(24 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެ އަލިފާންގަނޑުގެ ޚަބަރު އޭނާއަށް ލިބުނީ އެއްދުވަހަކު ޚާންއާޞިފް އޭނާގެ ކޮޓަރިއަށް އަނާ ގެންދިޔުމުންނެވެ. އަދި އަނާއާ ދިމާއަށް ޚާންއާޞިފް ބުނަމުންގެންދިޔަ ކަނޑިއެއްފަދަ ބަސްތަކުންނެވެ.
"ދަރިފުޅާ... ކާފަ ދަރިއެއް ލިބުމުގެ އުންމީދުގައި ބައްޕަމެން ދެ އަހަރު ތިބެއްޖައީމު. މި ގޭގެ ވެރިޔާގެ އަޑު ބައްޕަމެންނަށް އިވޭނީ ކޮންއިރަކުންތަ؟"
އަނާ ތުރުތުރު އަޅާގޮތްވެއްޖެއެވެ. އަނެއްކާވެސް ޚާންއާޞިފްގެ އަޑެވެ. ހަރުކަށި އަދި ހިލައަޑެވެ. "ދަރިފުޅަށް އަދި އިތުރަށް ހަމަސް ދުވަސް ދޭނަން. އެއަށްފަހު ބައްޕަމެންނަން ޖެހޭނީ ދަރިފުޅުގެ ނަޞީބާމެދު ގޮތެއް ނިންމަން"
އަނާއަށް އޭނާގެ ވުޖޫދިއްޔަތު، ހިކިފަތެއް ވަޔާދާހެން، ދަނީހެން އިޙްސާސްވާން ފަށައިފިއެވެ. އޭނާއަށް އައިސް ވަދެވިފައި މިވަނީ ކޮންކަހަލަ ބައެއްގެ ތެރެއަށްކަން އެންމެ ފުރަތަމަ ފަހަރަށް އޭނާއަށް އިޙްސާސްކުރެވިއްޖެއެވެ. އޭނާގެ ރަޙިމުގައި ދަރިއަކު އަށަނުގެންފިނަމަ ދެންވަނީ ކިހިނެއްބާއެވެ.
އެ ސުވާލުގެ ޖަވާބެއް އޭނާގެ ކިބަޔަކު ނެތެވެ.
ޖެހިގެންއައިރޭ، އޭނާ ތުރުތުރު އަޅަމުން ބިރު ހުރެ ޚާންއާޞިފްގެ ވާހަކަތައް މާޖިދަށް ކިޔައިދިނެވެ. މާޖިދު ފުން ނޭވާއެއްލާފައި ބުންޏެވެ. "ފުރާނަޔާ.... ކަލާއަށް ތިޔަވަހާކަ އެނގުނީ މިއަދު. އަޅުގަނޑަށް މިހާރު ބައްޕަ އެކަމާ އެއްޗެތި ކިޔުއްވާތާ ފުރިހަމަ އެއްއަހަރުވެއްޖެ. މަލާމަތް ކުރައްވާ ހައްދަވަނީ. ބައްޕަ ކިޔުއްވާ އެއްޗެތި އަޅުގަނޑު ކަލާގާތު ބަޔާންކުރަން ވެސް ނުކެރޭނެ. އަޅުގަނޑު އެ ވާހަކަތަކަށް ކެތްކޮށްލައިގެން ހުންނަނީ. އަޞްލުގައި ބައްޕަގެ ހުރިހަމައެކަނި ފިރިހެން ކުއްޖަކީ އަޅުގަނޑު. ބައްޕަ އެދިލައްވަނީ ބައްޕަގެ ޢާއިލާ ކުރިއަށް ދެމިގެން ދިޔުން. ޢާއިލާ ދެމިގެންދާނީ ކަލާ ހަނދެއްފަދަ ލޯބި ފިރިހެން ކުއްޖަކު އަޅުގަނޑަށް ދެއްވައިގެން...."
