ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނާންސް ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އަށް ސޮއިކުރައްވައި ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
މުޙައްމަދު އަޙްމަދު އެމް.އެން.ޕީ. އަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕާޓީގެ މެންބަރޝިޕް ފޯމް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ވަނީ ހަވާލް ކުރައްވާފަ އެވެ.
މުޙައްމަދު އަޙްމަދަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވައި، ސަރުކާރުގައި އަދި އެކިއެކި ކުންފުނި ތަކުގައި ވިޔަފާރިއާއި މާލީ ދާއިރާތަކުގެ އެކި މަޤާމްތަކުގައި މަސައްކަތްކުރައްވައި ދިގު މުއްދަތުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އަޙްމަދު ބެޗެލާސް ޑިގްރީ ޙާޞިލްކުރެއްވީ އެމެރިކަން ޔުނިވާސިޓީ އޮފް ބޭރޫތު (އޭ.ޔޫ.ބީ) އިންނެވެ. އަދި މާސްޓާސް ޑިގްރީ ޙާޞިލްކުރެއްވީ އިނގިރޭސި ވިލާތުން ނެވެ.
ރާއްޖޭގެ ނަން ހިނގާ ބައެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، އެކި އެކި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައި ވެއެވެ.
އެގޮތުން މުޙައްމަދު އަހްމަދު ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރެއްވި ބައެއް ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހިމެނެއެވެ.
މީގެ އިތުރުން އައި.ޑީ.ބީ.، ސާކް ޑިވެލޮޕްމެންޓް ފަންޑް، ފަދަ ސަރަޙައްދީ މާލީ އިދާރާތަކުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައި ވެއެވެ.
މުޙައްމަދު އަޙްމަދަ އެމްއެންޕީގައި މަސައްކަތް ކުރައްވުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ ފައިނާންސް އެޑްވައިޒަރެއްގެ ގޮތުގަ އެވެ.