޮތުގައި ، އެކަމުގައި ހާބީލު ކޯފާ އިސްކުރެއްވިއެވެ. އަދި ދަގަނޑު ހަތިޔާރަކުން ، ޤާބީލުގެ އިސްތަށިފުޅުގައި ޖެއްސެވިއެވެ. އަނެއް ރިވާޔަތެއްގައި އައިސްފައިވާގޮތުގައި ، ޤާބީލުގެ އިސްތަށިފުޅުގައި ހާބީލު ޖެއްސެވީ ، އަވަހާރަލައްޕަވާފައި އޮންނަވަނިކޮންނެވެ.

މިޙާދިސާއާ ގުޅިގެން ، އާދަމް ޢަލައިހިއްސަލާމަށް ލިބިވަޑައިގެންނެވީ ވަރަށްބޮޑު ހިތާމަ ފުޅެކެވެ. އެކަލޭގެފާނަށް ފުރަތަމަ އަދި ދެވަނަޔަށް ލިބިވަޑައިގެންނެވި ދެ ފިރިހެންދަރިކަލުން ގެއްލިވަޑައިގަތީއެވެ. އެއްދަރިކަލުން އެވަނީ އަވަހާރަކޮށްލެވިފައެވެ. އަނެއް ދަރިކަލުންވެގެން ދިޔައީ ، އިންސާނާގެ އެންމެ ބޮޑު ދުޝްމަނުކަމުގައިވާ ޝައިތާނާގެ ބައިވެރިޔަކަށެވެ. އާދަމް ޢަލައިހިއްސަލާމް ، ކެތްތެރިވެވަޑައިގެން ، ﷲ ގެ ޙަޟުރަތުގައި ދަރިކަލުންނަށްޓަކައި ދުޢާކުރެއްވިއެވެ. އަދި ދުނިޔެ އާބާދުކުރެއްވުމުގައި ދެމިހުންނެވިއެވެ. އެއަށްފަހު ، އެކަލޭގެފާނަށް އިތުރު ފިރިހެންދަރިކަލަކު ލިބިވަޑައިގަތެވެ. އެއީ ޝީޘް އެވެ. އާދަމުގެފާނުގެ ދަރިދަރި ކަލުންނާއި ދަރިދަރި ކަނބަލުންގެ ނަންފުޅުތަކަކީ ، ކީރިތި ޤުރުއާނުގައި އައިސްފައިވާ ނަންފުޅުތަކެއްނޫނެވެ. އަދި އެއީ ، ރަސޫލާގެ ސުންނަތުންވެސް ސާފުވާންއޮތް ކަމެއްނޫނެވެ. އެނަންފުޅުތައް ބޭނުންކުރެވެމުން އައިސްފައިވަނީ ތާރީޚުން އެނގެންހުރި ބައެއް ލިޔުންތަކުން ނަގައިގެންނެވެ.

އާދަމް ޢަލައިހިއްސަލާމް ، އެކަލޭގެފާނުގެ އުފަން އަދި ކާފަ ، މުނިކާފަ ބޭފުޅުންނަށް ، ނުވަތަ އެކަލޭގެފާނުގެ ކީރިތި ﷲ އާ ބެހޭގޮތުން ޢިލްމު އުނގަންނައި ދެއްވިއެވެ. އަދި ، އެކަލޭގެފާނަށް ޝައިތާނާގެ ފަރާތުން ކުރިމަތިވެވަޑައިގަތް ނުރައްކާތެރި ޙާލަތު ސާފުކޮށްދެއްވުމާއެކު ، ޝާއިތާނާގެ ވަސްވާހާއި ފާސިދު ޢަމަލުތައް ހުންނާނެގޮތާއި ޝައިތާނާއާ ދުރުހެލިވުމަށް ޢަމަލުތައް ބަހައްޓަންވީގޮތް ދަސްކޮށްދެއްވިއެވެ. އަހަރަކަށްފަހު އަހަރެއް ފާއިތުވެގޮސް ، އާދަމުގެފާނު މުސްކުޅިފުޅުވެވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅު ދުނިޔެއަށް ފެތުރިގެންދިޔައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.