"މި ހުރިހައިކަމަކީވެސް މާތްﷲގެ މިންވަރުފުޅު. އިންސާނުންނަށް ކުރެވޭނެކަމެއް ނޫން އަދި އަޅުގަނޑުވެސް ކުއްޖަކު ނުލިބި ހުންނަހިތެއް ނުވާނެނޫންތޯ. އަޅުގަނޑު މީ އަންހެނެއްނޫންތޯ. އަޅުގަނޑުވެސް އަޅުގަނޑުގާތުން ބުއްބޯނެ ކުއްޖަކު، އަޅުގަނޑު އުރައިގެން ގެންގުޅޭނެ ކުއްޖަކު ބޭނުންނުވާނެތޯ؟"
"ލޯބިވާ މާޖިދު... ދުނިޔޭގެ އެއްވެސް އަންހެނަކު އެމީހަކާ ދިމާއަށް ކުދީން ނުލިބޭ މީހެކޭ ބުނެވޭކަށް ނޭދޭނެ. ކަލާ ބުނުއްވަ ބައްލަވަ ދެން އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟ އަޅުގަނޑަށް މިކަމުގައި ކުރެވޭނެ ކަމެއް ނެތްކަން ކަލާއަށް ރަނގަޅަށް އެނގިލައްވާނެ...." މާޖިދު އަނެއްކާވެސް ފުންނޭވާއެއްލިއެވެ. އަޅުގަނޑުމެން މިކަމަށް ނުކުރާ ފަރުވާއެއް ނޯންނާނެ. ފެންފަދައިން ފައިސާވެސް ކަލާއަށް ޓަކައި ޚަރަދުކޮށްފިން. ނަމަވެސް އެއްވެސް ޑޮކްޓަރަކު އުއްމީދެއް ލިބޭފަދަ ވާހަކައެއް މިހާތަނަށް ބުނެފައެއްނެތް."
"އެކަމަކު އެ ޑޮކްޓަރުން ނާއުއްމީދުވާފަދަ ވާހަކައެއްވެސް ނުބުނެއެއްނޫންތޯ؟ އެ އެންމެންވެސް ބުނަނީ އަޅުގަނޑުގެ އުނިކަމެއްނެތޭ ނޫންތޯ.."
"އެހެންވިއްޔާ ދެން އުނިކަމެއް ހުރީ އަޅުގަނޑުގެ ތޯ؟" މާޖިދު ކުއްލިއަކަށް ރުޅިއަންނަގޮތްވިއެވެ.
"އަޅު...އަޅުގަނޑު މިބުނަނީ ތިޔަހެނެއްނޫން. ޑޮކްޓަރުން ބުނަނީ ކޮންމެ ވަގުތަކުވެސް ކުއްޖަކުލިބިދާނެއޭ ނޫންތޯ؟ އެކަމަކު ބައްޕަ ދެން އިތުރަށް އިންތިޡާރެއް ނުކުރައްވާނެ. ބައްޕަ މިހާރު އެއޮތީ ހަމަސްދުވަހުގެ މުއްދަތު ދެއްވާފައި، އެ ހަމަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކޮންމެވެސް ކަމެއް ކުރަން ވާނެ، އެހެންނޫނިއްޔާ ...އެހެންނޫނިއްޔާ......"
"އެހެންނޫނިއްޔާ ދެންވާނީ ކިހިނެއްތޯ؟" އަނާ ހިތް ތެޅިގަތެވެ. އެހެންނޫނިއްޔާ ދެން ހަދަންޖެހޭނީ ބައްޕަ ބުނުއްވާގޮތެއް އަޅުގަނޑަށް މަޖްބޫރުވާނެ. އެހެން ހަދަން"
އަނާއަށް ހީވީ އޭނާގެ މޫނަށް ކުޅެއް ޖެހީހެންނެވެ. އޭނާދެކެ އެހާބޮޑަށް ލޯބިވާ ފިރިމީހާ، ބައްޕަ ބުނާ ގޮތެއް ހަދަން އޭނާއަށް މަޖްބޫރުވާނެއޭ އެ ބުނެލީ ކިހާފަސޭހައިން ހެއްޔެވެ." އަނާގެ ހިތަށް އެރިއެވެ. "އޭގެ މާނައަކީ ޚާން އާޞިފްއަށް ކާފަ ކިޔާ ކުއްޖަކު އޭނާގެ ބަނޑުން ނުވިހާނަމަ އޭނާގެ ގެ ދޫކޮށްލާފައި ދާންޖެހޭނެއޭއެވެ. އެހެން ބަހަކުން ބުނާނަމަ އޭނާއަހަރެން ވަރިކޮށްލާނެއެވެ.
"ނޫން ނޫން" އަނާ ބޮލުން ފެށިގެން ފަޔާހަމަޔަށް ތުރުތު އަޅައިގެން ދިޔައެވެ. "ތިޔައީ އިންޞާފެއްނޫން."
ދެން އައީ އަނާއަށް ކުއްޖަކު ނުލިބުނުކަމުގެ ސަޒާ އޭނާއަށް ލިބެމުން ދިޔަ ދުވަސްވަރެވެ. މިއޮތް ބޮޑުގެ އޭނާއަށް މިހާރު ފެންނަމުންދަނީ ވީރާނާވެފައިވާ ތަނެއް ހެންނެވެ. އެ ގޭގައި އުޅެން މިހާރު އޭނާ ބިރުގަންނަން ފަށައިފިއެވެ. މި ގޭގައި މި އުޅެނީ ކޮންކަހަލަ އިންސާނުންނެއް ބާވައެވެ. އެހާވަރުގަދަ އެހާހިތާމަވެރި ތިމާގެކަމާއި ގުޅުން އެންމެ ސިކުންތެއްގެ ތެރޭގައި ކަނޑާލަން އެމީހުންނަށް އެއްވެސް ކަމެއް ނޫނެވެ. އޭނާއަށް ލިބިފައިވަނީ އެންމެ ހަމަސްދުވަހުގެ މުއްދަތެވެ. އެ މުއްދަތުގެ ތެރޭގައި އޭނާއަށް ކުއްޖަކު ނުލިބިއްޖެނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ.
އެ ހިސާބުން ވަނީ އަނދިރިކަމެވެ. އަނާ މުޅިދުވާލު ހަތަރު ދަމު އިންނަނީ ކޮޓަރިތެރޭގައެވެ. އޭނާ ހަށިގަނޑުގެ ތެރޭގައި އަނދަމުން ދާ ހިތްދަތިކަމުގެ އަލިފާންގަނޑު ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ.
އެއްރެއަކު އޭނާ މާޖިދުގާތުގައި ބުންޏެވެ.
"އަޅުގަނޑަށް ކުއްޖަކު ނުލިބިއްޖެނަމަ ކަލާ އަޅުގަނޑު ވަރިކުރައްވާނަންތޯ؟ " ވަގުތު ޖެހުމުގެ ކުރިން އެއްވެސް އެއްޗެއް ބުނާކަށް ނޭނގެ. ޤުދުރަތުން ކަލާގެ އުނގު ފުރާލަ ދެއްވުންވެސް އެކަށީގެންވޭ. ތިހާބޮޑަށް މާޔޫސްވެ ލައްވަނީ ކީއްވެތޯ؟"
"އަޅުގަނޑު މާޔޫސްއެއް ނުވަން. ބިންގަނޑު އޭގެ ތާޒާކަން ވަޒަން ކުރާފަދައިން އަންހެނުންވެސް އެމީހުންގެ ތާޒާކަން ދަންނާނެ. އަޅުގަނޑަށް ކުއްޖަކު ލިބޭނެކަން އަޅުގަނޑަށް ފުރިހަމަޔަށް ޔަޤީންވޭ. ނަމަވެސް ޝަރުތެއް ކޮށްގެން، ނުވަތަ ޝަރުތަކަށްވެގެން ކުއްޖަކު ލިބުމަކީ ބޭނުންކަމެއްނޫން... ކަލާ އަޅުގަނޑު ދެކެ ކިހާ ބޮޑަކަށް ލޯބިވެލައްވަންތޯ. ކަލާ އަޅުގަނޑުދެކެ ލޯބިން މޮޔަވެލައްވާ ކަމަށްވެސް ބުނުއްވަމުނޫންތޯ. ވީއިރު މި ލޯބި، މި މޮޔަވުން، މިހާރު ކޮބައިތޯ... އެ ހުރިހާ ވާހަކައަކީވެސް މަކަރު... ކެހި. ހަމައެކަނި ދެއްކެވުން އެހެން ނޫންތޯ......."
މާޖިދު ލޯ ބޮޑުކޮށްލާފައި އަނާ އާ ދިމާއަށް ބަލާލިއެވެ. އަދި ބުންޏެވެ. "ހަނދު އަޅުގަނޑުގެ ހަނދު... ދިރިއުޅުން ހަމައެކަނި ލޯބީގެ މައްޗަށް ވޭތުކުރެވޭކަށް ނޯވޭ. ބައެއް އެހެން ކަންތައްތައްވެސް ދިރިއުޅުމުގައި ބޭނުންވޭ. ހަމައެކަނި ލޯތްބަކުން އިންސާނުންގެ ބަނޑެއް ނުފުރޭ. ޝައްކެއްވެސް ނެތް. ކަލާއަކީ އަޅުގަނޑު އެންމެ ރުހޭ، އަދި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އެދޭ އަންހެނާ އަދި ކަލާއަށްޓަކައި އަޅުގަނޑު ދީވާނާކަމާއި މޮޔަކަން އޭގެ އިންތިހާއަށް ގޮސްފައިވާކަން ކަލާވެސް ޤަބޫލުކުރައްވާނެ. ނަމަވެސް މިއަދުގެ ޙާލަތުތައް މިދަނީ އަޅުގަނޑުގެ އަމިއްލަ އިޚްތިޔާރުން ބޭރުވަމުން. ރަނގަޅަށް އައްސަވާ އަދި ޤަބޫލުކުރައްވާ! މިހަމަސްދުވަސް ވެސް މިއީ މަންމަ ގާތުގައި އާދޭސްކޮށްގެން އިތުރުކުރުވި ހަމަދުވަސް... މަންމަ ބައްޕައަށް ނަންގަނެގެން ހޯދާދިން ހަމަސްދުވަސް....."
"ލޯތްބާ! ދުރުވޭ. އަޅުގަނޑު ދެކެ ލޯބިވެލައްވާ އަޅުގަނޑަށް ލޯބިކުރައްވާ. ކޮންމެ ދުވަހަކުވެސް ލޯބި ކުރައްވާ ހައްދަވާ. ޤުދުރަތް އަޅުގަނޑުމެންނާ މެދު ރަޙްމަތުގެ ލޮލަކުން ބައްލަވާ ލައްވަފާނެ. އަޅުގަނޑުމެންނަށް ކުއްޖަކު ލިބެން ތަޤްދީރުގައި ވާނަ އަޅުގަނޑުމެންނަށް ކުއްޖަކު ދެއްވާނެ. އެހެންނޫނީ ހިތުގައި ހިތާމައެއްވެސް ނޯންނާނެ. އަދި ނުފުދުމުގެ ހިތި ހިތާމަ ތަކާއެކު މިގެއިން އަލުގަނޑު ނުކުމެގެންނެއްވެސް ނުދާނަން. އަޅުގަނޑު ކައިރިއަށް ދުރުވޭ. ކަލާގެ އަތުގެތެރެއަށް އަޅުގަނޑު ގެންދަވާ. އަޅުގަނޑު މިހިރީ މި ކަމަށްޓަކައި ފުރާނަވެސްދޭން. ފަހަރެއްގައި ޤުދުރަތު އަޅުގަނޑުމެންނާމެދު އޯގާތެރި ވެދާނެ. މިގޮތަށް ދުރުގައި ތިބުމުން ޤުދުރަތުވެސް އަޅުގަނޑުމެންނާމެދު ނުރުހުން ވެދާނެކަންނޭނގޭ."
މާޖިދު ބޭއިޚްތިޔާރުގައި އަނާ ގައިގައި ބައްދައިގަތެވެ. ދުވަސްތައް ފާއިތުވަމުން ދަނީއެވެ. ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް އަނާގެ ޙާލަތު ދަނީ ދަށަށެވެ. އެއްދުވަހުން އަނެއް ދުވަހަށް އޭނާ ދަނީ ބަލިކަށި ވަމުންނެވެ. ހަތަރުމަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އަދިވެސް އަނާ ބަލިވެ އިންނަގޮތެއް ނުވިއެވެ.
އާޞިފް ޚާންގެ ގޭތެރޭގައި އާދަޔާ ޚިލާފް ޙަރަކާތްތަކެއް ހިނގަން ފަށައިފިއެވެ. ކޮންމެ ދެތިން ދުވަހަކުން އެއްދުވަހަކު ކޮންމެވެސް މެހެމާނެއް އަންނަންފަށައިފިއެވެ މެހެމާނުން އަންނައިރު އެމީހުންނާއެކު ޒުވާން އަންހެންކުދީން ވެސް ގެނެއެވެ. މި ހިނގަމުންދާ ކަންތައްތަކުން ޙަޤީޤަތް އަނާއަށް ވިސްނޭކަށް ގިނަ ވަގުތުތަކެއް ނުވިއެވެ. އަނާގެ ނަޞީބާމެދު އެ މީހުން ގޮތްކަނޑައަޅައި ނިންމީއެވެ. އަނާއަށް ދީފައިވާ ހަމަސް ދުވަހުގެ މުއްދަތު ހަމަނުވެ އަދި މަހަކާއި ވިއްސަކަށް ދުވަސް އޮތްނަމަވެސް، އެނާއަށް ކުއްޖަކު ނުލިބޭނެކަން މިހާރު އެމީހުން ޔަޤީންކޮށް ނިންމީއެވެ. އަދި މިހާއަވަހަށް މާޖިދުގެ ކައިވެނީގެ ކަންތައް ނިންމުމަށް ޓަކައި ތައްޔާރު ވަމުންދަނީއެވެ. ކުރާނެ ކަމެއް ނެތް އަނާ ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. އޭނާގެ ހިތުތެރޭގައި އަނދަމުންދާ ހިތާމައިގެ އަލިފާންގަޑުން އޭނާއަށް ކެތް ކުރެވެނީ އެއް ނޫނެވެ. ގޭގެ އެންމެވެސް މިހާރު އޭނާއާ މެދު ވަރަށް ބޮޑަށް ތަފާތުވެއްޖެއެވެ. ކޮންމެ މީހެއްވެސް ހީވަނީ އޭނާޔާ ދުޝްމިންވެފައިވާ ހެންނެވެ.
އެއްދުވަހަކު އަނާ ޢާޝީގައިގައި ހިފައިގަތެވެ. ޢާޝީވެސް މިހާރުބަލަނީ އަނާއަށް ނުފެނިއުޅެވޭތޯއެވެ.
މިވަނީ ކޮންކަންތައްތަކެއް. ޢާޝީ؟" ޢާޝީ އިސްޖަހާލާފައި ބުންޏެވެ.
"ބޭބެ އެހެން މީހަކާ ދެވުމަށް ބައްޕަ އުޅުއްވަނީ!"
"އޭރުން އަހަރެންނަށް ވާނީ ކިހިނެއް؟ އަހަރެން މި ގެއިން ބޭރަށް ލާނީތަ؟"
"އެކަމާ ބެހޭގޮތުން އަދި ވަކިގޮތެއް ކަނޑައެއް ނޭޅޭ. އެކަމަކު ބޭބެ ދައްތާ! ބޭބެ ދައްތަ ކުއްޖަކު ނުހޯއްދަވާ ތިޔަ އުޅުއްވަނީ ކީއްވެތަ؟"
"ނުހޯދާ އުޅެނީ ކީއްވެގެންނޭ!" އަނާއަށް ވަރަށް ބާރަށް ބުނެވުނެވެ. "
އެއީ އަހަރެމެންގެ ބާރުގެ ދަށުގައި އޮތްކަމެއްތަ؟ ޤުދުރަތުގެ ރޭވުން އަހަރެންގެ އަމިއްލަ އަތުން ބަދަލު ކުރެވޭނެތަ؟ ޢާޝީވެސް ހަމައެވާހަކަ އެގޮތަށް ދެއްކިކަން އެއީ އަހަރެން ވަރަށް ހައިރާންވާ ޖެހުނުކަމެއް...."
"އަޅުގަނޑު ބޭބެ ދައްތައަށް ހަމްދަރުދީވަން... ބޭބެ ދައްތާ...! އަޅުގަނޑު...."
(ނުނިމޭ)
Vrah vrhves reethi